އިޤްބާލް އާއެކު ހަވީރުކުރުން

ފެށުން


ޢައްލާމާ މުޙައްމަދު އިޤްބާލަކީ ވިހި ވަނަ ޤަރުނުގައި އުޅުއްވި އެންމެ މަޝްހޫރު އުރުދޫ ޝާއިރެވެ. އޭނާއަކީ ޕާކިސްތާނުގެ ބާނީ ވެސް މެއެވެ. ނަމަވެސް، އިޤްބާލް އެންމެ މަޝްހޫރުވެފައިވަނީ އިސްލާމީ ފިލޯސަފަރެއްގެ ގޮތުގައެވެ. ފިލޯސަފަރުންނަކީ ނުވަތަ ފަލްސަފާވެރިންނަކީ، ޢިލްމާއި ދުނިޔޭގެ ތަފާތު ޙާލަތްތަކާ ބެހޭ ގޮތުން ކުރެވޭ ސުވާލުތަކަށް ހަމަ ބުއްދި ބޭނުންކޮށްގެން ވިސްނައި ޖަވާބުދޭ މީހުންނެވެ. މި މީހުންގެ ޖަވާބުތައް ހުންނަނީ ޙުއްޖަތާއި ދަލީލުތަކުގެ މައްޗަށް ބުރަވެފައެވެ. ޖަޒުބާތާއި ޝުޢޫރުތަކުގެ މައްޗަށް ފިކުރާއި ވިސްނުން ގަދަކޮށްފައެވެ. ކޮންމެ ފަދަ، ހާލަތެއްގައި ވެސް، މަޑުމައިތިރިކަމާ އެކު ޙިކްމަތްތެރި ޙަޔާތެއް އުޅޭ މީހުންނަށް ވެސް ފިލޯސަފަރުންނޭ ކިޔައެވެ.

ޢައްލާމާ އިޤްބާލާއެކު ކޮށްފައިވާ މި ހަވީރުކުރުމުން، ކިޔުންތެރިންނަށް އޭނާގެ ޙަޔާތް ވޭތިކުރެއްވި ގޮތާއި ވިސްނުންފުޅުގެ ފުންކަން އޮޅުންފިލާވަޑައިގަންނަވާނެއެވެ. މީގެ 70 ވަރަކަށް އަހަރު ކުރިން އިޤްބާލް ވިދާޅުވެފައިވާ ވާހަކަތަކަކީ މިއަދުގެ ޙާލަތްތަކަށް ދެވޭ ޖަވާބެއްހެން ހީފުޅުވާނެއެވެ. މޮޅު ޢިލްމުގެ ސިފައަކީ އެއީއެވެ. ކޮންމެ އިރެއްގައި ވެސް، ކޮންމެ ޙާލަތެއްގައިވެސް، އޭގެ ތެދުކަމާއި އޮށްޓަރުގެ ހެޔޮކަން ސާބިތުވެއެވެ. އާދެ! ކުރިއަށް ގެންދަވާށެވެ. ކުރީ ޢަދަދެއްގައި ވެސް ދެންނެވިފައިވާނޭ ފަދައިން ފަލްސަފާ މަޒުމޫނަކީ އެއް ފަހަރު ކިޔާލުމުން ދޭހަވާން ދަތި އެއްޗެކެވެ. [އެޑިޓަރު — ދަރުމަ ޖަނަވަރީ 2004]

ތަޢާރުފު


ހަވީރުކުރުމަކީ ޅެމަކާ މެދު ނުވަތަ ޅެންވެރިޔަކާ މެދު އަދަބީ ގޮތުން ވާހަކަ ދެއްކުމެވެ. ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ހަވީރުކުރުމުގައި ޅެންވެރިޔާގެ ވަނަވަރުގެ ވާހަކަ ދެއްކުމަކީ ނެތްކަމެކެވެ. ޅެންވެރިކަން ވަޒަންކުރަންވާނީ އަދަބީ ތިލަފަތަކުންނެވެ. މިގޮތަށް ޅެންވެރިކަން ވަޒަންކުރާއިރު، ވަކި ޅެމަކުން ހިތަށް ގެނުވާ ތަޞްވީރާއި ޝުޢޫރުތަކަށް ވިސްނައެވެ. ޅެމުގައި ހިމެނޭ ފަދަކުރުމާއި މަޖާޒީ އަދި ބަލާޣަތުގެ އުކުޅުތައް ދެނެގަނެއެވެ. މިކަންކަމުގެ ތެރޭގައި ޅެމުގެ ވަޒަނާއި ތާލާއި ކާފިިޔާ ހަމަކުރުމުގެ އިތުރަށް ދިވެހި ބަހުގައި ނަމެއް އަދި ނުކިޔާ އެތައް އުކުޅަކަށް ބަލައެވެ. ފޮޅުވަތްތައް އިސްފަސް ކުރުމުން ވާނޭ ގޮތާއި ލަފުޒުތަކުގެ ތަރުތީބާމެދު އައު ނަޒަރަކުން ބަލައެވެ. ޝައްކެތް ނެތް ގޮތުގައ، މިހާ ފުޅާ ގޮތެއްގައި ޅެންވެރިޔާ އާ އެކު ހަވީރުކުރެވޭނީ އެންމެ ޅެމެއް ނަމައެވެ. މަޝްހޫރު އެތައް ޅެންތަކެއް ލިޔެފައިވާ އަދީބަކާ މެދު ވާހަކަ ދައްކާ ނަމަ މިކަންކަން ކުރާނީ ކިިހިނަކުންތޯއެވެ؟

މި ހަވީރުކުރުމުގައި އަޅުގަނޑުގެ ބައިވެރިއަކީ އަލްމަރްޙޫމް މުޙައްމަދު އިޤްބާލެވެ. ލަޤަބާއެކު ދަންނަވާ ނަމަ، ޢައްލާމާ ސަރު ޑޮކްޓަރު މުޙައްމަދު އިޤްބާލެވެ. ބައެއް ފަރާތްތަކުން މީނާއަށް ޕާކިސްތާނުގެ ބާނީގެ ނަމުން ނަންދީފައި ވެއެވެ. ދިރިއުޅުއްވުމަށްޓަކައި ކުރެއްވި މައިގަނޑު މަސައްކަތަކީ، ޤާނޫނީ ވަކީލުކަމެވެ. ނަމަވެސް ދެމިހުންނަނިވި ގޮތެއްގައި، އޭނާގެ ނަން ތާރީޚްގައި ލިޔެފައިވަނީ އިސްލާމީ ފަލްސަފާވެރިއެއްގެ ގޮތުގައެވެ. އަދީބެއްގެ ގޮތުގައެވެ. އަދި ވަކީން ޚާއްޞަކޮށް، ޅެންވެރިއެއްގެ ގޮތުގައެވެ. އޭނާގެ ޅެންތަކުގެ ވާހަކަ ދެއްކުމުގެ ކުރިން އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލާނީ އޭނާގެ ޚަޔާތުގެ ކުރު ޚުލާޞާއެކެވެ.

ޚަޔާތުގެ ކުރު ޚުލާޞާއެއް


ގިނަ މީހުން ހީކުރާ ގޮތާ ޚިލާފަށް މީގެ ޤަރުނެއްގެ ކުރިން، އިންޑިޔާ އަކީ އެއް ޤައުމެއް ނޫނެވެ. އިންޑިޔާ އޭ މިކިޔާ ބައްރުގައި، އެތައް ޤައުމެއް ހިމެނެއެވެ. ތަފާތު ރަސްކަލުން ރަސްކަން ކުރެއެވެ. އެއް ބަޔަކު އަނެއް ބަޔަކު ފަތަޙަކޮށް، ސަރަޙައްދުތައް ބައިކުރާ ރޮނގުތައް ބަދަލުވަމުން ދެއެވެ. މިހެން ކަން ހިނގަނިކޮށް، އެ ބައްރަށް ވިޔަފާރިކުރުމުގެ ނަމުގައި، އިނގިރޭސީން އައެވެ. މި މީހުން އެކި ޤައުމުތައް ފަތަޙަކުރަމުން ގޮސް، މުޅި އިންޑިޔާ ބައްރު އެމީހުންގެ އަތްދަށަށް ގެނައެވެ. އެންމެ ފަހުން ފަތަޙަކުރި ސަރަޙައްދުތަކުގެ ތެރޭގައި، ޕަންޖާބު ހިމެނެއެވެ. މުޙައްމަދު އިޤްބާލް އެ އިރަކު އަދި އުފަންވެވަޑައެއް ނުގަންނަވައެވެ. ޕަންޖާބު، އިނގިރޭސީންގެ އަތްދަށުވުމުން، މުޙައްމަދު އިޤްބާލްގެ މައިންބަފައިން ކަޝްމީރު ދޫކޮށް، ސިއަލްކޮޓް ކިޔާ ސަރަޙައްދަކަށް ހިޖުރަކުރިއެވެ. ކަޝްމީރުގެ މަޝްހޫރު ތަކެތީގެ ތެރެއިން އެކައްޗަކީ ބޮލާއި ކޮނޑު ނިވާކުރަން ގެންގުޅޭ ފޮށައެކެވެ. އާދެ! ސާލެކެވެ. (ޝޯލް އެވެ). މިއަދުވެސް މި ތަކެތި އުފެއްދުމަށް ކަޝްމީރު މަސްހޫރެވެ. އިޤްބާލުގެ ބައްޕައަކީ މިފަދަ ސާލު ވިއްކާ މީހެކެވެ. ނަަމަކީ ޝޭޚް ނޫރު މުޙައްމަދެވެ. މަންމައަކީ އިމާމް ބީބީ އެވެ. މި ދެމަފިރިންނަކީ ދީންވެރި ދެމީހުންނެވެ. މުޙައްމަދު އުފަންވެވަޑައިގަތީ، 9 ނޮވެމްބަރ 1877 ގައެވެ. މައިންބަފައިންގެ ދީންވެރިކަމުން، އިޤްބާލުގެ ތަރުބިއްޔަތުގައި، އިސްލާމްދީނަށް ހަރުދަނާ ލޯތްބެއް އަށަގެންނުވިއެވެ. ތިރީގައި އެވަނީ އެދެމަފިރިންގެ ފޮޓޯއެކެވެ.

މުޙައްމަދު އިޤްބާލްގެ ބައްޕަ އާއި މަންމަ — ޝޭޚް ނޫރު މުޙައްމަދާއި އިމާމް ބީބީ

އިޤްބާލް އެންމެ ފުރަތަމަ ކިޔަވާވިދާޅުވީ މަޢުލާނާ ޣުލާމް ހަސަނާއި ޢައްލާމާ ސައްޔިދު މީރު ޙަސަނުގެ މަކުތަބަކުންނެވެ. މި ދެ އެދުރުން ކުޑަކުޑަ އިޤްބާލަށް ފާރިސީ އާއި އުރުދޫ ވަރަށް ރަނގަޅަށް ކިޔަވައިދެއްވިއެވެ.

އެކި ޤައުމަށް އަރައިގަނެ އެތަންތަން ފަތަޙަކުރުމުގައި އިނގިރޭސީން ގެންގުޅުނު އެއް އުޞޫލަކީ، ޤައުމެއް ފަތަޙަ ކުރުމަށް ފަހު، ނަޞާރާދީން ފެތުރުމަށް ސްކޫލެއް ފެށުމެވެ. މިގޮތުން ސިއެލްކޮޓްގައި އުފެއްދި މިޝަން ހައި ސްކޫލުން އިޤްބާލް ދެން ކިޔަވާވިދާޅުވިއަސް، އެކަމުގެ ސަބަބުން އޭނާ އިސްލާމްދީނަށް ހުރި ލޯބިވީ އިތުރެވެ. އޭނާ ޅެން އެކުލަވައިލައްވަން ފެއްޓެވީ މަދުރަސީ ދައުުރުގައެވެ. 1897 ވަނަ އަހަރު، ލާހޫރުގެ ސަރުކާރުގެ ކޮލެޖުން އޭނާ ބީ.އޭ ކިޔާ މަތީ ތަޢުލީމުގެ ފުރަތަމަ ޑިގްރީ (މިންވަރު/ދަރަޖަ) ނެންގެވިއެވެ. އަދި ޢަރަބި ބަހުން އެއްވަނަ ހޯއްދެވުމުގެ ސަބަބުން، ކޮލެޖުން ދޭ މެޑެއްޔެއް އޭނާއަށް ލިބުނެވެ. 1899 ވަނަ އަހަރު އޭނާ މާސްޓަރ ކިޔާ ދެވަނަ ފެންވަރުގެ ޑިގްރީ ހޯއްދެވިއެވެ. އެއީ ފަލްސަފާގެ ރޮނގުންނެވެ. ލާހޫރުގެ ކޮލެޖްގެ ކިޔަވައިވިދާޅުވަމުން ދިޔަ ދުވަސްވަރު އިޤްބާލްގެ މޮޅުކަން އެތަނުން ބައްދަލުވި، ސާރ ތޮމަސް އާރނަލްޑް އެދުރަށް ފާހަގަކުރެވި، ޔޫރަޕަށް ދިޔުމަށް ހިތްވަރު ދިނެވެ. އިޤްބާލް ދެން މަސައްކަތް ކުރެއްވީ ޢަރަބި ކިޔަވައިދޭ މުދައްރިސެއްގެ ގޮތުގައެވެ.

މި ދުވަސްވަރު އޭނާއަށް އިފްތާބު ނަން ކިޔުނު ފިރިހެން ދަރިކަލަކު ލިބުނެވެ. އެއީ އޭގެ ހަތް އަހަރު ކުރިން ކުރެއްވި ކައިވެންޏަކުންނެވެ. މި ކައިވެނި ކުރެވުނީ ގުޖުރާތުގެ ފަޅާ ޑޮކްޓަރެއްގެ ދަރިއެއް ކަމުގައިވާ ބީބީ ކަރީމް އާ އެވެ. މައިންބަފައިން ރޭވި މި ކައިވެނިވީ އެތައް އަހަރެއްގެ ހިތާމައެއްގެ ފެށުމަށެވެ.

މުޙައްމަދު އިޤްބާލް ޒުވާނެއްގެ ގޮތުގައި

5 ވަނަ އަހަރު ކިޔަވައިވިދާޅުވުމަށް އިޤްބާލް ޔޫރަޕަށް ވަޑައިގަތެވެ. ކޭމްބްރިޖްގެ ޓްރިނިޓީ ކޮލެޖުން ބީއޭ އަލުން ހޯއްދެވުމަށް ފަހު، ”ލިންކަން އިން“ އިން ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބުމުން، އިޤްބާލް ޕީއެޗްޑީ ކިޔާ މަތީ ފާހަށް ކިޔަވަން ވަޑައިގަތީ ޖަރުމަނަށެވެ، މިއަށްފަހު، ދުވަސްކޮޅެއް ވަންދެން ޢަރަބި ކިޔަވައިދެއްވަން ލަންޑަންގައި އުޅުއްވިއެވެ.

1908 ވަނަ އަހަރު އެނބުރި އިންޑިއާ އަށް ވަޑައިގެންނެވިއިރު، ޅެންވެރިކަމުގެ ގޮތުން އޭނާގެ ނަން ވިދަން ފަށާފައި ވިއެވެ. ނަމަވެސް އަތްޕުޅުދަތިކަމުން ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އޭނާގެ ޅެންތަކުގެ ތެރެއިން މަޝްހޫރު ޅެމެއް ކަމުގައިވާ ”އަސްރާރެ ޚުދީ“ (އަމިއްލަ ނަފްސުގެ ސިއްރުތައް) ގެ ސަބަބުން އިނގިރޭސި ވެރިކަމުގެ ފަރާތުން ”ސަރ“ މި ލަޤަބުލިބިވަޑައިގަތެވެ.

މުޙައްމަދު އިޤްބާލް — މެދު ޢުމުރުގައި

މަންމަ ނިޔާވުމުން، އިޤްބާލް 1914 ވަނަ އަހަރު އެހެން ކައިވެންޏެއް ކުރެއްވިއެވެ. މި ކައިވެނިން ކުއްޖަކު ލިބުނުތަނާ އެކުއްޖާގެ މަންމަ އާއި ދަރިފުޅު ނިޔާވެއްޖެއެވެ. ދެން 1924 ވަނަ އަހަރު، އިޤްބާލް ސަރުދާރު ބޭގަމް އާ ކައިވެނިކުރައްވައި، މިކައިވެނިން ޖާވީދު އިޤްބާލް އާއި މުނީރާ އިޤްބާލް ލިބިވަޑައިގަތެވެ.

އިޤްބާލް ސިޔާސީ މައިދާނަށް ވެންނެވީ 1926 ވަނަ އަހަރުއެވެ. ސިޔާސީ ޖަލްސާއެއްގައި، މުސްލިމުންނަށް ކުރިއެރުމެއް ލިބޭނީ އިންޑިއާ ބައްރުގައި، ވަކި ޤައުމެއް މުސްލިމުން އުފައްދައިގެން ކަމަށް ވިދާޅުވީ 1930 ވަނަ އަހަރު މުސްލިމް ލީގް ކިޔާ ސިޔާސީ ޕާޓީއެއްގެ  ޖަލްސާއަކަށް އޭނާ ދެއްވި ތަޤްރީރެއްގައެވެ. މި ތަޤްރީރަކީ ޕާކިސްތާނު އުފެދުމުގެ ފެށުން ކަމަށް ބުނެވެއެވެ. 1931 ވަނަ އަހަރު ޔޫރަޕުގެ ރައްޓެހީންނާ ގާތްކަން ބަދަހިކުރަން ދަތުރެއް ކުރެއްވިއެވެ. ނަން އަރައިފައިވި އެތައް ޔޫރަޕުގެ ސިޔާސީ މީހުންނާއި ފަލްސަފާވެރިންނާ އިޤްބާލް މި ދަތުރުގައި ބައްދަލުކުރެއްވިއެވެ. އިސްޕޭނަށް ވެސް މި ދަތުރުގައި ޒިޔާރަތް ކުރެއްވިއެވެ.

މުޙައްމަދު އިޤްބާލް — މަތީ ދަރަޖައެއް ލިބުމުން ލާ ޖުއްބާއެއްގައި

1933 ވަނަ އަހަަރު އަފްޣާނިސްތާނުގެ ރަދުންގެ ދަޢުވަތަކަށް ކުރެއްވި ދަތުރަކަށް ފަހު،  އޭނާގެ ދުޅަހެޔޮކަން ހީނަރުވަމުން ދިޔައެވެ. އޭނާ އެންމެ ފަހުން ކުރެއްވި މުހިއްމު ކަމަކީ، އިދާރާ ދާރުލްއިސްލާމް ކިޔާ މަރުކަޒެއް އުފެއްދެވުމެވެ. މިއީ ސަލަފުންގެ އިސްލާމީ ފަލްސަފާ އާއި ޒަމާނީ އިޖްތިމާޢީ ފަންނު ގުޅައިދޭ ޢިލްމު އުނގަންނައިދޭ މަދަރުސާއެކެވެ. އިޤްބާލް ނިޔާވީ 1938 ވަނަ އަހަރު ޕާކިސްތާނުގެ ލާހޫރުގައެވެ. އިޤްބާލްގެ މަޤްބަރާ އެ ސަހަރުގެ މަޝްހޫރު ބާދްޝާހީ މިސްކިތުގައި ވެއެވެ. ކޮންމެ އަހަރަކު، ”އިޤްބާލްގެ ދުވަސް“ މި ނަމުގައި ޕާކިސްތާނުގައި ދުވަހެއް ފާހަގަކުރެއެވެ. މާތް ﷲ އޭނާއަށް ރަޙްމަތް ލައްވާށިއެވެ.

މުޙައްމަދު އިޤްބާލް — މެދު ޢުމުރުގެ ފަހުކޮޅުގައި

އިޤްބާލްގެ ޅެންތައް


އިޤްބާލްގެ ނަން ޅެންވެރިއެއްގެ ގޮތުގައި މަޝްހޫރީ ފާރިސީ ބަހާއި އުރުދޫ ބަހާއި އިނގިރޭސި ބަހުން ލިޔެފައިވާ ޅެންތައް ފަރަންސޭސި ބަހަށާއި ޖަރުމަނު ބަހަށާއި ތުރުކީ ބަހަށާއި އަސޭކަރައިގެ ބަހަށާއި ޢަރަބި ބަހަށާއި ލެޓިން ބަހަށް ތަރުޖަމާ ކޮށްފައިވާތީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ ޕާކިސްތާނުގެ ބާނީއަކީ އޭނާކަމަށް ވާތީކީ ނޫނެވެ. އޭނާގެ ޝުހުރަތުގެ ސިއްރަކީ، އޭނާގެ ޅެންތަކުގެ އޮށްޓަރެވެ. އޭގައި ހާމަކުރައްވާފައިވާ ދެމިހުންނަނިވި ޙަޤީޤަތްތަކެވެ.  ޚުދު އިޤްބާލް ވެސް މިކަމަށް އިޝާރާތް ކުރައްވަމުން ވިދާޅުވެއެވެ.

”އެއްވެސް އިރަކު އަހުރެންނަކީ ޅެންވެރިއެއް ކަމަކަށް ނުދެކެމެވެ. ވީމާ، އަހުރެންނަކީ އެއްވެސް ޅެންވެރިއަކާ ވާދަކުރާ މީހެއް ނޫނެވެ. އަދި އެއްވެސް ޅެންވެރިއަކީ އަހުރެންނާ ވާދަކުރާ މީހެއް ނޫނެވެ. ޅެންވެރިކަމުގެ ފަންނަށް އަހުރެންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އެކަމަކު —އާއެކެވެ. އަހުރެންގެ ފިކުރުގެ ޚާއްޞަ މަޤްޞަދެއް ވެއެވެ. މި ރަށުގެ ޙާލަތާއި އާދަތަކަށް ވިސްނައި، ޅެންބަހުރުވަ، އަހުރެންގެ މަޤްޞަދު ޙާޞިލްކުރަން ބޭނުން ކުރަމެވެ.“

ތެދެކެވެ. ރާއްޖޭގައި ޗާޕު ނުކުރާ ދުވަސްވަރު، ޅެން ބަހުރުވައިން ތަފާތު ތަކެތި ހިތުން ދަސްކޮށްގެން ކިޔާފަދައިން، އިޤްބާލްގެ ޅެންތައް ލިޔެފައިވަނީ ހިތުން ޖަމާޢަތްތަކުގައި ކިޔާގޮތަކަށް ނޫނެވެ. އަމިއްލަ ހިތްހަމަޖެހުމަށް ކިޔައި ވިސްނުމަށެވެ. ޕާކިސްތާނާއި އިންޑިއާގެ ހޭލުންތެރި ކޮންމެ މީހެއް، މިހާރު ވެސް، އިޤްބާލްގެ ޅެން ތަކުން ބައެއް ބައިތު ހިތުން ކިޔަން ދަނެއެވެ. [ދަންނައެވެ. ޅެންވެރިން (ޝާޢިރުން) އެއްތަނަށް އެއްވެ، ޅެންވެރިކަމުގެ ބާޒީއެއްގެ ގޮތަށް ވާދައަށް ޅެންކިޔާ މަޖިލިސް އަށް ކިޔަނީ مشاعرہ (މުޝާޢަރާ) އެވެ. މިއީ ޅެންވެރިކަން ކުރިއެރުވުމަށް ކުރިން ކޮށް އުޅުނުކަމެކެވެ. ދިވެހި ޅެންވެރިކަން ކުރިއެރުވުމަށް ވެސް މުޝާއަރާތައް ބޭނުން ވެއެވެ.]

އިޤްބާލްގެ ޅެންތައް އެހާ މޮޅީ ކީއްވެގެން ހެއްޔެވެ؟ އާދެ! ކުރިން ދެންނެވި ފަދައިން، އެއީ ޅެން ބަހުރުވައިން އޭނާ ހާމަކުރައްވަމުން ގެންދެވި ފަލްސަފާގެ ސަބަބުންނެވެ. މި ޒަމާނަކަށް އައިސް ހުޅަނގުގެ ފަލްސަފާއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް، އިސްލާމީ ނަޒަރަކުން ޖަވާބު ހުށަހެޅުއްވި ހަމައެކަނި ފަލްސަފާވެރިއަކީ އިޤްބާލެވެ. އޭނާގެ ނަން، ދުނިޔޭގައި އުޅުއްވި އިރުވެސް މަޝްހޫރުވި ސަބަބަކީ އެއީއެވެ. އޭނާއަށް ލިބިވަޑައިގެންފައިވާ ޚާއްޞަ އެއް ނިޢުމަތަކީ، ހުޅަނގާއި އިރުމަތީގެ ތަޢުލީމު ވަރަށް މަތީ ފެންވަރަކަށް ޙާޞިލްކުރެއްވުމުގެ ނަސީބެވެ. އަޒުހަރުގެ ޢިލްމުވެރިންގެ ވަފުދެއް ދަތުރުހަދައިގެން އޭނާ ދުށުމަށް އައެވެ.

އިޤްބާލްގެ ޅެންތަކުން ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް ދަންނަވާލާނަމެވެ. ކުރީގެ ދުވަސްވަރުގެ އިސްލާމީ ޙަޟާރަތުގެ މަތިވެރިކަމާއި މިހާރުގެ ނިކަމެތި ޙާލަތަކީ އޭނާގެ ޅެންތަކުގައި ތަކުރާރުވާ މައުޟޫޢުތަކެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މިހާރުގެ ޙާލަތުން ސަލާމަތްވުން އޮތީ، ތިން ފިޔަވަޅެއް އަޅައިގެން، ނަފުސު ހަރުދަނާކޮށްގެންނެވެ. އެންމެ ފުރަތަމަ ފިޔަވަޅަކީ، އިސްލާމީ އުޞޫލްތަކަށް އިޙްތިރާމް ކުރުމެވެ. ދެވަނަ ފިޔަވަޅަކީ، ނަފުސުގެ އެދުންތައް މަތަކުރުމުގެ ބާރު އަމިއްލައަށް ލިބިގަތުމެވެ. ނަފުސު ކޮންޓްރޯލް ކުރުމެވެ. ތިންވަނަ ފިޔަވަޅަކީ، ކޮންމެ މުސްލިމަކަށް ވެސް، މި ދުނިޔެމަތީގައި ﷲ ގެ ޚަލީފާއަކަށް ނުވަތަ ނާއިބަކަށް ވެވިދާނޭކަން ހިތުގެ އަޑިން ޤަބޫލު ކުރުމެވެ. މީގެ އިތުރަށް، މުހިއްމު އަނެއް ކަމަކީ އަޅުކަންކުރުމަށް އެކަހެރިވެ، ދުނިޔެއަޅައި އުޅުމަށްވުރެ، ޙަރަކާތްތެރިކަން އިސްކުރުމެވެ. އިޤްބާލް މި ޚިޔާލުތައް ގެންގުޅުއްވި ދުވަސްވަރުގެ މުހިއްމު ތިން ޅެމަކީ ”ޝިކުވާ“ އާއި ”ޖަވާބޭ ޝިކްވާ“ އާއި ”ޙިޟްރޭ ރާހޭ“ އެވެ. މި ޅެންތަކުގައި، މުސްލިމުންގެ ބާރެއް ނެތުމުން، އިޙްސާސް ކުރެވޭ ސިކުނޑީގެ ފުން ހިތާމަ އަސަރާއެކު އިޤްބާލް ސިފަކުރައްވާފައި ވެއެވެ. 1915 ވަނަ އަހަރު، ޝާއިޢުކުރި ”އަސްރާރެ ޚުދީ“ ގެ ސަބަބުން އޭނާއަށް ކޮންމެވެސް މިންވަރެއްގެ ދެކޮޅުވެރިކަމަކާ ކުރިމަތިލާން ޖެހިވަޑައިގަތެވެ. މި ޅެމުގައި އޭނާ ހުށަހަޅުއްވަނީ ނަފުސާ ބެހޭ ނަޒަރިއްޔާ އެކެވެ. ނުވަތަ ތިއަރީ އެކެވެ. މި ހުށަހެޅުއްވި ހުށަހެޅުއްވުމުގައި، ދުނިޔެ އަޅައި އުޅޭ ގަލަންދަރުންނާއި ސޫފީންގެ ގޮތްތައް ކުށްވެރިކުރައްވާފައި ވެއެވެ. ގަލަންދަރުންނާއި ސޫފީންނަކީ، ﷲ މަޢުރިފާކޮށް ދެނެގަތުމަށް ދުނިޔޭގެ އެދުންތައް ދޫކޮށް ﷲ އާއި ހެއްދެވި ތަކެއްޗާ މެދު، ފިކުރު ކުރަން ތިބޭ މީހުންނެވެ. މި މީހުން ޤަބޫލުކުރާ ގޮތުގައި ފުރިހަމަ ކަމާއި ހިތުގެ ޞުލްޙަވެރިކަން ޙާޞިލްކުރެވޭނީ މިގޮތަށް އުޅެގެންނެވެ. އިޤްބާލް ދެކެވަޑައިގެންނެވި ގޮތުގައި މި މަޑުމައިތިރި އެކަހެރިކަމަކީ ނަފުސުގެ އުޞޫލްތަކާ ޚިލާފު ކަމެކެވެ. އިސްލާމް ދީނުގައި އަމިއްލަ ގޮތްތައް ގާއިމުކުރުމަކީ ރަނގަޅު ސުލޫކެއް ކަމަށް އިޤްބާލް ހުށަހަޅުއްވައެވެ. އިޤްބާލާ ދެކޮޅު މީހުން ބުނީ ޖަރުމަނުގެ މަޝްހޫރު ފިލޯސަފަރު ނީޗާގެ ފަލްސަފާގެ މައުޟޫޢުތައް އިޤްބާލް ވަގުލުކުރަނީ ކަމަށެވެ. (ވަގުލުކުރުމޭ މި ދަންނަވަނީ، އެއްޗެއް އެންމެ ފުރަތަމަ ބުނި ނުވަތަ ލިޔުނު ލިޔުންތެރިޔާއަށް ހަވާލާނުދީ އަމިއްލަ އެއްޗެއްގެ ގޮތުގައި ވާހަކައެއް ނުވަތަ ޚިިޔާލެއް ވަގަށް ނަގުލުކުރުމަށް ނުވަަތަ ކޮޕީ ކުރުމަށެވެ.)

މުޙައްމަދު އިޤްބާލް — ދަރިފުޅު ޖާވީދު އިޤްބާލް އާ އެކު

އިޤްބާލްގެ ފިކުރުފުޅުގައި، ތަފާތު ފަލްސަފާއެއްގެ އޮއިވަރު ހިނގާކަން އޭނާ ދެން ލިޔުއްވި ޅެމުން އެނގެއެވެ.  1918 ވަނަ އަހަރު ޝާއިޢުކުރެވުނު ”ރުމޫޒޭ ޚުދީ“ – ”ނަފްސަށް ނުވިސްނުމުގެ ސިއްރުތައް“ ގައި އޭނާ ހުށަހެޅުއްވީ އަސްރާރެ ޚުދީ ގައި ބަޔާންކުރެއްވި ޚިޔާލާ ތަފާތު ކޮށް އަމިއްލަ ނަފުސަށް ވުރެ ފުޅާކޮށް ވިސްނުމުގެ ޚިޔާލުތަކެވެ. އެއްބަނޑު އެއްބަފާކަމާއި އަދުލުވެރިކަމުގެ ގޮތްތައް ދެމެހެއްޓުމަށް އިސްލާމީ މުޖުތަމަޢު  މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ނަފުސަށް ނުބެލުމަކީ، އިސްލާމްދީނުގައި ފޮރުވިފައިވާ ބާރެކެވެ. ނަފުސަށް އޭގެ އަސްލަށް ވާސިލުވެވޭނީ  އެ ނަފުސަށް ވުރެ ބޮޑެތި ކަންތައްތަކުގެ ޚިދުމަތުގައި ނަފުސު ޤުރްބާންކޮށްގެންނެވެ. މިއީ ކީރިތި ރަސޫލާ އާއި ސަލަފުންގެ އުޞޫލެވެ. 1923 ވަނަ އަހަރު  ޝާއިޢުކުރެވުނު ”ޕަޔާމޭ މަޝްރިޤް“ [އިރުމަތީގެ މެސެޖް] އިން އިސްލާމް ދީނަކީ ހުރިހާ ޙާލަތަކަށް އެންމެ ރަނގަޅު ދީންކަން ކަށަވަރު ކޮށްދެއެވެ. އިޤްބާލް މި ޅެންތައް ލިޔުއްވީ ފާރިސީ ބަހުންނެވެ. އެއީ ގިނަ ބަޔަކަށް އޭނާގެ މެސެޖް ވާޞިލުކުރުމަށްޓަކައެވެ. 1927 ވަނަ އަހަރު ޝާއިޢުކުރެވުނު ”ޒަބޫރޭ ޢަޖަމް“ (ފާރިސީ މަދަހަތައް) ގައި ފާރިސީބަހުގެ އެންމެ ރީތި ޗަސްބުހުރި އަދަބީ ފޭޑި، ”ޣަޒަލް“ (ފަސް ބައިތާއި ފަނަރަ ބައިތާ ދެމެދުގެ ލޯބީގެ ޅެން) ފަލްސަފާ ޢިބާރާތް ކުރުމަށް ބޭނުން ކުރައްވާފައި ވެއެވެ. 1932 ވަނަ އަހަރު ޝާއިޢުކުރެވުނު ”ޖާވީދުނާމާ“ [އަބަދުގެ ލަވަ] އަކީ އިޤްބާލްގެ ޅެންވެރިކަމުގެ އަދި އޭނާގެ ފަލްސަފާގެ އެންމެ ފުރިހަމަ ނަމޫނާއެވެ. ތޭރަވަނަ ޤަރުނުގެ މަޝްހޫރު ފާރިސީ ފިލޯސަފަރު ޖަލާލުއްދީނު ރޫމީގެ ފެންވަރާ ގާތްކުރާވަރަށް އިޤްބާލްގެ ފިކުރުން މި ޅެމުގައި ތަފާތު ތަޖުރިބާތައް ކުރައްވާފައި ވެއެވެ. މީގެ ފަހުން ވެސް އިޤްބާލްގެ ތަފާތު ޅެންތައް ޝާއިޢުކޮށްފައި ވެއެވެ. 1935 ގައި ޝާއިޢުކުރެވުނު ”ބާލެ ޖިބްރީލް“ [ޖިބްރީލްގެފާނުންގެ ފިޔަ] އެވެ. 1937 ގައި ޝާއިޢުކުރެވުނު ”ސަރުބެ ކަލީމް“ [މޫސާގެފާނުގެ ޖެއްސެވުން] އެވެ. އަދި އިޤްބާލް ނިޔާވުމަށް ފަހު ޝާއިޢުކުރެވުނު ”އަރުޣަމާނެ ޙިޖާޒު“ [ހިޖާޒުގެ ހަދިޔާ] އެވެ. އިޤްބާލަކީ ހަމައެކަނި ޅެންވެރިއެއް ނޫނެވެ. ނަޘްރުން އޭނާ ތަފާތު ލިޔުން ލިޔުއްވާފައި ވެއެވެ. [ނަޘްރަކީ، ސިޓީ އާއި މަޒުމޫނު ފަދަ އާދައިގެ (ޅެން ނޫން) ބަހުރުވައެވެ.]  ނަމަވެސް، ވިހި ވަނަ ޤަރުނުގެ އެންމެ ބޮޑު އިސްލާމީ ފިލޯސަފަރަކަށް އޭނާ ހޮވިވަޑައިގަތީ ޅެން ބަހުރުވައިން ފަލްސަފާތައް ހުށަހެޅުއްވުމުންނެވެ.

މުޙައްމަދު އިޤްބާލް — 1933 ވަނަ އަަހަރު ސާރކްލް އޮފް އިސްލާމިކް ސްޓަޑީޒްގެ މެންބަރުންނާއެކު (އަރަބި ބަހުން حَلْقَة ކިޔަނީ އިސްލާމް ދީނާއި ޤުރްއާން ކިޔެވުމަށް އެއްވާ ޖަމާޢަތަކަށެވެ. މި އެއްވުމުގެ ވާހަކަ ދައްކާ މީހާ އާ އެކު ބައިވެރިން ތިބޭނީ ވަށްބުރަކަށެވެ. މިހެންވެ މިފަދަ އެއްވުމަށް ސާރކްލް ކިޔަނީ އެވެ. ސާރކްލް އަކީ ބުރެވެ.)

އިޤްބާލްގެ ފަލްސަފާ އާއި ބައެއް ބައިތުތައް


ދެން މިހާތަނުން އަޅުގަނޑު ދަންނަވާލެވޭތޯ ބަލާނީ އިޤްބާލްގެ ބައެއް ފަލްސަފާ އާއި ބައިތުތަކެވެ. ނަމަވެސް މިފަދަ ކުރު މަޒުމޫނެއްގައި އިޤްބާލްގެ ޅެންތައް ފަދަ ދިގު ޅެންތަކެއް ލިޔުއްވާފައިވާ އަދީބަކަށް އިންސާފުކުރާނީ ކިހިނަކުންތޯ އެވެ؟ އޭނާގެ ޅެންތަކުގައި އިންސާނާގެ އުފެއްދުންތެރިކަމާއި ރޫޙާނީ އަދި މާއްދީ ޙަޔާތާ އޮންނަ ގުޅުމާއި، އިންސާނާ އާއި އޭނާގެ މުޖުމަތަޢުގެ ވާހަކަ އާއި،  ވިސްނުމާއި ފިކުރުގެ ގުޅުމާއި، ތަރުބިއްޔަތާއި ސުލޫކާއި، ފަލްސްޠީނާއި އިސްލާމީ ތާރީޚްގެ މައުޟޫޢުތައް ހިމެނެއެވެ. އަދިވެސް އަދިވެސް އެތައް މައުޟޫޢު އެކެވެ. އެހެންކަމުން، އަޅުގަނޑަށް ޖެހޭނީ، އޭނާ ލިޔުއްވި އެތައް މައުޟޫޢުތަކެއްގެ ތެރެއިން ހަމައެކަނި އެއް މައުޟޫޢުއަކަށް ޚުލާޞާއެއް ލިޔާށެވެ. މިގޮތުން ޚުލާޞާ ކުރަން، އަމިއްލަވަންތަކަމާ ބެހޭ ގޮތުން އޭނާ ލިޔުއްވި ބައެއް ޅެންތަކާ އެކު ހަވީރުކުރަމާތޯ އެވެ؟ އާދެ! ކުރިއަށް ދަމާ ހިންގަވާށެވެ.

އިޤްބާލްގެ ފަލްސަފާއަކީ،  ހަމަ މީހަކު ނަމަ، މާތް ﷲ ގެ މަޤްޞަދުތަކުގެ މަތިން ވިސްނާ ތާއަަބަދު ޙަރަކާތްތެރިވެ، އުފެއްދުންތެރިވާން ވާނެ ކަމެވެ. މިޢުރާޖަށް ފަހު، ރަސޫލާ ދުނިޔެއަށް އެނބުރި ވަޑައިގެންނެވުމުން، ވިރާސީ އުޞޫލްތަކާއި ހަސަބާއި ނަސަބުގެ ގޮތްތައް އުވާލެވި، ޢިލްމާއި އީޖާދަށް އިސްކަން ދެވިއްޖެއެވެ. މުސްލިމް މުޖުތަމަޢުތައް، އިޖްތިހާދުގެ އުޞޫލްތައް ބޭނުންކޮށްގެން، އިޖްތިމާޢީ އަދި ސިޔާސީ އައު ގޮތްތައް ނެރެން ވެއްޖެއެވެ. އޭނާގެ މައިގަނޑު ހުށަހެޅުމަކީ ބަދަލުތައް ގެނައުމަށް އިޖްމާޢު އެވެ.

ނަފުސުގެ ދައުރު

މީހުން ޤަބޫލުުކުރާ ފަދަ ފަލްސަފާއެއް ހުށަހެޅޭނީ އިންސާނާގެ ނަފުސުގެ ޠަބީޢަތާއި އޭނާ އުޅޭ މުޖުތަމަޢު އާއެކު އިންސާނާ އޮންނަ ގުޅުމާއި، އޭނާގެ އާޚިރު ނިމުން އޮންނަގޮތާ ދޭތެރޭ ޚިޔާލެއް ހުށަހަޅައިގެންނެވެ. އެހެނީ އިންސާނާއަށް ދިމާވާ ހުރިހާ މައްސަލައެއް ފެށިގެން ދަނީ އޭނާ އާއި އޭނާގެ މާޙައުލާ އޮންނަ ގުޅުމުގެ ތެރެއިންނެވެ. އިޤްބާލް މިކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް ހުށަހަޅުއްވާފައިވަނީ ”އަސާރާރެ ޚުދީ“ ގައެވެ. ޚުދީ ނުވަތަ އަމިއްލަ ނަފުސަކީ އިޤްބާލަށް އެންމެ މުހިއްމު އެއްޗެވެ. އިންސާނާގެ ޙަޔާތުގެ ހުރިހާ ކަމެއް ހިނގަމުންދަނީ މި ނަފުސުގެ ވަށައިގެންނެވެ. އިޤްބާލް ޤަބޫލުކުރެއްވި ގޮތުގައި، ދުނިޔޭގައިވާ ހުރިހާ އެއްޗެއް މަސައްކަތް ކުރަމުން ދަނީ އެ އެއްޗެއް އެއިރަކު ހުރި ވަރަށް ވުރެ ފުރިހަމަ އެއްޗަކަށް ވެވޭތޯއެވެ. މިގޮތުން ތިރީގައިވާ ބައިތުތަކުގައި ނަފުސުގެ ރޯލަށް އަލި އަޅުވާލައްވާފައި ވެއެވެ.

ہر چیز ہے محو خود نمائی

ہر ذرہ شہید کبریائی

بے ذوق نمود زندگی ، موت

تعمیر خودی میں ہے خدائی

رائی زور خودی سے پربت

پربت ضعف خودی سے رائی

تارے آوارہ و کم آمیز

تقدیر وجود ہے جدائی

یہ پچھلے پہر کا زرد رو چاند

بے راز و نیاز آشنائی

تیری قندیل ہے ترا دل

تو آپ ہے اپنی روشنائی

اک تو ہے کہ حق ہے اس جہاں میں

باقی ہے نمود سیمیائی

Everything is preoccupied with self-expression,
Every atom a candidate for greatness!
Life without this impulse spells death;
By the perfection of his individuality man becomes like God!
The force of individuality makes the mustard seed into a mountain
Its weakening reduces the mountain into a mustard seed!
Thou alone art the Reality in this universe,
All the rest is a mirage.

.

ކޮންމެ އެއްޗެއް ޤަރާރުވެގެން ވަނީ، އެ އެއްޗެއްގެ ނަފުސުގެ އުޞޫލްތައް ހާމަކުރުމުގައެވެ.
ކޮންމެ ޒައްރަކަށް މަތިވެރިކަން ޙާޞިލްކުރެވިދާނެއެވެ.
މި ޚިޔާލު ނެތް ދިރުމެއްގެ  އަޖަލު ގާތްވެއެވެ.
ނަފުސު ފުރިހަމަކުރުމުން، އިންސާނާއަށް އެންމެ ފުރިހަމަކަން ލިބިގެން ދެއެވެ.
ރެވިއޮށެއް ފަރުބަދައަކަށްވަނީ މި އަމިއްލަވަންތަ ކަމުގެ ބާރުގައެވެ.
މި ބާރު ބަލިވެއްޖެނަމަ، ފަރުބަދަ ރެވިއޮށަކަށް ވެއެވެ.
މި ދުނިޔޭގެ ޙަޤީޤަތަކީ ތިބާއެވެ.
އެހެން ހުރިހާ އެއްޗަކީ އަވާމެންދުރެކެވެ.

އަމިއްލަވަންތަކަން ކުރިއެރުވުން

އިޤްބާލް ދެކެވަޑައިގަންނަވާ ގޮތުގައި، އަމިއްލަވަންތަކަމަކީ ޙާޞިލްކުރާ ކަމެކެވެ. އެއީ ޙާލަތެއް ނޫނެވެ. އިންސާނާ ކުރިއަރަން މަސައްކަތް ކުރާނަމަ، މާތް ﷲ އޭނާއަށް އެކަމުގައި ވާގިވެރިވެ ވޮޑިގަންނަވާނެއެވެ. ކީރިތި ޤުރްއާންގެ ރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގައި ”ހަމަ ކަށަވަރުން ބަޔަކު މީހުންގެ ޙާލަތު އެ ބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެ ޙާލަތު ބަދަލެއް ނުކުރައްވާނެ“ ކަމަށް އަންގަވާފައި ވެއެވެ. އިޤްބާލް ވިދާޅުވެފައި ވެއެވެ: ”އޭނާ އަމިއްލައަށް އިސްނުނަގާ ނަމަ، އޭނާގެ ނަފުސުގެ މުއްސަނދިކަން ކުރިއަރުވަން މަސައްކަތް ނުކުރާ ނަމަ، ތަރައްޤީވަމުން އުފެދެމުންދާ ޙަޔާތުގެ ”ތޮޅުން“ އޭނާގެ ނަފުސަށް އިޙްސާސް ނުކުރެވޭ ނަމަ، އޭނާގެ ހަށިގަނޑުގެ ތެރޭގައިވާ ރޫޙް ހިލައަށްވެ، މަރުވެފައިވާ އެއްޗެއްގެ ފެންވަރަށް އޭނާ ދަށަށް ދެއެވެ.“

އިޤްބާލްގެ ނަޒަރުގައި މުޖުތަމަޢުއެއްގެ އާދަކާދަ އެ މުޖުތަމަޢުއެއްގެ މީހުން ދެނެގަނެ، ބަލައިގަނެ، ދިރުވައި ކުރިނާރުވާ ނަމަ، އަމިއްލަވަންތަކަން ކުރިއެއް ނޭރުވޭނެއެވެ. އިޤްބާލް ތަކުރާރުކޮށް ވިދާޅުވެއެވެ: އެހެން މީހުންގެ މައްޗަށް ބަރޯސާކޮށް، އެހެންމީހުންގެ އުޅުންތަކާއި ގުޅުންތައް ކޮޕީކުރާ ނަމަ، ނަފުސު ނިކަމެތިވެ، ކުރިއެރުން ހިފެހެއްޓޭނެއެވެ.

دلا نارائي پروانہ تاکے

نگیری شیوۂ مردانہ تاکے

یکے خود را بسوز خویشتن سوز

طواف آتش بیگانہ تاکے

How long, O heart, this burning like the moth?

How long this aversion to the ways of true manhood?

Burn thyself in thy own flame,

How long this fluttering round the stranger’s fire?

އޭ ހިތާއެވެ! ތިގޮތަށް ޕަރުވާނާ އެއްހެން، އަނދަމުންދާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
ފުރިހަމަ އިންސާނެއްގެ ގޮތްތަކަށް ނަފުރަތުކުރުމުގައި
ހުންނާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
ތިބާގެ އަމިއްލަ ހުޅުގައި ތިބާ އަނދާށެވެ.
ތި ގޮތަށް ބީރައްޓެއްސެއްގެ ހުޅުކޮޅު ވަށައިގެން
ޠަވާފުކުރާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

އިޤްބާލްގެ ނަޒަރުގައި، އިރުމަތީގެ މީހުން ހުޅަނގުގެ ބޭކާރު ގޮތްތައް ކޮޕީކުރުމުން އެމީހުންގެ ނަފުސުގެ ޢިއްޒަތް ގެއްލި، ތަރައްޤީ ބިކަވެ، އުފެއްދުންތެރިކަން ނިކަމެތިވެއްޖެއެވެ. އިޤްބާލް ދެކެވަޑައިގަންނަވާ ގޮތުގައި، އިރުމަތީ މީހުން ކޮޕީކުރަމުން ދަނީ، ހުޅަނގުގެ ޙަޟާރަތުގެ ބޭރު ތޮށިގަނޑެވެ. މުހިއްމު ނޫން ކަންކަމެވެ. އެހެންކަމުން، އިރުމަތީ މީހުންގެ އަމިއްލަވަންތަކަމުގެ ޖަވާހިރުވަނީ ގެއްލިފައެވެ. ”ޖާވީދު ނާމާ“ ގައި އޭނާ ވިދާޅުވެއެވެ:

ހުޅަނގު ކޮޕީކުރުމުން އިރުމަތީގެ ޙަޤީޤީ ނަފުސު ގެއްލިއްޖެއެވެ.
ކޮޕީކުރުމުގެ ބަދަލުގައި ފިކުރާއެކީ އަމިއްލަ ނަފުސު ވަޒަން ކުރަން ވެއްޖެއެވެ.
ހުޅަނގުގެ ބާރު އުދަވަނީ އެމީހުންގެ މިޔުޒިކަކުން ނޫނެވެ.
އަދި ބުރުގާ ނެތް އެމީހުންގެ އަންހެން ދަރިންގެ ނެށުމަކުން ނޫނެވެ.
އެމީހުންގެ ބާރު އަންނަނީ ލާދީނީ ކަމަކުން ނޫނެވެ.
އަދި އެމީހުންގެ ކުރިއެރުން އަންނަނީ ލެޓިން އަކުރު ބޭނުން ކުރާތީކީ ނޫނެވެ.
ހުޅަނގުގެ ބާރަކީ އެމީހުންގެ ފަންނުތަކާއި ސައިންސެވެ.
އެމީހުންގެ ދަންމަރުތައް ދިއްލީ އޭގެ ހުޅުންނެވެ.

މިހާރުވެސް ފެންނަމުންދާ، އަސަރުކުރުވަނިވި ޙަޤީޤީ މަންޒަރުތައް އޭނާގެ ޅެންތަކުގައި ކުރަހާފައި ވެއެވެ. އޭނާ ވިދާޅުވެއެވެ: ”އަމިއްލަ ތާރީޚާއި ޘަޤާފަތަށް އަޅާނުލުމުން، އަހުރެމެންގެ ޒުވާނުންގެ ކިބައިން ޤައުމީވަންތަކަން ގެއްލިއްޖެއެވެ. އެމީހުންގެ އުފެއްދުންތެރިކަން ބަލިވެއްޖެއެވެ. މިކަމުގެ ސަބަބުން އެމީހުންގެ ޢިއްޒަތުއްނަފުސު ބަލިކަށިވެ، ބޭޤަރާރުކަން އިތުރުވެއްޖެއެވެ.“

ބިދޭސީންގެ ފަރާތުން ތިބާ މަޢުލޫމާތު ހޯދައި ރައްކާކޮށްފީމެވެ.
އަދި އޭގެ ފުށުން ކޯތާފަތްމަތި އޮމާން ކޮށްފީމެވެ.
ތިބާގެ ނަޞީބު ލިބިގަންނަނީ އެމީހުންގެ ގޮތްތަކުންނެވެ.
ތިބާއަކީ ތިބާކަން ނުވަތަ އެހެން މީހެއްކަން އަހުރެންނަށް އޮޅިއްޖެއެވެ.
ތިބާގެ ފިކުރުވަނީ އެމީހުންގެ ޚިޔާލުތަކުން ހިލިހިލާ ޖެހިފައެވެ.
ތިބާގެ ނޭވާއިން ވެސް ކުޅެނީ އެހެން ބައެއްގެ ރާގުތަކެވެ.
ތިބާގެ ތުންފަތުން އޮހޮރެނީ އެހެން މީހުންގެ ވާހަކަތަކެވެ.
ތިބާގެ ހިތުގައި ވަނީ އެހެން ފަރާތެއްގެ އެދުންތަކެވެ.
މިގޮތަށް، އެހެން ބައެއްގެ ހުޅުކޮޅުވަށައިގެން ޠަވާފުކުރާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟
ތިބާގެ ހިތެއް ވޭ ހެއްޔެވެ؟ ވާނަމަ، ތިބާގެ އަމިއްލަ އަލިފާނުގައި ތިބާ އަނދާށެވެ.
ފަރުދަކު ތަފާތު މީހަކަށް ވަނީ އޭނާގެ ޠަބީޢީ ގޮތްތައް ކުރިއަރުވައިގެންނެވެ.
ޤައުމެއް ޙަޤީޤީ ޤައުމަކަށްވަނީ އޭގެ ނަފުސަށް ތެދުވެރިވާ ވަގުތުއެވެ.

ހުޅަނގުގެ ޙަޤީޤީ ރަނގަޅު ސިފަތައް ބަލައިގަނެ އާލާ ކުރުމުގެ ބަދަލުގައި އޭގެ ބޭރުފުށް ކޮޕީކުރާ ޒުވާނުން، އިޤްބާލް ހަރުކަށިކަމާއެކު ކުށްވެރިކުރައްވައެވެ.

O lively and fashionable youth! Arts and Sciences,

Need a keen intellect not Western clothes,

What is needed in this quest is vision,

Not this or that particular head-dress!

If you have a subtle intellect and an incisive mind,

They would suffice to guarantee success.

އޭ ޙަރަކާތްތެރި ފެޝަނަށް ލޯބިކުރާ ޒުވާނުންނޭވެ.
ޢިލްމާއި ފަންނަށް ބޭނުންވަނީ ތޫނު ވިސްނުމެކެވެ.
ހުޅަނގުގެ ހެނދުމެއް ނޫނެވެ.
ޢިލްމާއި ފަންނު ހޯދުމަށް ބޭނުންވަނީ ތަޞައްވުރެކެވެ.
މި ނޫން އެ ނޫން ބޮލުގައި އަޅާ އެއްޗެއް ނޫނެވެ.
ތިބާގެ ފިކުރު ފުންވެފައި ވިސްނުން ތޫނު ނަމަ،
ކާމިޔާބު ލިބިގަންނަން އެ ވަރު، ޔަޤީނުން ވެސް ފުދެއެވެ.

”ޖާވީދު ނާމާ“ ގައި ހުޅަނގުގެ ކުރިއެރުން ލިބިގަންނާނެގޮތް ބަޔާން ކުރައްވައެވެ.

ބައްތީގެ ދަންވަރުގެ ތެޔޮ، ސާބިތުކަމާ އެކު އެންދުމުން،
ޢިލްމާއި ފަންނުގެ ދަނޑަށް މީހާއަށް ވަދެވެއެވެ.
ޙައްދެއް، އިމެއް ނުވާ ނުވާ މާނަ ހިމެނޭ ދުނިޔެ
ނިމުމެއް ނެތްް ޖިހާދަކުން ނޫނީ ފަތަޙައެއް ނުކުރެވޭނެއެވެ.
ދެއްކުމަށް ހިތް ނުތަނަވަސް ވެގެން ހުޅަނގުގެ އަޅު،
ހުޅަނގުން ލިބިގަންނަނީ ހަމައެކަނި ނެށުމާއި މިޔުޒިކެވެ.
މާނައެއް ނެތް ކުޅިވަރަށް އޭނާގެ އަގުބޮޑު ނަފުސު މާރުކުރެއެވެ.
ޢިލްމު ހޯދުމަށް ދަތިވުމުނ،ް މުނިފޫހިފިލުވުން އޭނާ ހޯދައެވެ.
ފަސޭހައިން ލިބެން އޮތް އެއްޗެއް، ލައްޒަތާއެކު ގަނެއެވެ.
އޭނާގެ ނިކަމެތި ޠަބީޢަތް މިކަން ފަސޭހައިން ބަލައިގަނެއެވެ.
އެކަމަކު ފަސޭހައިން ލިބޭ އެއްޗެއް ހޯދުމަށް ކުރި މަސައްކަތް
އޭނާގެ ރޫޙް ހަށިގަނޑާ ވަކިވެއްޖެކަން ސާބިތުކުރެއެވެ.

މި ބައިތުތަކުން، ހުޅަނގުގެ ކުރިއެރުމުގެ އަޞްލުކަމަށް އިޤްބާލް ޤަބޫލުކުރާ ޢިލްމާއި ފަންނު ހޯދުމަށް ދެކޮޅު ނުހައްދަވާކަން، އަދި ކީއްތޯ، އެ ޢިލްމާއި ފަންނު ލިބިގަތުމަށް ބާރު އަޅުއްވާކަން ޔަޤީން ވެއެވެ. އައު ހޯދުންތައް ހޯދުމަށް ހުޅަނގުގެ މީހުން ހުންނަ ފޯރި އާއި އެމީހުންގެ ސައިންސާއި، އެމީހުންގެ މާހައުލު ކޮންޓްރޯލް ކުރުމަށް ކުރާ ހިތްމަތަށް އޭނާ ތާއީދު ކުރައްވައެވެ. އޭނާ ދެކޮޅު ހައްދަވަނީ، އެހެން ކަންކަމަށެވެ. މަތިމަތިން ފެންނަ ދަޅަތަކާއި މީހުން ޝައުޤުވެރިކުރުމާ ސިއްސުވާލާ ހުޅަނގުގެ ކަންތައްތަކަށެވެ. އެއީ މީހާގެ ނަފުސު މިކަންކަމުން ނިކަމެތި ކުރާތީއެވެ. އެ ކަންކަން މުސްލިމުންގެ އާދަކާދަތަކާއި ގުޅުންތަކާ ދެކޮޅުވީމައެވެ. އަދި، އެކަންކަން ކުރުމުން، ތަހުޒީބުވެ ތަރައްޤީވެފައިވާ މީހެއްކަމަށް ޤަބޫލުކުރެވިދާނެތީ އެވެ. އޭނާ އެދިވަޑައިގަންނަވަނީ ތަޢުލީމީ ޒުވާނުންގެ ކިބައިގައި ކެރުމާއި އަމިއްލައަށް ކަންކުރުމުގެ ރޫޙް އުފައްދާށެވެ. ހިތާމަކުރުމެއް ނެތި، ލަދުވެތި ސަލާން ޖެހުމުގެ ސިފަ އޭނާ ކުށްވެރި ކުރައްވައެވެ. މިކަމުން ރޫޙް ނިކަމެތިވެ، އަމިއްލަވަންތަކަން ގެއްލޭތީއެވެ.

އިރުމަތީ ޤައުމުތައް އިޤްބާލްގެ ދުވަސްވަރު ވަނީ އިސްތިޢުމާރީ ބާރުތަކުގެ ދަށުވެ ޤައިދުވެފައެވެ. ސިޔާސީ އަދި ތަޢުލީމީ ޙާލަތުވަނީ ނިކަމެތި ވެފައެވެ. މިހާރުވެސް، އެ ތަޢުލީމީ ނިޒާމަކީ ބިދޭސީ ނިޒާމެކެވެ. ހުރިހާ ކަމެއް ރޭވިފައި އޮންނަނީ ސަލާންޖެހުމަށެވެ. އެހެން ބައެއްގެ ނަޒަރުން ހުރިހާ ކަމެއް ދުށުމަށް އަހުރެމެން ހިތްހަމަޖެހި ދެއެވެ. އިޤްބާލް ދެކެވަޑައިގަންނަވާ ގޮތުގައި، ތަރައްޤީގެ ފުރުސަތު ފަހިވަނީ މީހުންގެ އަމިއްލަވަންތަކަން ކުރިއަރުވައި، އާދަކާދަތަކުގެ މުއްސަނދިކަން، އީޖާދީ އަވަސް ކުރިއެރުމަކަށްް މިސްރާބު ކުރީމައެވެ.

އިޤްބާލަށް ފެނިވަޑައިގަތް ޒުވާނުންނާއި، ތަޢުލީމީ ޙާލަތާ ބެހޭ ގޮތުން އޭނާ ވިދާޅުވެއެވެ:

”ޙުޝްތޮހޭ ހަމްބީ ޖަވާނޯންކީ ތަރައްޤީ ސޭ މަޤަރު
      ލަބެ ޚަންދާންސެ ނިކަލްޖާތީހެ ފަރިޔާދުބި ސާތުސާތު
ހަމް ސަމަޖުތޭތެ ލާއޭގީ ފަރާޣަތު ތަޢުލީމް

      ކިޔާ ޚަބަރުތީކެ ޗަލާ އާއޭގާ އިލްޙާދުބި ސާތު“

ޒުވާނުން ތަރައްޤީވަމުން ދާތީ އަހުރެން ވެސް އުފާވެއެވެ.
އެކަމަކު އެކަމާ ހިނިތުންވެފައި ހުރި ތުންފަތް މައްޗަށް
ޝަކުވާގެ ބަސްތައް ވެސް އާދެއެވެ.
އަހުރެންނަށް ވިސްނޭގޮތުގައި، މި ތަޢުލީމުން ގެނެސްދޭނީ
ވަޒީފާނެތުމެވެ. ބޭކާރުކަމެވެ. އަދި އެނގޭ ހެއްޔެވެ؟

މި ތަޢުލީމާ އެކު އިލްހާދުވެސް އަންނާނެއެވެ. [އިލްހާދަކީ ދީން ޤަބޫލު ނުކުރުމެވެ.]

ޢިޤްބާލްގެ ޅެންތަކަކީ ރީތި، މާނަވީ ޅެންތަކެކެވެ. އޭނާގެ ކުރު ޙަޔާތުގައި ދުނިޔެވީ ދިރިއުޅުމުގެ އެތައް ޙާލަތަކާ މެދު ވިސްނަވާފައި ވެއެވެ. އިސްލާމުން ތަރައްޤީގެ މަގުގައި އަވަސް ފިޔަވަޅުތަކެއް އެޅިދާނެގޮތް ބަޔާންކުރައްވާފައި ވެއެވެ. އޭނާ ފަދަ، ފަންނާނަކަށް އިސްލާމީ ދުނިޔެ ބޭނުންވެފައިވަނީ، އެއިރަށް ވުރެ ވެސް ބޮޑަށެވެ. މާތް ﷲ އޭނާއަށް ރަޙްމަތް ލައްވާށިއެވެ. އާމީން.

ނިންމުން


މި މަޒުމޫނަކީ، ދިވެހިބަހުގެ ދަރިވަރުންނަށް ނަމޫނާއަކަށް ވާނޭ ޅެންވެރިއަކާ އެކު ”ހަވީރުކުރުމެއް“ ލިޔާނެކަމަށް ޤަޞްދުކޮށް އަޅުގަނޑު ލިޔުނު މަޒުމޫނެކެވެ. މަޒުމޫނު ފުރަތަމަ ޝާއިޢުކުރެވުނީ 2004 ވަނަ އަހަރުގެ ޖަނަވަރީ މަހު ނުކުތް ”ދަރުމަ“ ޢަދަދުގައެވެ. މިހާރު އޭގެ ފަހުން 15 އަހަރު ވެއްޖެއެވެ.

އަޅުގަނޑަށް ވިސްނޭގޮތުން، ޅެންވެރިއަކާ އެކު އަދަބީ ފެންވަރެއްގައި ”ހަވީރުކުރެވޭނީ“ ހަމަ އެންމެ ޅެމަކަށެވެ. އެހެނީ ޅެންވެރިއެއްގެ ހުރިހާ ޅެންތަކަށް އިންސާފުކުރަން ބޭނުންނަމަ، އެކަމަށް ވަރަށް ގިނަ ޞަފުޙާ ބޭނުންވާނެއެވެ. އެއީ މަދްރަސީ ފެންވަރުގައި، ކިލާހުގައި ކުރާ މަސައްކަތެއްގެ ގޮތުގައި، ކުރެވޭނޭ ކަމެއް ނޫނެވެ. މި މަޒުމޫނަށް 15 އަހަރު ފަހުން ވިސްނާލާއިރު އަޅުގަނޑަށް ކުރެވިފައިވާ ކަމަކީ އިޤްބާލްގެ ޅެންތަކުގައިވާ ތީމް ނުވަތަ މައުޟޫޢު ތަކުގެ ތެރެއިން މައިގަނޑު އެއް މައުޟޫޢު އާ ބެހޭ ގޮތުން ޚުލާޞާއެއް ލިޔުމެވެ. އެއީ މަޒުމޫނު ލިޔުނު އިރު އަޅުގަނޑުގެ މަޤްޞަދުވެސް މެެއެވެ. ލިބޭ ހިތް ހަމަ ޖެހުމަކީ މިވަރުގެ ކަމެއް ވެސް ދިވެހިބަހުގެ ދަރިވަރުންނަށް ފެންނަން ހުންނަލެއް މަދުކަމާ އެކު، މި ހާސަރުން ދަރިވަރުންނަށް މަންފާއެއް ކޮށްފާނެކަމަށް ހީކޮށް ލިބޭ ހިތްހަމަ ޖެހުމެވެ.

އިޤްބާލްގެ ގިނަ ޅެންތަކުގެ ތެރެއިން މަދު ބައެއް ތަކެތި ދިވެހި ބަހަށް ތަރުޖަމާކުރެވިފައި ވެއެވެ. އަޅުގަނޑު ހަނދާން ހުންނަ އެއް ޅެމަކީ މުސްލިމުން ނިކަމެތިވެފައިވާ މިންވަރާ ބެހޭ ގޮތުންކަލާނގެއަށް ޝަކުވާއެއްގެ ގޮތުގައި އޭނާ ލިޔުއްވި ޅެން ”ޝިކްވާ“ އެވެ. އެ ޝަކުވާގެ ޖަވާބެއް (ޖަވާބޭ ޝިކްވާ) ވެސް އޭނާ ލިޔުއްވިއެވެ. މި ދެޅެން ޙަބީބާ ޙުސައިން ޙަބީބު ތަރުޖަމާ ކުރައްވާފައިވަނިކޮށް އަޅުގަނޑު ދުށް ހަނދާން ވެއެވެ. އިޤްބާލްގެ ޅެންތަކުންނާއި އޭނާގެ ޒިންދަގީނާމާއިން، އަޅުގަނޑު  އޭނާ ދަންނަތާ ލައްކަ ދުވަސްވެއްޖެއެވެ. މިއޮތީ އަޅުގަނޑު މަދަރުސާގައި ކިޔަވަން އުޅުނު އިރު އިޤްބާލް އުފަންވެ ވަޑައިގަންތާ 100 އަހަރުވެގެން ބޭއްވި މުބާރާތަކުން ލިބުނު ސަނަދެކެވެ. އެއްވަނައަށް އައީ މަތީ ގްރޭޑެއްގެ ދަރިވަރެކެވެ.

ދިވެހި ބަހާ ބެހޭ ގޮތުން ލިޔެފައިވާ އެހެން މަޒުމޫނުތައް މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ.

އެންމެ ފަހުގެ މަޒުމޫނުތައް