ވަޒީރަކު ވިދާޅުވިއަސް ތެދެއް ވާނީ ތެދަކަށެވެ.

2 ސެޕްޓެމްބަރު 2018 ގައި ޝާއިޢުކުރެވުނު ”މިހާރު“ ގައި ވަރަށް އާދަޔާ ޚިލާފު ޚަބަރެއް އޮތެވެ. އޭގައި ލިޔެފައި އޮތީ، އިމާމުންނާ ( މުދިމުންނާ) ހެދި، މިސްކިތްތަކަށްދާ މީހުންގެ ޢަދަދު މަދުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވި ވާހަކައެވެ. ޚަބަރުގެ ސުރުޚީ ކިޔާފައި އަޅުގަނޑުވެސް، ދެތިން ކަމަކާ ކުޑަކޮށް ހައިރާން ވިއެވެ.

ބައެއް މީހުން، ޚަބަރުގެ ސުރުޚީ ކިޔުމަށްފަހު، މައިގަނޑު ނުކިޔައި، ކޮމަންޓްތައް ބަލައެވެ. ކޮމަންޓްތަކަށް ބަލާއިރު، ވަޒީރު ވިދާޅުވި އެއްޗަކަށް ތާއީދުކުރުމަށް ފަހު، އެކަން އެގޮތަށް ދިމާވަނީ، ކަމަށް ނާޤާބިލް މީހުންނަށް ސިޔާސީ ބޭނުމަށް މުދިންކަމުގެ ވަޒީފާ ދޭތީކަމަށް ބުނެ ގިނަ ބަޔަކު ތާއީދުކޮށްފައި ވެއެވެ. އަދި ޝޭޚުންނާއި ދީނީ ޢިލްމުވެރިންކަމަށް ބުނާ ބައެއްގެ ފަރާތުން ފެންނަމުންދާ ހުތުރު ޢަމަލުތަކުން ކަމަށް ބުނެ، ކުރެވުނު ތުހުމަތު، ”އައިކޮޅަށް ޖަހާފައި“ ވެއެވެ. އެ ޚަބަރު ކިޔުއްވަން ބޭނުންފުޅު ނަމަ، މި ޖުމުލައަށް ފިތާލައްވަނިކޮށް ފެނިވަޑައިގަންނަވާނެ އެވެ.   އަޅުގަނޑު ސުރުޚީ ލިޔެފައިވާ މަތީގައި އެވާ ފޮޓޯއަކީ މި ޚަބަރު ސޯޝަލްމީޑީއާގައި ނޫހުން ޝެއަރ ކުރިއިރު ހިމަނާފައިވާ ފޮޓޯއެވެ.

އަޅުގަނޑު މިއުޅެނީ މި ޒުވާބުގެ ތެރެއަށް ވަންނާކަށް ނޫނެވެ. އަޅުގަނޑުގެ ބޭނުމަކީ ވަޒީރު އެ ހުށަހެޅުއްވި فرضية ނުވަތަ ނަޒަރިއްޔާ އާ އެއްކޮޅަށް، މުދިމުންގެ ފަރާތުން ފެންނަ، ސުންނަތާ ޚިލާފު، ބިދުޢާގެ ތެރޭގައި ހިމެނިދާނެ ބައެއް ކަންކަން ފާހަގަކޮށްލުމެވެ. މިއީ ދޮޅަހަކަށް ކަމެވެ.

ތާޅަފިލީގެ އަޑު ގަދަވުން


ނަން ގަނެވުނު ޚަބަރުގެ ފަހަތުގައި ޝާއިޢުކޮށްފައިވާ ކޮމަންޓްތަކާމެދު ވިސްނާއިރު ގިނަ ބަޔަކު ތާއީދުކޮށްފައިވާ އެއް ކަމަކީ، ތާޅަފިލިން ބަންގިގޮވާ އަޑު ނޭކަށޭނެ ވަރަށް ގަދަވުންކަން ފާހަގަވެއެވެ. މިކަމަކީ ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު 1200 ވަރަކަށް އަހަރު ވީ ފަހުން، ފެށުނު ކަމެކެވެ. ބުނެވޭގޮތުގައި މިކަންފެށުނީ މީލާދީން 1930 ގެ އަހަރުތަކުގައެވެ. އެ ދުވަސްވަރު، ތާޅަފިލިން ބަންގިގޮވުމަކީ ހުއްދަ ނޫން ކަމެއްކަމަށް ޢިލްމުވެރީން ފަތުވާ ނެރެފައި ވެއެވެ. އެއީ، ތާޅަފިލިން އުފައްދާ އަޑަކީ، މެކެނިކަލްކޮށް ނެރޭ (ޤުދުރަތީ ނޫން ގޮތެއްގައި އުފައްދާ) އަޑެއް ކަމަށްވާތީ އެވެ. އަޅުކަން ކުރުމަށް އެއްވުމަށް، ޔަހޫދީންހެން ޖަނަވާރެއްގެ ދަޅެއް ގޮއްވުމާއި ނަޞޯރާއިންހެން ރަނގަބީލު ޖެހުމުން ކީރިތި ރަސޫލާ އެއްކިބާވެވަޑައިގެންފައިވާ އެއް ސަބަބަކީ މެކެނިކަލްކޮށް އެ އަޑުތައް ނެރޭތީ ކަމަށް އެމީހުން ބުނެއެވެ. ކޮންމެއަކަސް، މިހާރުވެސް މުދިމު މީހާ އުސްތަނަކަށް އަރައި ބަންގިގޮވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރާ އެތައް ބައެއް އުޅެއެވެ. ނަމަވެސް، ފަހަކަށް އައިސް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، ތާޅަފިލި ބޭނުން ކުރުން ހުއްދައެވެ. އެއީ ޤިޔާސްގެ ހަމައަކުން، ބިލާލުގެފާނު އުސްތަނަކަށް އަރުއްވައި ފުރަތަމަ ބަންގި ދެއްވި ދެއްވުމަށް ރިއާޔަތްކޮށެވެ.  ކުރިން إجماع އިން ނިންމި ނިންމުން ބަދަލުވީއެވެ.

ތާޅަފިލީގެ އަޑާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދެއްކުމަށް އަޑަކީ އެއްޗެއްގެ ބަރުދަން ކިލޯގްރާމުން ވަޒަން ކުރާހެން، ބާވަތެއްގެ މީޓަރަކުން (ސައުންޑް މީޓަރަކުން) ވަޒަންކުރެވޭ އެއްޗެއްކަން ދެނެގަންނަން ޖެހެއެވެ. އަޑެއްގެ ބާރުމިން މިނާ ޖިންސަށް ކިޔަނީ ޑެސިބަލް އެވެ. މާލޭގައި ސައުންޑު މީޓަރު ވިއްކަން ހުރެއެވެ. ނަމަވެސް، މި ބާވަތުގެ މީޓަރެއް ހޯދުމަށް، އެންމެ ފަސޭހަ ގޮތަކީ، މީގެ ”އެޕެއް“ މޮބައިލް ފޯނަށް ޑައުންލޯޑުކުރުމެވެ. ޕްލޭސްޓޯރ ގައި ސައުންޑުމީޓަރ ޖަހަނިކޮށް މީގެ އެތައް އެޕެއް ފެނިވަޑައިގަންނަވާނެއެވެ. ބާޒާރުގައި ވިއްކަން ހުންނަ ފަތިގަނޑުތަކުގައި، 12 އިންޗިކަމަށް ލިޔެފައި އޮންނަ ދުރުމިން، ހުރިހާ ފަތިގަނޑެއްގައި ބަރާބަރަށް އެއްވަރު ނުވާ ފަދައިން، ހުރިހާ ސައުންޑް މީޓަރަކުން އެއް އަދަދެއް ނުދައްކަފާނެއެވެ. މިފަދަ ތަކެއްޗަކީ ރަނގަޅު އެއްޗަކާ އަޅާކިޔައި ”ކެލިބްރޭޓް“ ކުރަންޖެހޭ ތަކެއްޗެވެ.

އެކި ތަކެތި މިނާ މީޓަރު މޮބައިލް ފޯނުގައި ހިމެނެއެވެ. ފޮޓޯގައި އެވަނީ ސައުންޑް މީޓަރެކެވެ. މޮބައިލް ފޯނުން ސައުންޑް މީޓަރުގެ އެޕެއް އަޅައިގެން ބޭނުން ކުރާނަމަ، އަޞްލު ސައުންޑް މީޓަރަކާ އަޅާކިޔައި ކެލިބްރޭޓް ކުރަން ޖެހެއެވެ.

އަޑުގެ ބާރުމިން 0 އިން ފަށައިން 190 އަށް ވުރެ މައްޗަށް ކިޔައެވެ. 0 ޑީބީގެ އަޑު ހުންނަ ތަނެއް ވަރަށް މަދުވާނެ އެވެ. މިފަދަ ތަނަކަށް މީހަކު ވަދެއްޖެނަމަ، ހަމަހިމޭންކަން ބޮޑުކަމުން، އޭނާއަށް ވިންދުޖަހާ އަޑާއި، ފުއްޕާމޭ ފުފި ހިނދޭ އަޑާއި، ކަންފަތުން ލޭހިނގާ އަޑު އިވޭނެއެވެ. ހަމަ ހިމޭން ކޮޓަރިއެއްގައި 30 ޑީބީގެ އަޑު ހުރެއެވެ. ޢާއްމުކޮށް މީހުން ވާހަކަ ދައްކަނީ 50 ޑީބީގެ ބާރުމިނުގައެވެ. ތިރީގައި އެވަނީ އެކި އަޑުގެ މިންވަރު އަންގައިދޭ ޗާޓެކެވެ. 80 ޑީބީ އަށް ވުރެ ގަދަ އަޑެއް ގިނައިރު އަހަމުން ދާނަމަ، ބީރުވާން ފަށާނެއެވެ. މީގެ އިތުރަށް، ވިންދުޖެހުން އަވަސްވުމާއި، ނުތަނަވަސް ވުމާއި ކުޑަކުދިންގެ ފިކުރު ފުރިހަމަ ނުވުމާއި، އަވަހަށް ރުޅިއައުމާއި މިޒާޖު ނޭއްދާރުވުމާއި، ލޭގެ ޕްރެޝަރު މަތިވުމާއި ލޭހޮޅިތައް ހިމަވުމާއި މިފަދަ އެތައް ޖިސްމާނީ އަދި ނަފްސާނީ ބަލިތަކެއް، މާހައުލުގައި އަޑު ގަދަވުމުން މެދުވެރިވެއެވެ.  އަޅުގަނޑު މި ދުވަސްވަރު ނަމާދަށް ދާ މިސްކިތުގައި، ބަންގި ގޮވާއަޑު، ތާޅަފިލިން 100 ފޫޓު ދުރުމިނުގައި ހުރީ 87 ޑީބީގައެވެ. މިސްކިތުގެ އެތެރޭގެ މާހައުލުގެ އަޑަކީ 70 ޑީބީ އެވެ. މިސްކިތުގެ މުދިމުގެ އަޑު އިސްޕީކަރުން އަންނަނީ 82 ޑީބީގައެވެ. ނަމާދުގެ ޚުޝޫއަތްތެރިކަން ގެއްލޭހާ ބާރުގަދަ އަޑެކެވެ. މާލޭގެ ގިނަ މިސްކިތްތަކުގައި، ޖަމާޢަތުގައި، ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރުމަށް އެކަށޭނަ މާހައުލެއް ނެތެވެ. ކިރިޔާވެސް މިފަދަ މާހައުލަކަށް ފުރުޞަތު ލިބެނީ މިސްކިތުން ކަރަންޓު ކަނޑައިގެން ގޮސްފައި ހުންނަ އިރުއެވެ.

ބަރުދަން ކިލޯގްރާމުން މިނާ ފަދައިން، އަޑު މިނަނީ ޑީބީ (ޑެސިބަލް) ކިޔާ ޖިންސަކުންނެވެ. 80 ޑީބީ އަށް ވުރެ އަޑުގަދަވުމުން ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކެއް މީހުންނަށް ލިބެއެވެ.

ބޭރުގެ ހުރިހާ އަޑެއް ނީވޭގޮތް ހަދާފައިވާ ކޮޓަރިއެއް. މިފަދަަ ކޮޓަރީގެ ހަ ފަރާތުގައި ހުންނަނީ ތޫނު އަހުރާމްތަކެއް ނުވަތަ އަބުތަކެއް ހެން ހަދާފައި ހުންނަ ލުއި އެއްޗެއް ޖަހާފައެވެ. ހިނގާބިނގާވާން ބައެއް ކޮޓަރިތަކުގައި ކުޑަ ޖާގައެއް އޮވެއެވެ. މޮޅު ކޮޓަރިތަކުގައި މީހުން ހިނގާ ހަދަނީ ކަރާކަންވާރުން ހަދާފައި އޮންނަ ދައު ގަނޑެއްގައެވެ. މިފަދަ ކޮޓަރިއަކަށް ވަނުމުން އެހެންނާ ނީވޭ ކިތަންމެ އަޑެއް އިވެއެވެ. މިފަދަ އަޑުތަކުގެ ތެރޭގައި ބަނޑުން ކާނާ ހަޖަމުވާ އިރު ކިޔާ އަޑު ހިމެނެއެވެ. މިފަދަ ތަނެއްގައި އެންމެ ގިނައިރު މީހަކަށް ކެތް ކުރެވެނީ  45 މިނެއްޓު ވަންދެންނެވެ. ރާއްޖޭގައި މިފަދަ ކޮޓަރިއެއް (އެނެކޮއިކް ޗެމްބަރ އެއް) ނުހުރެއެވެ.

މާލޭގެ މިސްކިތްތަކަކީ ހަމަހިމޭން ތަންތަނެއް ނޫނެވެ. އެ ތަންތަނުގެ އަޑު ހުންނަނީ 60 އާއި 70 އާ ދެމެދުގައެވެ. ރަނގަޅު ގޮތަކީ 40 ޑީބީގައި އަޑު ހުރުމެވެ. މިހެން މިވަނީ މަގުތަކުގެ އަޑު ގަދަކަމުންނާއި މިސްކިތް ހުންނަ ހިސާބުގަނޑުގެ ކާރޫބާރޫ ބޮޑުކަމުންނެވެ. ތަނެއްގައި ހުންނަ ޢާއްމު އަޑަށް ވުރެ 6 ޑީބީ މަތި ނަމަ، އެ އަޑު ރަނގަޅަށް އިވޭނެއެވެ. ބަންގިގޮވަން އެންމެ ރަނގަޅު ކަމަށް ފެންނަނީ މާހައުލުގެ (އޭމްބިއަންޓް) އަޑުގެ 10 ޑީބީ ގަދަކޮށެވެ.

މާލެއަކީ މާހައުލުގެ އަޑުފައްގަނޑު ގަދަ ތަނެކެވެ. ހުރިހާ ހިސާބެއްގައެވެ. މިއީ ތިމާވެށީގެ ޕޮލޫޝަންގެ (ތަޣައްޔަރުކަމުގެ) ބާވަތެކެވެ. ނޮއިސް ޕޮލޫޝަން އެވެ. ބައެއް ޤައުމުތަކުގައި، ދުވާލާއި ރޭގަނޑު ތަނެއްގައި ހުންނަން ޖެހޭ އެންމެ މަތީ އަޑުގެ ބާރުމިން ކަނޑައަޅާފައި ވެއެވެ. އިންޑިޔާގައި އޮންނަ މިންގަނޑު ތިރީގައި އެވަނީ އެވެ.

މި ޤާނޫނުގައިވާ ގޮތުން، މީހުން ދިރިއުޅޭ ހިސާބުގަނޑުގައި، ދުވާލު އަޑު ހުންނަންޖެހޭނީ 55 ޑީބީގައެވެ. ރޭގަނޑު ނަމަ، 45 ޑީބީގައެވެ. މި ޚަބަރު ބުނާގޮތުން، އިންޑިއާގައި ހުއްދަނެތި ތާޅަފިލި ބޭނުންކުރުން މަނާކޮށްފައި ވެއެވެ. އިންޑިއާގައި މިކަން ކުރަން އާދަޔާ ޚިލާފަށް ދަތިވާނެއެވެ. އެއީ ހިންދީ ދީނުގެ ބުދުކޯލުތަކުން ދުވާލު ހަތަރު ދަމު އެ ދީނުގެ ކިޔެވެލިތައް ތާޅަފިލިން ފޮނުވުމާއި ފަޓާސް ޖެހުމާއި ބަންގިގޮވުން އާދަކާދައަކަށް ވެފައިވާތީއެވެ.

އިސްލާމީ ޤައުމެއް ކަމުގައިވާ ދުބާއިގައި ވެސް މިސްކިތު ތާޅަފިލީގެ މައްސަލައިގައި ފިޔަވަޅު އަޅަމުން ގެންދެއެވެ. މި ޚަބަރު ބުނާގޮތުން، މިސްކިތު ތާޅިފިލީގެ އަޑު ގަދަވެގެން، ކުޑަކުދިން ހަތަރެސްފައި ކޮޅަށް ޖެހި ހޭލައި، އަދި އެހެން ވެސް އެތައް އުނދަގޫތަކެއް ޢާއްމުންނަށް ވާތީ މިސްކިތްތަކުގެ ތާޅަފިލީގެ އަޑާމެދު ފާރަވެރިވެގެން ފުލުހުން އުޅެއެވެ.

މާލެއަކީ، ދުނިޔޭގައި ނެތްފަދަ ބައިބޯ ރަށެކެވެ. އެހެންކަމުން، މާ އަޑުހަރުކޮށް، އަދި ތާލެއް ނެތި ބަންގިގޮވުމުން، މިސްކިތް ކާރީގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދީންނަށް ތުރާވާނެއެވެ. ބައެއް މީހުން ދެކޭ ގޮތުގައި، ބަންގީގެ އަޑު ހުންނަންވާނީ 40 ގެއަށް އިވޭ ވަރަށެވެ. މާލެ ފަދަ ތަނެއްގައި މި ޢަދަދު ވަރަށް މަޑުން ބަންގި ގޮވިއަސް ހަމަވާނެއެވެ. ހަރުކޮށް ބަންގި ގޮވުމުން، ގިނަ މީހުން މިސްކިތަށް ދާނެކަމަށް ހީކުރުމަކީ ކުށް ހީއެކެވެ. އަޅުގަނޑަކީ ވަރަށް ކުޑައިރުން ސުރެ ޖަމާޢަތަށް މިސްކިތަށް ގޮސް އުޅެވޭތޯ ބަލާ މީހެކެވެ. އަޅުގަނޑަށް ފާހަގަ ކުރެވޭ ކަމަކީ، މިސްކިތަށް ޖަމާޢަތަށް ދަނީ އެއް ބައެއް ކަމެވެ. މީގެ ތެރެއިން އެތައް ބައެއް މިސްކިތަށް ދަނީ ބަންގި ގޮވުމުގެ ކުރީންނެވެ. އަދި،މިސްކިތުން ކަރަންޓް ކަނޑައިގެން ގޮސްގެން، ތާޅިފިލިން ބަންގި ނުގޮވޭ ފަހަރުވެސް، ޢާއްމުކޮށް މިސްކިތަށް އަންނަ މީހުން ޖަމާއަތަށް އާދެއެވެ. މި ޒަމާނުގައި، މިފަދަ ކޮންމެ މީހެއްގެ އަތުފޯނުގައި، ނަމާދު ވަގުތުތައް އެނގޭ ”އެޕެއް“ ހިމެނޭނެއެވެ. ވަގުތު ޖެހުމުން، ފޯނުން ބަންގި ގޮވާގޮތް ހެދެއެވެ.

ބައިބޯ މީހުން ދިރިއުޅޭ އެހެން ސަހަރުތަކުގައި، ތާޅަފިލި ހަރުކުރުމުން ދިމާވާ އެހެން މައްސަލައެއވެއެވެ. އެއީ އެއް މިސްކިތުން ބަންގި ގޮވަން ފަށާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކައިރީގައިވާ އެހެން މިސްކިތަކުން ބަންގި ގޮވަން ފެށުމެވެ. ދެ ބަންގީގެ އަޑު ނުވަތަ އެއަށް ވުރެ ގިނަ ބަންގީގެ އަޑު  އެކުމުތުނުވާ ގޮތަކަށް ހަރުކޮށް، އެއް ފަހަރާ އިވެން ފެށުމުން، ކިޔާ ނުކިޔާ ނުއެނގި، ފަސްވަރަކަށް މިނެއްޓު ވަންދެން ބަންގި ދިގުލައެވެ. މިކަންތައް ދިމާވެގެން، ބައެއް ސަހަރުތަކުގައި ފަހުގެ ޓެކްނޯލޮޖީއެއް ބޭނުން ކުރަމުން ދެއެވެ. އެއީ ސަހަރެއްގެ މިސްކިތްތަކުގެ ތާޅަފިލިތައް ގުޅާލައިގެން އެއް ބަންގި ހުރިހާ މިސްކިތަކުން އިއްވުމެވެ. މިގޮތަށް ޢަމަލުކުރާ ތަންތަނުގެ ތެރޭގައި ޤުދުސް ހިމެނެއެވެ. އަދި ތުރުކީގެ އިސްތަންބޯލް ހިމެނެއެވެ. މިސުރުގެ ޤާހިރާގައި މިކަން 2010 ގައި ކޮށްފައިވާ ކަމަށް މި ޚަބަރު ބުނެއެވެ. ކެރަލާގެ ސަހަރެއްގެ 17 މިސްކިތުގެ ބަންގި، އެއް މިސްކިތަކުން ގޮވައި އެހެން މިސްކިތްތަކުން ފޮނުވާގޮތަށް ހަމަޖެއްސިކަމަށް މި ޚަބަރު ބުނެއެވެ.  އަޅުގަނޑުގެ ނަޒަރުގައި، މިއީ މާލޭގައި މިހާރު ކުރަން ވެފައިވާ ކަމެކެވެ. ބަންގި ދޭން ޖެހޭނެއެވެ. ނަމަވެސް، ބަންގި ދޭން ޖެހޭނީ، ދީނުގައި އެކަމަށް އަންގަވައިފައިވާ ގޮތަށެވެ.

ބަންގީގެ އިތުރުން ކިޔާ ތަކެތި ތާޅަފިލިން ފޮނުވުން


ފަހަކަށް އައިސް، ރާއްޖޭގައި ފެށިގެން އުޅޭ އައު ކަމަކީ، ކުރާ ނަމާދުވެސް ތާޅަފިލިން ފޮނުވުމެވެ. ބިލާލުގެފާނު، އުސްތަނަކަށް އަރުއްވައި ބަންގި ދެއްވި ދެއްވުމުން ތާޅަފިލި ބޭނުންކުރުމަށް، ޤިޔާސްގެ ހަމަތަކުން ބާރެއް ލިބުނު ކަމުގައި ވިއަސް، މުޅި ނަމާދު ތާޅަފިލިން ފެތުރުމަކީ، ކޮންފަދަ ދަލީލެއްގެ މައްޗަށް ކުރާ ކަމެއް ހެއްޔެވެ؟ މިކަމުގެ މަޤްޞަދަކީ، ކޮބައި ހެއްޔެވެ؟ މިއީ ބިދުޢާ އަކަށް ވެދާނެ ހެއްޔެވެ؟ މުދިމު، އަވަށްޓެރީންނަށް އިމާމުވެ ނަމާދު ކޮށްދެނީ ހެއްޔެވެ؟ އަވަށްޓެރީންގެ ތެރެއިން ބައެއް މީހުން އުޅޭނީ އެކި ކަންކަމުގައެވެ. ބައެއް މީހުން ބައްޔެއްގެ ތެރޭގައި ކެކުޅުމުގައެވެ. ކުޑަކުދީން ނިދުމުގައެވެ.  އަނެއްބައި މީހުން ޤަޟާޙާޖާ ކުރުމުގައެވެ. ގޭގައި ނަމާދުކުރާ މީހުންނާއި އަންހެނުންނަށް  މިކަމުގެ ސަބަބުން އެމީހުންގެ ނަމާދު އޮޅި ފަސާދަ ނުވާނެ ހެއްޔެވެ؟ ސަޢޫދީ އެރެބިޔާގައި މި އައު ބިދުޢާއަކަށް ވެދާނޭ ކަން ފެށުމާ ގުޅިގެން ސަރުކާރުގެ ފަރާތުން މަނާކޮށްފައި ވެއެވެ. އެ ޚަބަރު، ފެށެނީ އަންނަނިވި ޢިބާރާތުންނެވެ:

JEDDAH: The Ministry of Islamic Affairs ordered mosques to shut down external speakers and only resort to the internal one, except during calls for prayers, Friday prayers, Eids and the rainfall prayer.

ޖިއްދާ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން، ބަންގިއާއި، ހުކުރަށާއި ޢީދު ނަމާދަށާއި ވާރެއަށް އެދި ކުރާ ނަމާދު ފިޔަވައި، އެހެން ކަންކަމުގައި ބޭރު އިސްޕީކަރުތައް ކަނޑާލައި، ހަމައެކަނި މިސްކިތުގެ އެތެރޭގައިވާ އިސްޕީކަރުތައް ބޭނުންކުރުމަށް އަމުރުކޮށްފިއެވެ.

އިސްލާމްދީނުގެ ހުރިހާ ޙުކުމްތަކެއް ތަންފީޒުކުރާ ސައުދީ އެރެބިއާގައި މިކަން ކުރާނީ، މިއީ އިސްލާމްދީނާ ޚިލާފު ކަމަކަށް ވާތީއެވެ. ސަޢުދީ އެރެބިޔާގެ އިތުރަށް އިސްލާމީ އެތައް ޤައުމެއްގައި ބަންގި ފިޔަވައި އެހެން ކިޔެވެލި މިސްކިތުން ބޭރަށް  އަޑުއިވޭގޮތަށް ފޮނުވުން މަނާކޮށްފައި ވެއެވެ. އިސްލާމީ ބޮޑު ޤައުމެއް ކަމުގައިވާ އިންޑޮނީސިއާގެ ދީނީ ވުޒާރާއިން އަންގައިފައިވާ ގޮތް ތިރީގައި އެވަނީއެވެ. މި މަޢުލޫމާތު ނެގީ މި ޚަބަރުންނެވެ.

The religious affairs ministry’s instructions on azan runs over six points according to Tempo:

  1. Loudspeakers in mosques should be handled by experienced personnel to avoid droning sounds, humming, and other noises that would potentially arouse antipathy towards mosques.
  2. Those issuing the azan must possess a melodious and good voice.
  3. Do not raise sound levels while conducting a prayer.
  4. Except for the azan, do not broadcast sounds when most people are likely to be sleeping, resting, and praying.
  5. Azan must fulfil basic requirements including being melodious and easy on the ears.
  6. Azan should be broadcast at appropriate times like during the subuh prayer at dawn. Activities such as Quran reciting should utilise only indoor speakers.

ހަ ނުކުތާ ހިމެނޭ ވުޒާރާގެ އިރުޝާދުގައި އެ ވަނީ، ކަމާކެމި އެނގޭ މީހުން ސައުންޑް ސިސްޓަމާ ކުޅުމާއި، ބަންގި ގޮވާ މީހާގެ އަޑު ރީތިވާން ޖެހުމާއި، ނަމާދުކުރާއިރު އަޑު ވަކީން ގަދަ ނުކުރުމާއި، ބަންގި ފިޔަވައި އެހެން ތަކެތި ތާޅަފިލިން ނުފޮނުވުމާއި، ކަންފަތަށް ލުއި ރީތި އަޑަކުން ބަންގި ގޮވުމާއި، ނަޞޭހަތް ދިނުން ޤުރްއާން ކިޔެވުން ފަދަ ކަންކަން ކުރުމަށް ހަމައެކަނި މިސްކިތުގެ އެތެރޭގެ އިސްޕީކަރު ބޭނުން ކުރުމެވެ.

އިސްލާމީ ޤައުމުތަކުގައި މިގޮތަށް ކަން އޮތް ކަމުގައި ވިއަސް، މާލޭގެ މަސްޖިދުލްފުރްޤާންގައި، ފަތިސް ނަމާދަށް ފަހު، މީހަކު ތަޤްރީރުކުރަނިކޮށް މި ދިޔަ ހަފުތާގައި ވެސް އަޅުގަނޑު އަޑުއެހީމެވެ. މިއީ ފަތިސް ނަމާދު ތާޅަފިލިން ފޮނުވުމުގެ އިތުރަށެވެ. އެ މިސްކިތަކީ އާދަޔާ ޚިލާފަށް ބާރުގަދަ ތާޅަފިލި ހުންނަ މިސްކިތެކެވެ. ވަރަށް ގާތުގައި އެތައް ބުރިއަކަށް ނަގާފައި ހުންނަ ކުޑަކުދީންނާއި އެހެން މީހުން ދިރިއުޅޭ ގެތަކާއި ފްލެޓްތައް ވެއެވެ. އިސްލާމް ދީނުގެ ޙަޤީޤީ އެސެންސް ނުވަތަޖައުހަރު ނުވަތަ އަރަގު އެނގޭ މީހުން މިކަމާ މެދު ބުނާނީ ކީކޭބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

ދާދި އިހަކަށް ރެޔަކު އެއްޗެއް ގަންނަންވެގެން، އަޅުގަނޑު އެސްޓީއޯ ފިހާރައަކަށް ދިޔައިރު، ޢިޝާ ނަމާދަށް ފަހު، މީހަކު ބަންޑާރަ މިސްކިތުގެ އެތެރޭގައި ތިބި މަދު ބަޔަކަށް ތާޅަފިލިން ފޮނުވަމުން، އެއްޗެތިކިޔާހެން ހީވާ ކަހަލަ ގޮތަކަށް ވައުޒެއް ދެއެވެ. އެ އަޑުއަހަން ބޭރުގައި އެއްވެސް މީހަކު ނުވެއެވެ.  މިއީ ކަރަންޓު ޚަރަދު ބޮޑުވުމާއި، މާހައުލު އަޑުން ތަޣައްޔަރުވުމާއި ދީނަށް ގޮވުމަށް ޤުރްއާންގައި އޮންނަގޮތާ ޚިލާފު ކަމެކެވެ. ފަހެ ކީރިތި ޤުރްއާންގައި ދީނަށް ގޮވަން އޮންނަ ގޮތަކީ:

މުދިމުންގެ ދިފާޢުގައި ދެތިން އެއްޗެއް ދަންނަވާލެވިދާނެ އެވެ. އެއް ކަމަކީ، ބަންގިއަށް ބޭނުންކުރާ ތާޅަފިއްޔަކީ، އަޑު އެހާ ސާފުއެއްޗެއް ނޫނެވެ. އެއިން ނުކުންނަ އަޑު، އިންސާނާގެ ޠަބީޢީ އަޑާ ނުވައްތަރުވާނެއެވެ. މިއާއެކު ބުން އަޑުތައް މަދުވާނެއެވެ. އަޑު ޑިސްޓޯރޓް ވެފައި ވާނެއެވެ. ޑިސްޓޯޓްވުމަކީ އެއްޗެއްގެ ޠަބީޢީ ސިފަ ގެއްލި، ނުފަރިތަކަން ބޮޑުވެ، ތަޙުރީފުވުމެވެ. ގެފުޅު ކައިރީގައި ހުންނަ އިސްޕީކަރު ތަކަކީ، ތޫލިއަޑުތަކާއި ބުން އަޑުތައް ނުކުންނަ، މީހުން ލަވަޖަހަން ގެންގުޅޭ ފަދަ އިސްޕީކަރެވެ. ތާޅަފިލި ހުންނަނީ އަޑުގެ ވަކި ބައެއް އިއްވުމަށެވެ. ހަމައެކަނި ތާޅަފިލި ބޭނުންކޮށްގެން ޤުދްރަތީ އަޑެއް ނުނިކުންނާނެއެވެ.   މި ލިންކްގައި މަސްޖިދުލްޙަރަމްގެ ސައުންޑު ސިސްޓަމް އާ ބެހޭ މައުލޫމާތު ހިމެނެއެވެ. އެ މަޒުމޫނުގައި އެއީ ދުނިޔޭގައިވާ އެންމެ ބޮޑު ސައުންޑު ސިސްޓަމްކަމުގައި ބަޔާންކޮށްފައި ވެއެވެ.

ދެވަނައަށް މުދިމުންގެ ދިފާޢުގައި ބުނެވޭނީ، މުދިމަކަށް އޭނާ އެ ގޮވާ ބަންގީގެ ނުވަތަ ކިޔާތަކެތީގެ ބާރުމިނާއި އެހެން ކަންކަން ބެލުމަށް ކިޔޭނުކިޔޭ އަޑު (ފީޑްބެކް) އިވޭނޭ ގޮތެއް ނެތް ވާހަކައެވެ. އިސްޓޭޖްގައި ލަވަކިޔާ މީހުންގެ ކުރިމަތީގައި، ކިޔާމީހާއަށް، އަޑު އިވޭގޮތަށް، އޭނާއަށް ކުރިމަތިވާގޮތަށް އިސްޕީކަރުތަކެއް ބަހައްޓާފައި ހުރެއެވެ. ލަވަ ރެކޯޑުކުރާ މީހުން، ލަވަކިޔަނީ ކަންފަތުގައި ހެޑްފޯނެއް އަޅައި، އެމީހުން ކިޔާ އަޑު އިވޭފަދަ ގޮތެއްގައެވެ. މިގޮތަށް އަޑު އިވުމުން، އަޑަށް ވަގުތުން ގެންނަންޖެހޭ ބަދަލު ގެނެވެއެވެ. ޖަމާޢަތުގައި ތިބި މީހުންނަށް އަޑު އިވޭގޮތަށް، މުދިމަށް މުދިމުގެ އަޑު އިވޭނަމަ، އޭނާ އެކަން އިޞްލާޙުކުރާނެއެވެ. މަސްޖިދުލްޙަރަމްގައި ބަންގި ގޮވާއިރު، އެ އަޑު އެހެން ފަރާތްތަކުން އަހައި، ވަގުތުން އަޑުގެ އެކި ބައިތައް ގަދަކޮށް ކުޑަކޮށް ހަދައެވެ. އަޑުގެ އެކި ކަންކަން ދަސްކުރުމަށް ނަގާ މުއްދަތު، އާދައިގެ ދީނީ ޢިލްމުވެރިއަކަށްވުމަށް ކިޔަވަންޖެހޭ މުއްދަތާ އެއްވަރުވާނެއެވެ.

މުދިމަށް އޭނާގެ އަޑު ކޮންޓްރޯލް ކުރެވޭނީ އޭނާގެ އަޑު އޭނާއަށް އިވޭނަމައެވެ. ޙަރަމްގައި ބަންގި ގޮވާއިރު އަޑު ބަދަލުކުރަން ޚާއްޞަ މީހަކު ހުރެއެވެ. ލަވަކިޔާ މީހުން ލަވަކިޔާއިރު އޭނާއަށް ކިޔާލަވަ އިވޭގޮތަށް ހެޑުފޯނު އަޅައެވެ. ނުވަތަ އިސްޕީކަރު ބޭނުން ކުރެއެވެ. ހުރިހާ ކަމެއް ވެސް ވަކި މިންވަރެއްގައި ހިފެހެއްޓުމަށް އެކަމެއްވާ ވަރު އެނގޭނޭ ގޮތެއް ހަދަން ޖެހެއެވެ. މިއީ ދިރޭ ތަކެއްޗާއި މެޝިންތަކަށް ވެސް ޢާއްމު ސިފައެކެވެ. ފީޑްބެކް އެވެ. އިންސާނުން ވާހަކަ ދައްކާއިރު އަމިއްލަ އަޑު އިވެނީ އަނގައިގެ ތެރެއިން ލާފައެވެ. ބޭރު ކަންފަތުން ވަންނަ އަޑަކުން ނޫނެވެ. އެހެންކަމުން، މީހެއްގެ އަޑު ރެކޯޑްކޮށް ފުރަތަމަ އަހާ ފަހަރު،  އެ މީހާ އަޑު ހުރިގޮތާ މެދު ހައިރާންވެގެން އުޅެއެވެ. އިވުނު އަޑަކީ އަމިއްލަ އަޑުކަން ޤަބޫލުކުރަންވެސް ދަތިވެއެވެ.

ތިންވަނައަށް މުދިމުންގެ ދިފާޢުގައި ބުނެވޭނީ، މުދިމުން ކަންކުރާގޮތާއި، މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމުގެ ބަލަދުވެރި ފަރާތަކީ ކަމާބެހޭ ވުޒާރާއަށް ވާއިރު، އެކަންކަމާ ޒިންމާނަގައި، ކަންކަން ރަނގަޅުކުރުމަށް ވުޒާރާގެ ރޯލު އަދާކުރޭ ހެއްޔެވެ؟ ފެށުނު އިރު، ޙަވާލާދެވުނު ޚަބަރު ކިޔާފައި ބައެއް މީހުން ހައިރާންވީ އެހެން ވެގެންނެވެ. މުދިމުންނާ ހެދި، މީސްތަކުން މިސްކިތަށް ނާރާ ނަމަ، އެކަމާ މެދު ފިޔަވަޅު އަޅަން ޖެހޭ ފަރާތަކީ ކަމާބެހޭ ވުޒާރާއެވެ. މުދިމުން ޒިންމާކުރުވަން ޖެހޭ ފަރާތެވެ.

ހަތަރުވަނައަށް ފާހަގަކޮށްލަން ޖެހޭ ކަމަކީ، މުދިންކަމަކީ އެނގޭ ޢިލްމަކަށް ވުރެ، ހުނަރުގެ މައްޗަށް ބިނާވެފައިވާ މަސައްކަތެއް ކަމެވެ. އެހެންކަމުން، މުދިންކަމުގެ ވަޒީފާއަށް އެދޭއިރު، ސަނަދަށް ވުރެ ބޮޑަށް ބަލަންޖެހޭ ކަމަކީ، އޭނާއަށް އެ ހުނަރު ލިބިފައިވޭތޯއެވެ. މި ޒަމާނުގައި، ފޭކު ސަނަދުތައް ނުހަނު ގިނައެވެ. މަތީ ތައުލީމުގައި ހަދަންޖެހޭ ފިލާވަޅުތަކާއި އެސައިމަންޓްތައް ފައިސާއަށް ހަދައިދޭ މީހުން ރާއްޖޭގައި ވެސް އިސްތިހާރު ކުރެއެވެ. ސަނަދު އޮންނަ އެތައް މީހުންނެއްގެ ކިބައިގައި، ސަނަދެއް އޮތުމުން ހުންނަންޖެހޭ ހުނަރެއް ނުހުރެއެވެ. މުދިންކަމަކީ ކޮމްޕިޓަންސީ ނުވަތަ ލިޔާޤަތެއްގެ މައްޗަށް ބިނާވާ ކަމެކެވެ. މިކަން ވަޒީފާ ދޭއިރު ޓެސްޓުކުރަންޖެހޭނީ ޢަމަލީ ގޮތުންނެވެ. ނޫނީ މައުމޫމުންނަށް ޖެހޭނީ، އަންނަނިވި ވާހަކައިގައި ކަންތައް ކުރި ގޮތަށް އަމަލުކުރާށެވެ. މިއީ ސަޢުދީގެ 750 އަށް ވުރެ ގިނަ އަހަރުވީ ފޮތް، ގުލިސްތާނުގައި، ހިމެނޭ ވާހަކައެކެވެ.

ސިންޖާރުގެ މިސްކިތެއްގައި ބަންގި ގޮވާ މީހެއްގެ އަޑުގެ ސަބަބުން، އެ ހިސާބުގަނޑުގެ އެންމެންނަށް އުނދަގޫވެފައި ވިއެވެ. މިސްކިތުގެ ވެރި، ޢަދުލުވެރި، ވަރަޢަވެރި އަމީރަށް މިކަން ބޮޑުވެގެން، މުދިމަށް ނުބައި ބަހެއް ބުނަށް ބޭނުން ނުވެގެން ބުންޏެވެ: ”އޭ ރަޙްމަތްތެރިއާ އެވެ! މި މިސްކިތުގެ ކުރީގެ މުދިމުންނަށް އަހުރެން ދެނީ މަހަކު ފަސް ދީނާރެވެ. އެކަމަކު، ކަލާ އެހެން ސަހަރެއްގެ މިސްކިތަކަށް ދަނިކޮށް އަހުރެން ދިހަ ދީނާރު ދޭނަމެވެ.“ މިކަމާ މުދިމު އެއްބަސްވެގެން އެހެން ސަހަރަކަށް ހިނގައްޖެއެވެ. 〈ވަރަޢަގެ މާނައަކީ ދީނުގައި އަންގަވައިފައިވާ ގޮތަށް އުޅުން ބަހައްޓާ، ތަޤްޥާވެރި އެވެ〉

ދުވަސްކޮޅެއްގެ ފަހުން، މުދިމު އައިސް އަމީރަށް ދެންނެވިއެވެ: ”ތިބާ މި މިސްކިތުން އަހުރެން އެހެންތަނަކަށް ދިއުމަށް ދިހަ ދީނާރު ދިނުމުން އަހުރެންނަށް ވީ ގެއްލުމެވެ. މިހާރު މިއުޅޭ ސަހަރުގެ މީހުން އެހެން ސަހަރަކަށް އަހުރެން ދާނަމަ، ވިހި ދީނާރު ދޭން ބުނެފިއެވެ. އެކަމަކު އެކަމަށް އަހުރެން އެއްބަހެއް ނުވަމެވެ.“ އަމީރު ހިނިތުންވެލާފައި ބުންޏެވެ: ”އެކަމަށް އެއްގޮތަކަށް ވެސް އެއްބަސް ނުވާށެވެ. އެއީ އެމީހުން ކަލާ އެހެން ސަހަރަކަށް ދާނަމަ، ފަންސާސް ދީނާރު ދޭން ވެސް އެއްބަސް ވާނެއެވެ.“

މުދިމުންނާއި ދީނީ ޢިލްމުވެރިންގެ ތެރޭގައި، މުޖުތަމަޢުއެއްގައި އުޅޭ ހުރިހާ ބާވަތެއްގެ މީހުން އުޅެއެވެ. ބައެއް މީހުންނީ ދީނުގެ މަގަށް އުޅޭ ވަރަޢަވެރި މާތް މީހުންނެވެ.  ބައެއް މުދިމުން ނުހަނު ތަވާޟުޢުވެރި އެވެ. ފަހުން މިބުނި ލަފުޒުން އަޅުގަނޑު މާނަކުރަނީ، އަމިއްލު ނަފުސުގެ އުނި ކަންތައްތައް އެނގި ބޮޑާކަމެއް ނެތުމަށެވެ. ފަހެ، ބައެއް މުދިމުންނަކީ ބޮޑާ، ކިބުރުވެރި، ދެއްކުންތެރި މީހުންނެވެ. މިފަދަ މީހުން ވާހަކަ ދައްކާއިރު، އެމީހުންގެ ބަހަކީ، ހަމަ އެކަނި އޮންނަ ގޮތް ކަމާއި އެހެން އެންމެންނަކީ ނޭނގުމުގައި ޣާފިލުވެފައިވާ މީހުން ކަމަށް ދެކެތެވެ. އެމީހުންގެ ކިޔެވުމުގެ ”ރީތިކަން“ އެންމެންނަށް ހާމަކުރަން ތާޅަފިއްޔާ ގުޅާފައި ހުންނަ އެމްޕްލިފަޔަރުގެ އަޑު ބާރުކުރާ ގޮބު، އެންމެ މައްޗަށް އަނބުރައެވެ. ”ދީނީ“ ޢިލްމުވެރިންގެ ތެރޭގައި ވެސް މިފަދަ މީހުން އުޅެއެވެ.  ކޮންމެވެސް ވަރަކަށް ދުނިޔޭގައި އުޅެ ރޯފިލުމުން އަޅުގަނޑަށް ދަސްވި އެއް ކަމަކީ މިއީ އެވެ.  ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ބުއްދިވެރި މީހުން، އެމީހުންނަށް އެނގޭ އެއްޗަކާ މެދު އަބަދުވެސް ޝައްކުކޮށް އެމީހުން ދެކޭގޮތް ރަނގަޅުތޯ ޗެކުކޮށް ތޯރާލާކަމެވެ. ނަމަވެސް، ޢިލްމުން މަދު މިންވަރެއް ލިބިފައިވާ މީހުން ވާހަކަ ދައްކަނީ، އެމީހުންނަށް އެނގޭ އެއްޗަކީ ހަމަ މުޅީން ޙަޤީޤަތްކަމަށް ދެކި، ފުރިހަމަ ޔަޤީންކަމާއި ފަޚުރާ އެކުއެވެ. ޣަޒާލީ އިމާމު ވިދާޅުވެފައިވާ ފަދައިން، ޢިލްމުލްޔަޤީން އަކީ ނުވަތަ ޙައްޤު ތެދުކަން ޔަޤީންވާ ޢިލްމަކީ ދާދި މަދު އެއްޗެކެވެ. ދެން އަޅުގަނޑަށް ދަސްވެފައިވާ އަނެއް ކަމަކީ، ދީނުގައި ބަޔާންކޮށްފައިވާ ގޮތް އެނގުމާއި ދީނަށް އުޅުމަކީ ތަފާތު ދެކަމެއް ކަމެވެ. ދީނީ ޢިލްމުވެރިންނަކީ ދީނުގެ ބައެއް ޙުކުމްތައް ދަންނަ މީހުންނެވެ. ދީނުގެ ޙުކުމްތައް ދަންނަ މީހުންގެ ތެރެއިން އެ ޙުކުމްތަކާ އެއްގޮތަށް އުޅޭ ވަރަޢަވެރި މާތް މީހުންނަކީ ދާދި މަދު ބައެއް ކަމެވެ. އިސްލާމްދީނަށް ޖެހިފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް މިފަދަ ކަމެކެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް އުޅޭ މީހުން، މުސްލިމުންގެ ތެރޭގައި މަދުކަމެވެ.

އަޅުގަނޑު މި މަޒުމޫނު ފެށީ، ބައެއް މީހުން މިސްކިތަށް ދިއުމަށް ފަސްޖެހެނީ މުދިމުންގެ ޢަމަލުތަކުންކަމަށް ބަޔާންކޮށް، އިސްލާމީ ކަންތައްތަކާ ބެހޭ ކުރީގެ ވަޒީރަކު ހުށަހަޅުއްވާފައިވާ ނަޒަރިއްޔާއާ އެއްކޮޅަށް، އަޅުގަނޑަށް ފާހަގަވެފައިވާ ދޮޅަހަކަށް ކަންތައް ދަންނަވާލުމަށެވެ. ނަމަވެސް ދެ ކަންތަކުގެ ވާހަކަ ބަޔާންކުރިތަނާ މި މަޒުމޫނަށް ކަނޑައެޅިފައިވާ ލަފުޒުގެ ޢަދަދު ހަމަވެއްޖެއެވެ.  ކިޔުންތެރިންނަށް ފާހަގަ ކުރެއްވޭނޭ ފަދައިން، ބަޔާން ކުރެވުނު ދެ ކަންތަކުގެ ޙައްލު ވަނީ ސަޢޫދީ އެރެބިއާގެ ސަރުކާރުން ނެރުނު ފަދަ އަމުރެއް ތާޅަފިއްޔާ ބެހޭ ގޮތުން ދިވެހި ސަރުކާރުން ނެރުމުގައާއި ސައިންސްގެ އުޞޫލުން ތާޅަފިލީގެ އަޑު ވަކި ދުރުމިނެއްގައި ހުންނަން ޖެހޭނޭ މިންވަރު ކަޑައެޅުމުގައެވެ. މި ދައުރުގައި މިކަން ނުކުރިއަސް، އެެހެން ޤައުމުތައް ފަދައިން މިފަދަ ގަވާއިދެއް ރާއްޖޭގައި މުސްތަޤްބަލްގައި ހިންގާނެއެވެ.

އިރާދަފުޅު ކުރައްވައިފި ނަމަ، މުދިމުން ކުރާ، ދެން ހުރި ކަންތައްތަކުގެ ވާހަކަތައް ފަހުން ހުށަހަޅާ މަޒުމޫނެއްގައި ގެނެސްދޭނަމެވެ. إن شاء الله

އެންމެ ފަހުގެ ހަތަރު މަޒުމޫނު