ހުޅުމާލޭގައި ބިނާކުރާ ބައެއް ފްލެޓްތަކުގެ ކޮޓަރިތައް ނޭކަށޭނެ ވަރަށް ކުޑަކަމާއި މަތީބުރިތަކަށް އަރަން ހުރި ވަސީލަތްތަކުގެ މަދުކަމުގެ ވާހަކަތައް ފަހަކަށް އައިސް ޚަބަރުތަކުން އިވިފައި ވެއެވެ. މީހަކު ބަލާނަމަ، މާލޭގައި ބިނާކޮށްފައިވާ އަދި ބިނާކުރަމުންދާ ބައެއް ފްލެޓްތަކުގެ ޙާލަތު ހުންނާނީވެސް މިފަދަ ގޮތަކަށެވެ. ރާއްޖެތެރޭގައި ވެސް މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި ދިރިއުޅެމުން ގެންދެއެވެ. ދިހަބުރީގެ ގެއެއްގައި، ދެ ފޫޓު ފުޅާ ސިޑިއެއް ހުރެދާނެއެވެ. އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ، މިފަދަ ސިޑިއަކުން މީހުންނަށް ފޭބޭނީ ވަރަށް ދަތިކޮށެވެ. މިއާއެކު، ބަލިމީހަކު ބޭލުމަކީ ވަރަށް ދަތިކަމަކަށް ވާނެއެވެ. އަލިފާނުގެ ހާދިސާއެއްގައި ލިފްޓު ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. ނޭކަށޭނެ ގެދޮރު އެޅުމުގެ މައްސަލައިގެ ޙައްލު ވަނީ ކޮން ކަމެއްގައި ހެއްޔެވެ؟
މީލާދީން 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު، މާލޭގެ މަޖީދީ މަގުގައި، ތުންތުން މަތިން އިވޭ ގޮތުން ސުންޕާކަމެއް ވާ ގޯއްޗެއްގައި ހުރި، ކޯސްޓްލައިން ހާޑްވެއަރ ކިޔާ ފިހާރައެއްގައި ރޯވެ މުޅިން އަނދައިގެން ދިޔައެވެ. ކައިރީގައިވާ ބައެއް ގޭގެއަށް ވެސް ގެއްލުންތައް ލިބުނެވެ. ޖެހިގެން އައި ދުވަހު ހެނދުނު އެތަން ބެލިއިރު، ތަނުގައި އިތުރަށް އަނދާނޭ އެއްވެސް އެއްޗެއް ނެތެވެ. އެހެންކަމުން، ބުނެވޭނީ، އަލިފާން ނިއްވާލެވުނީކީ ނޫނެވެ. އަނދާނޭ ހުރިހާ އެއްޗެއް އަނދައި ހުލިވީއެވެ. އަލިފާން ނިވާ އިންޖީނުތަކުން ކުރެވުނު މައިގަނޑު ކަމަކީ، އަލިފާންގަނޑު ފެތުރިގެން ދިޔުން ހުއްޓުވުމެވެ. މާލޭގެ ގެދޮރުތައް ހުރި ގޮތުންނާއި މަގުތަކުގެ ހަނިކަމުން، މަޖީދީ މަގު ފަދަ ފުޅާ ނޫން މަގެއްގައި ހުރި ފިހާރައެއް ނަމަ، ވަރަށް ބޮޑު ގެއްލުން ވީހެވެ. މާލޭގެ ގިނަ ގޯޅިތައް ފަޔަރ އިންޖީނަކަށް ނުވަދެވޭހާ ހައްޏެވެ. އެތައް ގެއެއް 10 ބުރިއަށް ހުރުމުން، ވަރަށް ނުރައްކާތެރި ހާދިސާތަކެއް މާލޭގައި ހިނގުމުގެ ފުރުޞަތު ބޮޑެވެ. ގެދޮރު އެޅުމުގައި އެންމެ މުހިއްމު ކަމަކީ ސަލާމަތްތެރިކަމެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައި، ގެދޮރު އެޅުމުގައި ހުންނަންޖެހޭ މިންތަކެއް ކަނޑައަޅާފައި ވެއެވެ. މިސާލެއްގެ ގޮތުން ދެމީހަކު ދިރިއުޅޭ ކޮޓަރިއެއްގައި، އެންމެ ކުޑަވެގެން ހުންނަން ޖެހޭ އޭރިއާ (ތަޅުމުގެ ބޮޑުމިން) ބަޔާންކޮށްފައި ހުރެއެވެ. މި މިންވަރުގެ އޭރިއާ ނެތްނަމަ އެ ކޮޓަރީގައި އުޅެންޖެހޭނީ އެންމެ މީހެކެެވެ. އެންމެ މީހަކު ދިރިއުޅެވޭނޭ ކޮޓަރީގެ މިންތަކާއި މިޢުޔާރުތަކެއް ކަނޑައަޅާފައި ވެއެވެ. [މިޢުޔާރު ކިޔަނީ އެއްޗެއްގެ ފެންވަރު ބެލުމަށް ބޭނުންކުރާ މިންގަނޑަށެވެ.“
ގެދޮރުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންތައް ކަނޑައަޅަނީ އެކި ސަހަރުތަކުގެ ކައުންސިލުންނެވެ. މާލޭގައި ޕްލޭނިން ގަވާއިދެއް އޮތަސް، އެހެން ތަންތާނގައި ހުންނަހާ ތަފްޞީލުކޮށް ގެދޮރުގެ ބައިތަކުގެ ފެންވަރެއް ކަނޑައަޅާފައެއް ނުވެއެވެ. ނަތީޖާއަކަށް ވާނީ، މާގިނަ ދުވަހެއް ނުވަނީސް ވަރަށް އެކަށީގެން ނުވާ ތަންތަނުގައި، މިސާލެއްގެ ގޮތުން ހޮންކޮންގ ގައި މީހުން ދިރިއުޅޭ ފަދަ، ސަލާމަތްތެރިކަމާއި ރައްކާތެރިކަން ނެތް، ޞިއްޙަތަށް ގެއްލުންހުރި ތަންތަނުގައި މީހުން ދިރިއުޅެން ފެށުމެވެ.


ހޮންގ ކޮންގ ގެ ފްލެޓެއް. ހޮންގ ކޮންގ ގެ ބައެއް ތަންތާނގައި މީހުން ދިރިއުޅެނީ އިންސާނުން އުޅެން ނުވާ ހާލަތުގައެވެ. ގިނަ ޤައުމުތަކުގައި ކައްކާ ތަނާއި ފާޚާނާ ބޮޑުދޮރަކުން ވަކިވެގެން ވުމަށް ސަރުކާރުގެ ގަވާއިދެއްގެ ދަށުން މަޖުބޫރު ކުރެއެވެ. ހަރުދަނާ ގަވާއިދުތަކެއް ތަންފީޒު ނުކުރެވިއްޖެނަމަ، ހޮންގ ކޮންގ މީހުންނާ އެއް ދަރަޖައަކަށް ދިވެހީންގެ ދިރިއުޅުން ވެއްޓިދާނެއެވެ.
މި މައްސަލައިގެ ޙައްލެއްގެ ގޮތުން، އަޅުގަނޑު މި މަޒުމޫނުގައި ހުށަހަޅާނީ ގެދޮރު އެޅުމުގައި ހުންނަންޖެހޭ ހަމަތަކެވެ. އަޅުގަނޑު އުއްމީދުކުރަނީ ކޮންމެވެސް ދުވަހަކުން، ސިޓީ/ރަށު ކައުންސިލުން މި ފަދަ ހަމަތަކެއް ކަނޑައަޅާނޭ ކަމަށެވެ.
މީގެ 50 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ބިނާކުރާ ގިނަ ގެތަކަކީ، ވަގުތީ ގެތަކެކެވެ. ގެތައް ހަދަނީ ދަނޑިފަނުންނެވެ. ކޮންމެވެސް މިންވަރަކަށް ރާނާ ހަދައެވެ. ކުރިން ބިނާ ކުރާ ގެދޮރަކީ ބޭނުންވުމުން ރޫޅާލައި، ލުއި ޚަރަދަކުން އައުގޮތަކަށް ބިނާ ކުރެވޭނޭ ގެދޮރެވެ. ނަމަވެސް މިހާރު މިބިނާ ކުރާ ގެތަކަކީ، މަދުވެގެން 50 އަހަރު ވަންދެން ދެމިހުންނާނޭ ގެތަކެކެވެ. ގެ ބިނާކުރާ މީހާ މަރުވުމަށް ފަހު ވެސް، އެހެން ބަޔަކު ދިރިއުޅޭނޭ ގެތަކެކެވެ. އެހެންކަމުން، ގެތައް ހަދާ ގޮތާމެދު ކުރިއަށް ވުރެ ބޮޑަށް ވިސްނަން ޖެހެއެވެ. އަދި، ޢުމުރުން ދޮށިވެ، މުސްކުޅި ޢުމުރުގައި އުޅެންޖެހޭނޭ ދުވަސްތަކަށް ވިސްނަން ޖެހެއެވެ.
ދެން ފަހެ، ގެދޮރު އެޅުމުގައި ހުންނަންޖެހޭ ހަމަތައް މުހިއްމު ދެ ފަރާތަކުން ކަނޑައަޅާފައި ވެއެވެ. އެއް ބަޔަކީ ބައިނަލްއަޤްވާމީ އިދާރާއެކެވެ. މި އިދާރާއިން ކަނޑައެޅި މިންތަކަށް ކިޔަނީ ”އިންޓަރނޭޝަނަލް ރެސިޑެންޝަލް ކޯޑު“ އެވެ. މައުނައީ ބައިނަލްއަޤްވާމީ ގެދޮރު އެޅުމުގެ ގަވާއިދެވެ. ދެވަނައަށް ކޮންމެ ސިޓީއަކުން ނުވަތަ ސަހަރަކުން ވަކި ގަވާއިދުތަކެއް ކަނޑައަޅައެވެ. މިސާލެއްގެ ގޮތުން، ޕެރިސްގައި ގެދޮރު އެޅުމުގެ ގަވާއިދުތަކެއް ޕެރިސްގެ ކައުންސިލުން ކަނޑައަޅާފައި ވެއެވެ. ލަންޑަންގެ ގެތަކުގައި ހުންނަންޖެހޭ ގަވާއިދުތައް ލަންޑަންގެ ކައުންސިލުން ކަނޑައަޅާފައި ވެއެވެ. ގިނަ ސަހަރުގެ ގަވާއިދުތައް ދާދި އެއްގޮތެވެ. ތަންތަން ފަރުމާކުރުމާއި ޢިމާރާތްކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެވިފައިވާތީ، ބައިނަލްއަގްވާމީ ގެދޮރުއެޅުމުގެ ގިނަ ގަވާއިދުތަކުން ބޮޑު ބައެއް، އަޅުގަނޑަށް ހިތުން އެނގެއެވެ. ލަންޑަން ފަދަ ސަހަރެއްގެ ގެދޮރު އެޅުމުގެ މުޅި ގަވާއިދު ތަރުޖަމާ ކުރުމަކީ ވަރަށް ބޮޑު މަސައްކަތަކަށް ވާނެތީ، އަޅުގަނޑު ދަންނަވާލާނީ އެ ގަވާޢިދުގެ ރާއްޖެއާ ގުޅޭ މައިގަނޑު ހަމަތަކެވެ. މިއާއެކު ރާއްޖޭގެ ހަމަތަކަށް ރިއާޔަތް ކުރާނަމެވެ. ލަންޑަން އަޅުގަނޑު ޚިޔާރު ކުރި ސަބަބަކީ، އެތަނަކީ މާލެ ފަދަ ވަރަށް ޖާގަ ކުޑަ ތަނަކަށްވެފައި ބައިބޯކަމުން، ގެދޮރުއެޅުމުގެ ހަމަތައް ރާއްޖެއާ ގުޅޭނެތީއެވެ.
މިންތައް ވަޒަންކުރާ ގޮތް
ގަވާއިދުތަކުގައި މިންކަމަށް ބަލަނީ ފާރުން ފާރަށެވެ. ބައެއް ކުރެހުންތައް ކުރަހާ އިރު، ފާރުގެ މެދަށް އިންތައް ބަލައެވެ. ނަމަވެސް މިގޮތަކީ ގަވާއިދުތަކުގައި ބަލާގޮތެއް ނޫނެވެ. އެއީ ފާރުގެ ބޯމިން ނޭނގޭތީ، ދިރިއުޅެން އޮންނަ ޖާގައިގެ ޙަޤީޤީ ބޮޑުމިން މިން ނުކުރެވޭނެތީއެވެ. ގިނަ ގަވާއިދުތަކުގައި ޖާގަ ބަލާ މިންގަނޑަކީ ޖީ.އައި.އޭ (GIA) އެވެ. އެއީ ކުރުކޮށް ގްރޮސް އިންޓަރނަލް އޭރިއާ— (Gross Internal Area) އެތެރޭގެ ޖުމުލަ ޖާގައެވެ. މިގޮތަށް ބަލާއިރު ފާރުގެ ބޯމިނެއް ނުހިމެނެއެވެ.
ލަންޑަންގެ ގަވާއިދުތައް ފެށެނީ، ދިރިއުޅޭ އެތައް ބުރީގެ ގެތަކުގައި ހުންނަންޖެހޭ އެކި ކޮޓަރީގެ ފްލެޓްތަކުގެ ވާހަކައާއި، ޕާކިން އަށް ބޭނުންވާ ޖާގައާއި ބޭރުގައި ކުޑަކުދިން ކުޅެން އުޅޭނޭ ޖާގައިގެ މިންތަކުންނެވެ. ރާއްޖެއާ މިކަންކަން މާބޮޑަށް ނުގުޅޭތީ އެބައި ދޫކޮށްލަމެވެ. އަޅުގަނޑު ފަށާނީ، އެކި ޢަދަދަށް މީހުން އުޅޭ ގެތަކުގައި އެތެރޭގެ ޖުމުލަ އޭރިއާ މި ބައިންނެވެ.
މީހުން އުޅޭ ޢަދަދާއި ބޭނުންވާ ޖާގަ
1. އަލަށް ބިނާކުރާ ހުރިހާ ގެދޮރެއް ތިރީގައިވާ ތާވަލުގައިވާ އެންމެ ކުޑަ އެތެރޭގެ ޖުމުލަ އޭރިއާގެ ހަމަތަކަށް ފެތެންވާނެއެވެ.

[މަތީގައިވާ ތާވަލުގައި ހިމެނެނީ ފާރުގެ ބޯމިން ނުހިމަނައި ހުންނަންޖެހޭ ޖާގައެވެ. ފާރުގެ ބޯމިން ހިމަނާނަމަ، އޭރިއާއަށް %12 ވަރު އިތުރުވާނެއެވެ. އަދި ކުޑަދޮރު ހުޅުވަން ވަށައިގެން ޖާގަ ނުވާނަމަ، މިފަދަ ޖާގަ އިތުރުކުރުމުން، އޭރިއާ ވަކިން ބޮޑުވާނެއެވެ.
ނަމަވެސް، މިފަދަ ގަވާއިދެއް ހެދިފައިވާ ނަމަ، ހުޅުމާލޭގައި ބިނާކުރި ފްލެޓްތަކުގެ ކޮޓަރިތައް ކުޑަވެގެން އުޅޭކަށް ނުޖެހުނީހެވެ. މިކަމުގެ މައްސަލައަކީ ނުބައި ވެރިއަކު ފާވެއްޖެނަމަ، ގަވާއިދު ބަދަލުކޮށްގެން ވެސް، އަދި ޤާނޫނެއް އޮތަސް، އެ ޤާނޫނު ބަދަލުކޮށްގެން ވެސް އެމީހަކު ބޭނުންގޮތެއް ހަދަން މަސައްކަތް ކުރާނެއެވެ. ނޭއްދާރު މިފަދަ ކަންތައްތަކުން ދިފާޢުވުން ވަނީ ބާރުވެރިކަން އެތައް ތަނަކަށް، އެތައް ބަޔަކަށް ބެހިގެން ވުމެވެ.
މަތީގައިވާ ތާވަލުގެ ބޭނުންތެރިކަމަކީ، މީހަކަށް ތަން ހަދަން ލިބެން އޮތް ޖާގަ އެނގެނިކޮށް އޭނާއަށް އެތަނުގައި އެޅޭނޭ ކޮޓަރިތަކުގެ ޢަދަދާއި ދިރިއުޅެވޭނޭ މީހުންގެ ޢަދަދު ފަސޭހައިން ދެނެގަނެވޭކަމެވެ.]
2. ގެދޮރު ބިނާކުރާއިރު، ލިވިންގ ރޫމްގެ އެތުރުން އެހެން ގޮތަކަށް ބަދަލުކުރެވިދާނެ ފަދަ އެތުރުމުގެ ފަހެލިކަމަށް ވިސްނަން ވާނެއެވެ. އަދި މަދުވެގެން އެއް ނިދާކޮޓަރީގައި ޑަބަލް އެނދެއްގެ ބަދަލުގައި ދެ ކުޑަ އެނދު ބެހެއްޓޭނޭ ގޮތަށް ރާވަން ވާނެއެވެ.
ގޭތެރޭގައި ހިނގާބިނގާވާ މަގު
- ގޭތެރޭގައި އެކި ކޮޓަރިތަކަށް ވަންނަން ހިނގާބިނގާވާ މަގުގެ (ހޯލްވޭގެ) އެންމެ ހަނިމިނަކަށް ވާންވާނީ 900 މިލިމީޓަރ [35 އިންޗި] އެވެ. މި މިންވަރު، ހިނގާބިނގާވާ މަގުގައި ބަހައްޓާ އެއްޗެއްގެ ސަބަބުން (މިސާލީ ތަޅުމުގައި ބަހައްޓާ އެއަރ ކޮންޑިޝަނަރ އެއްގެ ސަބަބުން) 750 މިލިމީޓަރަށް (½29 އިންޗިއަށް) ހިނގަން އޮތް މަގު ހަނި ކުރެވިދާނެއެވެ. މިގޮތަށް ހެދޭނީ ތަނަށް ވަންނަން ހުރި ދޮރާއި ހިނގާބިނގާވާ މަގުގެ ފުޅާމިން އަންނަނިވި ތާވަލުގައިވާ ހަމަތަކަށް ފެތޭނަމައެވެ.
ކޮޓަރިތަކަށް ވަންނަ މަގުގެ (ގޯޅިގަނޑުގެ) ފުޅާމިނުގައި 900 މިލިމީޓަރު ހުރި ނަމަ، އަދި ވަންނަ ދޮރު މަގަށް (ގޯޅިގަނޑަށް) ސީދާ ނަމަ، ދޮރުގެ ފުޅާމިނުގައި މަދުވެގެން 750 މިލިމީޓަރު ހުންނަންވާނެއެވެ.
[އަޅުގަނޑަށް ވިސްނޭގޮތުން މި ޢަދަދުތަކުގެ މަޤްޞަދަކީ، ގޭތެރޭގައި ފުރޮޅުލީ ގޮނޑިއެއްގައި މީހުންނަށް އުޅެވޭނޭ ގޮތް ހެދުމެވެ.]
- ދެބުރިއަށް ހުރި ގެއެއް ނަމަ، ސިޓީގެ އަރިމަތީގައި ދުވެފައި ދާ ސްޓެއަރ ލިފްޓެއް ނުވަތަ އެ ނޫންވެސް ނުކުޅެދޭ މީހުންގެ ލިފްޓެއް ހަރުކުރާނޭ ޖާގަ ފާހަގަކޮށްފައި ވާންވާނެއެވެ. އެއީ މަތީގައިވާ ނިދާކޮޓަރިއަކަށް ދިއުމަށެވެ.
ނިދާ ކޮޓަރިތަކުގެ ހަމަތައް
- އެކަކު ނިދާ ކޮޓަރިއެއްގެ ތަޅުމުގެ އެންމެ ކުޑަ މިނަކީ 8 އަކަމީޓަރެވެ. ދެމީހަކު ނިދާ ނުވަތަ ދެ އެނދު ހުންނަ ކޮޓަރިއެއްގެ ތަޅުމުގެ އެންމެ ކުޑަ މިނަކީ 12 އަކަ މީޓަރެވެ. [8 އަކަމީޓަރަކީ 86 އަކަފޫޓެވެ. މި މިންވަރު ހުންނާނީ ކޮޓަރިއެއްގެ ފުޅާމިނުގައި 9 ފޫޓު ހުރެފައި ދިގުމިނުގައި ½9 ފޫޓު ހުންނަ ނަމައެވެ. ދެމީހެއް ނިދާކޮޓަރިއެއްގައި ނަމަ 130 އަކަފޫޓު ހުންނަން ޖެހެއެވެ.]
- ދެ އެދެއް ހުންނަ ދެ މީހަކު ނިދާ ކޮޓަރިއެއްގެ ހަނި މިނުގެ ބޮޑު ބައެއްގައި މަދުވެގެން 2.75 މީޓަރު ހުންނަން ވާނެއެވެ. [މި ގަވާއިދުން މާ ހަނިދިގު ކޮޓަރިތައް މަނާކުރެއެވެ. ތަޅުމުގެ އޭރިއާ ހަމަކުރުމަށް 7 ފޫޓު ފުޅާމިނުގައި ދެމީހަކު ނިދާކޮޓަރިއެއް ދިގުކުރުމަކުން ހަމައަކަށް ނުފެތޭނެއެވެ.]
- ދެބުރިއަށް ހުރި ގެއެއްގައި ފުރަތަމަ ބުރީގައި ނިދާކޮޓަރިއެއް ނެތްނަމަ، ނިދާކޮޓަރިއެއް ހެދޭފަދަ ޖާގައެއް ހުންނަން ވާނެއެވެ. [މިއީ ދިމާވާ ހާލަތެއްގައި، މަތީބުރިއަށް މީހަކަށް އެރުމަށް ދަތިވެއްޖެނަމަ، ވަގުތީގޮތުން ނިދާ ކޮޓަރިއަކަށް ބަދަލުކުރެވިދާނެ ފަދަ ތަނެއް ހުރުން ލާޒިމުކުރުވާ ގަވާއިދެކެވެ.]
- މައި ނިދާކޮޓަރިއެއްގެ ފަންގިފިލާގައި އަދި ގާތުގައިވާ ފާޚާނާއެއްގެ ފަންގިފިލާގައި، ސީލިން ހޮއިސްޓްއެއް ހަރުކުރެވޭނެހާ ވަރު ހުންނަން ވާނެއެވެ. [ސީލިން ހޮއިސްޓް އަކީ ކަރަންޓުން ނުވަތަ ވަލުން ބަލިމީހަކު އުފުލާލުމަށް ނުވަތަ ބާރުލުމަށް ގެންގުޅޭ އެއްޗެކެވެ. މި ގަވާއިދު ހަދާފައިވަނީ މުސްކުޅި ޢުމުރުގެ ތެދުވެވޭ ބާރު ނެތްނަމަ، އެހީތެރިންނަށް އުފުލާ ގެންގުޅުމަށް ފަސޭހައަކަށް ވާނޭ ގޮތުގެ މަތީންނެވެ. ދިވެހިބަހުން މިއަށް ކިޔަނީ ބައިން އެވެ. ވިހައިގެން އުޅޭ މީހުން ތެދުވެލުމަށް ފޮށައިން ބައިން ޖަހައެވެ. ]

ފާޚާނާ
- [މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި މަދުވެގެން ފާޚާނާ ތައްޓާއި އަތްދޮންނަ ތައްޓެއް ހުރި ފާޚާނާއެއް ހުންނަން ވާނެއެވެ. އަދި ވަކިން ނަމަވެސް ފެންވަރާތަނެއް ހުންނަން ވާނެއެވެ.]
- ހަތަރު މީހުންނަށްވުރެ ގިނަ މީހުން ދިރިއުޅެން ބިނާކުރާ ގެއެއްގައި، ފެންވަރާ ތަނާއެކު ހުންނަ އެއް ފާޚާނާއާއި އަދި އިތުރަށް މަދުވެގެން ފާޚާނާތައްޓަކާއި އަތްދޮންނަ ތައްޓެއް ހިމެނޭ ވަކި ފާޚާނާއެއް ހުންނަން ވާނެއެވެ.
- ގެއަށް ވަންނަ ތަޅުމުގައި، ފުރޮޅުލީ ގޮނޑިއެއްގައި ވަދެވޭނޭ ފާޚާނާއެއް ނެތްނަމަ، އެފަދަ ފާޚާނާއެއް (ފެންވަރާ ބަޔާއެކު) ހެދޭނޭ ޖާގަ ފާހަގަކޮށްފައި އޮންނަން ވާނެއެވެ.
- ކޮންމެ ގެއެއްގައި މައި ނިދާ ކޮޓަރިއާ ގާތުގައި (އެކޮޓަރި ތެރެއިން ނުވަދެވޭ) ފާޚާނާއެއް ހުންނަން ވާނެއެވެ.
- ފާޚާނާގެ ފާރުތައް އަތްގަނޑެއް ފަދަ އެއްޗެއް ހަރުކުރެވިދާނެ ފަދަ ބަދަލުތަކަށް ފަހިވާން ވާނެއެވެ. [މި ބަޔާންކުރެވެނީ މުސްކުޅި ޢުމުރުގައި ފާޚާނާތެރެއަށް ވެއްޓިދާނެތީ، އަތުން ހިފާ އަތްގަނޑާއި ފެންވަރަށް އިށީންނާނޭ ގޮނޑިފަދަ ތަކެތި ހަރުކުރެވޭނޭ ގޮތަށް ފާރު ގަދަވާންޖެހޭ ވާހަކައެވެ.]
ތަކެތި ބަހައްޓާނޭ ޖާގަ (ގުދަން)
ގޭގައި ތަކެތި ބެހެއްޓުމަށް ފަރުނީޗަރުގައިވާ ޖާގަތަކުގެ އިތުރަށް، ދެމީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި، އުސްމިނުގައި މަދުވެގެން 2 މީޓަރު [6 ފޫޓު] ހުރި، އަދި ތަޅުމުގެ އޭރިއާގައި 1.5 އަކަމީޓަރު [15 އަކަ ފޫޓު] ހުރި ގުދަނެއް ހުންނަން ވާނެއެވެ. ގޭގައި ދިރިއުޅޭ އިތުރު ކޮންމެ މީހަކަށް މިޢަދަދު 0.5 އަކަ މީޓަރުން [5 އަކަފޫޓުން] ބޮޑުކުރަން ވާނެއެވެ.
އަތްފޯރާ ހިސާބުގައި ކޮންޓްރޯލްތައް ހަރުކުރުން
އިލެކްޓްރިކް ސްވިޗްތައް ފަދަ ކޮންޓްރޯލްތައް ހަރުކުރަންވާނީ ތަޅުމުން ފެށިގެން 0.45 މީޓަރު [18 އިންޗި] އުހުގައި އަދި 1.2 މީޓަރު [4 ފޫޓު] ތިރީގައެވެ. މިގޮތަށް ހަރުކުރާ ތަކެތި، ކޮޓަރީގެ ކަނާ މަދުވެގެން 0.30 މީޓަރު [1 ފޫޓު] ދުރުވާން ވާނެއެވެ.
އަމިއްލަ ހުސް ޖާގަ [ޕްރައިވެޓް އޯޕަން ސްޕޭސް]
- މަދުވެގެން އެކަކު އުޅޭ ކޮންމެ ގެއެއްގައި، ބަގީޗާއެއް، ޓެރަސް އެއް ބެލްކަނީއެއް ފަދަ 5 އަކަ މީޓަރު [50 އަކަފޫޓު] ހުރި ހުސް ޖާގައެއް އޮންނަން ޖެހޭނެއެވެ. މި ޖާގަ، 2 މީހުންނަށް ވުރެ ގިނަވާ ކޮންމެ މީހަކަށް 1 އަކަ މީޓަރު [10 އަކަ ފޫޓުގެ] ގެ ނިސްބަތުން ބޮޑުވާން ވާނެއެވެ.
- މި ޖާގަ ވާންވާނީ ދިރިއުޅޭ ގޭގެ އުސްމިނާ އެއް ހަމައެއްގައެވެ.
- ބެލްކަނީއެއްގެ ނުވަތަ އެހެންވެސް އަމިއްލަ ހުސް ޖާގައެއްގެ ދިގުމިން ނުވަތަ ފުޅާމިން 1.5 މީޓަރަށް ވުރެ [5 ފޫޓަށް ވުރެ] ކުޑަވެގެން ނުވާނެއެވެ. [ދިވެހީންނަށް ނުފަރިތަ މި އުޞޫލުން، ބެލްކަނީތައް ހަނިކޮށް ދެ ފޫޓު ނުވަތަ ތިން ފޫޓު ފުޅާމިން ނުވަތަ ފުންމިން ހުންނަ ވަރަކަށް ނުހެދޭނެއެވެ. މިފަދަ ހަނި ޖާގަތައް ގިނަ ފަހަރު ވަނީ ގުދަންތަކަށެވެ.]
- މީހުން ދިރިއުޅޭ ކޮޓަރިތަކުގެ އުސްމިނުގައި، (ނިންމާފައިވާ ތަޅުމާއި ފަންގިފިލައާ ދެމެދުގައި) މަދުވެގެން 2.5 މީޓަރު [8.2 ފޫޓު[ ހުންނަން ވާނެއެވެ. އެންމެ އެދެވޭ މިންވަރަކީ، ކުޑަވެގެން 2.6 މީޓަރު [½8 ފޫޓު] މި ކޮޓަރިތަކުގެ އުސްމިނުގައި ހުރުމެވެ. އެންމެ ބިންމަތީ ބުރި މިއަށް ވުރެވެސް އުސްވުން އެދެވިގެން ވެއެވެ. [ރާއްޖޭގައި ފަންގިފިލާ ފަންކާ ޢާއްމުކޮށް ހަރުކުރާތީ 2.75 މީޓަރު [9 ފޫޓު] ހުރުން އެދެވިގެން ވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މާލޭ ޕްލޭނިންގ ގަވާއިދުގައި ތަޅުމާއި ފަންގިފިލައާ ދެމެދު މަދުވެގެން ހުންނަންޖެހޭނީ 2.70 ކަމަށް ވެއެވެ.]
ދުވާލުގެ އައްޔާއި ވައި
- ހުރިހާ ކޮޓަރިއެއްގެ ތަޅުމުގެ އޭރިއާގެ މަދުވެގެން %20 ގައި ބިއްލޫރި ޖަހާފައި ހުންނަން ޖެހޭނެއެވެ. [މާލޭ ޕްލޭނިންގ ގަވާއިދުގައި އޮންނަނީ، ހުޅުވެންޖެހޭ ކުޑަދޮރުގެ ބޮޑުމިނެވެ. އެއީ ތަޅުމުގެ %10 އެވެ. އޭސީ ކުރާ ތަންތަން %25 އަށް ވުރެ ކުޑަދޮރުގެ އޭރިއާ ބޮޑުނަމަ، ދެފަށް ބިއްލޫރި ޖެހުން އެދެވިގެންވާ ކަމަށް ފޮތްތަކުގައި ހުރެއެވެ.]
- ދިރިއުޅޭ ކޮންމެ ގެއެއްގެ މަދުވެގެން އެއް ކޮޓަރިއަށް ސީދާ އަވި ދޭންޖެހޭނެއެވެ. ދިރިއުޅޭ ކޮޓަރިއާއި ބަދިގެ ފަދަ ތަންތަނަށް ދުވާލުގެ އަލި ލިބެން ވާނެއެވެ.
ދިރިއުޅޭ ކޮޓަރިއާއި ކާތަނާއި ބަދިގެ
[ދިރިއުޅޭ ކޮޓަރިއޭ އަޅުގަނޑު މި ދެންނެވީ މުނިފޫހިފިލުވުމަށް ނުވަތަ މީހުންނާ ވާހަކަ ދެއްކުމަށް ތިބޭ ކޮޓަރިއަށެވެ. ސިޓިން ރޫމް އަށެވެ. ލަންޑަންގެ ގެދޮރުއެޅުމާ ބެހޭ ގަވާއިދުގައި މިކޮޓަރިއަށް ކިޔަނީ ލިވިން ރޫމް އެވެ. ދިވެހި ބަހުން މިކޮޓަރިއަށް ކިޔަނީ ބޭރުގެ އެވެ.]
- ލިވިން ރޫމް (ބޭރުގެ) އާއި ބަދިގެއާއި ކާކޮޓަރީގެ ޖުމުލަ ބޮޑުމިނަކީ، ގެދޮރު އެޅުމުގައި މުހިއްމު މިނެކެވެ. ގެދޮރު އެޅުމުގައި ލިވިން ރޫމް އާއި ކާތަނާއި ބަދިގޭގެ ޖުމުލަ ބޮޑުމިން، ތިރީގައިވާ މިންތަކަށް ފެތެންވާނެއެވެ.
| ގޭގައި ދިރިއުޅޭ މިހުންގެ ޢަދަދު | ލިވިންރޫމް އާއި ކާތަނާއި ބަދިގޭގެ އެންމެ ކުޑަ ޖުމުލަ އޭރިއާ (އަކަ މީޓަރުން) |
| 2 މީހުން | 23 [248 އަކަ ފޫޓު[ |
| 3 މީހުން | 25 [269 އަކަ ފޫޓު] |
| 4 މީހުން | 27 [291 އަކަ ފޫޓު] |
| 5 މީހުން | 29 [312 އަކަ ފޫޓު] |
| 6 މީހުން | 31[334 އަކަ ފޫޓު] |
- ތިން މީހުންނާއި ތިންމީހުންނަށް ވުރެ މަދު މީހުން ދިރިއުޅެން ހަދާ ގެއެއްގެ ލިވިންރޫމްގެ ފުޅާމިނުގައި މަދުވެގެން 2.8 މީޓަރު [9 ފޫޓު] ހުންނަން ވާނެއެވެ. މިއަށް ވުރެ ގިނަ މީހުން ދިރިއުޅެން ހަދާ ގެއެއްގެ ލިވިންރޫމްގެ ފުޅާމިނުގައި 3.2 މީޓަރު [½10 ފޫޓު] ހުންނަން ވާނެއެވެ.
- ތިން މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން ނިދާކޮޓަރި ހުރި ގެއެއްގައި ދިރިއުޅޭ ދެ ތަނެއް ހުންނަން ވާނެއެވެ. [ދިރިއުޅޭ ތަންތަން ކަމަށް އެ ބުނަނީ ލިވިންރޫމް (މެދުގެ ނުވަތަ ސިޓިން ރޫމް އާއި ބަދިގެ އާއި ކާގެ ފަދަ ތަންތަނަށެވެ.] އެއީ މިސާލެއްގެ ގޮތުން ބަދިގެއާ އެކު ހުރި ކާކޮޓަރިއަކާއި ވަކިން ހުރި ސިޓިން ރޫމް އެއް ފަދަ ގޮތަކަށެވެ. މި ދެތަނުގައި ވެސް ބޭރަށް ހުޅުވޭ ކުޑަދޮރު ހުންނަން ވާނެއެވެ. ބަދިގެ ލިވިން ރޫމް އާ ޖެހިގެން ހުރި ނަމަ، އެހެން ގޮތަކަށް އެތުރުމަށް ފަސޭހަވާގޮތަށް، ދެމެދު ފާރަކީ ފަހުން ތަޅާލެވޭ ފަދަ ގޮތަކަށް ހުރި ފާރަކަށް ވާންވާނެއެވެ.
- ލިވިން ރޫމް އާއި ކާކޮޓަރީގައި ފުރޮޅުލީ ގޮނޑިއެއް އަނބުރާލެވޭނޭ ފަދަ ޖާގަ އޮތުމަކީ ބޭނުން ތެރިކަމެކެވެ. [މިއީ ގިނަ ދުވަހު ގޭގެ ބޭނުން ކުރެވޭނޭ ގޮތަށް ހެދުމަށް އޮންނަ ހަމައެކެވެ.].
- ލިވިން ރޫމް، ބަދިގެ ނުވަތަ ކާކޮޓަރިން އެއް ތަން، ގެއަށް ވަންނަ ތަޅުމުގައި (ބުރީގައި) ހުންނަން ވާނެއެވެ.
- އިށީދެގެން ތިބޭ މީހުންނަށް ބޭރު ފެންނާނޭ ފަދައިން، ދިރިއުޅޭ ކޮޓަރީގެ ކުޑަދޮރުތައް ނިންމާފައިވާ ތަޅުމުން ފެށިގެން 50±800 މިލިމީޓަރަށް ވުރެ އުސްވެގެން ނުވާނެއެވެ. [އެއީ ގާތްގަޑަކަށް 30 އިންޗި އާއި 32 އިންޗިއާ ދެމެދެވެ.] މި ކޮޓަރީގައި، ފުރޮޅުލީ ގޮނޑިއެއްގައި އުޅޭ މީހަކަށް ހުޅުވޭނޭ މަދުވެގެން އެއް ކުޑަދޮރު ހުންނަން ވާނެއެވެ.
[މާލޭގެ ޕްލޭނިން ގަވާއިދާއި ލަންޑަންގެ މި އުޞޫލު ވަރަށް ތަފާތެވެ. މާލޭގެ ގަވާއިދުގައި، ކުޑަދޮރުތައް ހުންނަން ޖެހޭނީ އެއް މީޓަރަށް ވުރެ އުހުގައެވެ. އެއީ ކުޑަދޮރަކުން މީހަކު ވެއްޓިދާނެތީ އެވެ. ލަންޑަންގެ ގަވާއިދުގައި ކުޑަދޮރު ހުންނަންޖެހޭނީ ތަޅުމުން ފެށިގެން 30 އިންޗި މަތީގައެވެ. އެއީ އިށީދެގެން ތިބޭއިރު ބޭރު ފެންނަ ގޮތަށެވެ. ލަންޑަންގެ އެހެން އުޞޫލަކުން މި ކުޑަދޮރުގެ އެއް މީޓަރުން ތިރީގައި ހުންނަ ޖާގައިގައި މީހަކު ވެއްޓުނަ ނުދިނުމަށް ނުހުޅުވޭ ބިއްލޫރިބައެއް ހަރުކުރަން ނުވަތަ ޗެންޗޭނު ޖަހަންޖެހެއެވެ. އަޅުގަނޑަށް ރަނގަޅީ ލަންޑަންގެ ގަވާއިދެވެ.]
ނިންމާލުން
މަތީގައި މި ދަންނަވާލެވުނީ ގެދޮރު އެޅުމުގައި ބޭނުންކުރާ ލަންޑަންގެ ހަމަތަކުގެ ތެރެއިން ވަކި ގެ އެޅުމާ ބެހޭ ހަމަތަކެވެ. މިހަމަތަކުގެ އިތުރަށް އެ ސަހަރުގެ ގަވާއިދުގެ ތެރޭގައި ޕާކިން އާއި އެތައް ބައެއް އެއް ޢިމާރާތެއްގައި އުޅޭނަމަ، ކަންތައްތައް ހުންނަންވީ ގޮތް ބަޔާންކޮށްފައި ވެއެވެ. މި ހަމަތަކާ ދުނިޔޭގެ އެހެން ޤައުމުތަކުގެ ހަމަތަކާ މާބޮޑަކަށް ތަފާތެއް ނޫނެވެ. އެއީ މީހުންގެ އިސްކޮޅު ދާދި އެއްވަރު ވުމާއި، ބޭނުންވާ ކަންތައްތައް އެއްގޮތް ކަމުންނެވެ. ރާއްޖޭގައި ވެސް މިފަދަ އިރުޝާދުތަކެއް ނުވަތަ ގައިޑްލައިންތަކެއް ހަމަޖެއްސިފައިވާނަމަ، ގެއެޅުމުގެ ކަންތައްތައް މިހާރަށް ވުރެ ހަރުދަނާ ވާނެއެވެ. ކޮޓަރިތައް ކުދިވެގެން، ބޭނުން ކުރެވޭ ވަރު ނުވެގެން އުޅޭކަށް ނުޖެހޭނެއެވެ.
ގިނަ ފިރިހެނުންގެ ކިބައިގައި، އަދި ބައެއް އަންހެނުންގެ ކިބައިގައި ޠަބީޢީ ގޮތުން ގެދޮރު އެޅުމުގެ ޝައުޤުވެރިކަމެއް ހުރެއެވެ. އަޅުގަނޑު އުއްމީދުކުރަނީ، ގެދޮރު އެޅުމުގެ ޓެކްނިކަލް ނުވަތަ ފަންނީ ބައެއް ކަންކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަޒުމޫނުން މަންފާއެއް ކުރާނެ ކަމަށެވެ.
މި ފަންނާ ބެހޭ ގޮތުން، ދެން ލިޔާ މަޒުމޫނެއްގައި ގެދޮރު އެޅުމުގެ އިތުރު ތަފްޞީލުތައް ގެނެސްދޭނަމެވެ. ދެން ލިޔާ މަޒުމޫނެއްގައި ހިމަނާނީ ފާޚާނާ ހެދުމުގެ ހަމަތަކާ ބެހޭ ވާހަކަ ތަކެވެ. އަމިއްލައަށް ގެދޮރު އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެފަދަ މަޢުލޫމާތު ބޭނުންތެރި ވާނެ ކަމަށް ފެންނާތީއެވެ.



We want to c yu again @MNU.
Chancellor Ur knowledge will be best for our future generation and yu have proved it. May Allah SW bless ur work.
Varah rangalhu mauloomaathu kolheh. Shukuriyyaa.
varah ragalhu mauloomaathu huri article eh. varah bodah shukuriyya.
V furihama… Aka footu jahaafa in iru footun eyah vanee kihaavarehkan jahaalinama….