ކޮންމެ މީހަކަށް ވެސް އޮޅުންފިލާގޮތަށް

އަވިން ކަރަންޓު އުފެއްދުން…

އަވިން ކަރަންޓު އުފައްދަނީ މައިގަނޑު ދެގޮތަކަށެވެ. އެއް ގޮތަކީ އަވީގައި ހިމެނޭ ހޫނު ބޭނުންކޮށްގެން ކަރަންޓު އުފެއްދުމެވެ. އަނެއް ގޮތަކީ އަލިން ކަރަންޓު އުފެއްދުމެވެ. އަވީގެ ހޫނުން ކަރަންޓު އުފެއްދުމަށް ބޭނުންވާ ޖާގަ ބޮޑުކަމުން މިއީ ރާއްޖެއާ އެކަށީގެންވާ ކަމަކަށް ނުވެއެވެ. މި މަޒުމޫނުގައި  ހިމެނެނީ ހިލަވެލިން ނަގާ ސިލިކަން ބޭނުންކޮށްގެން  ކަރަންޓު އުފައްދާ ގޮތް ހޭލުންތެރި މީހަކަށް އެނގެން ޖެހޭ މިންވަރު އައްވަލުން  ކިޔައިދީފައެވެ.

ހަކަތަ

މަސައްކަތް ކުރުމަށް ބޭނުންވާ ބާރަށް ކިޔަނީ ހަކަތަ އެވެ. ދޯންޏެއްގެ ބުރަފަތި އެނބުރުމުގެ ބާރު އިންޖީނަށް ލިބެނީ އިންޖީނުގައި އަންދާ  ތެލުންނެވެ. ތެލަކީ ހަކަތައިގެ ބާވަތެކެވެ. އާދެ! ކެމިކަލް ނުވަތަ ކީމިޔާއީ ހަކަތައެވެ. ފަންގިފިލާ ފަންކާ އެނބުރެނީ ކަރަންޓުގެ ބާރުންނެވެ. ކަރަންޓަކީ ހަކަތައިގެ ބާވަތެކެވެ. ބަތްތަވާ ކެކެނީ ދަރު އެންދުމުން ލިބޭ ހޫނުންނެވެ. ހޫނަކީ ވެސް ހަކަތައިގެ ބާވަތެކެވެ. ހަކަތައިގެ އެތައް ބާވަތެއް ހުރެއެވެ. ކުރިން ދެންނެވުނު ބާވަތްތަކުގެ އިތުރަށް، އަޑާއި އައްޔަކީ ވެސް ހަކަތައިގެ ބާވަތެވެ.  އެއް ބާވަތުގެ ހަކަތަ އަނެއް ބާވަތުގެ ހަކަތައަށް ބަދަލު ކުރެވެއެވެ. މިސާލަކަށް، ތެލުން ކަރަންޓު އުފެއްދިދާނެ އެވެ. ޖެނެރޭޓަރެއް ކުރަނީ މިކަމެވެ. އަޑުން ވެސް ކަރަންޓު އުފެއްދިދާނެއެވެ. މައިކްރޯފޯނުން ކުރަނީ ވެސް މިކަމެވެ. ކަރަންޓުން އަޑު އުފެއްދެއެވެ. އިސްޕީކަރަކީ މިކަން ކުރާ އެއްޗެއްގެ މިސާލެވެ.

ދުނިޔޭގައިވާހާ ހުރިހާ ބާވަތެއްގެ ހަކަތައިގެ އަސްލަކީ އިރުން އަންނަ އަވިކަމަށް ބުނެވެއެވެ. އޭގެ އަޞްލަށް ބަލާއިރު، ދަރަކީ ވެސް އަވީގެ ސަބަބުން އުފެދިފައިވާ ހަކަތަ ހިމެނޭ އެއްޗެކެވެ. ގަސް ހެދެނީ އަވީގެ ސަބަބުންނެވެ. އެހެންކަމުން، ދަރު އުފެދުމުގެ އަޞްލަކި އަތްވެވެ.  ޖައްވުގައި ހުންނަ ވައިރޯޅި އުފެދެނީ ވެސް އަވީގެ ސަބަބުންނެވެ. އަވި ނެތްނަމަ، ވައިރޯޅިއެއް އަދި ކަނޑުގައި އޮއެއް ނެތީ ހެއްޔެވެ. އެއީ ވަޔާއި އޮއެ އުފެދެނީ އަވީހުގެ ހޫނުންނެވެ. ސޯލާސެލް އަކީ އަވި ޖެހުމުން ކަރަންޓު އުފައްދާ އެއްޗެކެވެ.

How a solar cell works
ކޮންމެ ދެ ބާވަތެއްގެ މަޢުދަން ޖެހިފައިވާ ތަނަކުން ކަރަންޓު އުފެދެއެވެ. ހޫނުކުރުމުން މިތަނުން އުފެދޭ ކަރަންޓު ބޮޑުވެއެވެ. ބައެއް ބާވަތުގެ މަޢުދަން އަށް އަލި އެޅުމުން ވެސް ކަރަންޓު އުފެދެއެވެ. މިފަދަ ތަކެތީގެ ތެރެއިން ސޯލާ ސެލް ހެދުމަށް ބޭނުން ކުރަނީ މުށި ހިލަވެލީގައި ހުންނަ މެޓަލް ނުވަތަ ލޯހާ އެކެވެ. ނަމަކީ ސިލިކަން އެވެ. ސިލިކަންއަށް އެހެން ތަކެތި އެއްކޮށްގެން ދެ ބާވަތެއްގެ ސިލިކަން އުފައްދައެވެ. މި ދެބާވަތުގެ ސިލިކަން ޖެހޭތަނަށް އަލިޖެހުމުން ގަދަ ކަރަންޓެއް އުފައްދައެވެ. ސޯލާ ސެލް އިން އުފައްދަނީ ބެޓެރިބުރިއަކުން އުފައްދާ ފަދަ އެއްކޮޅަށް ދަތުރުކުރާ ޑީސީ ކަރަންޓެވެ.

އަވިން ކަރަންޓު އުފެއްދުމުގެ ފައިދާތައް

މިހާ ހިސާބުން އަވިން ކަރަންޓު އުފައްދަން އަޅުގަނޑުމެން ބޭނުންވާ ސަބަބުތަކާ މެދު ވިސްނާލުން ހުއްޓެވެ.

  1. ސޯލާސެލުން ކަރަންޓު އުފައްދަނީ އަވި ބޭނުން ކޮށްގެންނެވެ. އަތްވަކީ ހިލޭ ލިބޭ އެއްޗެކެވެ.
  2. ސޯލާސެލުން ކަރަންޓު އުފައްދާއިރު، ދުނިޔޭގެ ޖައްވު ހޫނުވާ ކަހަލަ ގޭހެއް، ނުވަތަ ބޮލަށް އުނދަގޫވާ ކަހަލަ އަޑެއް ނުވަތަ އެހެން ވެސް ނޭދެވޭ އެއްޗެއް ނުއުފައްދައެވެ. އެހެންކަމުން މިއީ ތިމާވެއްޓާ ވަރަށް ރައްޓެހި ގޮތެކެވެ.
  3. ސޯލާސެލް އުފައްދާ މީހުން އެ ވިއްކަނީ ބައެއް ފަހަރު 25 އަހަރު ދުވަހުގެ ގަރަންޓީ އާ އެކުއެވެ. އެހެން ކަމުން ވަރަށް ގިނަ ދުވަހު ހަލާކު ނުވެ އެ ބޭނުން ކުރެވެއެވެ. 25 އަހަރުގެ ގަރަންޓީ އާ އެކު ވިއްކާ އެހެން އެއްވެސް އެއްޗެއް ތިބާ ދެނެވަޑައިގަންނަވަމުތޯ އެވެ؟
  4. ސޯލާސެލުން ކަރަންޓު އުފައްދަނީ އަވިން ކަމަށްވާތީ އެއީ ދެމެހެއްޓެނިވި ގޮތަށް ކަރަންޓު އުފެއްދޭނޭ ގޮތެކެވެ. އިރު އަރާހާ ޒަމާނެއް ވަންދެން މިގޮތަށް ކަރަންޓު އުފެއްދޭނެއެވެ. އިރު ނާރާ ދުވަހެއް އަތުވެއްޖެ ނަމަ، އަހުރެމެންނަށް ވެސް ދުނިޔެއަކު ނުއުޅެވޭނެ އެވެ. އެހެން ކަމުން، ކަރަންޓު ބޭނުމެއް ނުވާނެއެވެ.
  5. ސޯލާސެލް ބޭނުން ކުރުމަކީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ރަށްތަކަށް ކަރަންޓު އުފައްދަން ވަރަށް ރަނގަޅު ގޮތެކެވެ. މަދުން ކަރަންޓު ބޭނުންވާ، ދުރުދުރުގައި ހުންނަ ތަންތަނަށް ކަރަންޓު ނަރުން ގެންދިއުމަކީ ޚަރަދު ބޮޑު ކަމެކެވެ. ސޯލާސެލުން ބޭނުން ހިސާބަކު ފަސޭހަ ކަމާއެކު ކަރަންޓު އުފެއްދެއެވެ. ކޮންމެ ގެއަކުން، އެ ގެއަކަށް ބޭނުންވާ ވަރަށް ވަކިން ކަރަންޓު އުފެއްދިދާނެ އެވެ. ކޮންމެ ގެއަކު ވަޅެއް ހުންނަ ފަދައިންނެވެ.
  6. ސޯލާސެލް އުފައްދަން ބޭނުންކުރާ މައިގަނޑު އެއްޗަކީ ހިލަވެއްޔެވެ. އެއީ އަގުހެޔޮ ގިނައިން ލިބެން ހުރި އެއްޗެކެވެ.

މި މަޒުމޫނު މިހާ ހިސާބަށް ވިދާޅުވި ބޭފުޅުން ދެ ސުވާލެއް ކުރައްވަން ބޭނުންފުޅު ވެދާނެ އެވެ. ފުރަތަމަ ސުވާލަކަށް ވާނީ، އަވިދެނީ ދުވާލު އެވެ. ރާއްޖޭގެ ގިނަ މީހުންނަށް ކަރަންޓު ބޭނުންވަނީ ރޭގަނޑު އެވެ. އެހެން ވެއްޖިއްޔާ ރޭގަނޑު ކަރަންޓު ހޯދަން ހަދާނީ ކިހިނަކުން ހެއްޔެވެ؟  މި ސުވާލުގެ ކުރު ޖަވާބަކީ، މިކަން ކުރާނީ ވާރޭ ނުވެހޭ މޫސުމުގައި ވާރޭފެން ހޯދަން ހަދާ ގޮތަށެވެ. ތަފްޞީލު ފަހުން އަޅުގަނޑު ދަންނަވާނަމެވެ.

ދެވަނަ ސުވާލަކަށް ވާނީ، އަވިން ކަރަންޓު އުފެއްދުމަކީ ތިޔަ ބުނާހާ އަގުހެޔޮ ގޮތަކަށް ވަންޏާ އެންމެން ތިގޮތަށް ކަރަންޓު ނުއުފައްދަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ، އުފެއްދުން އަގުހެވަސް، އަވިން ކަރަންޓު އުފައްދަން ފުރަތަމަ ކުރަންޖެހޭ ޚަރަދު މި ދުވަސްކޮޅު، ޖެނެރޭޓަރެއް ގަތުމަށް ވުރެ ބޮޑެވެ. އެހެންކަމުން ވަގުތީ ޙައްލެއްގެ ގޮތުގައި، ދެމިގެންދާ ޚަރަދަށް ނުވިސްނާ، މީހުން ޖެނެރޭޓަރު ގަންނަނީ އެވެ. ނަމަވެސް، ޖެނެރޭޓަރު ވިކޭ ނިސްބަތަށް ވުރެ އެތައް ގުނަ އަވަސް މިނެއްގައި، އަވިން ކަރަންޓު އުފެއްދުމުގެ ވިޔަފާރި ބޮޑުވަމުން ދެއެވެ. ކޮންމެ ހަތަރު އަހަރަކު މި ވިޔަފާރި ދެގުނައަށް ބޮޑު ވެއެވެ. އެހެންކަމުން މުސްތަޤްބަލް އޮތީ އަވީގައެވެ.

އަދިވެސް އެހެން ސުވާލެއް އެހެން ނޫންތޯ އެވެ؟ ސޯލާސެލް އަކީ ހިލަވެލިން އުފައްދާ އެއްޗަކަށް ވަންޏާ އެ އެހާ އަގުބޮޑީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ދެކަމެއް ހިމެނެއެވެ. އަގުބޮޑުވާ ފުރަތަމަ ސަބަބަކީ، ހިލަވެލިން ސޯލާސެލް އުފައްދަން ބޭނުންކުރާ ސިލިކަން ކިޔާ ލޯހާ، ބޭނުންވާ ވަރަށް ސާފު ކުރުމަކީ ޚަރަދު ބޮޑު ކަމެކެވެ. ދެވަނަ ސަބަބަކީ، ސޯލާސެލް އުފައްދާ ބޮޑެތި ކުންފުނިތައް ވަނީ ތެޔޮ އުފައްދާ ކުންފުނިތަކުން ގަނެފައެވެ. އެހެންކަމުން، ތެޔޮ ކުންފުނިތަކުން އެމީހުންގެ ތެލުގެ ވިޔަފާރި ދަށްވުމަކަށް ނޭދެއެވެ. އެންމެ މަޝްހޫރު ތެޔޮ އުފައްދާ ދެ ކުންފުނީގެ ތެރޭގައި ބީޕީ އާއި ޝެލް ހިމެނެއެވެ. މިއީ ސޯލާސެލް ވެސް އުފައްދާ ބޮޑު ދެ ކުންފުނި މެއެވެ.

މިހާރުގެ އަގުތައް ހުރިގޮތުން، 1000 ވޮޓްގެ ސޯލާ ސިސްޓަމެއްގެ އަގަކީ 1000 ޑޮލަރެވެ. މިއީ ޗައިނާއިން ވިއްކާ އަގެވެ. މިތަކެތި ބަރުކަމުން ރާއްޖެ ގެންނަން ޖެހޭނީ ކަނޑު މަގުންނެވެ. އެހެންކަމުން ނާލު ލުމުން އަގުބޮޑުވާނެ އެވެ. އެއަރ ކޮންޑިޝަން ކުރާނަމަ، މިއަށް ވުރެ ބޮޑު ސިސްޓަމެއް ބޭނުން ވާނެއެވެ. ސިސްޓަމް ބޮޑުވި ވަރަކަށް އުފައްދާ ކަރަންޓުގެ ނިސްބަތުން އަގު ހެޔޮވެއެވެ.

solar cell individual
ސޯލާސެލްއިން ކަރަންޓު އުފައްދަނީ ދެ ބާވަތެއްގެ ސިލިކަން ޖެހޭ ތަނުންނެވެ. މި ޖަންކްޝަނުން ކަރަންޓު ނަގަނީ ހިމަ ނަރުތައް ސެލްގެ މަތީގައި ދަމައިގެންނެވެ. މި ނަރުތައް ދެން ގުޅުވަނީ ތަންކޮޅެއް ފަލަ ނަރަކާ އެވެ. ސޯލާސެލްގެ މަތީގައި ރޮނގުތަކެއްގެ ގޮތަށް އެ ފެންނަނީ ކަރަންޓު ޖަމާކުރާ މި ހިމަ ނަރުތަކެވެ. ނަރުތައް ފަލަނަމަ، ސެލްއަށް ހިޔަނިއެޅި ކަރަންޓު އުފައްދާ ވަރު މަދުވާނެއެވެ. މަގެއްގައި އޮންނަ ފާޚާނާ ހޮޅިއެއް ފަދައިން، މެދު ނަރު ފަލައެވެ. ހިމަނަރުތަކަކީ އެކި ގޭގެއިން ނެރެ މައިހޮޅިއާ ގުޅިފައިވާ ފާޚާނާ ހޮޅިކަމަށް ވިސްނަވާށެވެ.

ސޯލާސެލް އުފައްދާގޮތް

ސޯލާސެލް އުފައްދަނީ ސިލިކަން ކިޔާ މެޓަލް ނުވަތަ ލޯހާއަކުންނެވެ.  މެޓަލް އަކީ ދަގަނޑު، ރަތުލޯ، އެލްމިނިއަމް، ރަން ފަދަ އެއިން ކަރަންޓާއި ހޫނު ފަސޭހައިން ދަތުރުކުރާ، ނަރަށް ދެމޭ ނުވަތަ ފަތްގޮތަށް ތެޅޭ މަޢުދަނަށް ކިޔާ ނަމެކެވެ. ޢަރަބި ބަހުން މެޓަލް އަށް ކިޔަނީ ފަލަޒު އެވެ. ސިލިކަން އަކީ ދުނިޔޭގައި ވަރަށް ގިނަ އެއްޗެކެވެ. ޢަރަބި ސަހަރާތަކުގައި އެހުންނަ ވެއްޔަކީ ސިލިކަން އާއި އޮކްސިޖަން އެކުވެގެން އުފެދޭ އެއްޗެކެވެ. ވެލިން ސިލިކަން ވަކިކުރުމަކީ ވަރަށް ޚަރަދު ބޮޑު ކަމެކެވެ. މިއާ އެކު، ސޯލާސެލް ހަދަން ބޭނުންވަނީ ވަރަށް ސާފު މައް ސިލިކަން އެވެ. ސިލިކަން ސާފުކުރަން ޖެހެނީ ކުރިކީލަ އުފެދޭ ވަރަށެވެ. ކުރިކީލައޭ ތޯ އެވެ؟

ކުރިއަށް ދިއުމުގެ ކުރިން ގަނޑު ތަކެތީގެ ޠަބީޢަތް ދަންނަވާލަން ޖެހެއެވެ. ދިޔާ ތަކެއްޗާ ޚިލާފަށް ގަނޑު ތަކެތީގެ ދެބާވަތެއް ހުރެއެވެ. ވެއްޔާއި ހަކުރާއި ލޮނާއި ގޮދަން ފުށަކީ ގަނޑު ތަކެއްޗެވެ. ބޮޑުވާ ބިއްލޫރިކޮޅަކުން ވެއްޔާއި ހަކުރަށް ބައްލަވާ ލެއްވުމުން، ތިޔަ ބޭފުޅުންނަށް އެދޭތީގައިވާ ޚާއްޞަ ސިފައެއް ފެނިވަޑައިގަންނަވާނެ އެވެ. ހަކުރު ހުންނަނީ ގިނަ އަރިތަކަކަށް ހުންނަ ފުއްތަކަކަށެވެ. ކޮންމެ އަރިއެއް ވަރަށް އޮމާން ވާނެއެވެ. ވެލީގައި މިފަދަ އޮމާން އަރިއެއް ނުހުންނާނެ އެވެ. ފުއްލޮނުގައި އޮމާން އަރިތަކެއް ހުންނާނެ އެވެ. ހަކުރު ފުކެއް ފަޅާލުމުން އުފެދޭނީ އަނެއްކާ އޮމާން އަރިތަކެއް ހުންނަ ހަތަރެސްކަން ފާޑަކަށް ހުންނަ ފުއްތަކެކެވެ. ހަކުރާއި ލޮނުގެ ފުއްތައް ކުއްޖަސް އަދި ބޮޑަސް، ފުއްތަކުގެ އަރިތައް އޮމާން ވާނެއެވެ. ލޮނު ފުއްތައް ހުންނާނީ ހުރިހާ އަރިއެއް އެއްވަރަށް ހުންނަ ހަ އަރިއަށެވެ. ހަކުރުގައި އަރިތައް ގިނަ ވާނެއެވެ.  ވެއްޔަކުން ނުވަތަ ގޮދަން ފުށަކުން އަރިތައް އޮމާން ފުއްތަކެއް ފެނިވަޑައެއް ނުގަންނަވާނެ އެވެ.

މަޢުދަނެއް ވަރަށް ބޮޑަށް ސާފުކުރުމުން، އޭގައި ހިމެނޭ ޒައްރުތައް ތަރުތީބަކަށް އެތުރެއެވެ. މިގޮތަށް ތަރުތީބަކަށް އަރިތައް ހުންނަ ގަނޑު ތަކެއްޗަށް ކިޔަނީ ކުރިކީލަ އެވެ. އިނގިރޭސި ބަހުން ކްރިސްޓަލް އެވެ. ޢަރަބި ބަހުން ބިއްލޫރި އެވެ. ދިވެހިބަހުން ”ބިއްލޫރި“ ކިޔާ އެއްޗަކީ ކްރިސްޓަލް އެއްޗެއް ނޫނެވެ. ޢަރަބި ލަފުޒު، އިނގިރޭސި ބަހުން ”ގްލާސް“ މިކިޔާ އެއްޗަށް ބޭނުން ކުރަނީ އެވެ.  ބިއްލޫރި ކުދިކުދި ކުރުމުން އުފެދޭ ކުޑިތަކުގައި، މި ދެންނެވި އޮމާން އަރިތަކެއް ނުފެންނާނެއެވެ. ސައިންސްގެ އުޞޫލުން ބަލާއިރު ދޮރުގައިލާ ބިއްލޫރިއަކީ ވަރަށް އޮލަ ދިޔާ އެއްޗެކެވެ. އެހެނީ 100 ވަރަކަށް އަހަރުވީ ބިއްލޫރިލީ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތިރިއަށް ފައިބާ މަތި ތުނިވެ ތިރިބޯ ވެފައި ހުރެއެވެ. ބިއްލޫރި އޮލަކަމުން އޮލަ ރިހާކުރު ފައިބާގޮތަށް ނުފައިބަނީ އެވެ.  އެންމެ ކުރިކީލައެއް ނުވަތަ ކްރިސްޓަލެއްގެ ގޮތުގައި އެއްކިލޯ ހުންނަ ވަރުގެ ހަކުރު ފުކެއް އުފެއްދިދާނެއެވެ. ނަމަވެސް މި ވަރުގެ ހަކުރު ”ފުކެއް“ގައި ވެސް އަރިތައް ހުންނާނީ އޮމާން ކޮށެވެ. ފަޅާލުމުން ބުރިވާނީ އޮމާން އަރިތައް ހުންނަ ގޮތަށެވެ. ކަނާތް ފަރާތުގައި އެވަނީ ލޮނު ކުރިކީލައެވެ. ބޮޑަސް ކުޑަޔަސް ފުކުގެ ބައްޓަން އެއްގޮތް ވާނެއެވެ.

އެންމެ މޮޅެތި ސޯލާސެލް ހަދަން ބޭނުންވަނީ ސިލިކަންގެ އެންމެ ކުރިކީލައެކެވެ. މި އުފެއްދުމަކީ އުނދަގޫ ބޮޑު ކަމެކެވެ. ސިލިކަން ވަރަށް ބޮޑަށް ސާފުކޮށް 1400 ސެލްސިއަސް އަށް ހޫނުކޮށްގެން އެންމެ ކުރިކީލަ އެއް ހަދައެވެ. ލޮނު ނުވަތަ ހަކުރުގެ ބޮޑު ފުކެއް އުފައްދާ ފަދައިންނެވެ. މިގޮތަށް ކުރިކީލަ ހަދަނީ ހަތަރު އިންޗި ނުވަތަ  އަށް އިންޗި ފުޅާމިނުގައި ހުންނަ ވަރަށް ގަޒެއްގެ ދިގުމިނަށެވެ. ބައެއް ސޯލާސެލް ވަށްކޮށް ހުންނަނީ ކުރިކީލަ ވަށްކޮށް އުފެދޭތީ  އެވެ. ދެން މިކުރިކީލަ، އައްޑޫ ބޮޑިއެއް ބުރިކުރާ ފަދައިން، އަލިމަސް ކީހަކުން ތުނިކޮށް ކީހައެވެ. މިގޮތަށް ކީހުމުން ކީހުގެ ހޮނދަށް ކުރިކީލަ ގަނޑުގެ ދެބައިކުޅަ އެއްބައި ގެއްލެވެ. އަގުބޮޑުވާގޮތް އެނގިވަޑައިގެންފި އެހެންނޫންތޯ އެވެ؟ އަދި މިހިސާބުން ސޯލާސެލް ހަދާ ނިމުނީ އަކީ ނޫނެވެ. އަވިން ކަރަންޓު އުފެއްދުމަށް ސިލިކަންގެ ޠަބީޢަތް ބަދަލުކުރަން ޖެހެއެވެ.

ކަރުދާހާއި ޕްލާސްޓިކަކީ ކަރަންޓު ދަތުރު ކުރާ އެއްޗިއްސެއް ނޫނެވެ. ކަރަންޓު ނަރުގެ ވަށައިގެން ޕްލާސްޓިކު ދާފަރާއެއް ލާފައި ހުންނަނީ އެހެން ވެގެންނެވެ. އެކަމަކު، ދަގަނޑު، ރަތުލޯ، އެލްމިނިއަމް ފަދަ ލޯހާ އަކީ ކަރަންޓު ދަތުރުކުރާ އެއްޗިއްސެވެ. އެއިގެ ތެރެއިން ކަރަންޓު ނުވަތަ ހޫނު ދަތުރުކުރާ އެއްޗިއްސަށް އިނގިރޭސިބަހުން ކިޔަނީ ކޮންޑަކްޓަރެވެ. ކޮންޑަކްޓް ގެ މާނައަކީ ހޫނު ނުވަތަ ކަރަންޓު އެއްތަނުން އަނެއް ތަނަށް ނަގުލު ކުރުމެވެ. ކޮންޑަކްޓަރަކީ މިކަންކުރާ އެއްޗިއްސެވެ.  ސިލިކަން އަކީ ރަނގަޅު ކޮންޑަކްޓަރެއް ނޫނެވެ. އެހެންކަމުން، އަވިޖެހޭ އިރަށް ކަރަންޓު ދަތުރުކުރާ ގޮތް ހެދުމަށް ސިލިކަން ފޮތިތައް، އެއް ފުށް ބޯރޯން ކިޔާ ގޭހެއްގައި، އަދި އަނެއް ފުށް ފޮސްފޮރަސް ކިޔާ ގޭހެއްގައި ޖައްސައެވެ. މިހެން ހެދުމުން، އަވީގައި ޖެހޭ އިރަށް، ދެފަރާތު ދެމެދުގައި، ބެޓެރީ ބުރިއެއްގެ ދެ ކޮޅުގައި ހުންނަ ފަދަ ކަރަންޓު ބާރެއް އުފެދެއެވެ. ސިލިކަން ގެ ޠަބީޢަތް މި ދެންނެވި ދެ ގޭސް މެދުވެރިކޮށް ބަދަލުކުރުމުން، ސިލިކަން އިން ކަރަންޓު ދަތުރުކުރާ މިންވަރު ކުރިއަށް ވުރެ ބޮޑުވެއެވެ. މިގޮތަށް ސިލިކަން ގެ ޠަބީޢަތް ބަދަލުކުރުމުން އެއަށް ކިޔަނީ ސެމިކޮންޑަކްޓަރެވެ. ސެމި ގެ މާނައަކީ މުޅިން ފުރިހަމަ ނޫން ނުވަތަ ދެބައިކުޅަ އެއްބައި އެވެ. ސެމިކޮންޑަކްޓަރ އަކީ ވަކި ޙާލަތެއް ގައި ވުމުން، (މިސާލަކަށް އަވި ދިނުމުން) ފަސޭހައިން ކަރަންޓް ދަތުކުރާ އެއްޗިއްސެވެ. މިހާރު މި ބޭނުންކުރާ ހުރިހާ އިލެކްޓްރޯނިކް އެއްޗިއްސެއް ހަދައިފައި ހުންނަނީ ސެމިކޮންޑަކްޓަރ ބޭނުންކޮށްގެންނެވެ. މޮބައިލްފޯނާއި ކޮމްޕިއުޓަރުގެ އެންމެ މުހިއްމު ބައިތައް ހަދައިފައި ހުންނަނީ ސިލިކަން ސެމިކޮންޑަކްޓަރުންނެވެ.

ގޭހުން ޠަބީއަތް ބަދަލުކޮށްފައިވާ ހާލުފޮޅިހާ ތުނި ނަމަވެސް ހަރު ”ފޮޅި“ތައް އަވީގައި ޖެހުމުން، ދެ ފަރާތުގެ ދެމެދުގައި ބެޓެރީ ބުރިއެއްގެ ދެކޮޅުގައި ހުންނަ ފަދަ ބާރެއް އުފެދެއެވެ. ދެން އޮންނާނީ ދެ ފަރާތާ ނަރު ގުޅުމެވެ. ދަށް ފަރާތާ ނަރު ގުޅުމަށް ސިލިކަން ފޮތި ނުވަތަ ފޮޅި ރަތުލޯ ނުވަތަ މި ފަދަ ކަރަންޓު ދަތުރުކުރާ ކޮންޑަކްޓަރެއްގެ މަތީގައި ބޭއްވިދާނެއެވެ. ނަމަވެސް ސޯލާސެލްގެ މަތިން ކަރަންޓު  ނެގުމަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ ކަރަންޓު ނަގަން އެންމެ ރަނގަޅުވާނީ، މުޅި ސެލްގެ މަތީގައި ކަރަންޓު ދަތުރުކުރާ ފަދަ ރަތުލޯ ފަތްގަޑެއް ޖެއްސިއްޔާއެވެ. އެކަމަކު އެއިރަކުން ސެލް މައްޗަށް އަތްވެއް ނުދޭނެއެވެ. މަތީގައި ނަރު ގިނަކޮށްފިނަމަ، ސެލްއަށް އަވި ލިބޭ މިންވަރު މަދުވާނެއެވެ. އަޞްލުގައި ކަން ކުރާ ގޮތަކީ،  ވަރަށް ހިމަ ނަރުތަކެއް ސެލްގެ މަތީގައި ދަމަނީ އެވެ. ދެން މި ހިމަ ނަރުތައް ފަލަ ނަރަކުން ގުޅާލަނީއެވެ. މި ދެންނެވި ހިމަ ގިނަ ނަރަކީ ޙަޤީޤީ ނަރެއް ނޫނެވެ. ހަދާގޮތަކީ އެއިން ކަރަންޓު ދަތުރުކުރާ ފަދަ ދެއްޔަކުން ނަރުތައް ހުންނަންޖެހޭ ގޮތަށް ސެލްމަތީ ތައްގަނޑު ޖަހަނީ އެވެ. ސޯލާސެލްތަކުގެ މަތީގައި ދެމިފައި އެ ހުންނަ ހިމަ ރޮނގުތަކަކީ އެއީ އެވެ. މިހާރަކަށް އައިސް، ބިއްލޫރި ފަދަ ސާފު ކަރަންޓު ދަތުރުުކުރާ ކޮންޑަކްޓަރެއް މަތީގައި ބޭނުން ކުރެއެވެ.  މިފަދަ ސެލްތަކަކު ހިމަ ރޮނގުތަކެއް ނުހުންނާނެއެވެ. މިއަށްފަހު، ސެލްގެ މައްޗަށް އަވި ޖެހުމުން މޫނުބަލާ ލޯގަނޑެއް ހެން އަވި ރައްދުވިޔަ ނުދިނުމަށް (ރިވެލިވިޔަ ނުދިނުމަށް ނުވަތަ ރިފްލެކްޓް ވިޔަ ނުދިނުމަށް) ވަރުނީހެއް އުނގުޅައެވެ. ދެން ފެންފަދަ ކުލައެއްގައި ހުންނަ ތެރަހެއް އަޅައި، ބިއްލޫރިގަނޑެއް މަތީގައި ތަތްކުރަނީ އެވެ. ބިއްލޫރީގެ ބަދަލުގައި ޕްލާސްޓިކް ފަށަލައެއް ވެސް އަޅައިފާނެއެވެ.

solar cell structure

ސޯލާސެލްގެ ބާވަތްތައް

three main types of solar cells

ސޯލާސެލްގެ ތިން ބާވަތެއް ހުރެއެވެ. އަޅުގަނޑު ކުރިން މި ދެންނެވީ އެންމެ މޮޅު ބާވަތެވެ. ސިލިކަން އެންމެ ކުރިކީލައެއް ތުނިކޮށް ކީހައިގެން ހަދާ ބާވަތެވެ. މި ބާވަތުގެ ސޯލާސެލް ހުންނާނީ ޢާއްމު ގޮތެއްގައި ވަށްކޮށެވެ. ވަށްކޮށް ހުންނަ އެއްޗެއް ފިލާގަނޑެއްގެ މަތީގައި އެތުރީމާ، ދެ ސެލް ދޭ ތެރޭ ހުސްތަން ބޮޑުވާނެތީ، ހަތަރެސްކަން ވާގޮތަށް ބައެއް ފަހަރު އަރި ޖަހައެވެ. މި ބާވަތުގެ ސޯލާސެލް އަށް ކިޔަނީ މޮނޯކްރިސްޓެލައިން ސޯލާސެލްއެވެ. މި ލަފުޒުގެ މާނައަކީ އެއް ކުރިކީލަ ސޯލާސެލްއެވެ. ކުރުކޮށް ކިޔަނީ މޮނޯ ސޯލާސެލް އެވެ. މި ބާވަތުގެ ސޯލާސެލްގެ މައްޗަށް އެޅޭ އަލީގެ ގާތްގަޑަކަށް %20 ކަރަންޓަށް ބަދަލުކުރެއެވެ.

monocrystalline solar cells

ދެވަނަ ބާވަތުގެ ސޯލާސެލް ދަންނައެވެ. ބޮޑު އެއް ކުރިކީލަ ކީހައިގެން ސިލިކަން ސޯލާސެލް ހެދުމަށް ވުރެ ފަސޭހަ ގޮތެއް އޮވެއެވެ. އެއީ ސިލިކަން ވިރުވާ އުނބެއްގައި ހުރި ސިލިކަން ދިޔާވީމާ، ކުޑަ ސިލިކަން ކުރިކީލަކޮޅެއް ލައިގެން ކުރިކީލަ އުފެއްދުމެވެ.  މިއީ ހޫނު ލޮނުފުޅިއަކަށް ގިރޭނޭ އެންމެ ބޮޑަށް ލޮނު ގިރުވުމަށް ފަހު، ރޮނދިފަށެއް ބާނާފައި ބެހެއްޓުމުން، އިރުކޮޅެއްގެ ތެރޭގައި ރޮނދިފަށުގައި ކުދިކުދި ލޮނު ކުރިކީލަތައް އުފެދޭގޮތަށް ވާކަމެކެވެ. މިގޮތުން އުފެދޭ ކުރިކީލަތައް ހުންނާނީ އެކި ވަރަށެވެ. ދެން މި ގާނައިގެން ސޯލާސެލް އުފައްދައެވެ. މިފަދަ ސޯލާސެލް ފާހަގަ ކުރެވޭނޭ އެއްގޮތަކީ، ހަތަރެސްކަނަށް ހެދޭތީސެލްތަކުގެ މެދުގައި ހުސްތަނެއް ނުހުންނަ ކަމުންނެވެ. އެންމެ ފަސޭހައިން ފާހަގަ ކުރެވޭނީ ދެކުރިކީލަ ޖެހޭތަން ރޮނގެއްގެ ގޮތުގައި ފެންނާތީއެވެ. ވަކި ކުރިކީލަތައް، ޓިނުގަނޑެއްގައި ތުތިޔާ ޖެހީމާ ހުންނަފަދައިން އެކިގޮތްގޮތަށް ދަޅަ އަޅާނެއެވެ. މިބާވަތުގެ ސޯލާސެލް އަށް ކިޔަނީ ޕޮލީކްރިސްޓަލައިން ސެލް އެވެ. ޕޮލީގެ މާނައަކީ ”ގިނަ“ އެވެ. ކުރުކޮށް ޕޮލީ އެވެ. މި ބާވަތުގެ ސެލް އަގުހެޔޮ ވިޔަސް ކަރަންޓު އުފައްދާ މިންވަރު ކުޑަވާނެއެވެ. އެއް ކުރިކީލަ ސެލްއާ އަޅާބަލާއިރު މިބާވަތުގެ ސެލްއަކުން ކަރަންޓު އުފައްދާނީ ހަތަރުބައިކުޅަ އެއްބައި ދަށް މިންވަރަކަށެވެ. ތަނަކަށް ދޭ އަވީން، ކަރަންޓަށް ބަދަލުކުރެވޭނީ %15 ވަރެވެ.

ތިންވަނަ ބާވަތުގެ ސޯލާސެލްއަކީ އެންމެ އަގުހެޔޮ ވައްތަރެވެ. މިބާވަތް އުފެއްދުމަށް ސިލިކަންނޫން މަޢުދަންތައް ވެސް ބޭނުން ކުރެއެވެ. މި ބާވަތުގެ ސެލްގައި ކުރިކީލައެއް އެއްގޮތަކަށް ވެސް ނުހުންނާނެއެވެ. އިނގިރޭސިބަހުން ކުރިކީލަނެތް ގަނޑު އެއްޗެތި ސިފަކުރަނީ”އެމޯފަސް“  މި ލަފުޒުންނެވެ. އެހެންކަމުން މި ބާވަތުގެ ސެލްއަށް ކިޔާ ނަމަކީ އެމޯފަސް ސެލް އެވެ. މި ސެލްތައް އުފައްދަނީ ސިލިކަން ނުވަތަ އެހެން ވެސް މަޢުދަނެއް ހޫނުކޮށްގެން އަރާ އާވި، ބިއްލޫރިގަނޑެއް ފަދަ އެއްޗެއްގައި ޖައްސައިގެންނެވެ. މިހެން ހެދުމުން ބިއްލޫރިގަނޑުގައި ތުނި ފަށަލައެއް ލެވެއެވެ. ބިއްލޫރި ނޫނަސް، ޕްލާސްޓިކް ފަދަ ތަކެތީގައި މި ފަށަލަ ޖެއްސެއެވެ. މިހެންކަމުން، ލެނބޭ ތަކެތީގައި، މިސާލަކަށް ރަނބަރު ގަނޑެއްގައި ސޯލާސެލް ހެދެއެވެ. ސޯލާ ސެލް އުފައްދާ އެންމެ އަގުހެޔޮ ގޮތަކީ މިއީ އެވެ.  ނަމަވެސް، މިގޮތަށް އުފައްދާ ސޯލާސެލް އިން ކަރަންޓަށް ބަދަލުކުރެވެނީ އެއަށް ލިބޭ އަވީގެ އެންމެ %8 ވަރެވެ.

amorphous solar cells

ރާއްޖެއަކީ، ބިންކުޑަ ޤައުމެއް ކަމުން، ރާއްޖެއާ އެންމެ ބޮޑަށް ގުޅެނީ އެއް ކުރިކީލަގަނޑަކުން ހަދައިފައި ހުންނަ މޮނޯ އާއި ގިނަކުރިކީލަ ހިމެނޭ ޕޮލީ ސޯލާސެލް އެވެ. ޖާގަ އެންމެ ކުޑަކޮށްދާ ގޮތަށް ކަރަންޓު އުފެއްދޭނީ މޮނޯ ސޯލާސެލް އިންނެވެ. އެމޯފަސް ސޯލާސެލް ބޭނުން ކުރާނަމަ، މޮނޯ ސޯލާސެލްއަށް ނަގާ ޖާގައިގެ ތިން ގުނަ ބޭނުން ވާނެއެވެ. ހިތަދޫގައި ހުންނަ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުގެ ފުރާޅުގައި 10000 ވޮޓްގެ ސޯލާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އަޅުގަނޑު ކަނޑައެޅީ މޮނޯސެލް ބޭނުން ކުރުމަށެވެ. ފުރާޅުން ލިބެން ހުންނަ ޖާގައަށް ބަލައި، ރާއްޖެއާ އެންމެ ބޮޑަށް ގުޅެނީ ކުރިކީލަ ހުންނަ ސޯލާސެލް އެވެ. އެކި ބާވަތްތަކުގެ ސޯލާސެލް، އޭގެ ކުލައިންނާއި ހުންނަ ގޮތުން ފާހަގަ ކުރެވެއެވެ.

ސޯލާސެލް  ބޭނުން ކުރުން

އެންމެ ސޯލާސެލް އަކުން އުފެދެނީ ބައި ވޯލްޓެވެ. މިއީ ޓޯޗު ބޮތްކެއް ދިއްލަން ބޭނުންވާ ވަރަށް ވުރެ ވެސް މަދު މިންވަރެކެވެ. އެހެންކަމުން، ބޭނުންކުރެވޭ ވަރަށް ކަރަންޓުގެ ބާރު ގަދަކުރުމައްޓަކައި ހަދާގޮތަކީ އެތައް ސެލްއެއް ފުލުފުލުގައި ގުޅަނީއެވެ. ޢާއްމުގޮތެއްގައި ގުޅަނީ 36 ސެލް އެވެ. މިވަރަށް ގުޅުމުން، ކާރު ބެޓެރީއެއް ޗާޖުކުރެވޭ ވަރަށް ބާރުގަދަ ވެއެވެ. ސެލްތައް ގުޅަނީ ދެފަރާތް އޮމާންކޮށް އޮންނަ އެލްމިނިއަމް ނުވަތަ ޕްލާސްޓިކް ފިލާގަނޑެއްގައި ސެލްތައް އަތުރައެވެ. އިނގިރޭސި ބަހުން، ދެފަރާތް އޮމާންކޮށް، ދިގު އަކައަކަށް ހުންނަ ފަތި އެއްޗިއްސަށް ”ޕެނަލް“ ކިޔައެވެ. މިއީ ދިވެހިބަހުން ނަމަ، މަޅުގަނޑެވެ. ބައެއް މީހުން ސޯލާ ޕެނަލްއަށް ”މޮޑިއުލް“ ކިޔައެވެ. ސޯލާ ޕެނަލްއެއްގައި ނުވަތަ ސޯލާ މަޅުގަނޑެއްގައި ޢާއްމުކޮށް ހުންނާނީ 36 ސެލް އެވެ. މިހާރަކަށް އައިސް މީގެ ދެގުނަ، އާދެ 72 ސެލް ހުންނަ މަޅު ވިއްކަން ހުރެއެވެ. ސޯލާސެލް ވަކިވަކިން ގަންނަން ލިބޭނީ ވަރަށްމަދުންނެވެ. ޢާއްމުކޮށް ވިއްކާނީ ޕެނަލް ނުވަތަ މަޅެވެ. ތިރީގައި އެވަނީ 150 ވޮޓްގެ ޕެނަލެކެވެ. އަގަކީ ގަތުމަށް 140 ޔޫއެސް ޑޮލަރެވެ. އެއީ ގާތްގަޑަކަށް ވޮޓެއް 1 ޑޮލަރަށެވެ. 1000 ވޮޓް ގެ ޕެނަލް ގަންނަ ނަމަ، އަގު ދެބައިކުޅަ އެއްބައި ކުޑަވާނެއެވެ.

ގެއަކަށް ބޭނުންވާ ހުރިހާ ކަރަންޓެއް ސޯލާއިން ހޯދަން ބޭނުންނަމަ، އެއް ޕެނަލަށް ވުރެ ގިނަ ޕެނަލް ބޭނުން ވާނެއެވެ. ބާރު ގަދަކުރުމަށް ޕެނަލްތައް އަނެއްކާ އެއްކުރަނީ އެވެ. އެތައް ޕެނަލެއް އެއްކުރުމުން އެއަށް ކިޔަނީ ”އެރޭ“ އެވެ. އިނގިރޭސިބަހުން އެރޭ ކިޔަނީ ތަރުތީބަކުން ހުންނަ އެއްޗެތިތަކަށެވެ. އެރޭގައި ޕެނަލްތައް ގިނަ ކުރުމުން، ކިތަންމެ ބާރު ގަދަ ކަރަންޓެއް ވެސް އުފެއްދިދާނެއެވެ. މުޅި ދިވެހިރާއްޖޭގައި ބޭނުން ކުރާ ހުރިހާ ކަރަންޓެއް އުފެއްދޭހާ ވެސް ބޮޑެތި ސޯލާ އެރޭތައް ބައެއް ޤައުމުތަކުގައި ޤާއިމްކޮށްފައި ވެއެވެ. ވިއްސާރަ ދުވަސް ވަރު، އަވި ނުދިން ކަމުގައި ވިއަސް، ސޯލާސެލްތަކުން މަދުން ނަމަވެސް ކަރަންޓު އުފައްދައެވެ. މިހެންވެ، ޖަޕާނުގައި ސޯލާސެލް އަށް ކިޔަނީ އަލި ބެޓެރީ އެވެ. އެއީ އަލި ލިބުމުން މަސައްކަތް ކުރާ އެއްޗަކަށް ވާތީ އެވެ.

Solar cells solar panel array farm

ޚުލާޞާކޮށްލާނަމަ، ވަކި ސޯލާސެލް އަކުން އުފައްދާ ކަރަންޓު ކުޑަކަމުން އެ ބޭނުންކުރަނީ އެތައް އެއްޗެއް ފުލުފުލުގައި ގުޅައިގެންނެވެ. ސެލްތައް މިގޮތަށް ގުޅައި މަޅުގަނޑެއްގައި ހަރުކުރުމުން އެއަށް ކިޔަނީ ސޯލާ ޕެނަލް ނުވަތަ މޮޑިއުލް އެވެ. ގިނަ މޮޑިއުލްތަކެއް ގުޅުމުން ކިޔަނީ ސޯލާ އެރޭ އެވެ.  އެތައް އެރޭތައް އަތުރާފައި ހުންނަ ތަންތަނަށް ސޯލާ ފާމް ކިޔައެވެ. ފާމްގެ މާނައަކީ ދަނޑެވެ.

އަވިން ކަރަންޓު އުފައްދާ ބޭނުން ކުރާ ނިޒާމު

މިހާ ހިސާބުން ބައެއް ބޭފުޅުން ސުވާލެއް ކުރައްވާފާނެއެވެ. ގެއެއްގައި މިގޮތަށް ކަރަންޓު އުފައްދައި ޔަޤީން ކަމާ އެކު ބޭނުން ކުރާނީ ކިހިނެތް ހެއްޔެވެ؟ ސޯލާ ޕެނަލަކުން ކަރަންޓު އުފައްދަނީ ކާރު ބެޓެރީ އެއްގައި ހުންނަ 12 ވޯލްޓްގެ ބާރުގައެއް ނޫން ހެއްޔެވެ؟ ބެޓެރީގައި ހުންނަނީ ޑީސީ ކަރަންޓެވެ. އެކަމަކު ގޭގޭގައި ބޭނުން ކުރަނީ 230 ވޯލްޓް ހުންނަ އޭސީ ކަރަންޓެއް ނޫން ހެއްޔެވެ؟

ތިއީ ކުރައްވަންޖެހޭ ސުވާލުތަކެކެވެ. ކަރަންޓުގެ ދެ ބާވަތެއް ހުރެއެވެ. އެއީ ބެޓެރީގައި ހުންނަ އެއްކޮޅަށް ދަތުރުކުރާ ޑީސީ ކަރަންޓާއި ގޭގޭގައި ހުންނަ ދެކޮޅަށް ދަތުރުކުރާ އޭސީ ކަރަންޓެވެ. މި ކަރަންޓު ދަތުރުކުރަނީ ކަރަންޓު ދަތުރުކުރުމަށް ޕްރެޝަރެއް ނުވަތަ ކޮށްޕުމެއް ހުންނާތީ އެވެ. ކާރު ބެޓެރީގައި ހުންނަ ޕްރެޝަރަކީ 12 ވޯލްޓެވެ. ގޭގައި ހުންނަ އޭސީގެ ޕްރެޝަރަކީ 230 ވޯލްޓް އެވެ.

off-grid solar power system

ސޯލާ ބާރުން ގޭގޭގައި ހުންނަ ތަކެތި ހިންގެނީ 12 ވޯލްޓްގެ ޑީސީ 230 ވޯލްޓް ގެ އޭސީ އަށް ބަދަލުކުރާ އެއްޗެތި ހުންނާތީއެވެ. މިފަދަ ތަކެއްޗަށް ކިޔަނީ އިންވާޓަރ އެވެ. ވަރަށް ގިނަ ބޭފުޅުން އިންވާޓަރ ދެކެވަޑައިގެންފައި ވާނެއެވެ. ކޮމްޕިއުޓަރުތަކުން ކަރަންޓު ގޮސްފާނެ ކަމަށް ރައްކަލަކަށް ހުންނަ ޔޫޕީއެސް ކިޔާ އެއްޗަކީ ބެޓެރީ އަކާއި އިންވާޓަރެކެވެ. ކަރަންޓު ހުންނަ އިރު، ޔޫޕީއެސް ގެ ބެޓެރީއަށް ހުންނާނީ ކަރަންޓު އެޅިއެޅިއެވެ. ގެއިން ކަރަންޓު ދިއުމުން ބެޓެރީގައި ހުރި ބާރު، 230 ވޯލްޓް އޭސީއަށް ބަދަލުކޮށް ކޮމްޕިއުޓަރަށް ކަރަންޓު ދޭން ފަށާނެއެވެ. އިންވާޓަރުގެ މާނައަކީ އެކޮޅުކޮޅުން ނުވަތަ އިދިފުށަށް ބަދަލުކުރާ އެއްޗެވެ. ކަރަންޓުން ހިންގާ އިމަރޖެންސީ ހޮޅިބުރީގައި ވެސް އިންވާޓަރެއް ހުރެއެވެ. އަދި މިޒަމާނުގެ އެއަރ ކޮންޑިޝަނަރު ތަކާއި އައިސް އަލަމާރި ތަކުގައި އިންވާޓަރެއް ވެއެވެ. ބޮޑެތި ވެގެން ގޮސް، މުޅި ރާއްޖެއަށް ބޭނުންވާ ހުރިހާ ކަރަންޓެއް ދެވޭ ވަރުގެ އިންވާޓަރު ހުރެއެވެ.

އަވިން ގެއަށް ކަރަންޓު ދޭން ބޭނުން ނަމަ، އިންވާޓަރެއް ބޭނުން ވާނެއެވެ. އަދި ރޭގަނޑު ކަރަންޓު ބޭނުން ނަމަ، ބެޓެރީ ބޭނުން ވާނެއެވެ. އެއީ ދުވާލު އުފައްދާ އިލެކްޓްރިކް ހަކަތަ، ބެޓެރީގައި، ރޭގަނޑު ބޭނުން ކުރުމަށް ރައްކާ ކުރުމަށެވެ. ބޭނުންވުމުން، އިންވާޓަރު ބޭނުންކޮށްގެން، 230 ވޯލްޓު އޭސީ އުފައްދާނީ އެވެ. ނަމަވެސް އަދިވެސް މައްސަލައެއް އެބަ އުޅެއެވެ. ބެޓެރީ މުޅިން ޗާޖުވުމުން، ސޯލާ އެރޭއިން އުފައްދާ ކަރަންޓެއް ބޭނުމެއް ނުވާނެއެވެ. އިތުރަށް ޗާޖުކޮށްފިނަމަ، ބެޓެރީ ހަލާކު ވެދާނެއެވެ. އަވި ގަދަވެ މަޑުވުމުން، ކަރަންޓު އެއްވަރެއްގައި ހިފެހެއްޓުމަށް ނުވަތަ ބެޓެރީ ޗާޖުވުމުން ކަރަންޓު ކަޑާލުމަށް އެއްޗެއް ބޭނުންވެއެވެ. މި އެއްޗަށް ކިޔަނީ ރެގިޔުލޭޓަރެވެ. މިއީ ސޯލާ ޕެނަލާއި ބެޓެރީ އާ ދެމެދު ގުޅާ އެއްޗެކެވެ. ބޭނުމަކީ، ބެޓެރީއަށް ވާނުވާ ބަލައި، ޗާޖުހުރިވަރަކާ ގުޅޭ ގޮތަށް އެރޭއިން ބެޓެރީއަށް ފޮނުވާ ކަރަންޓު ކޮންޓްރޯލް ކުރުމެވެ. މަތީގައި އެވަނީ ސޯލާ ނިޒާމެއްގެ ކުރެހުމެކެވެ.

މިހާރަކަށް އައިސް، ކޮންމެ ޕެނަލެއްގެ ދަށުގައި ކުޑަ އިންވާޓަރެއް ގުޅާ ޕެނަލް ހުރެއެވެ. މިގޮތަށް ހެދުމުން ބޮޑު އިންވާޓަރެއް ބޭނުމެއް ނުވާނެއެވެ. މިގޮތުގައި މަންފާތަކެއް ވެއެވެ. އެއީ ބޭނުން ކުރަންޖެހޭ ނަރު އަގުހެޔޮވުމާއި ބައެއް ޕެނަލްތަކަށް ހިޔާއެޅުމުން އުފެދޭ ކަރަންޓު މާ ބޮޑަށް ދަށްވެގެން ނުދިއުމެވެ. މިފަދަ އިންވާޓަރުތަކަށް ކިޔަނީ މައިކްރޯއިންވާޓަރު އެވެ. މައިކްރޯގެ މާނައަކީ ވަރަށް ކުޑަ އެވެ.

އިންޖީނުގޭ ކަރަންޓާ ގުޅާ ސޯލާ ނިޒާމު

ކުރިއަރާފައިވާ ޤައުމުތަކުގައި، އަދި ރާއްޖޭގައި ވެސް، އަވިން އުފައްދާ ކަރަންޓު ބެޓެރީއާ ނުލާ ބޭނުން ކުރެއެވެ. ބެޓެރީ ބޭނުން ކުރަން ނުޖެހުމުން، އަވިން ކަރަންޓު އުފެއްދުމުން ކުރާ މަންފާ ބޮޑު ވެއެވެ. މިގޮތަށް ކަން ކުރާ ގޮތަކީ ދުވާލުގެ ގަޑިތަކުގައި ސޯލާ ޕެނަލުން އުފައްދާ ކަރަންޓު، އިންވާޓަރު ބޭނުންކޮށްގެން އޭސީއަށް ބަދަލުކުރަނީ އެވެ. ދެން މި ކަރަންޓް ގުޅަނީ ގެއަށް ގެނެސްފައި އޮންނަ ކަރަންޓު ސަޕްލައި އާ އެވެ. މިގޮތަށް ހެދުމުން ގެއަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް އެރޭއިން ކަރަންޓު އުފައްދާ ނަމަ، ކަރަންޓު ދާނީ ރަށުގެ އެހެން ގެ ތަކުގެ ބޭނުމަށް ބޭރަށެވެ. މިހެންވާއިރު، ގޭގެ މީޓަރު އެނބުރޭނީ އިދިކޮޅަށެވެ. ބޭރަށް ދާ ކަރަންޓުގެ މިންވަރު ބަލަން ބައެއް ރަށްރަށުގައި ދެ މީޓަރު ބަހައްޓައެވެ. ގެއިން ބޭނުން ކުރި ވަރަށް ވުރެ ކަރަންޓު އުފެއްދި ވަރު ގިނަ ނަމަ، އިންޖީނުގެއަށް ތިމާ ފައިސާ ދެއްކުމުގެ ބަދަލުގައި، ކުންފުނިން ގެއަށް ފައިސާ ދައްކާނެއެވެ. ގެއަށް ބޭނުންވާ ވަރަށް ވުރެ ސޯލާ އެރޭއިން އުފައްދާ ކަރަންޓު މަދު ނަމަ، ސަޕްލައި އިން ކަރަންޓު ނެގިގެން ބޭނުން ކުރެވެ އެވެ. މި ނިޒާމަށް ކިޔަނީ ”ގްރިޑް-ޓައި“ ނިޒާމެވެ.

އިނގިރޭސިބަހުން ”ގްރިޑްއަޔަން“ ކިޔަނީ ތަކެތި ފިހުމަށް ބޭނުން ކުރާ ނަރު ދައުގަނޑަށެވެ. މި ދައުގަނޑުގައި ގޮޅިޖެހޭ ގޮތަށް ނަރުތައް ހަރުކޮށްފައި ހުރެއެވެ. ބާވަތެއްގެ މަކުނުވާ ނުވަތަ ވިޔުގައެއް ފަދަ ގޮތަކަށެވެ. މީގެ 100 ވަރަކަށް އަހަރު ކުރިން، ކަރަންޓު އެކި ތަންތަނަށް ފޯރުކޮށްދޭނޭ ގޮތާ ބެހޭ ގޮތުން މީހަކު ލިޔެފައިވާ ލިޔުމެއްގައި، އިންޖީނުގެތަކާއި ކަރަންޓު ބޭނުން ކުރާމީހުން ގުޅިފައި ވާންވާނީ ގްރިޑްއަޔަން އެކޭ އެއްގޮތަށް ލިޔެފައި ވިއެވެ. މި ލިޔުމުން މި ބަސް ނަގައިގެން، ކަރަންޓު ވިޔުގައަށް ”ގްރިޑް“ ކިޔައެވެ. ބޮޑު ޤައުމެއްގައި އެތައް އިންޖީނުގެއެއް ހުރެއެވެ. ކަރަންޓު އުފައްދާ ތަންތަނާއި ކަރަންޓު ބޭނުން ކުރާ ގެތަކާއި ފިހާރަތަކާއި އެހެން ތަންތަން ގުޅާލެވެނީ މި ތަންތަނުގެ މެދުގައި ނަރުންނާއި އެކި ހިސާބުތަކުގައި ހުންނަ ސަބްސްޓޭޝަން ތައް ގުޅާ ކޭބަލުންނެވެ. އެއް އިންޖީނު ހަލާކުވިއަސް، އެހެން އިންޖީނަކުން މި ވިޔުގަ އަށް ކަރަންޓު ލިބޭނެއެވެ. އެއީ ކަރަންޓު ވިޔުގައި ގައި ތަންތަން ގުޅިފައިވާނީ ގްރިޑްއަޔަން އެއް ހެން ނުވަތަ ފިހަން ބޭނުން ކުރާ ނަރު ދައުގަނޑެއް ހެން އެތައް ގުޅުމަކުންނެވެ.  މިހެންކަމާއި އެކު، ރަށެއްގެ ކަރަންޓުގެ ހުރިހާ އެއްޗެއް ގުޅިފައި އޮންނަ އޮތުމަށް ކުރުކޮށްލާފައި ގްރިޑް ކިޔަނީ އެވެ. ޓައި ގެ މާނައަކީ ގުޅުމެވެ. ނުވަތަ ގޮށް ޖެހުމެވެ. ”ގްރިޑް-ޓައި“ ގެ މާނައަކީ ރަށެއްގެ ކަރަންޓާ ބެހޭ ވިޔުގަ އާ ގެއިން އުފައްދާ ކަރަންޓު ގުޅުމެވެ.

ގްރިޑް-ޓައި ނިޒާމަށް ޚާއްޞަ ވައްތަރެއްގެ އިންވާޓަރެއް ބޭނުން ވާނެއެވެ. ރާއްޖޭގައި އަވިން ކަރަންޓު އުފައްދާ ގިނަ ނިޒާމުތައް ހުންނަނީ ގްރިޑް-ޓައި ކޮށްފައެވެ.

މި ސުރުޚީ ނިންމާލުމުގެ ކުރިން އެއް ވާހަކައެއް ދަންނަވާލާނަމެވެ. ސޯލާ ޕެނެލަށްދޭ އަވި ގަދަވި ވަރަކަށް އެއިން އުފައްދާ ކަރަންޓު މަތިވާނެ އެވެ. އެހެންކަމުން، އެންމެ ރަނގަޅުވާނީ، ޕެނަލްތައް އަބަދުވެސް އިރަށް ދިއްކޮށްފައި ހުރުމުންނެވެ. ހެނދުނުކޮޅު އިރު މައްޗަށެވެ. ހަވީރު ވުމުން ހުޅަނގަށެވެ. ޕެނަލްތައް އިރާދިމާއަށް ދިއްކޮށްފައި ބެހެއްޓުމަށް ފުރާޅު މައްޗަށް މީހަކު އެރުވުމަށް ވުރެ ފަސޭހަ ގޮތެއް އޮވެއެވެ. އެއީ ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިން ސެޓެލައިޓް ބޯތަށި އަނބުރާ ފަދަ ޖެކެއް ބޭނުންކޮށްގެން މިކަން ކުރުމެވެ. ނަމަވެސް މިގޮތަށް ހަދާނަމަ، ސޯލާ ޕެނަލްތައް ފުރާޅުމަތީގައި އެތުުރުމުގެ ބަދަލުގައި ޖެހޭނީ މުޑިއެއްގައި ހަރުކުރާށެވެ. ރާއްޖެ ފަދަ ދުނިޔެ ދެބައިވާ ރޮނގުގެ މަތީގައިވާ ޤައުމުތަކުގައި މިކަން ކުރުމަކީ އެކަށީގެންވާ ޚަރަދަކަށް ނުވެއެވެ.

solar tracking array

އަވިން ކަރަންޓު އުފެއްދުމާއި ދިވެހިރާއްޖެ

މި މަޒުމޫނު ފުރަތަމަ ޝާއިޢުކޮށްފައި ވަނީ 2004 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު ”ދަރުމަ“ މަޖައްލާގައެވެ. އެ މަޒުމޫނުގައި، ރާއްޖޭގައި އަވިން ކަރަންޓު އުފެއްދުން ފަތުރަން ނޫޅޭތީ، އެކަމާ ކަންބޮޑުވުން ފާހަގަކޮށްފައި ވެއެވެ. މިހެން ކަން ހިނގާފައިވަނިކޮށް، 2008 ވަނަ އަހަރު ވެރިކަން ބަދަލު ވުމާ ގުޅިގެން، އަވިން ކަރަންޓު އުފެއްދުމަށް ކޮންމެވެސް ވަރެއްގެ ސަމާލުކަމެއް ދެވުނެވެ. މިގޮތުން، މާލެއާއި ރާއްޖެތެރޭގެ  ބައެއް ޢިމާރާތްތަކުގައި ސޯލާ އެރޭތައް ހަރުކުރެވުނެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން 2013 ވަނަ އަހަރު ނެރެފައިވާ މި ރިޕޯޓްގައި، 2025 ވަނަ އަހަރު ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ ދެބައިކުޅަ އެއްބައި އުފައްދާނީ ދެމެހެއްޓެނިވި ފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައި ވެއެވެ.  މިހެން ހަމަ ނުޖައްސައި ވާކަށް ނެތެވެ. އެއީ ހަމަ އެރިޕޯޓްގެ 23 ވަނަ ޞަފުޙާގައިވާ ގޮތުން، ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ތެރެއިން %31 ޚަރަދުކުރަނީ ތެޔޮ ގަތުމަށެވެ. މިހެންވުމުން، އެހެން ތަކެތި އެތެރެ ކުރުމަށް ފައިސާ މަދުވާނެއެވެ. މިހާރު އުދަރެސްމަތި ފެންނަގޮތުން، 2025 ވަނަ އަހަރު އަންނައިރަކަށް މި އަމާޒެއް ނުހޯދޭނެއެވެ. އެއީ އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ޝައުޤުވެރިކަން ކުޑަކަމުންނެވެ. ތެލުގެ ވިޔަފާރިކުރާ އެތައް ބަޔަކީ ނުފޫޒުގަދަ ބައެއް ކަމުން، އަވިން ކަރަންޓު އުފެއްދުމަށް ބޭނުންވާ ސާމާނު ގެނައުމަށް އޮންނަ ލުއިވެސް ކަޑާލުމާ ބެހޭ ގޮތުން ވާހަކަ ދެކެވެނީ މަދެއްކޮށެއް ނޫނެވެ. މިއާއެކު ނުއަގުގައި ބިޑްކުރުމެއް ނެތި ތެޔޮ ގަތުމަށް ދައުލަތުގެ ބައެއްތަންތަނުން ހަމަޖެހިގެންދާކަމަށް ވެސް މި ރިޕޯޓްގައި ވެއެވެ.

ރާއްޖޭގެ މާހައުލާއި ހާލަތަށް ބަލާއިރު، އަވިން ކަރަންޓު އުފެއްދުމަށް ދިވެހިރާއްޖެއަށް ވުރެ ވަކިން ބޭނުން ބޮޑު އެއްވެސް ޤައުމެއް ނުވެއެވެ. ރާއްޖެއަކީ ތިމާވެއްޓަށް ވަރަށް ބޮޑު އިސްކަމެއް ދޭ ޤައުމެކޭ ކިޔައެވެ. އެހެން ވެއްޖެނަމަ، އެންމެންނަށް ފެންނަ ގޮތަށް، އަމަލުން މިކަން ދައްކަމާތޯއެވެ؟

މިހާރުވެސް ދެކުނު އޭޝިއާގައި އެންމެ އަގުބޮޑުކޮށް ކަރަންޓު އުފެއްދެނީ ދިވެހިރާއްޖޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން، އަވިން ކަރަންޓު އުފައްދާ ނިޒާމު، ރައްޔިތުންނަށް ހެޔޮ އަގެއްގައި ލިބޭނޭ ގޮތްތައް ފަހިކުރުމަކީ މުހިއްމު ކަމެކެވެ. އޮސްޓްރޭލިއާގައި ސޯލާ އެރޭ ބެހެއްޓުމަށް އަގުގެ ފަސްބައިކުޅަ އެއްބައިވަރުގެ ފައިސާގެ އެހީއެއް ގޭބިސީތަކަށް ދެއެވެ.  އަވިން ކަރަންޓު އުފެއްދުން ފަހިކުރުމަށް، ތަޢުލީމާއި ތަމްރީނު ގެ ރޯލެއް ވެސް ވެއެވެ. މިއާއެކު އަމިއްލަ މީހުން އީޖާދީ އެކި ކަންކަމަށް ސަރުކާރުން ފަންޑު ކޮށްދޭނޭ އިދާރާއެއް ވެސް ނުހަނު ބޭނުން ވެފައެވެ. މިގޮތުން، އަޅުގަނޑު އެންމެ ބޮޑަށް ފާހަގަ ކޮށްލާ ކަމަކީ، މާލެއާ އެހެން ރަށްރަށާ ދެމެދު ބޭނުން ކުރާނޭ އަވިން ދުއްވާ ފެރީއެއް ބަނުމެވެ. ތިރީގައިވާ ފޮޓޯތަކުން ފެންނަ ފަދައިން މިއީ އައު ކަމެއް ނޫނެވެ.

Solar ferry boats

އަވިން ކަރަންޓު އުފެއްދުމާއި މުސްތަޤްބަލް

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު ވަގުތެއްގައި، ޖަރުމަނުގައި މުޅި ދުވަހު ބޭނުން ކުރި ހުރިހާ ކަރަންޓަކީ އިޢާދަކުރެވޭ ހަކަތައިން އުފެއްދި ކަރަންޓަށް ވެގެން އެތައް ނޫހެއްގައި އެވާހަކަ ޖަހާފައި ވިއެވެ. މިއޮތީ އެ ޚަބަރެވެ. ޖަރުމަނުގައި، %36 ކަރަންޓު ޢާއްމުކޮށް އުފައްދަނީ އިޢާދަކުރެވޭ ގޮތަށްކަމަށް ޙަވާލާ ދެވުނު ޚަބަރުގައި ވެއެވެ. މިހެން މިކަންވީ ޖަރުމަނުގައި، ވައިން ވެސް ކަރަންޓު އުފައްދާތީ އެވެ. ވަޔަކީ ރެޔާއި ދުވާލު ޖެހޭ އެއްޗެކެވެ. ރާއްޖެ އޮންނަ ސަރަޙައްދުގެ ސަބަބުން، ވައިން ކަރަންޓު އުފެއްދުމަކީ ރާއްޖޭގައި މަންފާ ބޮޑު ކަމެއް ނޫނެވެ. އެހެން ކަމަކު، ރާއްޖެއަށް ވަރަށް ގިނަ އިރު އަވި ދެއެވެ. އަދި ހުރިހާ މޫސުމެއްގައި އަވި ދެއެވެ. އެހެންކަމުން، ރާއްޖޭގެ ގައި ބޭނުން ކުރާ ކަރަންޓު، ސޯލާއަށް މުޅިން ބަދަލުކުރެވިދާނެ އެވެ.

ނަމަވެސް، އަވި ދެނީ ދުވާލުއެވެ. ދުވާލު ބޭނުން ކުރާހާ ކަރަންޓު ރޭގަނޑު ބޭނުން ކުރެއެވެ. ވީމާ، އަޅުގަނޑުމެންނަށް ޖެހޭނީ ދުވާލު އަވިން އުފައްދާ ހަކަތައިން ގިނަވާ ބައި، ރޭގަނޑު ބޭނުން ކުރުމަށް ރައްކާ ކުރާށެވެ. ވާރޭ ވެހޭ މޫސުމުގައި ފެން ނަގައި، ވާރޭ ނުވެހޭ ދުވަސްވަރަށް ފެން ރައްކާކުރާ ފަދައިންނެވެ. މިގޮތުގެ މަތިން، އިލެކްޓްރިކް ހަކަތަ ރައްކާ ކުރަނީ ބެޓެރީ ގައެވެ. އަވިދޭ އިރު، ބެޓެރީތައް ޗާޖު ކުރަނީއެވެ. އަވި ނެތް އިރު، ބެޓެރީތަކުން، އިންވާޓަރެއް ބޭނުންކޮށްގެން އޭސީ ކަރަންޓު އުފައްދަނީ އެވެ. މިއީ މިހާރު، މުޅި ދުނިޔޭގައި ވެސް ފެތުރެމުންދާ ކަމެކެވެ.

އަވިން އުފައްދާ ކަރަންޓު ރައްކާކުރުމަށް ދެ ބާވަތެއްގެ ބެޓެރީ ބޭނުން ކުރެއެވެ. އެއް ބާވަތަކީ ކާރުގައި ހުންނަ ފަދަ ކައްސަނދުވާނި ހުތާއި ތިމަރަ އެޅި ބެޓެރީ އެވެ. އަނެއް ބާވަތަކީ ލިތިއަމް ކިޔާ ލޯހާއަކުން ހަދައިފައި ހުންނަ އަގުބޮޑު ނަމަވެސް ގިނަ ދުވަހު ގެންގުޅެވޭ ބެޓެރީ އެވެ. ގޭގޭގައި ބޭނުން ކުރަނީ ލިތިއަމް ބެޓެރީ އެވެ. ބޮޑެތި ކުންފުނިތަކުން، މިބާވަތުގެ ބެޓެރީ އުފައްދަން ފަށާފައި ވެއެވެ. ތިރީގައި އެވަނީ ބައެއް ބެޓެރީ އެވެ.

ބައެއް ފަރާތްތަކުން ދެކޭގޮތުގައި، ސޯލާ ކަރަންޓުގެ މުސްތަޤްބަލް ވަނީ އާދަޔާ ޚިލާފު ބެޓެރީ އެއްގައެވެ. އެއީ ސުޕަރކެޕެސިޓަރެވެ. މިއީ ބެޓެރީއާ އެއްގޮތަށް ކަރަންޓު ބެހެއްޓޭ އެއްޗެކެވެ. ތަފާތަކީ ބޭނުން ވެއްޖެ ޙާލަތެއްގައި، މިއިން ކުއްލިއަކަށް ވަރަށް ގިނަ ކަރަންޓު ނެގޭ ކަމެވެ. ކަރަންޓަކީ ފެން ކަމަށް ވިސްނަވާށެވެ. އަނގަމަތި ކުޑަ ފުޅިއަކާއި އަނގަމަތި ބޮޑު ފުޅިއަކުން ފެން އޮހޮރޭ އިރު، ދެ ފުޅިއަށް ފެން އެޅޭވަރު އެއްވަރު ވިއަސް، އަނގަބޮޑު ފުޅިއަކުން ފެންތަން ހުސްކޮށްލެވޭލެއް އަވަސްވާނެ އެވެ. ސުޕަރ ކެޕެސިޓަރަކުން ކަރަންޓު ގިނައިން ކުއްލިއަކަށް އުފައްދަން ވެއްޖެނަމަ، އެކަން ކުރެވޭނެއެވެ. ބެޓެރީ އަކުން މިކަމެއް ނުކުރެވޭނެއެވެ.

solar battery

ރަށެއް ފަދަ އާބާދީ ބޮޑު ތަނެއްގައި ބޭނުން ކުރުމަށް ބޮޑެތި ބެޓެރީ ހަދައިފައި ހުރެއެވެ. ބައެއް ބެޓެރީ ހުންނަނީ 20 ފޫޓު ނުވަތަ 40 ފޫޓު ހުންނަ ކޮންޓެއިނަރުގައެވެ. މާ ބޮޑު ނަމަ، ބެޓެރީތައް ބަހައްޓަން ޚާއްޞަ ޢިމާރާތެއް ކުރަނީ އެވެ. ތިރީގައިވާ ބޮޑު ކޮންޓެއިނަރުގައިވާ ބެޓެރީގައި، ގަޑިއަކު ދެ މެގަވޮޓު ކަރަންޓު އުފައްދާހާ ހަކަތަ ރައްކާ ކުރެވެއެވެ. ރަށަކަށް ރޭގަނޑު 20 ކިލޯވޮޓް އަބަދު ބޭނުންވާ ނަމަ، މި ބެޓެރީއިން އެއް ޗާޖުން ހަފުތާއެއް ވަންދެން ރޭގަނޑު ކަރަންޓު ދެވޭނެއެވެ. ނަމަވެސް، މިހާ ބޮޑު ބެޓެރީއެއް ބޭނުންވާނީ މަދު ރަށަކަށެވެ. އެއީ ރޭގަނޑަކަށް ފަހު އިރު އެރުމުން، ބެޓެރީ އަނެއްކާ ޗާޖުވާން ފަށާނެތީ އެވެ.

solar battery

އިލެކްޓްރިކް ކުންފުނިތަކުންނާއި އިލެކްޓްރިކާބެހޭ މުފައްކިރުން ދެކޭ ގޮތުގައި، ކަރަންޓު އުފެއްދުމާއި ބޭނުން ކުރުމަށް ވަރަށް ބޮޑު އިންޤިލާބެއް އަންނަން ފަށާފައި ވެއެވެ. ކުރިން ބޮޑު އެއް އިންޖީނުގެ އިން ހުރިހާ ހިސާބަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ބަދަލުގައި، މުސްތަޤްބަލްގައި ކަރަންޓު އުފައްދާނީ ކުދިކުދި އެތައް ތަނަކުންނެވެ. ކުދި ވިޔަފާރިތަކުންނާއި އަމިއްލަ މީހުންގެ ގޭގެއިންނެވެ. އިލެކްޓްރިކް ކުންފުނިތަކުގެ ރޯލަކަށް ވެފައި އޮންނާނީ، އެންމެންނަށް ކަރަންޓު ލިބޭނޭ ގޮތަށް ކަރަންޓު ވިޔުގަ ޕްލޭންކޮށް ބެލެހެއްޓުމާއި މަދުމިންވަރަކަށް ކަރަންޓު އުފެއްދުމެވެ. އެއީ އިންޓަރނެޓް ވެސް މަސައްކަތް ކުރާ ގޮތެވެ. މި އުޞޫލަށް ކިޔަނީ ޑިސްޓްރިބިޔުޓަޑް ޕަވަރ ޖެނެރޭޝަން އެވެ. މާނައަކީ އެތައް ތަނަކުން ކަރަންޓު އުފެއްދުމެވެ. މިކަމުގައި އެތައް މަންފާތަކެއް ވެއެވެ. ކުންފުނިތަކަށާއި ބޭނުން ކުރާ ފަރާތްތަކަށެވެ.  ސޯލާއިން ކަރަންޓު އުފައްދާ ނަމަ، ބެޓެރީ ކޮންމެހެން ބޭނުން ވާނެއެވެ. މި ސަބަބައްޓަކައި އޮސްޓްރޭލިއާ އާއި އެހެން ބައެއް ޤައުމުތަކުގައި، އަމިއްލަ މީހުން ބެޓެރީ ގަތުމަށް ސަރުކާރުގެ އެހީ ވެސް ލިބެއެވެ.

މުސްތަޤްބަލް އޮތީ އިއާދަކުރެވޭ ގޮތަށް ކަރަންޓު އުފެއްދުމުގައި ކަމަށްވާތީ، ކަރަންޓު އުފައްދާ ކުންފުނިތަކުން ސޯލާ ކަރަންޓު އުފެއްދުމުގެ ވިޔަފާރީގެ ތެރެއަށް ވަދެފައި ވެއެވެ. އަދި ބޮޑެތި ބެޓެރީތައް އިންސްޓޯލްކޮށް ބޭނުން ކުރާ ބަޔަކަށް ވެފައި ވެއެވެ. ސްޓެލްކޯ އިން ވެސް، މި ވިޔަފާރީގެ ތެރެއަށް ވަދެއްޖެއެވެ.  ތިރީގައި އެވަނީ ސްޓެލްކޯއިން ވިއްކާ މައިކްރޯއިންވާޓަރުލީ ސޯލާ ޕެނަލެކެވެ.  މިއީ ގިނަކުރިކީލަ ސެލުން ހަދައިފައިވާ ޕެނަލެކެވެ.

solar power

މިގޮޅިއަށް ފިތާލުމުން ދެވޭ ވެބްޕޭޖްގައި އަވިން ކަރަންޓު އުފެއްދުމާ ބެހޭގޮތުން އަޅުގަނޑު ލިޔެފައިވާ ޓެކްނިކަލް ލިޔުމަކާއި ރާއްޖޭގައި މިކަން ފެށިގެން އައި ގޮތުގެ ކުރު ތާރީޚެއް ހިމެނޭނެއެވެ. މި ލިޔުމަކީ އިނގިރޭސި ބަހުން ލިޔެފައިވާ ލިޔުމެކެވެ. ބޮޑަށް އޮޅުން ފިލާނީ ދާއިރާގެ ފަންނީ ފަރާތްތަކަށެވެ.