ލޯތްބާއި ޒުވާންކަމާ މެދު
ފިނިފެންމަލުގެ ބަގީޗާ — ފަސްވަނަ ބާބު (ދެވަނަ ބައި)
—12—
ޢިލްމުވެރިއަކާ ސުވާލުކުރެވުނެވެ:
ހަނދުގެ ރީތިކަން ލިބިފައިވާ މީހަކާ އެކު، އެކަހެރި ތަނެއްގައި، ދޮރު ތަޅުލެވިފައި، ޝުޢޫރުތައް ފުފިފައި، ޝަހުވަތު މަތިވެފައިވާ ޙާލަތެއްގައި، ޢަރަބީން ބުނާހެން ދޮންވެފައިވާ ކަދުރު ބިނުން، ބަގީޗާ ބަލަހައްޓާ މީހާ މަނާ ނުކުރާ ހާލަތެއްގައި މީހަކު ވީނަމަ، ފިކުރުގެ ބާރުން އޭނާ ނުރައްކަލުން ސަލާމަތް ވެވިދާނެ ހެއްޔެވެ؟
އޭނާ ޖަވާބު ދިނެވެ:
އެފަދަ ޙާލަތެއްގައި، ހަނދުގެ ރީތިކަން ލިބިފައިވާ މީހާގެ ފަރާތުން އޭނާ ސަލާމަތް ވިއަސް، ދޫނުބައި މީހުންގެ ކިބައިން އޭނާ ސަލާމަތެއް ނުވާނެއެވެ. މީހަކަށް އޭނާގެ ނުބައި ޝަހުވަތުން ބެޗުނަސް، އިލްޒާމްއަޅުވާ މީހުންގެ ތުހުމަތަކުން ނުފިލޭނެއެވެ. ރަނގަޅު ގޮތަކީ މީހާގެ އަމިއްލަ މަސައްކަތުގައި ޤަރާރުވުމެވެ. އިންސާނުންގެ ދުލެއްގައި ގޮށެއް ނުޖެހޭނެއެވެ.
—13—
ގުރައެއް ކާޅަކާއެކު ކޮށްޓެއްގައި ވުމުން ފޫހިވެގެން ބުންޏެވެ: ”މިއީ ދެން ކޮންފަދަ ޙާލަތެއް ހެއްޔެވެ؟ ތިއީ ކިހާ ހުތުރު އެއްޗެއް ހެއްޔެވެ؟ އަދި އާދަތައް ކިހާ ހަޑި ދޫންޏެއް ހެއްޔެވެ؟ އިރާއި ހުޅަނގާ ދެމެދުގައިވާ ދުރުމިން އަހުރެމެން ދެ ދޫނީގެ ދެމެދުގައި ވާނަމައެވެ.“
އެކަމަކު ކަލޭފަދަ އަނެކާ ދުނިޔެއިން ހޯދާނީ ކޮންތަނަކުން ހެއްޔެވެ؟
ހައިރާން ބޮޑު ކަމަކީ، ގުރައާ ކައިރީގައި ކާޅުވުމުން ކާޅަށް ކުރި އަސަރުންނެވެ. ވީ ފޫހިން ކާޅު ލާހައުލަ ކިޔާ ޒަމާނުގެ ދުޅައަށް ހިތާމަކޮށް، އެއްފައިގެ ވަކިތައް އަނެއް ފައިގައި ހާކަމުން ބުންޏެވެ: ”މިއީ ކޮންފަދަ މުޞީބާތެއް ހެއްޔެވެ؟ ކޮންފަދަ ނިކަމެތި ޙާލަތެއް، ބޯވަފަދައިން ކުލަތައް ބަދަލުވާ ދުވަސްވަރެއް ހެއްޔެވެ؟ އަހުރެންގެ ޤަދަރާ ލާއިޤުވެގެން ވަނީ، އެހެން ކާޅަކާ އެކު ބަގީޗާއެއްގެ ފާރުމަތީގައި ހިނގަހިނގާވުމެވެ.“
ޖަލެއްގައި ހައްޔަރުވެގެން ވުމެވެ.
ކަލޭ ފަދަ ނޭއްދާރު، ބޮޑާ މޮޔައަކާ އެކުގައި ވުމަށް މިންވަރުކުރެއްވީ، އަހުރެން މުޅި ޢުމުރުގައި ކޮށްފައިވާ ކޮންފަދަ ފާފައެއްގެ ބަދަލުގައި ބާވައެވެ؟
އަހުރެން މި ޢިބްރަތްތެރި ވާހަކަ މި ހިމެނީ، ޢިލްމު ހޯދާފައިވާ މީހަކު ކެނާއަކަށް ނުރުހުންވާ މިންވަރަށް، ކެނާ ޢިލްމުވެރިޔާއަށް ނުރުހުންތެރިވާކަން ކަލެއަށް އެންގުމަށެވެ.
ޒާހިދަކު ފާފަވެރިންގެ ތެރޭގައި ވިއެވެ.
އޭގެ ތެރެއިން ބަލްޚީ ރީތި ކުއްޖަކު ބުންޏެވެ.
—14—
އެކުގައި ލޮނު ކައި، އެތައް ދަތުރެއްގައި ބައިވެރިވި ރަޙްތެރިއަކު ވިއެވެ. އަހުރެމެންގެ ދެމެދުގައި ގާތް ގުޅުމެއް ވިއެވެ. މިހެން ވެފައިވަނިކޮށް، ކުޑަ މަންފާއަކަށްޓަކައި، އަހުރެންގެ ހިތަށް ދަތިކޮށް ރަޙްމަތްތެރިކަން އޭނާ ބަންދުކޮށްފިއެވެ. އެހެންވިއަސް، ތިރީގައި މި ލިޔާ އަހުރެންގެ ދެ ބައިތު އޭނާ މަޖިލީހެއްގައި އެއް ދުވަހަކު ކީ އަޑު އިވުމުން ދެމީހުންގެ ހިތުގެ ދެމެދުގައިވާ ގުޅުން ދެމިގެންވާކަން އަހުރެންނަށް އޮޅުން ފިލައިފިއެވެ.
އޭނާގެ ބުޅި އިސްތަށިގަނޑުގެ ކޮޅު އަހުރެންގެ އަތަށް ވެއްޓޭނަމައެވެ.
އަހުރެންގެ ބައެއް ރައްޓެހީން މި ބައިތުތަކުގެ ރީތިކަމުގެ މައްޗަށް ވުރެ އަހުރެންގެ ޢަމަލުގެ ރިވެތިކަމަށް ހެކިވެ، ބީރައްޓެހިވި މީހާ، ގެއްލުނު ރައްޓެހިކަމަށް ދެރަވެ، އަހުރެންގެ މައްޗަށް ސަނާ ކިޔައި، ކުށަށް އިޢުތިރާފުވެ، އޭނާގެ ލޯބި މިގޮތުގެ މަތިން ފާޅުވެއްޖެއެވެ. ދެން އަހުރެން މި ލިޔާ ބައިތުތައް އޭނާއަށް ފޮނުވައި ޞުލްޙަވެއްޖައީމެވެ.
—15—
މީހެއްގެ ރީތި އަނބިމީހާ މަރުވެއްޖެ އެވެ. ނަމަވެސް މައިދައިތަ، ރުޅިގަދަ ނޭއްދާރު މުސްކުޅި މިހާ ކައިވެނީގެ ރަނުގެ ސަބަބުން އެ ގެއަކުން ނުނުކުތެވެ. އޭނާއަށް އެ މައިދައިތަގެ އުނދަގުލުން ސަލާމަތް ނުވެވިގެން އުޅެނިކޮށް، ރައްޓެހީންގެ ޖަމާޢަތެއް ތަޢުޒިޔާ ކިޔުމުގެ ގޮތުން އެގެއަށް އައިސް އަނބި މަރުވުމުގެ ހިތާމަ ބަރުދާސްތު ކުރަނީ ކިހިނަކުންތޯ ސުވާލުކޮށްފިއެވެ. ޖަވާބުގައި އޭނާ ބުންޏެވެ: ”އަނބިމީހާ ނުފެނުމުން ހިތަށްވާ ތަދަށްވުރެ އަނބިމީހާގެ މަންމަ ފެނުމުން ވާ ތަދު މާ ބޮޑެވެ.“
—16—
ޒުވާންކަމުގެ ދުވަސްވަރުގައި، ހަނދުގެ މޫނު ލިބިފައިވާ ކުއްޖަކު ފެނޭތޯ އަހުރެން މަގަކުން ދިޔަ ހަނދާން ވެއެވެ. އެއީ ޖުލައި މަހެއްގައެވެ. އެ މަހުގެ ހޫނުން އަނގައިގައިވާ ކުޅު ހިކި، ހޫނުގެ ވިހަތަކުން ކަށީގެ މަދުގައިވާ ދިޔަ ބޮކިޖަހާ ކެކެއެވެ. އަހުރެންގެ ބަލި ޖިސްމުން ގަދަ ހޫނަށް ކެތްނުކުރެވިގެން، ފާރެއްގެ ހިޔަލުގައި މަޑުކޮށްލައި، ކޮންމެވެސް މީހަކު ހޫނު މޫސުމުގެ ފިހުމުން ސަލާމަތްކޮށްދީ، ފެންފޮދަކުން ކަރުހިއްކުމުގެ އަލިފާން ނިއްވާލަދޭތޯ އެދި ހުރީމެވެ. މިހެން ހުއްޓައި، ގެއެއްގެ ދޮރުފަތް ހުޅުވާލާފައި، ނުކުތް އައްޔެއްގެ ރީތިކަން ބަލާޣަތުގެ ދުލަކުން ސިފަކޮށްދިނުމަށް ނުކުޅެދިގެން ވެއެވެ. އެކަނބުލޭގެ ނުކުތީ، ކަޅު އަނދިރި ރެއަކަށް ފަހު، އިރު އަރާފަދައިންނެވެ. ނުވަތަ، އަނދިރި ހޮހޮޅައަކުން އާބުޙަޔާ ނުކުންނަ ފަދައިންނެވެ. އެކަނބުލޭގެ އަތުގައި، ސްނޯ ވިރުވާފައިވާ ފެން ލޯތައްޓެއް ވިއެވެ. އެއަށް ވަނީ ފިނިފެންމަލުގެ އަރަގާއި ހަކުރު އަޅާފައެވެ. އަހުރެންނަށް ޔަޤީން ނުވަނީ އެކަނބުލޭގެ އެއަށް ފިނިފެން އަތަރު ކޮޅެއް ޖަހާފައިވުމާއި،ފިނިފެންމާފަދަ އެކަނބުލޭގެ މޫނުން ތިއްކެއް ވެއްޓިފައިވުމާ ދޭތެރޭގައެވެ. ކުރުކޮށްލުމުގެ ގޮތުން ބުނަމެވެ. އެކަނބުލޭގެ ރީތިއަތުން، އެ ފެންތަށި ނަގައި ބޮއެ، އަހުރެންނަށް އަނެއްކާ ފުރާނަ އެޅި ހޭވެރިކަން ވެއްޖެއެވެ.
—17—
محمد خوارزم شاه رحمة الله علیه އޭނާގެ އަމިއްލަ ފައިދާއަށް ختا ގެ ރަސްގެފާނާއި ޞުލްޙައިގެ މުޢާހަދާގައި ސޮއިކުރި އަހަރު، އަހުރެން کاشغرގެ ބޮޑު މަދަރުސާއަށް ވަން އިރު ފެނުނީ ވަރަށް ރީތި ހިތްގައިމު ކުއްޖެކެވެ. މި މިސާލުން ބަޔާން ކުރާފަދަ ކުއްޖެކެވެ:
އަހުރެންނަކަށް ފެނިފައެއް ނުވެއެވެ. އެކަންކަން ދަސްކުރީ ޕަރީއެއްގެ ފަރާތުން ކަންނޭގެއެވެ.
އޭނާ ހުރީ އެއް އަތުން خشری ގެ ޢަރަބި ނަހޫ (ބަހުގެ ގަވާއިދު) އާ ބެހޭ ފޮތް ހިފައިގެންނެވެ. އަދި ކިޔަ އެވެ: ޒައިދު އަމްރުގެ ގައިގައި ޖަހައިފިއެވެ. އަމްރު ޒަޚަމްކޮށްލީޒައިދުއެވެ. އަހުރެން ބުނީމެވެ. ”ކުއްޖާ އެވެ. خوارزم އާއި ختا ޞުލްޙަ ޤާއިމްކޮށްފިއެވެ. އެކަމަކު ޒައިދު އާއި އަމްރު އާ ދެމެދުގައިވާ ޒުވާބު އަދިވެސް ކުރިއަށް ދަނީ ހެއްޔެވެ؟“ އޭނާ ހިނިތުން ވެލާފައި އަހުރެންމީ ކޮން ރަށަކުން އައި މީހެއްތޯ ސުވާލުކުރިއެވެ. އަހުރެން ޖަވާބު ދިނީމެވެ: ”ޝީރާޒުގެ ވެލިންނެވެ.“ ދެން އޭނާ ސުވާލު ކުރިއެވެ: ”ސަޢުދީގެ ޅެންތަކުން ތިބާ ހަނދާން ހުރީ ކޮންކޮން ޅެމެއް ހެއްޔެވެ؟“ އަހުރެން ދެން އަންނަނިވި ޅެން ޢަރަބިބަހުން ކީމެވެ:
ބަލިވެގަތުން ވެރިކަމަށް ވުމުން، މަތިވެރިކަން އޮންނާނީ ކިހިނަކުން ހެއްޔެވެ؟“
އިރުކޮޅަކު ވިސްނާލާފައި، އެކުއްޖާ ބުންޏެވެ: ”މި ރަށުގެ ގިނަ ޅެންތައް ހުންނަނީ ފާރިސީ ބަހުންނެވެ. ތިބާ ފާރިސީ ޅެންތައް ކިޔާނަމަ، ފަސޭހައިން އޮޅުން ފިލާނެއެވެ.“ ދެން އަހުރެން އަންނަވި ޅެން ފާރިސީ ބަހުން ކީމެވެ:
އަހުރެމެން މަޝްޣޫލުވެގެން ވަނީ ތިބާއާ މެދުއެވެ. އެކަމަކު ތިބާ އަމްރުއާއި ޒައިދު އާ މެދުއެވެ.
ޖެހިގެން އައި ހެނދުނު، އަހުރެން ފުރަން ދާން އުޅެނިކޮށް، ބަޔަކު އަހުރެންނީ ސަޢުދީ ކަމުގައި އޭނާއަށް ޚަބަރު ކުރުމުން ދުވެފައި އައިސް، އިޙްތިރާމާއެކު އަހުރެންގެ ޙަޤީޤަތް ކުރިން ހާމަނުކުރީތީ ހިތާމަ ކުރާ ވާހަކަ ބުނެފައި، މި ފަދަ މަތިވެރި މީހެއްގެ ހަޒުރަތުގައި ވެވުނީތީ ޝުކުރުވެރިވުމުގެ ގޮތުން ޚިދުމަތްކުރުމަށް ގުދާރަށް ބާރުލާނެ ވާހަކަ ބުންޏެވެ.
މިހެން ވުމުން ވެސް، އަހުރެންގެ އަޑުބެދި މިހެން ބުނާނެ ބާރެއް ނުލިބުނެވެ: ”ސަޢުދީ އަކީ އަހުރެންނެވެ.“
އޭނާ އިތުރަށް ބުންޏެވެ: ”އަހުރެމެން ތިބާއަށް ޚިދުމަތް ކުރުމުން އުފަކާރަ ލިބިގަތުމަށް، މި ޤައުމުގައި ދުވަސްކޮޅަކު އަރާމުކޮށްލަން މަޑުކޮށްލަންވީ ނޫން ހެއްޔެވެ؟“ އަހުރެން ޖަވާބު ދިނީމެވެ: ”އަހުރެންނަށް ދިމާވި، މި ބަޔާން ކުރާ ހާދިސާއާ ގުޅިގެން ތިކަން ކުރެވޭކަށް ނެތެވެ.“
ކިސަޑު ގިނަ ތަނެއްގައި، އެތްތައް އަރިއަޅާލައެވެ.“
މި ލިޔާ ތަކެތި ކިޔާފައި، ކޮންމެ މީހަކު އަނެކާގެ މޫނާއި ބޮލުގައި ބޮސްދީފައި އަހުރެމެން ދެން ވަކިވެއްޖައީމެވެ.
މޫނުގެ އެއް ފަރާތް ރަތެވެ. އަނެއް ފަރާތް ރީނދޫ އެވެ.
—18—
ފޮތިމަތީ ފޮތިއެޅި ލިބާހެއްލީ ދަރުވޭސީއަކު، ހިޖާޒަށް ދިޔަ ކާރުވާނެއްގައި ދަތުރަކު ފަށައިފިއެވެ. ކާރުވާންގައި ހިމެނޭ ޢަރަބި އަމީރަކު، ދަރުވޭސީގެ އާއިލާއަށް ޚަރަދުކުރުމަށް ސަތޭކަ ދީނާރު ދިނެވެ. ނަމަވެސް ކުފަތާ ޤަބީލާގެ ބަދަވީންތަކެއް، ކާރުވާންއާ ޙަމަލާދީ، އޭގައިވާ ހުރިހާ މުދައުތައް ފޭރިގަނެފިއެވެ. މިހެންވުމުން، ކާރުވާންގައި ހިމެނޭ ވިޔަފާރިވެރިން ރޮއި، ހޭރި މޭގައި ތަޅާ ހިތާމައިގައި ވިއެވެ.
ފޭރުނުމީހާ ރަންކޮޅެއް އަނބުރައެއް ނުދޭނެއެވެ.
ވަށައިގެންވާ އެންމެން ރޮއި ހޭރިއުޅުނު އިރުވެސް، ކާރުވާންގައިވާ ދަރުވޭސީ ހަމަޖެހިލައިގެން އިނެވެ. އަހުރެން އެހީމެވެ: ”ތިބާގެ ފައިސާ އެމީހުން ނުގެންދަނީ ހެއްޔެވެ؟“ އޭނާ ޖަވާބުދިނެވެ: ”އެމީހުން އަހުރެންގެ ފައިސާ ވެސް ގެންދިޔައެވެ. އެކަމަކު، ފައިސާއަށް އަހުރެން އާދަވެފައި ނުވުމުން، އެއާ ވަކިވުމުން އަހުރެންގެ ހިތަކަށް ދައްޗެއް ނުވެއެވެ.“
އެއްވެސް އެއްޗަކާ އަދި މީހަކާ ހިތް ވައުފަށަކުން ނުއައްސާށެވެ.
އެއީ ހިތް އެއިން ވަކިކުރުން ވާނީ އުނދަގޫ ކަމަކަށެވެ.
އަހުރެން ބުނީމެވެ: ”ތިބާ ތި ދައްކާ ވާހަކަ އަހުރެންނަށް ވީގޮތާ ގާތެވެ. އަހުރެން ޅައިރު، ވަރަށް ގާތް އެކުވެރިކަމެއް ކުއްޖަކާ އޮތެވެ. އޭނާގެ ރީތިކަމުން، އޭނާވީ އަހުރެންގެ ލޮލުގެ ޤިބްލައަށެވެ. އަދި އޭނާ އާ ގުޅުމަކީ އަހުރެންގެ މައިގަނޑު އުފަލެވެ.“
އެއްވެސް އިންސާނަކަށް އެފަދަ ކުއްޖަކު ނުވިހާނެއެވެ.
ކުއްލި ގޮތަކަށް، އޭނާގެ ފައި، ނެތުމުގެ ޗަކަސްގަނޑަށް އަޑިއަށް ހިނގައްޖެއެވެ. އޭނާގެ އާއިލާއިން ވަކިވުމުގެ ދުން އަރުވައިފިއެވެ. އޭނާގެ މަހާނަ ކައިރީގައި އަހުރެން އެތައް ދުވަހަކު ވީމެވެ. އޭނާގެ ވަކިވެ ދިޔުމުން އަހުރެންނަށް ލިބުނު ގެއްލުން މި ޅެންތަކުގައި އެވަނީއެވެ.
ކައްޓާއި ކަށިވިނަތައް އޭނާގެ މަހާނަ މަތީގައި ހެދެން ފަށައިފިއެވެ.
އޭނާ ވަކިވުމުން، އަހުރެން އަރާމުގެ ދޫލަ އޮޅާލައި، މުޖުތަމަޢުގެ މީހުންނާ އެކުވެ އުޅުމުން ޢުމުރަށް އިސްތިޢުފާ ދީފީމެވެ:
—19—
ލައިލާ އާއި މަޖްނޫނުގެ ދެމެދުގައިވާ ގުޅުންތަކާއި، އެތައް ޢިލްމަކާއި ހުނަރަކާއި ބަލާޣަތްތެރިކަން ލިބިހުރެމެ، މަޖުނޫނު ލައިލާ އާ ހެދި މޮޔަވެ، އާވާރާވެގެން އަމިއްލަ ނަފުސުގެ ކޮންޓްރޯލް އަތުން ދޫވެ ސަހަރާގެ ތެރޭގައި މަންޒިލެއް މަޤްޞަދެއް ނެތި އުޅޭ ވާހަކަ ޢަރަބީންގެ ރަސްކަލަކަށް ދެންނެވުމުން، ރަސްގެފާނުގެ އަރިއަހަށް އޭނާ ހާޒިރުކުރުމަށް އަމުރުކުރެވިއްޖެއެވެ.
ދަރުބާރަށް ގެނައުމުން ރަސްގެފާނު މަޖުނޫން އާ ކޯފާވެވަޑައިގެން ވަލުޖަނަވާރުގެ ގޮތްތައް ޚިޔާރުކުރެއްވީ އިންސާނުންގެ ނަފުސުގެ ޤަދަރުން ކޮންފަދަ އުނިކަމެއް ފެނިގެންތޯ ސުވާލުކުރައްވައިފިއެވެ. މަޖުނޫނު ޖަވާބު ދެއްވިއެވެ:
މި ބޮޑު ގިލަންވެރިކަން މަޖުނޫނަށް މެދުވެރިވި ލައިލާގެ ރީތިކަން ދެކެވަޑައިގަތުމަށް ރަސްގެފާނު ބޭނުންފުޅުވާކަމަށް އަމުރުކުރެވި، އެކަމަނާ ހޯދުމަށް ފެށިއްޖެއެވެ. ޢަރަބީންގެ އެކި އާއިލާތައް އުޅޭ ތަންތަނަށް ޒިޔާރަތްކޮށް، އެންމެ ފަހުން ރަސްގެފާނުގެ ދަރުބާރަށް ލައިލާ ގެނެވިއްޖެއެވެ. އެކަމަނާގެ ބޭރުފުށަށް އިރުކޮޅަކު ރަސްގެފާނު ބައްލަވާ ލެއްވިއެވެ. އެއީ ވަރަށް ހުތުރު ކުއްޖަކު ކަމުގައި ފެނިވަޑައިގަތެވެ. ރަސްގެފާނުގެ ގަހުރަމާނުންގެ ތެރެއިން އެންމެ ހުތުރު ކުއްޖާ ވެސް ލައިލާއަށް ވުރެ ރީއްޗެވެ. ރަސްގެފާނު ވިސްނަވާގޮތް މަޖުނޫނަށް އެނގިގެން ދެންނެވިއެވެ: "ލައިލާގެ ރީތިކަން ދެކެވަޑައިގަތުމަށް، މަޖުނޫނުގެ ލޮލުން ބައްލަވާށެވެ. އަކަމަނާގެ ފުރިހަމަކަން ކަޝްފުވާނީ އެއިރުންނެވެ."
—20—
ބުނާގޮތުގައި އަހުގެފައި ދަށްފުށުގައި ނައަލަ ހަރުކުރާ ކުއްޖަކާ، ހަމްދާނުގެ ގާޒީ ހިތާވެ، އޭނާގެ ހިތުގައި އެދުންވެރިކަމުގެ އަލިފާން ރޯވެ އެކުއްޖާ އާ ބައްދަލުވާނޭ ގޮތްތައް ބަލަބަލައި ފުރުޞަތެއް ލިބޭތޯ އުޅެއެވެ. އެއީ އަންނަނިވި ބައިތުގައި ބުނާ ފަދައިންނެވެ.
ތިބާގެ ހިތް ސަލާމަތް ކުރަން ބޭނުން ނަމަ، ލޯ މަރާށެވެ.
ގާޒީގެ ވަބާގެ އަޑު އެކުއްޖާއަށް އިވިފައިވުމުން، މަގުމަތިން ގާޒީ ފެނުމުން ހެއްދެވި ނުހެއްދެވި ގޮވާ، ގަލުން ތަޅާ ނުކުރާކަމެއް ނެތްކަމަށް އަހުރެންނަށް ޚަބަރު ލިބުނެވެ. ކަންވީގޮތް ގާޒީ އޭނާގެ ރައްޓެހި ދަންނަބޭކަލެއްގެ ކައިރީގައި ބުނުމުން އޭނާވެސް ގާޒީއަށް ކުރީ ތާއީދެވެ.
އަމިއްލަ އަތުން ރޮށިކެއުމަށް ވުރެ ފޮންޏެވެ.
ރަސްކަލުން ޞުލްޙަށް ހިތުގެ އަޑިން އެދޭއިރު އެކަލުންގެ ބަސްމަގު ހުންނަނީ ހުތުރުކޮށެވެ. މިގޮތުގެ މަތީން މި ކުއްޖާގެ ނުރުހުންތެރިކަމަކީ ހިތުގެ އަޑީގެ ރުހުންތެރިކަމަށް ވެދާނެއެވެ.
ދެތިން ދުވަސް ވަންދެން ލަސްކޮށްލުމުން ފޮނިވެއެވެ.
މި ބަސްތައް މިހެން ބުނެފައި، ގާޒީ އޭނާ ޝަރީޢަތް ކުރާ ދަރުބާރަށް ދިއުމުން ޚިދުމަތުގެ ބިންމަތީގައި ބޯ ޖައްސައި އޭނާ ދަންނަ މާތް ބަޔަކު ބުންޏެވެ: ”ތިބާއަށް އަދަބު އަދާކޮށް، އަހުރެންމެން ތިބާއަށް ނަސޭހަތުގެ ގޮތުން ދެތިން ބަހެއް ބުނަން ބޭނުމެވެ. އެބަސްތައް އެއީ އަދަބުވެރި ބަސްތަކަކަށް ނުވެދާނެއެވެ. އެއީ މޮޅެތި މީހުން މިހެން ބުނެފައިވާ ފަދައިންނެވެ:
މަތިވެރި މީހުންގެ ކުށް ހޯދުމަކީ އޮތްކަމެއް ނޫނެވެ.
އެކަމަކު ތިބާގެ ފަރާތުން އަޅުގަނޑުމެން ޚާދިމުންނަށް ކުރިން ލިބިފައިވާ އިނާޔަތްތަކުގެ ސަބަބުން، ފެންނަގޮތް ނުދަންނަވާ ތިބުމަކީ ޚިޔާނާތެއް ކަމުގައި ނޫނީ ނުވާނެއެވެ. ތިބާގެ ހިތް އެދޭގޮތަކަށް އެ ކުއްޖާ އާ ދޭތެރޭ އުޅުމަކީ ރަނގަޅުގޮތެއް ނޫނެވެ. ޢައްޔާޝީ ޚިޔާލުތަކުގެ ކުނާ އޮޅާލުމަކީ އެންމެ ހެޔޮގޮތެވެ. ގާޒީއެއްގެ ޤަދަރު މަތިވެރިވެގެން ވެއެވެ. ހުތުރު ފާފައެއްގެ ސަބަބުން އެ މަތިވެރި ޤަދަރު ތިރިވުމަކީ ރަނގަޅުގޮތެއް ނޫނެވެ. ތިބާގެ އެކުވެރީންނަށް ފެނުނު ގޮތަކީ މިއީއެވެ. އަޅުގަނޑުމެންގެ ފަރާތުން އިވުނު ބަހަކީ މިއީއެވެ:
އެންމެ ނަމެއްގެ ސަބަބުން ފައިދަށުވެއެވެ.“
ގާޒީ އަށް އޭނާގެ ރަޙްމަތްތެރީންގެ ފަރާތުން ލިބުނު އެންމެން އިއްތިފާޤުވާ ނަސޭހަތް ޤަބޫލުކޮށް، އެމީހުންގެ ހަރުދަނާ ވަފާތެރިކަމާއި އެމީހުން ގާޒީއާ ދޭތެރޭ ދެކޭ ރަނގަޅު ގޮތަށް ޤަދަރުދޭ ވާހަކަ ބަޔާންކޮށް، އޭނާގެ ލޮބުވެތި ރަޙްމަތްތެރީން މި މައްސަލައިގައި ނިންމިގޮތް ޝަރުޢީ ގޮތުން ރަނގަޅުގޮތް ކަމާއި އެމީހުންގެ ވަކާލާތުގައި ފުށުއެރުމެއް ނެތްކަމަށް ބުންޏެވެ. އެކަމަކު:
އަހުރެންނަކީ، ކަރު ބިދިފައިވާ ހަރުފައެއް ކަމުން ފަރާތްފަރާތަކަށް ނުބެލެވޭނެއެވެ.
މި ބަސްތައް ގާޒީ ބުނެފައި، އެކުއްޖާގެ ހަބަރުދަބަރު ބަލަން ބަޔަކު ފޮނުވައިފިއެވެ. މިކަމަށް އެތައް ޚަރަދެއް ކުރިއެވެ. އެއީ އަތުގައި ރަން ހުރި މީހެއްގެ މުލައްދަޑީގައި ބާރު ހުންނާނެތީ އާއި، ދުނިޔެވީ މުދާ ނެތް މީހެއްގެ ރައްޓެހީންނެއް މިދުނިޔޭގައި ނުވާނެތީއެވެ.
ރަންފެންނަ މީހާ، އޭނާގެ ބޯ ގުދުކުރެއެވެ.
ވާހަކަ ކުރު ކުރުމުގެ ގޮތުން ބުނަމެވެ. ފުރުޞަތެއް ލިބުނުރޭ، ފުލުހުންނަށް ޚަބަރު ލިބުނީ ގާޒީ އޭނާގެ އަތުން ރާތައްޓެއް ހިފައިގެން ކުއްޖެއް މޭމަތީގައި ބާއްވައިގެން، ނުނިދާ ލަވަކިޔާ މަޖާކުރާ ޚަބަރެވެ.
މޮޔަ ހާލެއްގެ ގޮވުމަކުން ދުރުވާކަށް ނުޖެހެއެވެ.
މިހާލަތުގައި ގާޒީ ވަނިކޮށް، އޭނާގެ ބަލަދުދަށުގައިވާ މީހަކު ވަދެ ގާޒީއަށް ބުންޏެވެ: ”ތެދުވެ ފައި ގެންދާނެހާ ދުރަކަށް ތިބާ ދާށެވެ. އެއީ ތިބާއަށް އަހުވަ ދައްކާނޭ އަތްގަނޑެއް ހަސަދަވެރީންނަށް ލިބިއްޖެއެވެ. އަދި އެއީ ތެދެވެ. ހާސްކަމުގެ އަލިފާން ތިރީގައި އަނދަނިކޮށް، އުކުޅުގެ ފެނުން އެ ނިންވާލެވިދާނެ އެވެ. ނަމަވެސް، ރޯވެ މައްޗަށް އެރުމުން، އެ އަލިފާނުން ތިބާގެ ދުނިޔެ ހަލާކުކޮށްފާނެއެވެ.“
އެކަމަކު ގާޒީ ދިނީ މި ޖަވާބެވެ.
އަދި ރުޅީގައި، އަމިއްލަ އަތުގެ ނުފުށް ކާން ދޫކޮށްލާށެވެ.
ހަމަ އެރޭ ރަސްގެފާނަށް ޚަބަރު ގެނައީ ރަސްކަމުގެ ސަރަޙައްދުގައި ވަރަށް ނުބައި ނުލަފާ ކަމެއް ހިނގާކަމާއި އެކަމާ ދޭތެރޭ ރަސްގެފާނު ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ؟ ރަސްގެފާނު ވިދާޅުވިއެވެ: ”ތިމަންނާ އެ ގާޒީ ދަންނަނީ އޭނާއަކީ އެންމެ ޢިލްމުވެރި މީހުންގެ ތެރެއިން މީހެއް ކަމާއި، މި ޒަމާނުގެ ޢިލްމީ ނަމޫނާ ކަމަށެވެ. ޢަދާވާތްތެރިން އޭނާއާ ދޭތެރޭ ނުބައި ރޭވުމެއް ރާވާފައި ވެދާނެތީ، ތި ތުހުމަތަށް ތިމަން ރަސްގެފާނު ސަމާލުކަމެއް ދޭނީ ފެންނަ ހެކިތައް ގެނައުމުންނެވެ. އެހެނީ ފަލްސަފާވެރިން ބުނެފައިވަނީ:
އަވަސް އަރުވައިގަނެގެން ކަނޑީގެ އަތްގަނޑުގައި ހިފާ މީހާ
ހިތާމައިން އޭނާގެ އަތުގެ ނުފުށް ދަތްތަކާ ކާރިކޮށް ދަތް އަޅާނެއެވެ.“
އަހުރެންނަށް އަޑު އިވުނު ގޮތުގައި، ރަސްގެފާނާއި އޭނާގެ އަރިހުބޭކަލުން، ހެނދުނުވުމުން، ގާޒީ ނިދާ ތަނަށް ވަޑައިގެންނެވިއިރު ފެނިވަޑައިގަތީ ބައްތި ދިއްލިފައިވާ ތަނާއި، ލޯބިވެރިޔާ އިށީދެގެން އިންތަނާއި ރާ އޮހިފައިވާ ތަނާއި ރާބޯތަށި ތެޅިފައިވާ ތަނާއި ގާޒީ އަމަލުގެ ނިދިން ނިދިފައިވާ ތަނާއި ހޭލުންތެރިކަން ނެތް ތަނެވެ.
ރަސްގެފާނު އޭނާ ހޭލައްވައި ވިދާޅުވިއެވެ: ”ތެދުވާށެވެ. އިރު އަރައްޖެއެވެ.“
ގާޒީ ލޯ ހުޅުވާލާފައި، ދެންނެވިއެވެ: ”ކޮން ފަރާތަކުން ހެއްޔެވެ؟ މާތް ﷲ ގެ ކިބައަށް ޙަމްދު ހުއްޓެވެ. އެއީ އަދި ތައުބާ ވުމުގެ ދޮރުވަނީ ހުޅުވިގެންނެވެ. ހަދީސްގައިވާ ގޮތުން، ތައުބާގެ ދޮރު އަޅުވެރީންނަށް ބަންދުވާނީ އިރު އަރާތަނަށް އިރު އޮއްސުމުންނެވެ.“
ޢަފޫކުރައްވާނަމަ، ބަދަލު ހިފުމަށްވުރެ އެކަން މާތް ވެގެން ވެއެވެ.
ރަސްގެފާނު ޖަވާބު ދެއްވިއެވެ: ”ތިބާއަށް އެނގޭނޭ ފަދައިން ތިބާއަށް ޙައްޤު ސަޒާއަކީ ޤަތުލުކުރުމެވެ. ތައުބާ ވުމުގެ ބޭނުމެއް ނެތެވެ. އަހުރެމެންގެ ޙައްޤު ބަދަލުހިފުން ފެނުމުން، ތި އީމާންކަމުން ކުރާނޭ މަންފާއެއް ނޯންނާނެއެވެ.“
ކުރުމީހުންނަށް ގޮތްޕާ ހަމައަކަށް އަތެއް ނުފޯރާނެއެވެ.
”ތިފަދަ ހަޑިހުތުރު ކަމެއް ކުރި މީހަކަށް، ސަލާމަތްވުމުގެ މަގެއް ނުވެއެވެ.“ ރަސްގެފާނު މިހެން ވިދާޅުވުމުން، ޖައްލާދުން ގާޒީގެ ދެ މުލައްދަނޑީގައި ހިފައިފިއެވެ. ހަމަ ހިފުމާއެކު ގާޒީ ބުންޏެވެ: ”ރަސްގެފާނުގެ ޚިދުމަތުގައި އަހުރެން އެއް ލަފުޒު ބުނިޔަ ދޭށެވެ.“ މިއަޑު ރަސްގެފާނަށް އިވުމުން އެއީ ކޮން ލަފުޒެއްތޯ ސުވާލުކުރުމުން އަންނަނިވި ޅެން ކިއެވެ:
އަހުރެން އާދޭސް ދަންނަވަނީ ތިބާއަށް ލިބިވަޑައިގެންފައިވާ ޢަފޫކުރުމުގެ ބާރަށެވެ.
ރަސްގެފާނު ޖަވާބު ދެއްވިއެވެ: ”ފަހު ވަގުތު ޖެހުމުން ތި ނެރެނީ މޮޅު ހުއްޖަތެކެވެ. އެކަމަކު ފިކުރީ ހަމަތަކުން ބަލާއިރު، ތިބާ ޙާޞިލްކޮށްފައިވާ މޮޅު ކަންތައްތަކާއި ތި ބަލާޣަތުން އަހުރެން ކަނޑައެޅި އަދަބުން މިންޖުވުމެއް ނެތެވެ. އަހުރެން ދެކޭ ގޮތުގައި، ކަލެއަށް ރަނގަޅު އަދަބަކީ، ކިއްލާގެ މަތިން ބޯވަތަށް ކަލޭ އެއްލާލުމެވެ. އެއީ އެހެން މީހުން ކަލެއަށް ވީގޮތުން ޢިބްރަތް ލިބިގަތުމަށެވެ.“
ގާޒީ ކުރިއަށް ގެންދިޔައެވެ: ”ދުނިޔޭގެ ރަސްގެފާނެވެ. އަހުރެން މިހާ ދުވަހު ކައިބޮއި އުޅުނީ ރަސްގެފާނުގެ ދަރިފަސްކޮޅުގެ މުއްފަތުންނެވެ. އަދި އަހުރެން ކުޅަ ފާފަ ކުރަނީ ހަމައެކަނި އަހުރެންނެއް ނޫނެވެ. އެހެންވީމާ، އެހެން މީހަކު ބޯވަތަށް އެއްލަވާލައްވައި، އަހުރެންނަށް ޢިބްރަތެއް ލިބޭގޮތް ހައްދަވައި ދެއްވާށެވެ.“ މިހެން ގާޒީ ބުނުމުން، ރަސްގެފާނު ހިނިފުޅުވަޑައިގެން އޭނާގެ ކުށަށް މަޢާފު ދެއްވައި، ގާޒީ ޤަތުލުކުރުމަށް ވާގިދޭ މީހުންނަށް ދެންނެވިއެވެ:
އެފަދަ ބަޔަކު، އެހެން މީހެއްގެ ކުށްތަކުގެ ވާހަކަ ދެއްކުން ރަނގަޅެއް ނޫނެވެ.





Leave A Comment