ރަށްފުށުގެ ތަނަވަސްކަމަށް

ފަތްކެޔޮ ހައްދާނޭ ގޮތް

އެންމެ ގިނައިން ދުނިޔޭގައި ހައްދާ މޭވާއަކީ ޓޮމާޓޯ ނުވަތަ ވިލާތު ބައްޓެވެ. ގިނަ މީހުން ހީކުރާ ގޮތާ ޚިލާފަށް ޓޮމާޓޯއަކީ މޭވާއެކެވެ. ދެވަނައަށް އެންެމެ ގިނައިން ހައްދާ މޭވާއަކީ ދޮންކޭލެވެ. މިއީ ވަކި މޫސުމެއް ނެތި ހުރިހާ އިރެއްގައި ވެސް ރަނގަޅު އަގެއް ލިބޭ މީރު މޭވާއެކެވެ. މި މަޒުމޫނުގައި ބަޔާންކުރާނީ ދޮންކެޔޮ ނުވަތަ ފަތްކެޔޮ ހައްދާނޭ ގޮތެވެ.

އަޅުގަނޑު އެންެމެ ފުރަތަމަ ޤަޞްދުކުރީ ރާއްޖޭގެ ދަނޑުވެރިއެއްގެ ދުލުން މި ވާހަކަތައް ކިޔައިދޭށެވެ. ހައްދުންމަތީގައި އުޅޭ ރައްޓެއްސަކު، އެތަނުގައި މީހަކު ހައްދާ މާ ބޮޑު ދޮންކެޔޮ ދަނޑެއް ފެނި އާސޯޚުވެގެން، ބުނުމުން އެ ދަނޑު ހައްދާ މީހާ،  އެކަން ކުރާގޮތް ކިޔައިދެވިދާނޭ ކަމަށް ބުނުމުން އޭނާގެ އަޑުން އެކަން ގެނެސްދިނުމަށެވެ. ނަމަވެސް، އޭގެ ކުރިން، ދޮންކެޔޮ ހެއްދުމާ ބެހޭ މަޢުލޫމާތު، މަޒުމޫނު ލިޔުމަށް އަޅުގަނޑު ކިޔަމުންދާތާ އެއް މަސް ދުވަސް ވެއްޖެއެވެ. މި ދިރާސާގައި ބެލި ތަކެތީގެ ތެރޭގައި ފަތްކެޔޮ ހެއްދުމުގެ ސައިންސްގެ ލިޔުންތަކާއި ވީޑިއޯ ތަކާއި ދިރާސީ ރިޕޯޓްތައް ހިމެނެއެވެ. މި ގެނެސްދެނީ އެ ދިރާސާއިން ލިބުނު މަޢުލޫމާތުގެ ޚުލާޞާއެކެވެ.

ފަތްކޭލުގެ ބާވަތްތައް


ފަތްކޭލުގެ 1000 ވަރަކަށް ވައްތަރު ހުންނަ ކަމަށް ބުނެވެއެވެ. ރާއްޖޭގައި ހައްދަނީ ޢާއްމުކޮށް ހަތް ވައްތަރެވެ. ރާއްޖޭގައި ހެދޭ ތަފާތު ވައްތަރުތަކުގެ ތެރޭގައި ބޮންތިރަތްކޭލާއި މާޅޮސްކޭލާއި ފުސްކޭލާއި ބޮޑުކޭލާއި ކަދިލިކޭލާއި އޮށިކޭލާއި އާނަމާލަކޭލާއި ސަންޕާކޭލާއި ސަންޕާގޮށްކޭލާއި ފުސްމާޅޮސްކެޔޮ ހިމެނެއެވެ. ސްރީ ލަންކާގައި 29 ވައްތަރުގެ ކެޔޮ ހައްދާކަމަށް ބުނެއެވެ. ކޭލުގެ ވައްތަރުތަކުގެ ތެރޭގައި ތަފާތުކުލައިގެ ކޭލާއި ބޮޑުކުޑަމިން ވަރަށް ފަރަގު ކެޔޮ ހިމެނެއެވެ. އަދި، ތިރީގައި ހެދޭ ކޭލާއި ވަރަށް  ގަސް ބޮޑެތި ކެޔޮ ހިމެނެއެވެ. ތިރީގައި އެވަނީ ބައެއް ނާދިރު ވައްތަރުގެ ކޭލެވެ.

 

އެކި ކުލަކުލައިގެ ދޮންކެޔޮ ހުރެއެވެ. މަތީގައި އެވަނީ ޢާއްމު ނޫން ހަތަރު ވައްތަރެވެ. މީގެ ތެރޭގައި ސްރީ ލަންކާގައި ޢާއްމުކޮށް ވިއްކާ މުށިކުލައިގެ ދޮންކޭލެއް ނެތެވެ.

މަދުން ހައްދާ ފަތްކޭލުގެ ތެރޭގައި ހާސްވަށް ކޭލާއި، ސީޓުކޭލާއި އަރިއެއްކޮށް ހުންނަ ވައްތަރު ހިމެނެއެވެ.

ދޮންކެޔޮވަކެއްގެ ޢާއްމު ދިގުމިނުގައި ހުންނަނީ ހައެއްކަ އިންޗިއެވެ. މަތީގައި އެވަނީ މާދޮންކޭލެވެ. ދިގުމިނަކީ 14 އިންޗިއެވެ.

ފަތްކެޔޮ ހެއްދުމަށް ވިސްނާ މީހުން ޚިޔާރުކުރަން ވާނީ އެންމެ ގިނައިން ބޮޑު އަގުގައި ވިއްކޭ، ފަސޭހައިން ހެއްދޭ ކޭލެކެވެ. ދުނިޔޭގައި އެންމެ ގިނައިން ވިޔަފާރީގެ ގޮތުގައި ބޭނުންކުރަނީ ކެވެންޑިޝް ކޭލެވެ. މިއީ އެފްރިކާއިން ޢާއްމުވި ކޭލެކެވެ. ރާއްޖޭގައި މިބާވަތުގެ ކެޔޮ ހެއްދޭތޯ ބަލާފައިވާ ކަމެއް ނޭނގެއެވެ.

ބުނެވޭގޮތުގައި ކެވެންޑިޝް ކޭލުގެ ވިޔަފާރި ހުއްޓިދާނޭ ކަމަށް ބުނެވެއެވެ. އެއީ އެ ގަހަށް ޖެހޭ ޚާއްޞަ ބައްޔެއް ފެތުރެން ފަށާފައިވާތީއެވެ. ކެވެންޑިޝް ކެޔޮ ޢާއްމު ވުމުގެ ކުރިން ދުނިޔޭގައި އެންމެ ގިނައިން ހައްދާ އުޅުނީ އެހެން ބާވަތެއްގެ ކެވެންޑިޝް ކޭލަށް ވުރެ މީރު ކޭލެކެވެ. އެ ކޭލަށް ޖެހުނު ބައްޔެއްގެ ސަބަބުން ހުރިހާ ދަނޑުތަކެއް ހަލާކުވީއެވެ. ކެވެންޑިޝްއަށް ވެސް މިހެން ވުމުގެ ފުރުޞަތު ބޮޑެވެ. އެއް ބާވަތެއްގެ ކޭލެއް ދަނޑުގައި ހެއްދުމަކީ، ޖެހޭ ބައްޔެއްގެ ސަބަބުން ބަގުރޫޓުވެދާނޭ ކަމަކެވެ.

މާލޭގައި މިހާރު ކޮންމެވެސް ވަރަކަށް، ދިރޭ ގަހުގެ ވިޔަފާރި ހިނގައެވެ. މި ކަމުގައި ބޮޑަށް ޙަރަކާތްތެރިވެ އުޅެނީ ކާށިދޫ މީހުންނެވެ. ފަތްކޭލުގެ ބަގީޗާގެ ގޮތުގައި ހައްދާ ގަސް ހުރެއެވެ. ތިރީގައި ހުއްޓައި ކެޔޮ އަޅާ ކުދި ގަހާއި ފަތްތައް އެކި ކުލަކުލައިގައި ހުންނަ ގަހާއި ޚާއްޞަ ސިފަސިފައަށް ހެދޭ ގަހެވެ. ފެންގަހަކީ ވަރަށް ކުރީއްސުރެ ރާއްޖޭގައި ހައްދާ ގިނަދުވަސްވަންދެން ހެދޭ ކެޔޮގަހާ ވައްތަރު ގަހެކެވެ. މި ބާވަތް ބާވަތުގެ ގަސްތައް ކޮންމެވެސް ވަރަކަށް ރާއްޖޭގައި ވިއްކޭނެއެވެ. ނަމަވެސް، ކެއުމަށް ބޭނުންކުރާ ގަސް ހެއްދުމުގެ ފައިދާ ދެމެހެއްޓެނިވި ގޮތަކަށް ބޮޑުވާނެއެވެ.

ފަތްކޭލުގެ ޅަ ގަސް ހޯދުމާއި ހެއްދުން


ފަތްކެޔޮ ހައްދާ މީހުން، ތިން ގޮތަކަށް ޅަ ގަސް ހައްދައެވެ. އެއްގޮތަކީ، ދޮންކޭލުގެ އޮށުން ގަސް ފެޅުވުމެވެ. ރާއްޖޭގައި ގެންގުޅޭ ޢާއްމު ކެޔޮތަކުގައި އޮށް ފާހަގަ ކުރެވޭ ވަރަށް ބޮޑު ނޫނަސް،  ކިތަންމެ ބާވަތެއްގެ ދޮންކޭލުގައި އޮށް ހުރެއެވެ.   ގިނަ ދޮންކޭލުގައި އޮށް ހުންނަނީ ދޮންކެޔޮވަކުގެ މެދުގައެވެ. ބައެއް މާޅޮސް ކޭލުން އޮށްތައް ފާހަގަކުރެވެއެވެ. އޮށް ހުންނަ ދޮންކޭލުން އޮށްތައް ނަގައިގެން ގަސް ހެއްދޭނެއެވެ. މިއީ ގިނަ ދަނޑުވެރިން ކުރާކަމެއް ނޫނެވެ.

މިޒަމާނުގައި އެންމެ ގިނަ ދަނޑުވެރިން ފަތްކެޔޮ ހައްދާ ގޮތަކީ، ގަހުގެ ފަތުން ކެމިކަލްތަކެއް އަޅައިގެން ކުދި ގަސް އުފައްދައިގެންނެވެ. މިގޮތަށް ގަސް ހެއްދުމަށް ކިޔަނީ ޓިޝޫ ކަލްޗަރ އެވެ. މިއީ އަވަށްޓެރި ސްރީ ލަންކާގައި ވެސް މިކަން ކުރާ ގޮތެވެ. މައިގަނޑު ފައިދާ އަކީ، ކުދި ގަސްތަކުގައި އެއްވެސް ބައްޔެއް ނެތްކަން ޔަޤީން ވުމެވެ. ހުރިހާ ގަހެއް ދޮޅަހި ވެފައި ބަލިތަކުން ސަލާމަތްވެގެން ވާނެއެވެ. ސްރީ ލަންކާގައި ކުދި ގަސް މިގޮތަށް ހައްދައި ދެތިން އިންޗިއަށް ހެދުމުން ދަނޑުވެރިންނަށް ވިއްކަނީ ސަރުކާރުގެ ފަރާތުންނެވެ. ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ވެރިންގެ ފަރާތުގައި ކުލުނެއް ނެތުމުން، މިކަން ރާއްޖޭގައި ކުރެވޭނީ މީގެ އެތައް ދަސް އަހަރެއްގެ ފަހުން ކަމަށް ލަފާކުރެވެއެވެ. ތިރީގައި އެވަނީ ޓިޝޫ ކަލްޗަރ ކުދި ގަސް ހައްދާ ފެހިގެއެވެ.

ރާއްޖޭގެ ގިނަ ދަނޑުވެރިން ފަތްކެޔޮ ހައްދަނީ ގަހުގެ ބުޑުން ފަޅާ ކުރިންނެވެ. ނުވަތަ ނިރުންނެވެ. ތަޖުރިބާ ގެ ފަރާތުން އެނގެނީ ދެ ބާވަތެއްގެ ނިރު ހުންނަ ކަމެވެ. ގަސް ހެދުމާއި އަޅާ ކެޔޮގަނޑުގެ ސައިޒު، މި ދެބާވަތުގައި ވަރަށް ތަފާތުވާނެއެވެ. އެއް ބާވަތުގެ ނިރަށް ކިޔަނީ ފެންނިރެވެ. މި ބާވަތުގެ ނިރުގައި ފަތްތައް ހުންނާނީ ފޮޅިފައެވެ. އަނެއް ބާވަތަށް ކިޔަނީ ކަނޑިނިރެވެ. މިބާވަތުގެ ނިރުގެ ފަތްތައް ހުންނާނީ ނުފޮޅި ސީދަލަށެވެ. ކަނޑިއެއް ހެނެވެ. ކުރިހުންނާނީ ދޯރިއެއްހެން ބުޑު ވަށްކޮށް ފަލަކޮށް ކުރީކޮޅު ހިމަކޮށް ވަށަމިން އެއްވަރަށެވެ. ފެން ނިރު އުފެދެނީގަހުގެ އަރިމަތިންނެވެ. ކަނޑިނިރު އުފެދެނީ އެއަށް ވުރެ ފުނުންނެވެ. ބަލައިލާ ބެލުމަށް، ފެން ނިރުތައް ރަނގަޅަށް ހެދޭނެހެން ހީވިއަސް، މިއީ ކުށް ހީއެކެވެ. ދެ ބާވަތުގެ ނިރު ނަގާ ބެލުމުން ފާހަގަކުރެވޭނެ ކަމަކީ، ފެންނިރުގައި ރަނގަޅަށް މޫތައް ފަޅާފައި ނުވާކަމެވެ. ކަނޑި ނިރު ހެދޭލެއް އަވަސްވެފައި، އަޅާ ކެޔޮގަނޑު ބޮޑުވާނެއެވެ.

މަތީގައިވާ ފޮޓޯއިން ފާހަގަ ކުރެވޭ ފަދައިން، ފެންނިރުގެ ބުޑުގައި ގިނަ މޫތަކެއް ނުހުރެއެވެ. މިބާވަތުގެ ނިރުން ފަޅާ ގަސް ފޯދެނީ ގިނަ ދުވަހުންނެވެ. އަދި އަޅާ ކެޔޮގަނޑު ކުޑަވާނެއެވެ.

ނިރު ނަގަންވާނީ ބައްޔެއް ނުޖެހި ދޮޅަހިކޮށް ހެދޭ ގަހަކުންނެވެ. ނިރު އެންމެ ލުއިވެގެން އެއް ކިލޯ އަށް ވުރެ ބަރުވާން ޖެހޭނެއެވެ. ހެޔޮވަރުގެ ވަރަކަށް ނިރެއް ހެދޭނީ ތިން މަސް ނުވަތަ ހަތަރު މަހުންނެވެ.

ނިރުނެގުމަށް ފަހު، މަންމަ ގަހުން ވަކިކޮށްލި ތަނަކީ ފަސޭހައިން ބަލިޖެހުމަށް ހުޅުވިފައިވާނޭ މަގެކެވެ. މިއާއެކު ނިރުން ފަޅާފައިވާ މޫތަކުގައި ވެސް އެކި ބާވަތުގެ ބަލިތަކުގެ ފަނި އުޅޭނެއެވެ. އެހެންކަމުން، އެހުރުން ބުނަނީ ނިރުގައި ހުރި މޫތައް ކޮށާލައި، ފަނިމަރާ ބޭހެއް އެޅި ފެނުން ނިރު ދޮވުމަށެވެ. ބޭހުން ދޮވުމަށް ފަހު، ނިރު އިންދަންވާނީ ހިޔަލުގައި ހިއްކާފައެވެ.

ނިރުތައް އިންދާނޭ ދުރުމިނާއި ފުންމިން

ފަތްކެޔޮ ދަނޑެއްގައި ނިރު ހައްދަނީ ޢާއްމުކޮށް، ތުތިމަސްވާގޮތަށް ކޮންމެ ދެ ގަހެއް ދެމެދުގައި 6 ފޫޓު ހުންނަ ވަރަށެވެ. އެއީ ގާތްގަޑަކަށް ދެ މީޓަރެވެ. މިއަށް ވުރެ ގާތުގައި ގަސް ހައްދާނަމަ، ގަހަށް ރަނގަޅަށް ކާން އަޅަން ޖެހޭނެއެވެ. އެންމެ ގާތްކޮށް ގަސް ހައްދަނީ ހަތަރު ފޫޓު ދެގަހުގެ ދެމެދުގައި ހުންނަ ވަރަށެވެ. ގަސްތަކަށް އަޅާލުންތެރިކަން ދިނުމަށް ފަސޭހައަކަށް މީހުން މިހާރަކަށް އައިސް ގަސް ހައްދަނީ ކަތިކޮށް ދެ ބަރިއެއް ޖެހުމަށް ފަހު 7 ފޫޓު ނުވަތަ 8 ފޫޓު ފުޅާ މަގެއް ދެގަހުގެ ބަރިއެއްގެ ދެމެދުގައި ހުންނަ ގޮތަށެވެ. ތިރީގައިވާ ކުރެހުމުން ދެގޮތް ވެސް ސާފުވާނެއެވެ.

ނިރުތައް އިންދާނޭ ގޮތް

ނިރު އިންދަން ވަޅުކޮންނާނީ ފުންމިނުގައި އެންމެ ގިނަވެގެން 18 އިންޗި ހުންނަ ވަރަށެވެ. ހުރަހަށް 18 އިންޗި ހުރުމުން ފުދޭނެއެވެ. ގަސް އިންދުމުގެ ކުރީގައި އެހުރުން ވަޅުގަނޑަށް ފަނިމަރާ ބޭސް އަޅައެވެ.

ބައެއް ދިވެހީން ފެނާ ޖެހެންދެން ވަޅު ކޮނެއެވެ. މިކަމަކީ އެއްވެސް ގޮތަކަށް އެދެވޭ ކަމެއް ނޫނެވެ. ފެނުގައި މޫތައް ހުރުމުން، ގަހަށް ބަލިތައް ޖެހުން ގިނަވާނެއެވެ. ގަހަށް އަޅާ ކާނާ ފެނަށް ގިރުމުގެ ސަބަބުން ގެއްލޭނެއެވެ. މޫތައް ގެނބުމުގެ ސަބަބުން ގަސް ނޭވާލުމަށް ބޭނުންވާ އޮކްސިޖަން ނުލިބޭނެއެވެ.

ބައެއް ދަނޑުވެރިން، މިސާލަކަށް މަތީގައިވާ ފޮޓޯގައި އެ ފެންނަ ފަދައިން، ގަސް އިންދަނީ ކުޑަކޮށް އުސްކޮށް ހުންނަ ވެލިގަނޑެއްގައެވެ. މިކަމުގެ ފައިދާ އަކީ ބުޑުގައި ފެން ހަރުލުމުގެ ފުރުޞަތު ކުޑަކުރުމެވެ.

ފަތްކެޔޮ ގަސްތަކަށް ފެންދިނުން


ގަސްގަހާގެހީގެ ތެރޭގައި ހުންނަ ގަހުގެ މައިގޮފި ނުވަތަ ގަސްކަނދު މަޑުކޮށް ހުންނަ ގަހަށް ކިޔަނީ އިނގިރޭސިބަހުން ހާރބް އެވެ. މިސާލެއްގެ ގޮތުން، ކުދީނާ އަކީ ހާރބް އެކެވެ. ކަދޮނޅަކީ ވެސް ހާރބް އެކެވެ. ދުނިޔޭގައިވާ އެންމެ ބޮޑު ހާރބް އަކީ ފަތްކޭލެވެ. ހުރިހާ ހާރބް ގަހެއް ކޮޅަށް ހުންނަނީ ފެނުގެ ބާރުގައެވެ. ފަތްކޭލުގެ ދަޅިތަކުގައި ފެން ގަދަ ފިއްތުމަކާ އެކު ހަރުލުމުން ދަޅިތައް ހަރުވަނީއެވެ. ފަތްކޭލަށް ފެން ނުލިބޭނަމަ، އިސާހިތަކު ގަސް ލެނބިގެން ވެއްޓޭނެއެވެ.

ފޮތްތަކުގައި ލިޔެފައި ހުންނަ ގޮތުން، ފޯދޭވަރުގެ ފަތްކެޔޮ ގަހަކަށް ދުވާލަކު 36 ލީޓަރު ފެން ބޭނުން ވެއެވެ. މިއީ ތެޔޮ ހުސްކުރި ރީނދޫ ބޮޑު  ދެ ހަމުގެ ފެނެވެ. ގަސްތަކަށް ހުރިހާ ފެނެއްވެސް ލިބެނީ މޫތައް މެދުވެރިކޮށް ބިމުންނެވެ. ބިމުގައިވާ ފެން 4 ފޫޓަށް ވުރެ ފުން ނަމަ، އަދި ވާރޭ ނުވެހޭނަމަ، ގަސްތަކަށް ޢާއްމުކޮށް ފެން ދޭން ޖެހޭނެއެވެ. ބައެއް މީހުން ބުނާގޮތުން ބިމުގެ އަޑީގެ ދެ އިންޗި ފުންމިން ހިކި ނަމަ، ފެންދޭން ޖެހޭނެއެވެ. ފަތްކެޔޮ ހެއްދުން ރަނގަޅުވާނީ، ފެން ފާގަތި ތަންތާނގައެވެ. ފެން ތަދުނަމަ، ރަނގަޅުވާނީ އިރުވައި މޫސުމުގައި ފަތްކެޔޮ ނުހެއްދުމެވެ.

ބައެއް މީހުން ކެޔޮ ދަނޑަށް ފެންދެނީ، ގަސްބުޑަށް ހޮޅިއަޅައި ތާނގީއަކާ ގުޅައި ތާނގި ފުރައިގެންނެވެ. މިގޮތުން އިސްރާފުވާ ފެން ޑަބަލް މަދުވާނެއެވެ.

ފަތްކޭލު ދަނޑަށް ކާދު އެޅުމާއި ކާދު ބޭނުންވާ ވަރު މަދުކުރުން


ހުރިހާ ގަހަކަށް ވެސް ކާދު ނުވަތަ ގަސްކާނާ ބޭނުންވެއެވެ. ސަބަބަކީ ދިވެހި ވެލީގައި ގަހަށް ބޭނުންވާ ކަނާދު (ނިއުޓްރިއަންޓްސް) ބޭނުންވާ މިންވަރަށް ނުހިމެނޭ ކަމެވެ. ގަސް ހެދެމުން ދާއިރު، ބިންގަނޑުން ކަނާދު މަދުވަމުން ދާނެއެވެ. އެހެންކަމުން ބިންގަނޑަށް ކާދު އެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. ކަނާދާއި ކަނާދުގެ ބާވަތްތަކުގެ ވާހަކަ މި ލިންކުން ދެވޭ މަޒުމޫނުގައި ވެއެވެ.

ގިނަ ކާދުގައި ތިން ނަންބަރެއް ޖަހާފައި ވާނެއެވެ. އެއީ އޭގައި ހުންނަ ތިން މާއްދާއެއް ކަމުގައިވާ ނައިޓްރޯޖަން އާއި ފޮސްފޮރަސް އާއި ޕޮޓޭސިއަމް ހުންނަ މިންވަރެވެ. ގަސް ހެދެމުންދާ އިރު ފުރަތަމަ ނަންބަރު މަތީ ކާދު އެޅުން މުހިއްމު ވާނެއެވެ. ދޮންކެޔޮގަނޑު ގަތުމުން އަޅާ ކާދުގެ އެންމެ މަތިވާންވާނީ ފަހު ނަންބަރުއެވެ. މިއީ ކީއްވެގެންކަން ކުރިން ހަވާލާދެވުނު މަޒުމޫނުގައި ވެއެވެ. ވަކި މާއްދާތައް މަދުވުމުން ފެންނަ އެކަމުގެ ޢަލާމާތްތައް މި ލިންކްގައި ވެއެވެ.

ކަނާދު އަޅާނީ ގަހުގެ ދެ ފޫޓު ދުރުގައި ދެ އިންޗި އަޑީގައެވެ. ފުރަތަމަ ފަހަރު ކާދު އަޅާނީ ދެ މަހުގައެވެ. ދެން ހަތަރު މަހުގައެވެ. ކާދުގެ ބާވަތުން އަޅާ މިންވަރާއި މުއްދަތު ތަފާތު ވާނެއެވެ. ހަފުތާއަކު އެއް ފަހަރު ވެސް އަޅަންޖެހޭ ކާދު ހުރެއެވެ.

ގަސް ހެދެމުންދާއިރު، ޢާއްމުކޮށް ގަހުގައި ހުންނާނީ 10 ނުވަތަ 12 ފަތެވެ. ތިރީފަތްތައް ވީދުމުން، އެ ފަތް ކަނޑާލުމުން ކާދު ބޭނުންވާ ނިސްބަތް މަދުވާނެއެވެ. މިކަން ކުރަން ބައެއް މީހުން ގެންގުޅެނީ ދަނޑިއެއްގައި ހަރުކޮށްފައި އޮންނަ ބަޅުވަޅިއެކެވެ. ފަތްޖަހަނީ ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިންނެވެ. ފަތްޖެހުމުން ތިރިއަށް ފައިބާ ފަތްތަކާއި ހިކިފަތްތައް ދަނޑުން ނުހޮވައި ދަނޑުގައި ބެހެއްޓުމުން އެ ފީވެ، ގަސްކާނާއަށް ބަދަލުވެއެވެ. ދަނޑަކުން ގަހުގެ އެއްވެސް ބައެއް އެއްލާނުލައި ދަނޑުގައި ބެހެއްޓުމަކީ، އެ ކާދަށްވާނޭ ކަމެކެވެ. ބޭނުންކުރަންޖެހޭ ތައްޔާރީ ކާދު މަދުވާނޭ ކަމެކެވެ.

ގަހަށް އަޅާ ކާދު މަދުކުރެވޭނެ ދެވަނަ ގޮތަކީ، ގަހުގެ ބުޑުން ފަޅާ ނިރުތައް ކުޑަކޮށް ހުއްޓައި ބުރިކޮށްލުމެވެ. މިކަން ކުރަން ގެންގުޅެނީ ފާންތިލަ ފަދައިން ކުރި ބުރިކޮށް ތޫނުކޮށްފައި ހުންނަ ވަޅިއެކެވެ. ނިރުތައް ހެދޭނަމަ، އެ ހެދުމަށް ކާނާ ބޭނުންވާތީ، މަންމަ ގަސް ހެދުމަށް ބޭނުންވާ ކާނާ މަދުވާނެއެވެ. އެހެންކަމުން، ދެވަނަ މޫސުމެއްގައި ހައްދާނޭ އެންމެ ކަނޑިނިރެއް ފިޔަވައި އެހެން ނިރުތައް ބުޑުން ބުރިކޮށްލުން ވަރަށް މުހިއްމެވެ. ތިރީގައިވާ ފޮޓޯއިން ފެންނަނީ އެކަން ކުރާ ގޮތެވެ. އެހުރުން ނިރު ފަޅައި ހެދިޔަ ދެނީ ކެޔޮގަނޑު ދައްކާލުމަށް ފަހު އެވެ.

ގަހުން ކެޔޮގަނޑު ކަޑާލުމަށް ފަހު ގަސްގަނޑުވެސް ކޮށާލާފައި ދަނޑަށް ދޫކޮށްލުމަކީ އެ ކާދަށް ވާނޭކަމެކެވެ.

ކެޔޮ އެޅުމުން އަދި ބައެއް ފަހަރު އޭގެ ކުރިން ވެސް، ފަތްކެޔޮ ގަސް ވެއްޓުނަ ނުދީ ކޮޅަށް ބެހެއްޓުމަށް ކައްތިރިއާއި އެހެނިހެން ގޮތް ބޭނުން ކުރަންޖެހެއެވެ. ބައެއް ދަނޑުތަކުގައި، ގަސް ވެއްޓުނަ ނުދީ ހިފެހެއްޓުމަށް ނިޒާމެއް ހަރުކޮށްފައި ހުރެއެވެ. އެންމެ ފަސޭހަ ގޮތަކީ ފޮޓޯއިން ފެންނަ ފަދަ ދެކަފި ކައްތިރިއެއް ޖެއްސުމެވެ.

ކެޔޮގަނޑު އެޅުމުން ކުރަންޖެހޭ ކަންތައްތައް


ގަހުން ކެޔޮގަނޑު ދައްކާލުމަށް ފަހު، ކެޔޮގަނޑު ދޮންވަނީ 12 ނުވަތަ 13 ހަފުތާގެ ފަހުންނެވެ. މި ދުވަސްވަރު، ކެޔޮގަނޑު ބޮޑުކުރުމަށްޓަކައި ޚާއްޞަ ކަންތައްތަކެއް ކުރަން ޖެހެއެވެ. މިގޮތުން ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން، އެންމެ މުހިއްމު އެއްކަމަކީ ގަހަށް ކާނާ ދިނުމުގައި ކުރިން ބަޔާން ކުރެވުނު ފަދައިން ޕޮޓޭސިއަމް ގިނަ ކާނާ ދިނުމެވެ. ކާނާ ޕެކެޓްގައި ލިޔެފައި ހުންނަ ތިން ނަންބަރުގެ ތެރެއިން ފޮޓޭސިއަމް ގިނަ ކާނާ ނަމަ، އެންމެ ކަނާތް ފަރާތު ޢަދަދު ބޮޑުވާނެއެވެ.

ކާނާ އަށް ގެނައި ބަދަލުގެ އިތުރަށް ދެވަނަ އަށް އެންމެ މުހިއްމު ކަމަކީ، ދަޅިގަނޑުގައި އެކަށީގެންވާ ވަރަށް އަރިތައް ޖެހުމަށް ފަހު، ވަށްތަކަށް ކުރަންޖެހޭ ކަންތައްތަކެވެ.  ބޭރު ޤައުމުތަކުގައި، ވަށްތައް ޖެހުމުން، ވަކުގެ ފުލުގައިވާ މައު އުފުރާލައެވެ.  މިކަމުގެ ބޭނުމެއް ކަމަށް އެހުރުން ބުނަނީ، ވަށް އުފެދުމަށް ފަހު، މަލުގެ ބޭނުން ނެތުމާއި އެ އިނުމުގެ ސަބަބުން، ވަކަށް ލިބެންޖެހޭ ކަނާދުން ބައެއް މަލަށް ދަމައިގަންނަ ކަމެވެ. ކެވެންޑިޝް ކިޔާ ބޭރުން ގެންނަ ދޮންކެޔޮ ބާވަތުގެ ގަހުގައި، މިގޮތަށް މައު ކަނޑާލުމުން އޭގެ ބުޑުން ނުކުންނަ ކިރެއް ތިރީ ވަށްތަކަށް އެޅި ތޮށިގަނޑުގައި ލަށް ޖަހާފާނެތީ، އަދި ފަނިފަކުސައިން ރައްކާތެރިކުރުމަށް ކޮންމެ އަރިއަކަށް ޕްލާސްޓިކް އުރައެއް ލައްވައެވެ.  ހަމަ ކޮންމެ އަރިއަކަށެވެ. ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިންނެވެ.  ދޮންކެޔޮ ހާސް ޓަނުން ހައްދާ ދަނޑުވެރިން، އެންމެ އަރިއަކަށް ލުމުގެ ބަދަލުގައި، ޕްލާސްޓިކް އުރައެއް ލައްވަނީ ކޮންމެ ގަނޑަކަށެވެ. މި އުރަ ހަދާފައިވާ ޕްލާސްޓިކްގެ ބާވަތުން އުރައަށް ވައި ވަދެ ނުކުމެއެވެ.

ގަހަށް ބަލިޖެހޭނަމަ، އޯބަތް ނުވަތަ ކާސިންޖީ ނުވަތަ ހިތިތެޔޮ ފެނަށް ގިރުވައި ފޮޅެމުންދާ ފަތްތަކަށް ޖަހައެވެ. ދެ ގަސް ދެމެދުގައި، ބޮޑުކެކުރި (ކަންބާ)، ފިޔާ، ތޮޅި، ސަނދުބަރަކަ ފަދަ ބައެއް ކަހަލަ ގަސް އިންދުމުން ބަލިތައް ދުރުވެ އިތުުުރު ފައިދާ ލިބޭކަމަށް ބުނެއެވެ.

ރާއްޖޭގައި ފަތްކެޔޮ ހައްދާ މީހުން ނުކުރާ ކަމެއް ބޭރު ޤައުމުތަކުގެ މީހުން ކުރެއެވެ. ރާއްޖޭގެ މީހުން ހަދާގޮތަކީ، ބޯށި ފޮޅި ވަރަށް ކުދި ކެޔޮ އަންނަންދެން ގަހުގައި ބޯށި ބައިންދަނީއެވެ. ބޭރު މީހުން ހަދާ ގޮތަކީ، ވަކި ޢަދަދަކަށް ވައް ޖެހުމުން، ދެން ކުރިއަށް ޖަހާ ދެ އަރިން ކޮންމެ އަރިއެއްގައި އެއް ވައް ބައިންދައި ހުރިހާ ވަކެއް މި ދެ އަރިން ކަނޑާލަނީއެވެ. އަދި މިއާއެކު ބޯށިވެސް ކަނޑާލައެވެ. މިކަން ކުރާ ސަބަބަކީ، ގަހުގައި ކުދި ވައްތައް ގިނައިން ހުރުމުން، ބުޑުގައި ހުރި ވައް އެހާ ބޮޑު ނުވާތީއެވެ. އެ ވައްތައް ބޮޑުވުމަށް ބޭނުންވާ ކާނާ އިން ބައެއް އަގެއް ނުލިބޭނޭ ކުދި ވައްތައް ހަރުވުމަށް ބޭނުން ކުރާނެއެވެ. ކުރީ ދެއަރީގައި ދެ ވައް ބައިންދާ ސަބަބަކީ ދަޅިގަނޑުގެ ކުރީގައި ދިރުން ބަހައްޓަން ވެގެންނެވެ. އެއިރުން ގަހަށް ބަލިޖެހުން ކުޑަވާނެއެވެ. ބޯށި އަވަހަށް ކަނޑާލާ ސަބަބަކީ ބޯއްޓަށް ވެސް ކާނާ ނަގާނެތީއެވެ.ކުރީގެ ދެ އަރީގައި ބައިންދާ ވަކަށް ކިޔާ ނަމަކީ ހީރޯ ބަނާނާއެވެ. ތިރީގައި އެވާ ފޮޓޯއިން ފެންނަނީ މިކަން ކުރާ ގޮތެވެ.

ކެޔޮގަނޑު ކެނޑުން


ހަރުވުމަށް ފަހު، ގަހުގައި ކެޔޮގަނޑު ނުކަނޑާ ބަހައްޓައިފި ނަމަ، ދޮންކެޔޮތައް ފަޅައިގެން ދިއުން އެކަށީގެންވެއެވެ. އެހެންކަމުން، ބޮޑެތި ދަނޑު ހައްދާ އެހުރުން ކެޔޮގަނޑު ހަރުވުމަށް ފަހު ކެޔޮގަނޑުތައް ކަނޑާލައެވެ. ކެޔޮގަނޑު ހަރުވެއްޖެކަން ދެނެގަތުމަށް ދެ ގޮތެއް ޢާއްމުކޮށް ބޭނުން ކުރެއެވެ. އެއްގޮތަކީ، ކޮންމެ ކެޔޮގަނޑެއްގެ ފުރަތަމަ އަރީގެ ވަކެއްގެ ފަލަމިން ބެލުމެވެ. މިކަން ބެލުމަށް އެހުރުން ބޭނުންކުރަނީ ދެ ދަތްލާފައި ހުންނަ ކަށަވަރެކެވެ. ދެވަނަ ގޮތަކީ، އަދި އެންމެ ޢާއްމު ގޮތަކީ، ކެޔޮގަނޑު ނުކުތުމަށް ފަހު، ބޯށިކަނޑާލުމާ އެކު ކޮންމެ ކެޔޮގަނޑެއްގައި އެ ހަރުވާނެކަމަށް ލަފާކުރެވޭ މުއްދަތަށް ބަލައި، ފާހަގައެއް ޖެހުމެވެ. މިގޮތުން، ބޮޑެތި ދަނޑުތަކުގައި ބޭނުން ކުރަނީ އެކި ކުލައިގެ ޕްލާސްޓިކް އެތިކޮޅެކެވެ. މި އެތިކޮޅު ކެޔޮގަނޑުގައި އެލުވުމުން، އެ ކަނޑަންވީ ދުވަސް ފާހަގަ ވެއެވެ. ތިރީގައި އެވަނީ މި ދެގޮތް ދައްކައިދޭ ފޮޓޯއެކެވެ.

ކެޔޮ ގަނޑު ކެނޑުމަށް މަދުވެގެން ދެ މީހަކު ބޭނުން ވާނެއެވެ. ރަނގަޅީ ތިން މީހުން ވާނަމައެވެ. އެކަކު ކަތިވަޅިއަކުން، މީހެއްގެ އިސްކޮޅާ ހަމައިން ކެޔޮގަނޑު އަރިއަޅައިގެންދާ ގޮތަށް އަބެއް ފަދައިން ބައެއް ގަސްކަނދުން ނަގައެވެ. ދެން ގަސް އަރިއެޅުމުން، ގަހުގައި ވިއްދަން ކާލި ބަދެފައި ހުރި ދަނޑިއެއް ބޭނުން ކުރެއެވެ. ކެޔޮގަނޑު ވައްޓާލަނީ ގޯނި ފަދަ މަޑު އެއްޗެއް ބާއްވާފައިވާ މީހެއްގެ ކޮނޑު މައްޗަށެވެ. ރަނގަޅު ކެޔޮގަނޑެއް ނަމަ، 25 ކިލޯ ހުންނާނެއެވެ. ރާއްޖޭގައި ކެޔޮ ހައްދަން ނޭނގުމުގެ ސަބަބުން ކެޔޮގަނޑު އެހާ ބޮޑެއް ނުވެއެވެ. ކެޔޮގަނޑު ކަނޑާލުމަށް ފަހު، ގަހުގެ މަތީބައި ދަނޑު މައްޗަށް ވައްޓާލައި ކޮށާލައެވެ. މި ބައި ފީވެ، ފަހުން ވަނީ އަލަށް ހެދެމުންދާ ކުރިއަށް ކާނާއަށެވެ. ތިރީގައި އެވާ ފޮޓޯއިން އެ ފެންނަނީ ގަސް ކަނޑާލާ ތަނެވެ. ގަހުން ފަޅާފައިވާ ނިރުން، ދެވަނަ ޖީލު ހެދިފައިވާ މިންވަރު ފާހަގަ ކުރެވެއެވެ. މައިގަސް ބުޑުން ބުރިއެއް ނުކުރެއެވެ. ކަނޑާލިގަހުގެ މޫތަކުން ނަގާ ކާނާ އަލަށް ހެދޭ ކުރިއަށް ލިބެމުންދާނެއެވެ. ފުރަތަމަ ރުވި ދަނޑެއް ދިހަ ވަރަކަށް އަހަރު ވަންދެން، ކުރިން ކުރި ފަޅުވައިގެން ކެޔޮ ހެއްދެއެވެ.

ދޮންކެޔޮ ގަނޑު އަވަހަށް ދޮންކުރަން ބޭނުން ނަމަ، ކުރާ ކަންތައްތަކެއް ހުރެއެވެ. އެންމެ ރަނގަޅު ގޮތަކީ ހަރުވުމަށް ފަހު، ކެނޑުމުން އޭގެ ޠަބީޢީ މުއްދަތުގައި ދޮންވާ ދޮންވުމެވެ. ދޮންކެޔޮ ދޮންވަނީ ކެމިކަލް އެއްގެ ސަބަބުންނެވެ. މި ކެމިކަލްގެ ނަމަކީ އެތިލީން އެވެ. އެތިލީން ދޮންކެޔޮގަނޑާ ގާތުގައި ހިފެހެއްޓުމަށް ކޮންމެ ކަމެއް ކުރިއަސް އަވަހަށް ދޮންކެޔޮ ދޮންވެއެވެ. އަވަހަށް ދޮންކުރުމަށް ބައެއް މީހުން ކެޔޮގަނޑު  ވަށައިގެން ގޯންޏެއްލައި ހަދައެވެ. ބައެއް މީހުން ވަޅުގަނޑެއް ކޮނެ، ދޮންކެޔޮގަނޑު އެތަނުގައި އެލުވައި ދުންދަނޑިއެއް ރޯކުރެއެވެ. މިކަންކަމުން ޙަޤީޤަތުގައިވާ ގޮތަކީ، ދޮންކޭލުން އުފައްދާ ކެމިކަލް ކޮންމެވެސް ވަރަކަށް ހިފެހެއްޓުމުން އޭގެ އަސަރު ގަދަވުމެވެ. ފީވަމުންދާ ސޭބޫއަކުން (އާފަލަކުން) މި ކެމިކަލް އުފައްދާތީ، ދޮންކެޔޮ ލާފައި ހުރި އެއްޗަކަށް މިސާލީ ގޯންޏަކަށް ފީވަމުންދާ ސޭބޫއެއް ލުމުން ވެސް ދޮންކެޔޮ ދޮންވާނެއެވެ. ކޮންމެ ބާވަތެއްގެ ދުމެއް ޖެހުނަސް ދޮންކެޔޮ ދޮންވާލެއް އަވަސް ވާނެއެވެ. އިންޑިއާގެ ދަނޑުވެރިން ހުއިން ދުން އަރުވައިގެން ކެޔޮގަނޑު ދޮން ކުރެއެވެ.

މި މަޒުމޫނުގައި މި ބަޔާންކުރީ ފަތްކެޔޮ ކާމިޔާބުކޮށް ހެއްދުމަށް ބޭނުންވާ އަސާސީ މަޢުލޫމާތެވެ. ރާއްޖޭގައި ފަތްކެޔޮ ހެއްދުން މިހާރަށް ވުރެ ކުރިއެރުވުމަށް ކުރަން ފެންނަ އެންމެ މުހިއްމު ތިން ކަމަކީ، ދަނޑުވެރިން ހޭލުންތެރިކުރުމަށްޓަކައި، ބައެއް ބާވަތުގެ މަޢުލޫމާތު ލިޔުމުން ދިނުމާއި، ކެވެންޑިޝް ފަދަ އަގުބޮޑުކޮށް ވިކޭ ޒާތުގެ ދޮންކެޔޮ ދަނޑުވެރިންނަށް ތަޢާރުފު ކުރުމާއި ލިބޭ އަގު މަތިކުރުމަށްޓަކައި، ކެޔޮގަނޑު  ވިއްކުމުގެ ބަދަލުގައި، ފޮށިފޮށީގައި ބަންދުކޮށްގެން ދޮންކެޔޮ ވިއްކުމެވެ. މިއިން ކޮންމެ ކަމަކީ ވެސް އެކަމާ އުޅެފިނަމަ، ކުރެވިދާނޭ ކަންތައްތަކެވެ.