ކޮންމެ މީހަކަށް ވެސް އޮޅުން ފިލާ ގޮތަށް
ލިފްޓް މަސައްކަތް ކުރާ ގޮތް — 1
މި މަޒުމޫނުގައި އަޅުގަނޑު ބަޔާންކުރާނީ އުސް ޢިމާރާތްތަކުގެ މަތީ ތަޅުންތަކަށް އަރަން ބޭނުންކުރާ ލިފްޓް މަސައްކަތް ކުރާ ގޮތެވެ. ކޮންމެ މީހަކަށް ވެސް އޮޅުން ފިލާ ގޮތަށެވެ. ލިފްޓްގެ އެތައް ބާވަތެއް ހުންނާތީ، މި މަޒުމޫނުގައި މި ގެނެސްދެނީ ލިފްޓާ ބެހޭ ތައާރަފެކެވެ. އޭގެ ތާރީޚާއި އީޖާދުވި ގޮތެވެ. އެކި ބާވަތްތަކެވެ. ރާއްޖޭގެ ހިކި ބިން މަދުކަމުން، ޢިމާރާތްތަކުގައި ލިފްޓް ބެހެއްޓުން ދާނީ ގިނަވަމުންނެވެ. އަދި މުސްކުޅީން ގިނަވަމުން ދާތީ، ދެވަނަ ބުރިއާ ހަމައަށް އަރާނޭ ކުދި ލިފްޓްތައް ވެސް ގިނަވަމުން ދާނެއެވެ.
ލިފްޓްގެ މާނަ
ލިފްޓް ގެ ލަފުޒީ މާނައަކީ ތިރީ ހިސާބަކުން މަތީ ހިސާބަކަށް އުފުލުމެވެ. ޚާއްޞަ މާނައަކީ ޢިމާރާތެއްގައި ނުވަތަ އެހެންވެސް ތަނެއްގައި އެއް ހިސާބަކުން މައްޗަށް ނުވަތަ ތިރިއަށް މީހުން ގެންދަން ބޭނުންކުރާ އެއްޗެކެވެ. އެމެރިކާގައި، ލިފްޓް އަށް ކިޔަނީ ”އެލިވެއިޓަރ“ (އެލިވޭޓަރ) އެވެ. އެލިވެއިޓް ގެ މާނައަކީ ތިރީ ހިސާބަކުން މަތީ ހިސާބަކަށް ނެގުމެވެ. ނުވަތަ އުފުލުމެވެ. ލިފްޓް އާ ދާދި އެއް މާނައެކެވެ. އެންމެ ފުރަތަމަ އިންޖީނުން ހިންގާ ލިފްޓް އީޖާދުކުރީ އެމެރިކާގައެވެ. އެކަން ކުރި މީހާ، އެއަށް ކިޔާ ނަމަކީ އެލިވެއިޓަރ ކަމަށް ނަންދީ އެ ނަން ރަޖިސްޓަރީ ކުރީއެވެ. އެހެންކަމުން އެލިވެއިޓަރ މި ނަން އެމެރިކާގައި ޢާއްމުވީ އެވެ.
ލިފްޓް އަށް ބޭނުންވުން
އިހު ޒަމާނުގައި އެހާ އުސްކޮށެއް ޢިމާރާތެއް ނުކުރެވެއެވެ. އެއީ ދެސަބަބަކާ ހުރެއެވެ. ފުރަތަމަ އަދި މައިގަނޑު ސަބަބަކީ، އުސްކޮށް ޢިމާރާތް ކުރުމަށް ބޭނުންވާ ދަގަނޑު ނުއުފައްދާކަމެވެ. ދެވަނަ ސަބަބަކީ ދަގަނޑު ލައިގެން އުފައްދާ ކޮންކްރީޓް އީޖާދުކުރެވިފައި ނުވުމެވެ. އެހެންކަމުން، އުސް ޢިމާރާތްތަކެއް އެ ޒަމާނުގައި ވަރަށް މަދެވެ. މިހެން ދެންނެވިއަސް، ވަރަށް ކުރީންސުރެ، އުސް ޢިމާރާތްތަކެއް ހުންނަ ސަހަރެއް ވެއެވެ. އެއީ ޔަމަނުގެ މެދުތެރޭގައިވާ حَـضْـرَمَـوْت ގެ شِـبَـام ކިޔާ އަވަށެވެ. މި އަވަށުގެ ފޮޓޯއެއް ތިރީގައި އެވަނީ އެވެ.
މި ޢިމާރާތްތައް އުސްވެގެން ދިހަ ބުރިއަށް ހަދާފައި ހުންނަ ކަމަށް ވެއެވެ. ތިރީ ދެބުރީގައި ގެންގުޅެނީ ޖަނަވާރެވެ. ބައެއް ބުރި ބޭނުންކުރަނީ ގުދަނުގެ ގޮތުގައެވެ. ޢަޖާއިބު ކަމަކީ މި ޢިމާރާތްތައް ހަދާފައި ހުންނަނީ މަށިންނާއި ލަކުޑިން ކަމަށް ވާކަމެވެ. ވިއްސާރަވެ ބޭރުފާރުތައް ގިރުމުން އަނެއްކާ މަށި ޖަހަނީއެވެ. 500 އަހަރުވީ މި ޢިމާރާތްތަކަކީ ދުނިޔޭގައި މީހުން ދިރިއުޅޭން ހަދާފައިވާ އެންމެ އުސް ޢިމާރާތްތަކެވެ. މިގޮތަށް ޢިމާރާތްކުރީ، ބަދަވީން އައިސް ފޭރޭތީ ކަމަށް ވެއެވެ. އެހެންކަމުން، އެއް ގެއިން އަނެއް ގެއަށް މަތިން ދެވޭގޮތަށް މި ގެތައް ހަދާފައި ވެއެވެ. މިގެތަކުގައި ލިފްޓެއް ނުހުރެއެވެ.
ލިފްޓް އީޖާދުކުރުން
އިންޖީނާއި ކަރަންޓުން އުފައްދާ ލިފްޓް އީޖާދު ކުރުމުގެ ކުރިން، އުސް ތަންތަނަށް ތަކެތި ނެގުމަށް އެކި ބާވަތުގެ ”ލިފްޓް“ ބޭނުން ކުރަމުން ދިޔައެވެ. އެއީ ކައްޕިއެއްގައި ވައު ޖަހައިގެން ދަމާ ނަގާ އަށްޓެއް (ނުވަތަ ޕްލެޓްފޯމެއް) ފަދަ އެއްޗެކެވެ. މިފަދަ ތަކެތީގައި މީހުން މައްޗަށް އަރަނީ ވަރަށް މަދުންނެވެ. އެއީ ވައު ކަނޑައިގެން ގޮސްގެން ނުވަތަ އެހެން ވެސް ކަމެއްގެ ސަބަބުން އަރާހުރި ފޮށިގަނޑު ވެއްޓިދާނެތީއެވެ. މިހެން މިކަން ވެފައިވަނިކޮށް، ވައު ކަނޑައިގެން ދިޔަޔަސް އަށި ނުވެއްޓޭ ގޮތެއް އީޖާދުކޮށްފިއެވެ. މިކަންކުރީ އެމެރިކާގެ މީހެކެވެ. ނަމަކީ އެލިޝާ އޯޓިސް އެވެ. އޯޓިސް ގެ އީޖާދަކީ، ވައު ކަނޑައިގެން ދިއުމުން ވެސް އަށި ނުވެއްޓި ހިފެހެއްޓޭ ފަދަ ފާލެކެވެ. މި އީޖާދުގެ ސަބަބުން ލިފްޓް ވަކި ގިނައެއްކޮށް ނުވިކުނެވެ. ދެން، 1854 ވަނަ އަހަރު އެމެރިކާގައި އޮތް ވިޔަފާރި މައުރަޒެއްގައި، އޯޓިސް އަށީގައި ވަރަށް މަތީގައި ހުއްޓައި، އެތައް ބައެއްގެ ކުރިމަތީގައި، މީހަކު އަށީގައި ވައު ކަނޑާލީއެވެ. އެހީތެރިއެއް ވައު ކަނޑާލުމުން ވެސް، އަށި ތިރިވީ ދެތިން އިންޗިއަކަށެވެ. އެއީ އަށީގައިވާ ފާލެއް، އަރިމަތީ މުޑިއެއްގައިވާ ދަތްތަކެއްގައި އެޅިއެވެ. އޭނާ، މިކަން ކޮންމެ ގަޑިއަކު އެއް ފަހަރު އެ މައުރަޒުގައި ކުރިއެވެ. މީހުންނަށް މިތަން ފެނުމުން، ލިފްޓަކީ ރައްކާތެރި އެއްޗެއްކަމަށް ދެކި، އެއަށް މީހުން އެދެން ފެށިއެވެ. އޭނާ އެކަން ކުރިގޮތްކަމަށް ބުނެ ކުރަހާފައި ހުންނަ ފޮޓޯއެއް ތިރީގައި އެވަނީ އެވެ. (މިކަން ހިނގާދިޔައީ މިފަދަ ޑްރާމާެއެއް ނޫންގޮތަށް ކަމަށާއި މި ފަދަ ކުރެހުންތަކަކީ 1978 ވަނަ އަހަރު އޯޓިސް ކުންފުނިން އިސްތިހާރަށް ކުރެހި ކުރެހުމެއްގެ މައްޗަށް ބަލައި ކުރަހާ ކުރެހުންތައް ކަމަށް މި ލިޔުން ބަޔާން ކުރެއެވެ.)
އޯޓިސްގެ ފާލު މަސައްކަތްކުރާ ގޮތް، ތިރީގައިވާ ވީޑިއޯއިން ފެނެއެވެ. ވަލަށް ވާން ނުވާނަމަ، ފާލު ހުންނަނީ ދެފަރާތުގައިވާ މުޑިއެއްގައި އެޅި އަށި ހައްޔަރު ވެފައެވެ. ފާލު ނެއްޓެނީ ވަލަށް ވާންވުމުންނެވެ. (ދަންނައެވެ. އެލިޝާ އޯޓިސް އަކީ ލިފްޓް އީޖާދުކުރި މީހާ ކަމަށް މަޝްްހޫރުވިއަސް އެއީ ތެދެއް ނޫނެވެ. އޭނާ ކުރި އީޖާދަކީ ލިފްޓްގެ ކާރު ވެއްޓުމުން ރައްކާތެރި ކުރާ ސޭފްޓީ ފާލެކެވެ. އެހެނީ އޭގެ އެތައް ޤަރުނެއްގެ ކުރިން ވެސް ތަކެއްޗާއި މީހުން އުފުލުމަށް ހަދާފައި ހުންނަ ތަފާތު ތަކެތި ހުރެއެވެ. އަދި އެލިޝާ އޯޓިސް އަށް ވުރެ ކުރިން ބޯލްޓެއްގައި ނަޓެއް ދުއްވައިގެން ހިންގާ ލިފްޓް ހަދާފައި ވެއެވެ.)
ދިވެހިރާއްޖެ އާއި ލިފްޓް
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ، ލިފްޓެއް ހަރުކުރީ މާލޭގެ ބާޒާރުމަތީގައި ހުންނަ ފިހާރައެއްގައި (ސެލްބީ ޑްރައިވްގައި) މުދައު މަތީ ބުރިތަކަށް ގުދަންކުރުމަށް ގެންދިއުމަށެވެ. އެ ލިފްޓް އަޅުގަނޑު ދުށީމެވެ. އެއީ އިންޑިއާގައި ހަދާ ޖޯންސަން މަރުކާގެ ލިފްޓެކެވެ. މުދައު ގެންދާ ލިފްޓްގައި އެ ދުވަސްވަރު، ދޮރުތައް ހުންނާނީ ދަމާގޮތަށް، ދަގަނޑު ތޭރި ޖަހާފައެވެ. ސެލްބީ ޑްރައިވްގައި ލިފްޓް ބެހެއްޓީ 1990 ގެ އަހަރުތަކުގައެވެ. އެއީ މާލޭގައި އުސްކޮށް ޢިމާރާތް ކުރަން ފެށި ދުވަސްވަރެވެ.
އެ ފަހުން ދެން އެންމެ ފާހަގަވާގޮތަށް ލިފްޓެއް ބެހެއްޓީ، އެމް.ޓީ.ސީ.ސީ ކުންފުނީގެ މައި މަރުކަޒުގައެވެ. މިތަން ހުރީ މިހާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އުތުރު ހުޅަނގުގައެވެ. މިތަނުގައި ބަހައްޓާފައި ހުރީ އެއް ބިތް ފިޔަވައި އެހެން ފަރާތްތަކުގައި ބިއްލޫރި ޖެހި ލިފްޓެކެވެ. މި ބާވަތުގެ ބޭރު ފެންނަ ލިފްޓަށް ކިޔަނީ އޮބްޒަރވޭޝަން ލިފްޓެވެ. ތިރީގައި އެވަނީ އެމް.ޓީ.ސީ.ސީ ޢިމާރާތުގެ ފޮޓޯއެކެވެ. ސެލްބީ ޑްރައިވް ހުންނަނީ މި ޢިމާރާތުގެ ހުޅަގަނގު ފަރާތުގައެވެ.
މިހާރު މާލޭގެ އެތައް ތަނެއްގައި ލިފްޓް ބަހައްޓާފައި ހުރެއެވެ. ގިނަ ލިފްޓްތައް ހުންނަނީ ޢާއްމުންގެ ގެތަކުގައެވެ.
ރާއްޖޭގައި ލިފްޓްތަކުގައި ތަޅުންތަކަށް ނަންބަރު ދޭއިރު، ތިރީބުރިއަށް ގިނަ ފަހަރު ކިޔަނީ ގްރައުންޑް ފްލޯރ (G) (ބިންމަތީ ބުރި) އެވެ. މިގޮތަށް ނަން ކިޔަން ފެށުނީ 1980 ގެ އަހަރުތަކުގައި، ގެދޮރު ބިނާކުރުމާ ބެހޭ ޢިލްމު ކިޔެވި މީހުން ކިޔެވީ އިނގިރޭސި ވިލާތުން ކަމަށް ވާތީއެވެ. އެއީ އެ ޤައުމުގައި ތަޅުންތަކަށް ނަންބަރު ދޭ ގޮތެކެވެ. ދިވެހީން ކިޔާ ގޮތާ ތަފާތު ގޮތެކެވެ. ފުރަތަމަ ބުރިއަކީ ދިވެހީން ކިޔާ ގޮތުން ބިންމަތީގައި ހުންނަ 1 ވަނަ ބުރިއެވެ. އެމެރިކާ އާއި ކެނެޑާ އާއި ޖަޕާނާއި ކޮރެއާ ގައި ބިންމަތީ ބުރިއަށް ކިޔަނީ ފުރަތަމަ (1 ވަނަ) ބުރިއެވެ. އޮސްޓްރޭލިއާގައި ވެސް ބިންމަތީ ބުރިއަކީ ފުރަތަމަ ބުރިއެވެ. ދިވެހި ގޮތަށް ބަދަލުކުރުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ ޢިމާރާތުގެ ލިފްޓާއި ސޯސަންގޭގައި ހުރި ފެކަލްޓީ އޮފް ސައިންސްގެ ލިފްޓްގައި ނަންބަރު ޖަހާފައިވާނީ ބިންމަތީ ބުރިއަށް (ފުރަތަމަ ބުރިއަށް) 1 ކިޔައެވެ. ނަމަވެސް، ފެކަލްޓީ އޮފް ހެލްތު ސައިންސް އާއި މަރުކަޒީ ކުތުބުޚާނާގެ ލިފްޓްގެ ތަޅުންތަކުގައި ނަންބަރު ޖެހުމުގައި ލިފްޓް ބެހެއްޓި ފަރާތަށް އޮޅުމެއް އަރައިގެން ނަންބަރު ޖަހާފައިވަނީ އިނގިރޭސި ވިލާތުގެ ގޮތަށެވެ. ރާއްޖެއާ ބޮޑަށް ގުޅެނީ، ގިނަ ޤައުމުތަކުގައި ބޭނުން ކުރާގޮތް ކަމަށް އަޅުގަނޑަށް ފެނެއެވެ.
ލިފްޓްއަށް އެރުމުން އެ ދަމާ މައްޗަށް ނަގާ މެޝިނުގަނޑު ކުރީ ޒަމާނުގައި ބަހައްޓަނީ ލިފްޓްގެ މަތީގައި ކޮޓަރިއެއް ހަދައި އެ ތަނުގައެވެ. މިކޮޓަރިއަށް ކިޔަނީ މެޝިން ރޫމް އެވެ. މި ޒަމާނުގައި މި ކޮޓަރީގެ ބަދަލުގައި ލިފްޓް ގޮޅީގައި މެޝިނު ބަހައްޓާ ލިފްޓް ހުރެއެވެ. މިބާވަތުގެ ލިފްޓަށް ކިޔަނީ އެމް.އާރު. އެލް ލިފްޓެވެ. އާދެ! މެޝިން ރޫމް ނެތް (Machine Room Less —MRL) ލިފްޓެވެ. މެޝިން ރޫމެއް ލިފްޓް މަތީގައި ހެދުމުން ވަރަށް ހުތުރު ގޮތަކަށް ލިފްޓް ގޮޅީގެ މަތީބައި ފުރާޅުމަތިން ވަރަށް އުސްކޮށް ހުންނާނެއެވެ. އަދި، ކުއްޔަށް ދެވޭ ޖާގަ ކުޑަވާނެއެވެ. މާލޭގެ މަލަމަތި ބަލާލުމުން ޢިމާރާތްތަކުން މިކަން ފާހަގަ ކުރެވޭނެއެވެ. ތިރީގައިވާ ފޮޓޯތަކުން ފެންނަ ފަދައިންނެވެ.
މެޝިން ރޫމް ނެތް ލިފްޓެއް ފުރަތަމަ ބެހެއްޓީ ޤައުމީ ޔުނިވާރސިޓީގެ މަރުކަޒީ ލައިބްރަރީގައެވެ. ނަމަވެސް، އެ ލިފްޓް ބަލަހައްޓާ ޓެކްނީޝިއަންގެ ކައިރީގައި އެހުމުން ހަމަ އެ ދުވަސްވަރު، މާލޭގެ ކަސްޓަމްސްގެ ކައިރީގައި ހުންނަ އޭޑީކޭ ޢިމާރާތުގައި މެޝިންރޫމް ނެތް ލިފްޓެއް ބެހެއްޓި ކަމަށް އޭނާ ބުންޏެވެ. މި ލިފްޓްގެ (ފުރާޅު) މަތީގައި ހުރެގެން ލިފްޓް ޓެކްނީޝިއަން އާއި އަޅުގަނޑާއި އިތުރު އެކަކު ދަތުރުކުރީމެވެ. ލިފްޓްގެ ފުރާޅު މަތީގައި ހުރެގެން މައްޗަށްގޮސް ތިރިއަށް ދިއުމަށް ކިޔަނީ ލިފްޓް ސާރފް ކުރުމެވެ. ލިފްޓްގެ މަތީގައި، ކޮޅަށް މީހުންނަށް ހުރެވޭ ގޮތަށް ވަށައިގެން ޗެންޗޭނު ޖަހައިފައި ހުރެއެވެ. އަދި މައްޗަށާއި ތިރިއަށް މަރާމާތުގެ ބޭނުމަށް ދަތުރުކުރެވޭ ގޮތަށް ސްވިޗް އާއި ބޮކި ހަރުކޮށްފައި ހުރެއެވެ. ލިފްޓް މަސައްކަތް ކުރާ ގޮތް ދެނެގަތުމަށް ލިފްޓް ސާރފް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ނަމަވެސް ލިފްޓް ޓެކްނީޝިއަން އާއެކު ނޫނީ މިކަން ކޮށްގެން ނުވާނެއެވެ. ސޯސަންގޭގައި ހުންނަ ފެކަލްޓީ އޮފް ސައިންސްގައި ވެސް ހުންނާނީ މެޝިންރޫމް ނެތް ލިފްޓެކެވެ. މާލޭގައި މިހާރު ކޮންމެވެސް ވަރަކަށް މެޝިންރޫމް ނެތް ލިފްޓް ބަހައްޓައެވެ. ރާއްޖޭގެ ކުރީގެ އާކިޓެކްޓުންނަކަށް މި ވައްތަރުގެ ލިފްޓް ފަރިތައެއް ނޫނެވެ. ފުރާޅު ރީތިކުރުމަށް މި ބާވަތުގެ ލިފްޓް ހަރުކުރަން އެތައް ފަހަރަކު ބުނެގެން ވެސް، ޔުނިވާރސިޓީގެ މަރުކަޒީ ޢިމާރާތް ސަރުކާރުން ފަރުމާކުރި ފަރާތަށް މިކަން އެނގޭކަމަކަށް ނުވިއެވެ.
ރާއްޖޭގައި މައިގަނޑު ގޮތެއްގައި ޙަރަކާތްތެރިވަނީ ލިފްޓް އުފައްދާ ހަތަރު ކުންފުންޏަކާ ގުޅިފައިވާ މީހުންނެވެ. އެއީ މިޓްސޫބިޝި އާއި އޯޓިސް އާއި ފުޖީ އާއި ކޯނޭ އެވެ. ރާއްޖެއަށް އެންމެ މަޝްހޫރީ މިޓްސޫބިޝިއެވެ. ދުނިޔޭގައި އެންމެ މަޝްހޫރީ އޯޓިސް އެވެ. އެއީ 160 އަހަރުވީ ކުންފުންޏެކެވެ. ނަމަވެސް މި މީހުންގެ ރާއްޖެއާ ބެހޭ ވިޔަފާރީގެ މަރުކަޒު ހުންނަނީ ސްރީ ލަންކާ ގައެވެ.
އަށެއްކަ ބުރީގެ ލިފްޓެއްގެ އަގަކީ ގާތްގަޑަކަށް 25000 ޑޮލަރެވެ. ނަމަވެސް މާލޭގައި މި ވަރުގެ ލިފްޓެއް ބަހައްޓާދޭނީ 35000 ޑޮލަރަށެވެ. ދިހަވަރަކަށް ބުރީގެ ލިފްޓެއް ބަހައްޓައި ނިމޭއިރު ޓެކްސްތަކާއި މަސައްކަތު އަގާއި އެހެން ކަންކަމާއެކު ދިވެހި ހަތްވަރަކަށް ލައްކަ ރުފިޔާ ޚަރަދުވާނެއެވެ. އަގުތަކުގެ ތިންބައިކުޅަ އެއްބަޔަކީ ވިއްކަން މެދުވެރިވާ ފަރާތުގެ ފައިދާ އެވެ. ލިފްޓްގެ އަޞްލު ތަކެތީގެ އަގު 10000 ޑޮލަރަށް ވުރެ ކުޑަވާނެއެވެ. މިއީ ފައިދާ ބޮޑު ވިޔަފާރިއެކެވެ. ރާއްޖޭގައި އުސް ޢިމާރާތްތައް ގިނަވަމުން ދާތީ އިތުރު ދިވެހި ކުންފުނިތަކަށް މި ވިޔަފާރިއަށް ވަނުމުގެ ފުރުޞަތު އެބައޮތެވެ. ލިފްޓްގެ އެކި ބައިތައް ވަކިވަކީން އުފައްދާ ބައިވަރު ކުންފުނިތައް ހުރެއެވެ. އެހެންކަމުން މި ބައިތައް ގަނެގެން ލިފްޓެއް ހެދިދާނެއެވެ.
ދުނިޔެ އާއި ލިފްޓް
- ދުވާލަކު އެތައް ބިލިއަން މީހުން ލިފްޓްގައި ދަތުރުކުރާ ކަމަށް ވެއެވެ. ހަމައެކަނި އެމެރިކާގައި ވެސް އަހަރަކު 18 ބިލިއަން ދަތުރު ލިފްޓުން ކުރެއެވެ. ނަމަވެސް ލިފްޓް އެކްސިޑެންޓް ގައި އަހަރަކު މަރުވަނީ އެންމެ 27 މީހުންނެވެ. ލިފްޓަކީ އެއްތަނުން އަނެއް ތަނަށް މީހުން ނަޤުލުކުރާ ތަކެތީން އެންމެ ރައްކާތެރި އެއްޗެވެ.
- ފަސް ދޮޅަސް މީހުން އެކުގައި ދަތުރުކުރެވޭ ވަރުގެ ލިފްޓް ހުރެއެވެ. ކުޑަކަމުން އެކަކަށް ދަތުރުކުރެވޭ ލިފްޓް ވެސް ހުރެއެވެ. ސީދާ މައްޗަށް އެރުމުގެ ބަދަލުގައި ކަތިކޮށް މައްޗަށް އަރާ ލިފްޓް ހުރެއެވެ. ޕެރިސްގައި ހުންނަ އެއިފްލް ޓަވަރ ކިޔާ ހަރަށް އަރަން ހުންނަ ލިފްޓަކީ ކަތިކޮށް މައްޗަށް އަރާ ދެބުރި ލިފްޓެކެވެ.
- ލިފްޓްގެ އެންމެ ފަހުގެ އީޖާދުތަކުގެ ތެރޭގައި ހިމެނެނީ މައްޗަށް އެރުމާއެކު ހުރަހަށް ވެސް ދަތުރުކުރާ ލިފްޓެވެ. މާނައަކީ ލިފްޓަށް ޢިމާރާތެއްގެ އެއްކޮޅުން އަރައިގެން ޢިމާރާތުގެ އަނެއްކޮޅުން އެހެން ތަޅުމަކަށް ފޭބޭނޭ އެވެ. މި ފަހުގެ ޓެކްނޯލޮޖީ މި ލިންކުން ފެނިވަޑައިގަންނަވާނެ އެވެ. މިއާއެކު ޢިމާރާތް އުސްވަމުން ދާވަރަކަށް އުހަށް ދަތުރުކުރެވޭ ގޮތް ހެދޭ ލިފްޓް ހުރެއެވެ. އަދި، މުޅިން ބެޓެރީއިން ހިންގާ ލިފްޓް ވެސް ހުރެއެވެ.
- މޮޅެތި ލިފްޓްތަކުގެ ފެންނަ ބައިތަށް ލަކުޑި އާއި ރަންވަން ލޯއިން ހަދާފައި ހުރެއެވެ. އަދި، ރަނުން ގިރިޓީ ކޮށްފައި ހުންނަ ލިފްޓް ހުރެއެވެ.
- އެންމެ ބާރަށް ދަތުރުކުރާ ލިފްޓަކުން 6 ބުރީގެ ޢިމާރާތެއްގެ މައްޗަށް އެއް ސިކުންތުން އެރޭނެއެވެ. ލަހުން ދަތުރުކުރާ ލިފްޓުން ބުރިއަކަށް އެރޭނީ ތިން ސުކުންތުންނެވެ.
ލިފްޓުގެ ބާވަތްތައް
ދުނިޔޭގައި ބޭނުންކުރާ ލިފްޓްގެ ބާވަތްތައް ފަސް ބަޔަކަށް ބެހިދާނެއެވެ. އޭގެ ތެރެއިން ރާއްޖޭގައި ބޭނުންކުރަނީ ދެބާވަތެކެވެ. މި ބާވަތްތަކުގެ ތަފްޞީލަށް ދިއުމުގެ ކުރިން ލިފްޓްގެ ދެ ތަނަކަށް ކިޔާ ނަން ދަންނާވާލާނަމެވެ. އެންމެ ފުރަތަމަ، ލިފްޓެއްގެ މީހުން އަރާ ފޮށިގަނޑަށް އިނގިރޭސިބަހުން ކިޔަނީ ކާރު އެވެ. އެއީ މަގުމަތީގައި ދުއްވާ ކާރު ފަދައިން މީހުން އަރައިގެން އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާތީ ކަމަށް ހީވެއެވެ. ޕޯޗުގީޒު ބަހުން މި ބަޔަށް ކިޔަނީ ކެބިން އެވެ. ދިވެހި ބަހުން މިބަޔަށް ކިޔަން ރަނގަޅު އެއްނަމަކީ ކަމަރާ އެވެ. ޢިމާރާތެއްގައި ލިފްޓެއް ހުންނަ އިރު، ކާރު މައްޗަށާއި ތިރިއަށް ދިއުމަށް ޢިމާރާތުގައި ހުސް ގޮޅިއެއް ވެއެވެ. މިގޮޅިއަށް އިނގިރޭސި ބަހުން ކިޔަނީ ހޮއިސްޓްވޭ (ދަމާނަގާ މަގު) އެވެ. ”ހޮއިސްޓް“ ގެ މާނައަކީ ބަރު އެއްޗެއް މެޝިނަކުން ނުވަތަ ވައު ފަދަ އެއްޗެއް ޖަހައިގެން ނެގުމެވެ. ނުވަތަ އުފުލުމެވެ. ދިދަ އަކީ ލުއި އެއްޗެކެވެ. ނަމަވެސް ދިދަ ނެގުމަށް ވެސް މި ލަފުޒު ބޭނުންކުރެއެވެ. ބައެއް މީހުން ކާރު ދަތުރުކުރާ ގޮޅިއަށް ލިފްޓް ވެލް (ލިފްޓް ވަޅު) މިހެން ވެސް ކިޔައެވެ. ލިފްޓް ވަޅަކީ ދިވެހިބަހާ ގުޅޭ ލަފުޒެކެވެ. ދެން މިދަންނަވާލަނީ އަޅުގަނޑު ތަފްޞީލު ގެނެސްދޭނޭ ލިފްޓްގެ ބާވަތްތަކެވެ.
3. ރެކް އެންޑް ޕިނިއަން ލިފްޓް. މި ބާވަތުގައި ކާރުގެ މަތީގައިވާ މޯޓަރަކުން ކުޑަ ސޯބެއް އަނބުރާނީ އެވެ. ސޯބު ޖެހެނީ ފާރުގައި ނުވަތަ ދަނޑިއެއްގައި ހަރުކޮށްފައިވާ ފުއްކަނޑައިފައި ހުންނަ ދަގަނޑެއްގައެވެ. މި ކަމުގެ ސަބަބުން ކާރު މައްޗަށް އަރުވައި ތިރިކުރެވޭނެ އެވެ. ޕިނިއަން ކިޔަނީ ކުދި ސޯބަށެވެ. ރެކް އަކީ ފުއްކެނޑި ދިގު ދަގަނޑެކެވެ. އަޑުގަދަކަމުން މި ލިފްޓް ބޭނުންކުރަނީ ޢިމާރާތް ކުރުމަށެވެ.
މަތީގައިވާ ފަސް ބާވަތުގެ ތެރޭގައި، ޕެޓަރނޮސްޓަރ ކިޔާ ބާވަތުގެ ލިފްޓް ހިމަނާފައި ނުވެއެވެ. މިއީ މި ޒަމާނުގައި އުފައްދާ އެއްޗެއް ނޫނެވެ. މި ބާވަތް ނު އުފައްދަނީ ނުކުޅެދޭ މީހުންނަށް މިއިން ދަތުރު ނުކުރެވޭތީއެވެ. މި ބާވަތުގެ ލިފްޓުން ގިނަ ބަޔަކަށް ވަރަށް ކުޑަ ވަގުތެއްގެ ތެރޭގައި ދަތުރު ކުރެވޭނެއެވެ. މި ވީޑިއޯއިން އިތުރު މަޢުލޫމާތު ލިބޭނެއެވެ. މިއީ މާލޭގައި ކާރު ޕާކުކުރަން ގެންގުޅޭ ސްމާރޓް ޕާކިން ހަރުތަކާ ވައްތަރުގޮތަކަށް މަސައްކަތް ކުރާ އެއްޗެކެވެ. އަދި، އެހެން ބާވަތެއްގެ ކުޑަ ލިފްޓެއް ފަދަ އެއްޗެއް މާލޭގައި ގެންގުޅެއެވެ. އެއީ ދެބުރި ހޮޓާތަކުގައި ތަށިތައްޓާއި ކާތަކެތި މައްޗަށް ގެންގޮސް ތިރިއަށް ގެންނަން ހުންނަ އެއްޗެކެވެ. މިބާވަތުގެ ލިފްޓަށް ކިޔަނީ ޑަމް (މަންމަން) ވެއިޓަރ (dumb waiter) އެވެ. މިއީ ދެ ފޫޓު ދެފޫޓު ވަރުގެ ކުޑަ އަށިގަނޑެކެވެ. ތަށި ނުވަތަ އެހެން ތަކެތި ތިރިން މިއަށް ލާފައި ފިތަކަށް އޮބާލުމުން މަތީބުރިއަށް ދާނެއެވެ. މަތިން ތިރިއަށް ހަމަ މިގޮތަށް މި އަށި ފޮނުވެއެވެ. ކުޑަކަމުން މީގެ ތެރެއަށް މީހަކަށް ނުވަދެވޭނެއެވެ.
ބަޔާން ކުރެވުނު ފަސް ބާވަތުގެ ލިފްޓްގެ ތެރެއިން، ރާއްޖޭގައި ބޭނުން ކުރާ ދެ ވައްތަރަކީ، ޓްރެކްޝަން ނުވަތަ ވައިރު ޖަހައިގެން ނަގާ ތިރިކުރާ ލިފްޓާއި ކުޑަ ސޯބެއް ފުއްކެނޑި ދަގަނޑެއްގައި ދުއްވައިގެން ހިންގާ ލިފްޓެވެ. ފަހުން ބުނެވުނު ބާވަތަކީ އުހަށް ޢިމާރާތް ކުރާއިރު، މަސައްކަތްތެރިން އެރުމަށް ބޭނުންކުރާ ލިފްޓެކެވެ. މި ދެ ބާވަތުގެ ލިފްޓް ފިޔަވައި އެހެން ބާވަތަކުން ހަ ބުރިއަށް ވުރެ މައްޗަށް ލިފްޓް ދާގޮތަކަށް ހަދާފައެއް ޢާއްމުކޮށް ނުހުރެއެވެ. އެހެންކަމުން މާލޭގައި ޢާއްމުކޮށް މީހުން ބިނާކުރާ ދިހަބުރީގެ ޢިމާރާތްތަކުގެ ދުވަހީ ބޭނުންތަކަށް އެންމެ ރަނގަޅީ އެންމެ ބާވަތެއްގެ ލިފްޓެވެ. އެއީ ޓްރެކްޝަން ނުވަތަ ވައިރު ޖަހައިގެން ކާރު އުފުލާތިރިކުރާ ލިފްޓެވެ. މި ބާވަތުގެ ލިފްޓްގެ ކާރު ވައިރުތައް ކަނޑައިގެން ތިރިއަށް ވެއްޓިދާނެތީ، ލިފްޓްގޮޅީގައި އެންމެ ތިރީގައި ފަސް ފޫޓުވަރު ފުން ވަޅެއް ބަހައްޓައި، މި ވަޅުގައި ކުއްލިއަކަށް އެއްޗެއް ވެއްޓޭ ވެއްޓުމުގެ ޝޮކް ކުޑަކުރަން އިސްފިރޭނެއް ނުވަތަ އެފަދަ އެހެން އެއްޗެއް ހަރުކޮށްފައި ހުރެއެވެ. އެހެން ލިފްޓްތަކަށް މިއެއް ބޭނުމެއް ނުވާނެއެވެ. އެއީ ވެއްޓުމުގެ ޗާންސް ނެތްކަމުންނެވެ. މާލޭގެ ދެތިން ތަނެއްގައި، ވިއްސަކަށް ފޫޓު މައްޗަށް އަރަން ވެސް ޓްރެކްޝަން ލިފްޓެއް ބަހައްޓާފައި ހުއްޓާ ފެނިފައި ވެއެވެ. މިއީ މިފަދަ ބޭނުމަކާ ނުގުޅޭ ލިފްޓެކެވެ. މިވާހަކަ ފަހުން ގެނެސްދޭނަމެވެ.
ފަސް ބާވަތުގެ ލިފްޓްގެ ތެރެއިން ދެން ފާހަގަކޮށްލެވޭ ކަމަކީ އިސްކުރާއި ނަޓުން ހިންގާ ލިފްޓާއި ސޯބަކާއި ފުއްކެނޑި ދަނޑިއެއްގައި ހިންގާ ލިފްޓް މައްޗަށް އަރުވާ ތިރިކުރާ މޯޓަރު ހުންނަނީ ލިފްޓްގެ ކާރުގައެވެ. އެހެން ބާވަތްތަކުގެ ލިފްޓްގައި ކާރު މައްޗަށް އަރުވާ ތިރިކުރާ މެޝިނުގަނޑުވަނީ ކާރުން ބޭރުގައެވެ.
މި މަޒުމޫނަކީ ލިފްޓްގެ ބާވަތްތަކަށް ތައާރަފެކެވެ. ދެން އަޅުގަނޑު ގެނެސްދޭނީ މި ފަސްބާވަތުގެ ތަފްޞީލެވެ. ނަމަވެސް މިހާރު މަޒުމޫނު 2000 ލަފުޒާ ގާތްވުމުން ދިގުވާތީ މިފަހަރަށް ކުރުކޮށްލީ އެވެ. ކިޔުންތެރިން ޝައުޤުވެރިވި މަޒުމޫނެއްކަމަށް އުއްމީދުކުރަމެވެ.
Varah shauquveri. Shukriyya.
Kaaruge badhalugai KAMARAA beynun nukurevvee keevethoaey dhannavailaa hih vey. V. Maaf.