ހިތި ދުވަސް
މި މަޒުމޫނުގައި މި ދަންނަވާލަނީ ރޯދަމަހުގެ ތެރޭގައި ވަރަށް ކުރީން މާލޭގައި ރަސްމީގޮތެއްގައި ފާހަގަ ކުރަމުން އައި ހިތިދުވަހުގެ އިޙްތިފާލް ހިނގާ ގޮތެވެ. މިހާރުވެސް ރާއްޖޭގައި ދިރިތިބި ބައެއް މީހުންނަށް، ހިތިދުވަހުގެ ކަންތައްތައް ފެނިފައިވާނެއެވެ. އެންމެ ފަހުން ހިތިދުވަހެއް ބޭއްވުނީ 1968 ވަނަ އަހަރު މުޙައްމަދު ފަރީދުލް ޢައްވަލުގެ ރަސްކަމުގައެވެ. އެފަހުން މިހާރު 50 އަހަރު ވެއްޖެއެވެ. އެ އަހަރު، ރަސްކަން ޖުމްހޫރިއްޔާ އަކަށް ބަދަލުވެ، މާ ގިނަ ދުވަހެއް ނުވަނީސް ރަސްކަން އަނބުރާ ނާންނާނޭ ގޮތުގެ މަތީން ޒަމާންވީ ރަސްކަމުގެ ގަނޑުވަރު އިބްރާހީމް ނާޞިރު ތަޅުއްވާލެއްވިއެވެ. މުޙައްމަދު އަމީން 1953 ގައި ގެންނެވި ޖުމްހޫރިއްޔާ ބަޣާވަތަކުން ނިމުމަކަށް ގެންނަވައި، އަލުން ރަސްކަން އިޢާދަކުރެއްވުމުގައި، އިބްރާހީމް ނާޞިރު ބައިވެރިވެވަޑައިގަންނަވާ ކަމަށް، ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވި ”މިއަދު“ މިފޮތުގައި ވެއެވެ. މިކަމުން ޙިކްމަތްތެރީންނަށް ދުނިޔޭގެ އާދަ އެނގޭނެއެވެ. ރަސްކަން އުވާލެއްވީ، އިބްރާހީމް ނާޞިރާއި މުޙައްމަދު ފަރީދާ ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކަމަށް އިބްރާހީމް ޝިހާބު މުޙައްމަދު ފަރީދުގެ ރަސްކަމާ ބެހޭ ގޮތުން ލިޔުއްވައި، ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ނެރުނު ފޮތުގައި އިޝާރާތް ކުރައްވާފައި ވެއެވެ.
ހިތިދުވަހުގެ ކަންތައްތައް ހިނގާ ދިޔަ ގޮތް އަޅުގަނޑު މި ނަކަލުކުރަނީ، އިނގިރޭސި ބަހުން އެޗް.ސީ.ޕީ. ބެލް ލިޔުއްވާފައިވާ Exerpta Maldiviana އިންނެވެ. 1922 ގައި، ޝަމްޝުއްދީނު III ގެ ރަސްކަމުގައި ގައި އޮތް ހިތީގެ އިޙްތިފާލުތަކުގައި ބައިވެރިވުމަށް ފަހު، ކަންތައްތައް ހިނގާދިޔަގޮތް ފޮތެއްގައި ނޯޓުކުރީކަމަށް އޭނާ ލިޔުއްވާފައި ވެއެވެ. އޭނާހާ ތަފްޞީލުކޮށް ހިތިދުވަސް ސިފަކޮށްފައިވާ އެހެން ފަރާތެއް އަޅުގަނޑަކަށް ނޭނގެއެވެ. މިކަމުން ބުއްދިވެރީންނަށް ވިސްނެންވީ އަޅުގަނޑުމެންގެ ކުރިމަތީގައި ބޮޑެތި ކަންތައްތައް ހިނގަމުންދާ އިރު، އެކަންކަން ގަލަންކުރުމުގެ މުހިއްމުކަމެވެ. އެންމެ ގަދަ ހަނދާނަށް ވުރެ، އެންމެ ފަނޑު ދެލީގެ މޭދާ ގަދަކަމެވެ.
ތިރީގައި މިގެނެސްދެނީ ހިތިދުވަހާ ބެހޭ ގޮތުން ބެލް ލިޔުއްވާފައިވާ ބަޔާނުގެ އިޖްމާލީ ތަރުޖަމާއެކެވެ.
ހިތި ދުވަސް
މާލޭގައި ވަރަށް ސަމާލުކަން ދީގެން ދީނީ ކަންތައްތަކެއް ހިމެނޭ ހަތަރު ޚާއްޞަ މެލައެއް ވަލީވެރި ބައެއްގެ ހަނދާނުގައި ފާހަގަ ކުރަތެވެ. މި މީހުންގެ ހަނދާނަށް އެ ޤައުމުގެ އަހުލުވެރިން ވަރަށް ބޮޑަށް އިޙްތިރާމް ކުރެއެވެ. [ރެސް ނުވަތަ މެލަ ކިޔަނީ މީހުން އެއްވާ އެއްވުމަށެވެ. ޚާއްޞަކޮށް މެލައަކީ ކޮންމެވެސް ކަމެއްގެ ހަނދާނުގައި، އިޖްތިމާޢީ ޙަރަކާތްތަކެއް ހިމެނޭ، ދީނީ ކުލަ ޖެހިފައިވާ، ދުވަހެއް ނުވަތަ ކަމެކެވެ. މި އިޙްތިފާލުގައި، ކޮންމެވެސް ބާވަތެއްގެ ރަސްމިއްޔާތަކާއި އަދި ގިނަ ފަހަރު ޚާއްޞަކެއުން އޮވެއެވެ.]
މި އިޙްތިފާލަށް އެމީހުން ޖުމުލަގޮތެއްގައި ކިޔަނީ ”ހިތި ދުވަހެވެ.“ މިކަމަށް ހިތި ކިޔަނީ އެ ދުވަހު އާދަކާދައިގެ މަތީން ހިތި ކިޔާ ރިހައެއް ކައްކާތީ ކަމަށް ބުނެވެއެވެ. މި ދުވަސްތަކުގެ ތެރޭގައި ހިމެނެނީ ބޮޑު ދެ ހިއްޗަކާއި ކުޑަ ދެ ހިއްޗެކެވެ. މާލޭގެ އެންމެ އިރުމަތީގައި އޮންނަ ހެންވޭރު އަވަށަށް ދެހިތި ނިސްބަތް ވެއެވެ. އަނެއް ދެހިތި ނިސްބަތްވަނީ އެންމެ ހުޅަނގުގައި އޮންނަ މާފަންނު އަވަށަށެވެ. މި ދެއަވަށަކީ ރަދުންގެ ރަށް ބައިކޮށްފައިވާ ހަތަރު އަވަށުން ދެ އަވަށެވެ.
މި ހަތަރު ހިތި އަންނަނީ މުސްލިމުންގެ ރޯދަ މަހުއެވެ. ހިތީގެ މައިގަނޑު ޙަރަކާތް އޮންނަނީ ރޭގަނޑުއެވެ. ރޯދަމަހުގެ 22 ވަނަ ދުވަހު ފުރަތަމަ އޮންނަނީ ހެންވޭރު ބޮޑު ހިއްޗެވެ. މާފަންނު ބޮޑު ހިތި އޮންނަނީ ރޯދަމަހުގެ 24 ވަނަ ދުވަހުއެވެ. ހެންވޭރު ކުޑަހިތި އޮންނަނީ ރޯދަމަހުގެ 26 ވަނަ ދުވަހުއެވެ. މާފަންނު ކުޑަހިތި އޮންނަނީ ރޯދަމަހުގެ 28 ވަނަ ދުވަހުއެވެ.
ބަޔާންކުރާ ތަރުތީބުން މި ހިތިތައް ބާއްވަނީ އަންނަނިވި ބޭފުޅުންގެ ހަނދާނުގައެވެ: (ހ) ޝޭޚުއްޞާލިޙް ނަޖީބް ޙަބްޝީގެފާނު، (ށ) ޕޯޗުގީޒުންގެ ފަރާތުން މާލެ ދިފާއުކުރެއްވުމުގައި 1558 ގައި ނިޔާވި ޢަލީ ރަސްގެފާނު (އައްސުލްޠާނު ޢަލީ VI)، (ނ) އިސްލާމް ދީން ރާއްޖެއަށް ތަޢާރުފުކުރެއްވި ތަބްރީޒުގެ ޝޭޚް ޔޫސުފް ޝަމްސުއްދީނު އާއި، 1692 ގައި ނިޔާވި އައްސުލްޠާނު ސައްޔިދު މުޙައްމަދު ޝަމްސުއްދީނު I އާއި ދެބޭފުޅުންނަށް އެކުގައި، އަދި (ރ) މަދީނާގެ ފަޤީޙް ސުލައިމާނަށެވެ.
ހެންވޭރު ބޮޑުހިތި އޮންނަނީ ރަށުން ފަޅުތެރެއަށް ނުކުމެފައިވާ ތުނޑިއެއް ފަދަ ލޮނުޒިޔާރަތް ކޮޅުގައެވެ. މާފަންނު ބޮޑުހިތި އޮންނަނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހިއްކާފައިވާ މަގަކުން ގުޅިފައިވާ ޒިޔާރަތުގައެވެ. މި ދެހިތި ދާދި އެއްގޮތެވެ. ކުޑަ ދެހިތީގައި އޮންނަނީ ނިޔާވި ފަރާތްތަކަށް އެ ބައެއްގެ ޒިޔާރަތްދޮށުގައި ދުޢާކުރުން އެކަންޏެވެ.
ހެންވޭރު ބޮޑު ހިތި
ހިޖްރީ ސަނަތުން 1340 ވަނަ އަހަރު ރޯދަމަހުގެ 22 ވަނަ ދުވަހު އޮތް ބޮޑު ހިއްޗާ ބެހޭ ރަނގަޅު ޚިޔާލެއް އަންނަނިވި ބަޔާނުން ކިޔުންތެރިޔާއަށް ލިބޭނެއެވެ. މިއީ ލިޔުންތެރިޔާ 20 މޭ 1922 ގައި ލިޔެފައިވާ ޑައިރީން ޚުލާޞާކޮށްލާފައިވާ ބަޔާނެކެވެ.
ހިތި އޮންނަ ދުވަހުގެ ހެނދުނު، ކޮލީ ލޯގަނޑެއްގައި ޖަހައި، ގޮވާ ގޮވުމަކުން، އެރޭ ހިތި އޮންނަކަން ރައްޔިތުންނަށް އަންގައެވެ.
ކޮލިކަލޭގެފާނު މާލޭގެ ބޮޑެތި މަގުތަކުގައި (ކޮލި ހިނގާ މަގުގައި) ހިނގަމުން ކޮލިލޯގަނޑުގައި ޖަހައި ކިޔަނީ ”މަލިން، މުދިން، ކަތީބު، ރައްޓެހި، ބީރައްޓެހި ކުދި ބޮޑު ކަމުވެރި ނުވެރި އުލެ އެންމެ އަޅުތަކުން އަދު އަސުރު ނަމާދުން ފައިބައިގެން ލޮނު ޒިޔާރަތް ދޮށަށް ދުއާވެރިކަމު ދިޔަރިޔާއި އުރަންނެ. މިހެން އަހައި ދެކިދެނެ ތިބި ދުޢާވެރިކަމު ނުންޖަކަ މީހަކު އަހައި…“ މި ޖުމުލައިގައި ނުދާ މީހަކަށް ވާނޭ ގޮތް ބަޔާން ނުކުރުމަކުން އެކަމުންކުރާ އަސަރު ކުޑައެއް ނުވެއެވެ. [ކޮލީގައި ކިޔާ ދެ ލަފުޒެއް ޔަޤީން ނުވާތީ ބެލް ލިޔެފައިވާ ގޮތް ތިރީގައި އެވަނީއެވެ.
ހަވީރުވުމުން ވަރުބަލިކަމެއް ނުލިބޭ މީރުބަހުރު ޙ. އިސްމާޢީލް ދީދީ އާ އެކު، ލޮނު ޒިޔާރަތު ބޮޑުހިއްޗަށް މިރެއަށްވާ ފަހު ތައްޔާރީތައް ދުށުމަށް އަހުރެން ހިނގައިގެންފީމެވެ.
ފެންނަ ފެނުމުގައި، މިދުވަހަކީ ބަންދު ދުވަހެއް ފަދަ ދުވަހެކެވެ. ރީއްޗަށް އަބަދުމެ ކުނިކަހާފައި އޮންނަ މާލޭގެ މަގުތަކަށް، ޢާއްމުކޮށް ހިނގާއުޅޭ މީހުންގެ އިތުރަށް، އައު ދިރުމެއް އައިސްފައި ވެއެވެ. ޚާއްޞަކޮށް ފާހަގަކުރެވެނީ ގިނަ ޢަދަދެއްގެ އަވަށުވެރިންނެވެ. މީގެ ތެރެއިން ޒުވާނުން ފޯރިއާއި ޖޯޝާއެކު ނަލަހެދިފައި ވެއެވެ. ކޮންމެ މީހަކު ތަރުބޫޒު ކިޔާ ތާކިހަލެއް ބޮލުގައި އަޅައި، ރާއްޖޭގައި ވިޔާ މުށިކުލައިން ރޮނގުދެމި ފޭލި އަނދެފައި ވެއެވެ. އިޖްތިމާޢީ އިލެކްޓްރިސިޓީއިން މުޅި ޖައްވަން ވަނީ ކަރަންޓު އައިސްފައެވެ.
ހުރިހާ ކަމެއް ރަނގަޅަށް ތައްޔާރުވަމުން ދާކަމަށް ފެނެއެވެ. އަބަދުވެސް ރީތިކޮށް އޮންނަ މަގުތަކަށް، ވިދުން އަރާ ހުދު ވެލީގެ ފަށަލައެއް އަޅާފައި ވެއެވެ. ގެތައް ނިވާކޮށްފައިވާ ފުޅަފުގެ އަރިމަތީގައި، ރޭގަނޑުވުމުން ދިއްލަން ކަރާސީނު ފާނޫޒުތައް އެލުވާފައި ވެއެވެ. ބައެއް ތަންތަނުގައި ދެބަރިއަށެވެ.
ހެންވޭރު އަވަށު މައިޒާންގޭ އުތުރުގައި، ބޮޑު އޮޑިއެއްގެ ކުނބެއް ޖަހައި ބޮޑު ދިދަ ނަގާފައި ވެއެވެ. ދިދަ ދަނޑި ވަށައިގެން ފޮތިދަމައިގެން ހަދާފައިވާ ފުޅަފެއް ވެއެވެ. މިބައި މީހުން މިތަނަށް ކިޔަނީ ކޯއްޓޭ އެވެ. ކޯއްޓޭ ހުރީ އުތުރުން ދެކުނަށް އޮންނަ ކެނބުއަޅާ މަގު (ސޯސަންމަގާއި) އިރުން ހުޅަނގަށް އޮންނަ ބަދަރުމަތީ މަގާ (އަމީރު އަޙްމަދު މަގާ) ގުޅޭތަނުގައެވެ. މި މައިޒާން ގެއަކީ ހެންވޭރުގެ އަވަށުވެރިން ކަންކަން މަޝްވަރާކުރަން އަންނަ ތަނެވެ. ވަގުތީ ގޮތުން އެތަނުގައި އެކި ކުލައިގެ ބައްތި ދިއްލަން ތައްޔާރުކޮށް ބޮޑު ޗާންދެލިޔާއެއް އެލުވާފައި ވެއެވެ. ކުދި މޭޒުތަކާއި ރިތީ ގޮނޑިތައް މައިޒާން ގޭ ތެރޭގައި ތަރުތީބަކަށް ހުއްޓެވެ.
މާލެ ދެބަޔަށް ބައިކުރާ އިރުން ހުޅަނގަށް ކަނޑުން ކަނޑަށް އޮންނަ ބޮޑު މަގު (މަޖީދީ މަގު)، ކެނބު އަޅާމަގު (ސޯސަންމަގު) އާ ގުޅޭ ކަންމަތީގައި ދެވަނަ ކޯއްޓޭއެއް ހުއްޓެވެ. އެއީ ވަލުމައިޒާންގޭދޮށު ކޯއްޓޭ އެވެ.
މި ހިސާބާ ގާތްވުމުގެ ކުރިން، އަހުރެމެންގެ އާރުކާޓީގެ ހުށަހެޅުމަކަށް ބޮޑު ބަނޑޭރީގޭ ޚަރަދުގައި ލޮނުޒިޔާރަތް ޖާފަތައް ތައްޔާރުކުރާ ކާތަކެތި ބަލައިލުމަށް ހަނިގޯޅިއެއް އެޅީމެވެ.
ހިތިވިލޭރޭގެ މުނިފޫހިފިލުވުމަށް މީރު ކާތަކެތި ތައްޔާރުކުރުމަށް ސަރުކާރުގެ ޚަރަދުގައި، އެތައް ބައެއް އެތައް ދުވަހެއް ވަންދެން ގެންގުޅެއެވެ.
ކާތަކެތި ތައްޔާރުކުރާ އެކަކު ޢަޒުމާއެކު މޮޅަށް އެކަން ކުރަން ނިންމާފައިވާކަން ހާމަވެއެވެ. އޭނާގެ ގެއަށް ވަންނަ ދޮރުގެ ކުރިމަތީ މަގުމަތީގައި ފޮތި ދަމާފައިވާ ކުޑަ ގެއެއް ހަދާފައި ހުއްޓެވެ. އެތަނުގެ މެދުގައި، މޭޒެއްގެ މަތީގައި، ހަތަރު ފޫޓު ފުޅާ ބޮޑު ދޮލަނގެއް ހުއްޓެވެ. ތައްޔާރުކުރާ މީހާ، ފަޚުރާއެކު ދޮލަނގަށް މަދުވެގެން ސާޅީސް ބާވަތުގެ ކާތަކެތި ގެނައިތަން އަހުރެން ގުނީމެވެ.
އެންމެ މުހިއްމު އެއްޗެއްގެ ގޮތުގައި އެންމެ ފުރަތަމަ ގެނައީ އުސްތުންބަށް ބަތް އަޅާފައިވާ ތައްޓެކެވެ. ދެން އެއަށް ފަހު އެކި ބާވަތުގެ ކާހިތްވާ އަދި ކާހިތް ނުވާ ބާވަތުގެ އެތައް އެއްޗެއް ގެނައެވެ. މީގެތެރޭގައި ޕަފްސް (އެތެރެއަށް ތަކެތި އަޅާ ބޭރުގައި ފުށް ހުންނަ ހެދިކާ) އާއި ފިންގާރސް (ދިގުކޮށް ހުންނަ ހެދިކާ) އާއި ތިނެސްކަނަށް ހުންނަ އެއްޗިއްސާއި ތަމަޅައިން ކަޑަލް ޕާސި ކިޔާ މޫދުވިނައިން ހަދާ ހަލުވިދާ އާއި ފޮނި އެތައް ބާވަތެއް ވެއެވެ. ކަޑަލް ޕާސި ފެންނަ ފެނުމުގައި ޓާރކިޝް ޑިލައިޓާ (ހަލުވިދާ މެޓާއާ) ވައްތަރެވެ.
— — —
ދޮލަނގަށް ގެންނަ ކާތަކެތިތައް މަދުވަމުން ގޮސް އެންމެ ފަހުން، ވަތުތައްޓެއްގައި ދެ މާޅޮސްކޭލާއި ތައްޓަކަށް ލާފައިވާ އެންމެ ”ކެބިން“ ބިސްކޯދަކާއި ތިންވަނަ ތައްޓަކަށް ލާފައިވާ ދެތިން ”ޖެމް“ ބިސްކޯދު ގެނައެވެ. މިއީ ދައްކާލުމަށް ގެނައި ވައްތަރުތަކުގެ ސާމްޕްލް އެއްކަމަށް ލަފާކުރެވެއެވެ. ގިނަ އެއްޗެތި ގޭތެރޭގައި ބަހައްޓާފައި ހުރީއެވެ. މަތިވެރި ޚިދުމަތެއް، ދަށްކޮށް ވާހަކަ ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ މޭޒުން އަޑުކިޔާވަރަށް ދޮލަގަށް އެޅި ތަކެތިން ކެއްކުމަށް ހަވާލުވި ކޭޓަރަރ އަށް ތަޢުރީފު ޙައްޤުވެއެވެ.
ލޮނުޒިޔާރަތަށް ގެންދިއުމަށްޓަކައި، ކާތަކެތި އަޅަނީ ފަންތޮށިން ގަތާފައިވާ ފޮށިގަނޑަކަށެވެ. ދެން މީގެ މަތީގައި އެކިކުލައިގެ ފޮތިއަޅައި ވަލުން ތަންޑިއަލެއްގައި އައްސައި ލޮނުޒިޔާރަތަށް ކޮނޑުމަތީގައި ގެންދަނީ އެވެ. [ހިއްޗަށް ގެންދާ ތަކެތިން ކާން ދެނީ ބޮޑު ބޭކަލުންނާއި، މުސްކުޅި ބޭކަލުންނާއި މަޖިލިހަށް އަރާ ބޭކަލުންނާއި ހަތަރުކޮށީ ފަހުލަވާނުންނަށާއި ކުދި ބެއިކަލުންނަށާއި އަރިހުބެއިކަލުންނަށާއި މުދިން ބެއިކަލުންނަށާއި ކިޔެވެނި ބެއިކަލުންނަށާއި ޚަޠީބުންނަށެވެ. ހިތީގެ ޚަރަދުތަކުގައި، ބޮޑު ބަޑޭރިގޭގެ ބޭރުން ބައެއް އަތޮޅުތަކުން އެހީތެރިވެއެވެ. ހެންވޭރު ހިއްޗަށް މާފަންނުންނާއި މުލަކުންނާއި ކޮޅުމަޑުލުންނާއި ހައްދުންމަތީން ކާތަކެތި ދެއެވެ. ބޮޑު ބަޑޭރިގެއިން ދެނީ 2 ބަސްތާ ހަނޑުލާއި 3000 ލާރިއާއި 125 ރާތާ ހަކުރާއި 3 އަޑުބާ ގިތެލެވެ. ކާތަކެތި ދެބަޔަކަށް ބަހައެވެ. އެއީ މައި ކެއުން ހުންނަ ފުޑަރު ދޮލަނގާއި ބުޔުންތައް ހުންނަ ބޯ ދޮލަނގެވެ. ދޮލަނގަކީ ރަންވަން ލޮއިން ހަދާފައިވާ ވަށް ތަބަކެކެވެ. ހިތިކޭން އޮންނަނީ ގިނަ ވެގެން 12 މީހުން ހިމެނޭ ޖަމާއަތަކަށެވެ.]
ކެއްކުންތެރިޔާ އޭނާގެ ޝަރަފަށް ދޫކޮށްފައި އަހުރެމެން ދެން ދިޔައީ ލޮނުޒިޔާރަތް ކޮޅަށެވެ. މިތަނަކީ މާލެއިން އިރު ދެކުނަށް ނިކުމެފައިވާ ބިންކޮޅެކެވެ. އެންމެ ގަދަ ނުލުގެ ރާޅުތައް އެތަނަށް ޖަހައެވެ.
ބަޑި މަގު (މިއީ މާލޭގެ އެންމެ އިރަށް އުތުރުން ދެކުންނަށް އޮންނަ މަގު) އާއި ލޮނުޒިޔާރަތް ހިނގާމަގު ގުޅޭ ތަނުގައި ފަނުން ހަދާފައިވާ ކުޑަ ގެއެއް ހުއްޓެވެ. އެއީ ރަދުންގެ ބޭންޑު (ނާބަ) ގެ ސާމާނު ބަހައްޓަން ހަދާފައިވާ ގެއެކެވެ. ނާބަކުޅޭ މީހުން ކެއުމަށް ކުނާ އަޅާފައިވާ ބޮޑު ތަނެއް އޮތެވެ.
ލޮނު ޒިޔާރަތްކޮޅުގައި، ރޭގަނޑުގެ އިޙްތިފާލަށް ވަގުތީ ތިން ގެއެއް ހަދާފައި ވެއެވެ. އެތަންތަން ތިރީގައިވާ ފޮޓޯގައި އެވަނީއެވެ. އެންމެ ކަނާތްފަރާތުގައި ދިދަ ޖަހާފައިވާ ޒިޔާރަތުގެ ކަނާތް ފަރާތުން ފަނުންނާއި ޓިނުން ހިޔާކޮށްފައިވާ ބޮޑު މާލަމެއް ވެއެވެ. މިތަންވަނީ ފޮތި ދަމައިގެން ދިގަށް ބައިބައިކޮށްފައެވެ. ބިންމަތީގައި ވަނީ ރާއްޖެއިން ލިބޭ އެންމެ ރީތި ބޮޑު ކުނާ އަޅާފައެވެ.
މިތަން ހަދާފައިވަނީ ސަރުކާރުގެ ފަރާތުން ހިއްޗަށްވަޑައިގަންނަވާ ބޭފުޅުން، ޢަރަބީންގެ ގޮތަށް ބިންމަތީގައި ތިބެގެން ކެއުމަށް އިންސާފު ކުރެވޭ ގޮތަށެވެ.
މި ގެއާ ދިމާވާ ގޮތަށް ކުރިމަތީގައި، ރަދުންނަށް ޚާއްޞަކޮށް ހަދާފައިވާ ހިތިގެ ވެއެވެ.
ހިތިގެއާ ގާތުގައި، ނަމަވެސް ނަޖީބް ޒިޔާރަތާ ކައިރީގައި، ވަގުތީ ދެ ފުރާޅަށް ހިޔާކޮށްފައިވާ ކުޑަ ޖިފުޓިއެއް ވެއެވެ. އެތަނުގެ އެއް ދެ ފަރާތުގައި ބިތެއް ނުވެއެވެ. މި ތިރި ޖިފުޓީގެ ފުރާޅު ބިންމަތީގައި ޖެހޭހާ ތިރިއެވެ. މިތަނުގައި ހިތި ދުވަހުގެ ހަވީރު ޤުރްއާން ކިޔަވައެވެ.
ޖިފުޓީގެ ބޭރުގައި އެތައް މުސްލިމް ޤަދަރުވެރީން ތިއްބެވެ. ޚާއްޞަކޮށް މާލޭގެ އިސް ޚަޠީބު ސައްޔިދު މޫސާ ދީދީއެވެ. އޭނާގެ ލަގަބަކީ ފާމުލަދޭރި ކިލެގެފާނެވެ. އަދި ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ކުރީގެ ބަންޑާރަ ނާއިބު، މ. ޙުސައިން ދީދީ ވެސް ހިމެނިވަޑައިގަންނަވައެވެ. މި ޙުސެއިން ދީދީ އަކީ ހަތަރު ނާއިބުންގެ ތެރެއިން އެންމެ އިސް ނާއިބެވެ.
ހިތިގެ ވަކީން ސިފަކުރުން މުހިއްމެވެ.
ހިތިގެ ހަދައިފައިވަނީ 24 ފޫޓު 24 ފޫޓު ބޮޑުމިނަށް ފޮތިންނެވެ. މި ފޭލިގޭގެ ބޭރު ފަރާތުގައި ކަޅާއި ހުދުން މަތިން ތިރިއަށް ފާހަގަވާ ގޮތަށް ރޮނގުދަމާފައި ވެއެވެ. އެތެރޭގައި މޮޅު ފެހި މަޚްމާ ފޮތި ޖަހައި، ރީނދޫކުލައިން މިސްކިތެއްގެ ބޭރު ސިފަވާގޮތަށް ކުރެހުން ހުއްޓެވެ. ކޮންމެ ބިތަކު މިފަދަ ފަސް ބައި ވެއެވެ. ސަނދުވާ އާއި ބިތްތަކާ ދެމެދު ދޮންފަޅޯ ކުލައިގެ ފޮތި، ދެކޮޅު އައްސައި، މެދުންއެލޭ ގޮތަށް ދަމާފައި ވެއެވެ. މުޅި ގެ ފެންނަނީ ރީތި އެކައްޗެއްގެ ގޮތުގައެވެ. ހިތްގައިމަސް ހުޅަނގު މީހެއްގެ ލޮލަށް ޙަޤީޤީ އަގެއް އެތަކެއްޗަކު ނުވެއެވެ. [ބެލް އެ މާނަކުރަނީ ރަން ރިހި ފަދަ އަގުބޮޑު އެއްޗެއް ނެތް ވާހަކައެވެ.]
ބިންމަތީގައިވަނީ ބޮޑުކުނާ އަޅައި ރަދުންނާއި އޭނާގެ ކޮއްކޮގެ މަނިއްޕުޅު އިށީންނަވަން މަޑު ބާލީސް އަތުރާފައެވެ.
ފޮތި ދަމައި ހިތިގޭގެ ބައެއް ވަކިކޮށްފައި ވެއެވެ. އެތަނުގެ ބޭނުމަކީ، ރޭގަނޑުގެ ދުއާވެރިކަން ނިމުމުން ޝާހީ ބޭފުޅުން ކޭން ބެއްލެވުމެވެ.
ރޭގަނޑުގެ ރަސްމިއްޔާތު
މޫސުން ރަނގަޅުކަމުން، އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު ޤަޞްދުކުރެއްވީ ހިންގަވާފައި ލޮނުޒިޔާރަތަށް ވަޑައިގެންނެވުމަށެވެ. ޝަމްސުއްދީނު ރަދުންނަކީ 1893 ގައި ނިޔާވި އިބްރާހީމް ނޫރައްދީނުގެ ދޮށީ ދަރިކަލުންނެވެ. [އެ އަހަރު އެ މަނިކުފާނު ރަސްކަމަށް އުމުރުން 12 އަހަރުފުޅުގައި، ތަޚުތަށް އެރުއްވިއެވެ. ނަމަވެސް ރަސްކަން ކުރެއްވުނީ އެންމެ ތިން މަހުއެވެ. ދިހަ އަހަރު ފަހުން ރަސްކަން އަނެއްކާ ލިބިވަޑައިގަތީ އެމަނިކުފާނުގެ ބޮޑުބޭބެގެ ދަރިފުޅު އައްސުލްޠާނު އިބްރާހީމް ނޫރައްދީނު VI، 1903 ވަނަ އަހަރުން ރަސްކަމުން ބޭރުކުރެއްވުމަށް ފަހު އެވެ. މިހާރު ވެސް މި ޝަމްސުއްދީނަކީ ރަދުންނެވެ. މި ހުރާ ދަރިފަސްކޮޅު ފެށުނީ ޙަސަން ޢިއްޒުއްދީނު (1759 – 1767) އިންނެވެ. އެ ދަރިފަސްކޮޅު ރަސްކަން ކުރާތާ (މިލިޔުން ލިޔުމާ ހަމައަށް) 163 އަހަރު ވެއްޖެއެވެ.]
މިއީ އެ ރަދުން ޢާއްމުންގެ ތެރެއަށް ނުކުންނަވާ މަދު ފަހަރުން ފަހަރެކެވެ. އެމަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވާނީ ނިޔާވެފައިވާ އެމަނިކުފާނުގެ ފިރިހެން ކޮއްކޯފުޅުގެ ދަރިކަލުން މައްޗަންގޮޅީ ގަނޑުވަރު މަނިއްޕުޅެވެ. [މައްޗަންގޮޅީ ގަނޑުވަރު މަނިއްޕުޅަކީ، ނިޔާވި ކުރީގެ ރަދުން އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނު V (އާ ގަނޑުވަރު މަނިއްޕުޅު) ގެ ހަނގު ދަރިކަލުންނެވެ. މި ފަހުން ދެންނެވުނު މަނިއްޕުޅު، ޢުމުރުން ހަތް ނުވަތަ އަށް އަހަރު ވީ ކަމުގައި ވިއަސް، 1893 ގައި ރަސްކަމަށް އިސްކުރެވުނެވެ. އެއީ ފަސް މަސް ދުވަހަށެވެ. އޭނާގެ ބަދަލުގައި ވަގުތީ ގޮތުން އޭނާގެ އެއްބަފާ ބޭބެއެވެ. އޭނާއަކީ ވެސް ޅަ ކުއްޖެކެވެ. މިހާރު ރަސްކަމުގައި އިންނެވީ ޝަމްސުއްދީނު III އެވެ.
ކުރީގެ ރަދުން މުޙައްމަދު ޢިމާދުއްދީނު V އާއި އޭނާގެ ދޮށީ ދަރިކަލުން 1920 ވަނަ އަހަރު، މައްކާއަށް ވަޑައިގެން ދަތުރުފުޅުގައި، ބޮމްބޭގައި ނިޔާވިއެވެ. ދެވަނަ ދަރިކަލުން، މައްޗަންގޮޅީ ގަނޑުވަރު މަނިއްޕުޅަކީ، ލޮނުޒިޔާރަތަށް ޝަމްސުއްދީނު ރަދުންގެ އަރިހުގައި ވަޑައިގެން ބޭފުޅާއެވެ. އެއީ ޝަމްސުއްދީނުގެ ކޮއްކޮގެ ދަރިކަލުންނެވެ. އޭނާ ނިޔާވީ މާލޭގައި 1928 ވަނަ އަހަރުއެވެ.] {ބެލް ލިޔުއްވާފައިވާ ވާހަކައިގައި އޮޅުމެއް އުޅޭހެން ހީވާތީ މިއޮތީ އަޞްލެވެ.}
ގާތްގަޑަކަށް ރޭގަނޑު 9:30 ވީތަނާ، ގަނޑުވަރުން 7 ބަޑީގެ ފުރަތަމަ ސަލާން ޖަހައިފިއެވެ. މިއީ ލޮނުޒިޔާރަތަށް ވަޑައިގަންނަވަން ފެއްޓެވިކަން އިޢުލާނު ކުރުމެވެ. [ބޮޑު ހިއްޗެއްގައި ޖުމުލަ 30 ބަޑި ޖަހައެވެ. އެއީ އެކި ތަންތަނާ ހަމައަށް ރަދުން ވަޑިގެންނެވުމުންނެވެ. އާ ކޯއްޓޭ މަތިން 7، ހެންވޭރު މައިޒާންދޮށު ކޯއްޓޭއިން 10، ވަލު މައިޒާން ދޮށުން 10، އަދި ނާބަ 3 ބަޑިއެވެ.]
އެތެރެކޮއިލުގެ އިރުމައްޗަށް އޮންނަ މަގުން ރަސްގެފާނުގެ ޕާޓީ ނުކުންނެވި އިރު، ހެންވޭރު މައިޒާންގެއިން ފެށިގެން ގަނޑުވަރާ ހަމައަށް ކުދި ބައްތިތަކެއް މަގުމަތީގައި ދިއްލާފައި ވިއެވެ. ވަކިން ޚާއްޞަކޮށް، މެދު ޒިޔާރަތާއި ޙަސަން ޢިއްޒުއްދީނުގެ ގަނޑުވަރުކޮޅު (މުލިއާގެ) ދޮށުގައި މި ބައްތިތައް ގިނައެވެ. މުޅިތަން އަލިން އުޖާލާވެފައި ވިއެވެ. [ޙަސަން ޢިއްޒުއްދީނަކީ، ވަލީއަހުދެވެ. ޝަމްސުއްދީނަށް ފަހު ރަސްކަމަށް އިސްކުރެވޭ އެ މަނިކުފާނުގެ މަނިއްޕުޅެވެ. މިދުވަސްކޮޅު ވީ ސިލޯނަށް ކިޔަވާ ވިދާޅުވާން ފޮނުއްވާފައެވެ. މެދު ޒިޔާރަތަކީ ތަބްރީޒުގެ ޔޫސުފް ޝަމްސުއްދީނުގެ މަޤްބަރާއެވެ.]
ރަސްގެފާނާއި ޖަމާޢަތް، ދެ ފަރާތުގައި ދިއްލުންތައް ހިފައިގެން ތިބޭ މީހުންނާއެކު ކުރިއަށް ދެއެވެ. ހުކުރަށް ވަޑައިގަންނަވާ ފަދައިން، ރަސްގެފާނުގެ އަރިހުގައި، ދުންމާރި ތާޅަފިލި ފުމޭ މީހުންނާއި ހަނގުބޭކަލުންނާއި ރަދުންގެ ހަށިކޮޅުގެ ފާރަވެރީން ވަޑައިގަންނަވަތެވެ. ހަށިފާރަވެރީން ތިބީ ރައިފްލް ހިފާފައި، ރަތްކުލައިގެ ލިބާސްލައި، ރަންކުލައިގެ ފަށް އެޅި ނޫ ފަޓުލޫނެއްލައި، ރަތްކުލައިގެ ތަބުރޫޒެއް އަޅައިގެންނެވެ. މިބައި މީހުންގެ ވެރިއަކަށްހުންނެވީ މުޙައްމަދު ފަރީދު ދީދީ އެވެ. [މުޙައްމަދު ފަރީދަކީ މިހާރުގެ ރަންނަބަޑޭރިކިލެގެފާނުގެ ދަރިކަލެކެވެ.] އޭނާ ތުރުކުރައްވައިގެން ހުންނެވީ ރަން ރޭނދާއިން ޖަރީކޮށްފައިވާ ރީތި ކަޅު ޔުނިފޯމެކެވެ.
ރަސްކަމުގެ ޢާއްމު ނިޝާންތައް ކަމަށްވާ ދައުލަތުގެ ކުޑަ (ހަތްކޮޅު)، ފަންކާ (ސާމަރާކޮޅު)، ކަނޑިއާއި އައްޑަނަ (އޮގަރު ކަނޑިކޮޅާއި އައްޑަނަ ކޮޅު) އަދި އެނދު (ދޮޅިދާންކޮޅު) އެކަމަށް ޚާއްޞަވެގެންވާ މީހުން ގެންދެތެވެ. މި މީހުންގެ އެންމެކުރީގައި ވަނީ ރަދުންގެ ދިދަކޮޅު ގެންދާ މީހާއެވެ.
ރަދުންގެ މި ފަރިހާރައިގައިވާ މީހުން، ޒިޔާރަތްތައް ދޮށުގައި ފާތިޙާއާއި އެހެން ތަކެތި ކިޔެވުމަށް މަޑު ކުރުމަށް ފަހު، ކުރިއަށް ދާ މަންޒަރު، މައިޒާންގޭގައި ތިބެގެން އަހުރެމެންނަށް ރަނގަޅަށް ފެނުނެވެ. [ފަރިހާރަ ކިޔަނީ ދީނީ ނުވަތަ ޢާއްމު އިޙްތިފާލަކާ ގުޅިގެން ތަރުތީބަކަށް ބަޔަކު ހިނގާ ނުވަތަ ކުރިއަށްދާ ދިއުމަށެވެ.] ކެނބުއަޅާމަގާއި ބޮޑު މަގު ކަންމަތިން، ފަރިހާރަ އިރަށް ދާން ފެށިއެވެ. ދިއްލީ މިސްކިތް ކައިރިން ތިންވަނަ ކޯއްޓޭ ހުރަސްކުރިއެވެ. ދެން އިރު ދެކުނަށް އެނބުރި ލޮނުޒިޔާރަތް ދޮށަށް ދިޔައީއެވެ.
އެތަނަށް ދިއުމުން، ނަޖީބު ޒިޔާރަތާ ހަމައަށް ސީދަލަށް ކުރިއަށް ދިޔައެވެ. ދެން ރަދުންނާއި މަނިއްޕުނު، ހުރިހާ ޢާއްމުން ވަނުން މަނާކުރެވިފައިވާ މި ޒިޔާރަތަށް ވެންނެވިއެވެ. ދެން ފާތިޙާ ވިދާޅުވުމަށް ފަހު ނުކުންނެވިއެވެ.
މިއަށް ފަހު، އަރިހު ވަޑައިގެން އެންމެންނާ އެކު ހިތިގެއަށް ވެންނެވުމުން، ދައުލަތުގެ ބޭންޑް ނުވަތަ ނާބަ ފިޔަވައި، އެހެން މީހުން ވަގުތީ ގޮތުން އެތަނުން ފޭވެއްޖެއެވެ. ރަށުން އެއްވެފައިވާ މީހުން އެތިބީ ނާބަ މީހުން މިޔުޒިކް ކުޅޭތަން ބަލަން ވެގެންނެވެ. ހިތިގޭ ކުރިމަތިން އެކަށީގެންވާ ޖާގައެއް ދޫކުރުމަށް ފަހު، އެމީހުން ނާބަ ބަލަން ތިއްބެވެ.
ނާބައިގައި ހިމެނެނީ މުޅިއެކު އެގާރަ މީހުންނެވެ. ބެރު ޖަހާ ހަތަރު މީހުންނާއި ތާޅަފިލި ފުމޭ ހަތަރު މީހުންނާއި ދުއްމާރި ފުމޭ ތިން މީހުންނެވެ. ރަދުންނާއި މަނިއްޕުޅު، ހިއްޗަށް ވަޑައިގެން ހެދުންކޮޅުގެ ބަދަލުގައި، ލުއި ހެދުންކޮޅެއް ތުރުކުރައްވައި، ހިތިގޭ ދޮރުމައްޗަށް ނާބަ ބައްލަވަން ނުކުންނެވިއެވެ. [ރަދުން ހިއްޗަށް ވަޑައިގަންނަވާ ރަސްމީ ހެދުންކޮޅުގައި ހިމެނެނީ ތުއްރަވާސް ޖެހި ހުދު ފަގުޑިކޮޅާއި ގަމީސްކޮޅާއި ހަރުވާޅު ކޮޅާއި އިސްޓާކީނުކޮޅާއި ދިއްލީ ފައިވާންކޮޅާއި (އިއްޒަތުގެ ޖޯޑު ކޮޅާއި) ކަމަރުކޮޅާއި އެތެރެއިން ތުރުކުރައްވާ ލިބާސްކޮޅާއި އުނަގަނޑު ކޮޅުގައި އައްސަވާ ސާލުކޮޅާއި އަބާކޮޅާއި ހިއްޕަވައިގެން ހުންނަވާ ކުޑަރުމާކޮޅެވެ. ރަދުންގެ ތުރުކީ ތާކިހާ ކޮޅު (ތަރުބޫޒު) ގައި ރަން ހުޅެވިހަނދެއް ޖަހައި ޖަވާހިރު ޖަހާފައި ވެއެވެ. ރަސްކަލުން ނޫން މީހުންނެއް ތުއްރަވާސްޖެހި ހުދު ތަރުބޫޒެއް ބޭނުމެއް ނުކުރެއެވެ.] ނާބައިން ކުޅޭ ތަން ވަށައިގެން، ހައެއްކަ މުޖުމަރާ ބަހައްޓައި، އަނދިރިކަން އައްޔަށް ހަދާފައި ވެއެވެ.
މިރޭ ނާބައަށް ޚާއްޞަ ބޭފުޅެއް ހަމަހިފަހައްޓާ މީހެއްގެ ގޮތުގައި އަމިއްލައަށް ބައިވެރިވެވަޑައިގެންފައި ވިއެވެ. އެއީ ދުވަސްވީ ބޮޑުންގެ ތެރެއިން އެކެއް ކަމަށްވާ ކަކާގޭ މަނިއްޕުޅެވެ. އޭނާއަކީ ރަސްމަތި ބޭފުޅެއް ކަމަށް ވިއަސް، އޭނާ ދުށީ މިރޭގެ މިކަމުގައި ބައިވެރިވުމީ ޚާއްޞަ ޝަރަފެއް ކަމަށެވެ. ބުނެވޭ ގޮތުގައި މަނިއްޕުޅަކީ ބެރުގެ ޚާއްޞަ މާހިރެކެވެ. އޭނާ ބެރުޖެހިލެއް މޮޅުކަމުން، އެއީ ތެދެއް ކަމަށް އަހުރެންނަށް ފެނުނެވެ. [ކަކާގޭ މަނިއްޕުޅަކީ ވެޔޮގޭ މަނިއްޕުޅުގެ ފަރާތުން، 1799 އިން ފެށިގެން 1835 އަށް ރަސްކަން ކުރެއްވި އައްސުލްޠާނު މުޙައްމަދު މުޢީނުއްދީނު I ގެ މުނި ދަރިކަލެކެވެ.]
ބެރުތަކާ މެދު ބުނެވޭނީ އެ ޖެހީ ބަރާބަރު ތާލަށް ކަމަށެވެ. އޮމާން ކަމާއެކު އަތް ކުއްލިއަކަށް ހުއްޓި އެކި ރާގު ނެރެއެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ މި މީހުންގެ މިޔުޒިކަށް ނުހޭނި ހުރި އަހުރެންގެ ދެ ކަންފަތަށް ދުންމާރިއާއި ތާޅަފިލި އިވުނީ އެންމެ ހުތުރު ހަމައެއް ނަމައެއް ނެތް ގޮތަކަށެވެ.
މުޅި މި ކޮންސަރޓް ގެ ދިގުމިނަކަށް ވާނީ 15 މިނެއްޓާއި 20 މިނެއްޓުގެ ދެމެދެވެ. އަހުރެންނަށް އިވުނު ގޮތުގައި، ކުޅުނު އެންމެ ފުރަތަމަ މިޔުޒިކުން ފެށިގެން ފަހު މިޔުޒިކާ ހަމައަށް ރާގުގައި ތަފާތެއް ނެތެވެ. ޝައްކެތް ނެތެވެ. މިއީ ޔޫރަޕުގެ މީހަކަށް އިރުމަތީގެ މިޔުޒިކް ނޭނގުމުން ހީވާ ހީވުމެކެވެ. ނާބަ ނިމުމުން، ރަދުންނާއި މަނިއްޕުޅު ހިތިގެތެރެއަށް ވެންނެވިއެވެ.
ރަދުންގެ ހެޔޮފުޅުކަމުން، ރަދުންނާ ބައްދަލުކުރުމަށް އަހުރެންނަށް ފުރުޞަތު ލިބުނެވެ. އަހުރެން ހިތިގެއަށް ވަނުމުން، ރަދުންނާއި މަނިއްޕުޅު އަހުރެންނާ އިސްތިޤްބާލުކުރެއްވީ ކޮޅަށް ހުންނަވައެވެ. ހާލުއަހުވާލު އެއްސެވުމަށް ފަހު، 1922 ވަނަ އަހަރުގެ ސިލޯނުން ރާއްޖެއައިސް ބިންކޮނެގެން ތަކެތި ނެގުމުގެ ދަތުރާ އެދަތުރުން ލިބުނު ތަކެއްޗާ މެދު ސުވާލުކުރެއްވިއެވެ. އަދި، ދަރުމަވެރިކަމާ އެކު، މާލޭގައި ތިބުމަށާއި، ދެކުނު އަތޮޅުތަކަށް ކުރާ ދަތުރުގައި، ދީލަތިކަމާއެކު އެހީތެރިވެދެއްވާނޭ ކަމަށް ވިދާޅުވިއެވެ.
މިއަށް ފަހު، ދެން އޮތީ ހަވާ އެރުވުމެވެ. އެއީ މި ފެސްޓިވަލް ނިމުމެވެ. މިއީ އެތައް ފަހަރަކު މިކަން ފެނިފައިވާ ރެސްއަށް މެދު ފެންވަރުގެ ކަމެކެވެ. ނަޞީބަކުން ވާރެއެއް ނުވެހެއެވެ. ނަމަވެސް ވިލާތަކުން ހަނދު ފޮރުވިފައި ވިއެވެ.
މިގޮތުގެ މަތީން ހިތި ނިމިއްޖެއެވެ. މިއީ ރަށުގެ އަހުލުވެރީންގެ ދިރިއުޅުމަށް އައި ”ބަރާބަރު“ ދުވަހެއްގެ ނިމުމެވެ. މާބޮޑު ތަހުޒީބުކަމެއް ނެތް މި މީހުންނަކީ، އަބަދުވެސް މަޑުމައިތިރި، އަދި ފެންނަ ހުރިހާ ކަމެއްގައި، އެމީހުންގެ ދިރިއުޅުމާ މެދު ހިތްހަމަޖެހިގެން އުޅޭ ބައެކެވެ. ވަށައިގެން ކަނޑު އޮންނަ މަޖާކަން މަދު މި ބައިމީހުންގެ ދިރިއުޅުމަށް އާ ދިރުމެއް އަންނަނީ މިފަދަ ދޭސީ އިޙްތިފާލަކުންނެވެ. އެއީ ވެސް މަދު ފަހަރަކުއެވެ.
— — —
Very informative