ފުރިހަމަ ޞިއްޙަތަކަށް

ފާގަ ވެލެއްގެ ހިޔަލުގައި…

މި މަޒުމޫނަކީ ފާގައިގެ މަންފާތަކާ ބެހޭ ގޮތުން ލިޔެފައިވާ މަޒުމޫނެކެވެ. ދުނިޔޭގައި އެންމެ ޢުމުރު ދިގު މީހުން އުޅޭ އެއް ހިސާބެއްގައި ފާގަ ޢާއްމުކޮށް ކެއުމަށް ބޭނުން ކުރެއެވެ.

ޙަކީމް ތަކުރުފާނަކީ ދިވެހި ބޭސް ކުރާ ބޭކަލެކެވެ. ރެކިފުތަށް ޙަކީމްބެ ގެއަށް ދެވުނީ ހެނދުނު އެގާރަ ޖެހިތަނާ ހެނެވެ. ޙަކީމްބެ އިންނެވީ މެދުއަތީގައި ރޯނު ފުރައިގެން ހައްދައިފައި ހުރި މާބޮޑު ފާގަ ވެލެއްގެ ހިޔަލުގައި ޖޯއްޔެއް ބަހައްޓަވައިގެންނެވެ. ގޭގެ ފުޅަފުގެ ތެރެއިން ރެކިފުތު އަންނަތަން ފެނުމުން ޙަކީމްބެ ހިނިތުން ވެލެއްވިއެވެ. ފުޅަލި ހުޅުވާލައިފައި ސަލާމް ގޮވާލައި ޙަކީމްބެ ކައިރިއަށް ރެކިފުތު ޖެހިލައިފިއެވެ.

ޙަކީމްބެ: ވަޢަލައިކުމުއްސަލާމް! ރެކިފުތު މިހާރު ހާދަ ނާދޭ! ބަލިވެތަ ތިއުޅެނީ؟ އީށިދެބަލަ! {ޙަކީމް ކުރިމަތީގައި ހުރި ޖޯއްޔެއް ދައްކައިލައިފައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ.

ރެކިފުތު: އާނ. ކުޑަކޮށް ބަލިވެ މިއުޅެނީ. އެހެންވެ ނާދެވެނީ. ނަމަވެސް، މިއަދު ބަލިކަމުން މަހަށް ދެވޭ ވަރު ނުވާތީ، ޙަކީމްބެއާ ބައްދަލުކޮށްލަން އަންނަހިތުން މިއައީ.

ޙަކީމްބެ: ރެކިފުތު ތިއުޅެނީ ކޮންކަހަލަ ބައްޔެއްގަތަ؟ ކިހިނެއްވަނީ؟

ރެކިފުތު: ޙަކީމްބޭ، ވާގޮތަކީ އަބަދު ބަނޑުހައިވެފައި ނޫނީ ފެންބޮވާފައި ހުންނަނީ. އާމިނަ ބުނަނީ މިހާރު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ހިކިއްޖެކަމަށް. މަހަށް ގޮސް އުޅޭ އިރު ވަރަށް އަވަހަށް ވަރުބަލިވޭ. ކުރިން އެން ނަގަން ފީނަނީވެސް އަހަރެން. ނަމަވެސް މިހާރު ބުންވަރެއް ނުހުރޭ. ނިދި މާ ގިނަވެފައި އާމިނަ ކާރިއަށް ދާހިތެއްވެސް ނުވޭ.

ހަކީމްބޭ: ތަންތަން ކެނޑި މެށުނީމާ ފަސޭހަވުން ކިހިނެއް؟

ރެކިފުތު: ދެމަސް ކުރިން ދޯނި ބާލަނިކޮށް ފުޅިތޮށިގަނޑެއް ވަދެފައި ކަނޑައިގެން ދިޔަތަން އަދިވެސް ރަނގަޅެއް ނުވޭ. ވަރަށް ފުންކޮށް ކަނޑައިގެން ދިޔައީ ނަމަވެސް ލޭ އައީވެސް ވަރަށް މަދުން. ތަނެއް މަށައިގެން ދިޔަޔަސް ފަސޭހަވަނީ ވަރަށް ގިނަ ދުވަހުން.

ޙަކީމްބޭ: ރެކިފުތު މެއަށް އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ވޭތަ؟

ރެކިފުތު އާނ. ހީވަނީ ބައެއް ފަހަރު ހިތް މާ އަވަހަށް ތެޅޭ ހެން. ހުވާސް އަވަސް ހެން.

ވާހަކަ މިހާތަނަށް ދިޔަތަނާ ޙަކީމްބެ އަންހެނުން އައިސާދީ ދެ ތަށި ލުބޯ ހުތު ފަނި ގެނެސް ޖޯލި ކުރިމަތީގައި ހުރި ރާގޮނޑިއެއްގައި ބަހައްޓައިފިއެވެ.

ޙަކީމްބެ: އައިސާދީ. ތިޔަ ލުބޯހުތު ފަނި ގެންގޮސް އެހެން އެއްޗެއް ގެނެސްބަލަ. ހީވަނީ ރެކިފުތު ބައްޕަ ފަދައިން ހަކުރުބަލީގެ އަސަރު ކޮންމެވެސް ވަރަކަށް ރެކިފުތަށް ކުރާހެން.

ރެކިފުތު: (ހައިރާން ވެފައި) ހަކުރު ބައްޔޭ؟ ބައްޕަ ބަލިވެ އުޅޭތަން ފެނިފައި އަހަރެން މިއީ ހަކުރަށް ވަރަށް ބަލައިގެން އުޅޭ މީހެއް. ސައިބޮނީ ވެސް މިހާރު ކުޑަ ސަމުސަލުގެ އެއް ސަމުސާ އަޅައިގެން.

ޙަކީމްބެ: ރެކިފުތު ތިޔަ ދެއްކި ވާހަކައިން ހީވަނީ ހަކުރުބަލި ކޮންމެވެސް ވަރަކަށް ހުރިހެން. ހަކުރު ބައްޔަކީ މީހާ މާ ބޮޑަށް ފަލަވުމުން ޖެހޭ ކަމެއް. އަދި މަސް މާގިނައިން ކެއުމުން ވެސް މި ބަލި ޖެހޭ. މަހުގައި ހުންނަ ހަށިގަނޑު ބޮޑުވުމަށް ބާރުއަޅާ ބައި ހަށިގަނޑުގައި ގިނަ ވުމުން، ސަރުބީއަށް އަދި ފަހުން ހަކުރަށް ބަދަލުކޮށްލާނެ. ރެކިފުތު ދަރިފުޅު ފިލްމު ކުޅޭތީ ތިކުރާ ފިކުރުން މި ބަލި ދުރެއް ނުވާނެ. މީގެ އިތުރަށް ބައްޕައަށް ޖެހިފައި ވާތީ، ރެކިފުތު ބަލައިގެން ނޫޅެއްޏާ މި ބަލި ޖެހުމުގެ ފުރުޞަތު ބޮޑު ވާނެ.

ރެކިފުތު: ތި ބުނަނީ ހަކުރު ބައްޔަކީ ވާރުތަވާ ބައްޔެކޭ ތަ؟

ޙަކީމްބެ: އާނ. މައިންބަފައިންނަށް މި ބަލިޖެހިފައިވާ ނަމަ، ދަރިންނަށް ވެސް މިކަމުގެ އުނދަގޫ ކޮންމެވެސް ވަރަކަށް ފޯރާ. އެކަމަކު މިހެން ވަނީ ބައެއް ފަހަރު. ރެކިފުތު ވަރަށް ވިސްނައިގެން ދެން އުޅެން ވާނީ.

ރެކިފުތު: އަހަރެން އަބަދުވެސް އުޅެނީ ވިސްނައިގެން. ކުރިން ކާވަރަށް ހަކުރު އެއްވެސް ގޮތަކަށް ނުކަން. ދޯބުރާލި ހަކުރު ގިނައިން ކެއުމަކީ ހަކުރުބަލި ޖެހޭ ކަމެއްކަން އަހަރެން ކުރިން ވެސް ދަންނަން.

ރެކިފުތު: ހަކުރު ބަލި ހުރެއްޖެއްޔާ ދެން ކިހިނެއް ހަދާނީ؟

ޙަކީމްބެ: ހަކުރު ބައްޔަށް އެންމެ ރަނގަޅު އެކައްޗަކީ ފާގަ.

ރެކިފުތު: ފާގައޭ؟ ފާގަ ކޭމަ ބަލިކަން ކެނޑޭނެތަ؟

ޙަކީމްބެ: އާނ. ފާގައަކީ ހަކުރު ބައްޔަށް ވަރަށް ރަނގަޅު އެއްޗެއް. ހަކުރު ބަލީގެ އެއް އަލާމަތަކީ ހަށިގަނޑުން އިންސިއުލިން މަދުވުން. ހަކުރު ބަލި މީހުންނަށް ފުރެއްދެ ފަރުވާ ގައި އެ ޖަހާ އިންޖެކްޝަނަކީ އިންސިއުލިން. ފަރަންޖީން، ފާގައަށް ކިޔާ އުޅެނީ އިންސިއުލިން ގަސް.

ރެކިފުތު: އެހެންތަ؟ ޙަކީމްބެ ގޭގެ މެދުއަތީގައި މާ ބޮޑު ފާގަ ވެލެއް ހައްދައިގެން ތި އުޅެނީ އެހެންވެގެން ދޯ؟

ޙަކީމްބެ: ނޫނޭ. މިއީ މިގޭގައި އުޅޭ މުންޑޫ އާދަނުގެ ކަމެއް. އާދަނަކީ މީގެ ކުރިން ފުރަގަސް ފަރާތު ބަލި ހުންނަ މީހެއް. އެ ބަލީގައި ވާގޮތަކީ ބޮޑު ގޮހޮރުން ބައެއް ބޮޑުދޮރުން ބޭރަށް ފައިބަނީ. މި ބަލި އާދަނަށް ޖެހުމުން އަހަރެން ބުނި ބޭހެއް ހެދީމާ ރަނގަޅުވީ. އޭގެ ފަހުން އޭނާ ހައްދައިގެން އުޅޭ ވެލެއް މީ.

ރެކިފުތު: ފާގައިން ތި ބައްޔަށް ބޭސްކުރާ ގޮތެއް އަދިއެއް އަޑެއް ނާހަން. ކިހިނެއް ތިބޭސް ހަދަނީ؟

ޙަކީމްބެ: ފާގަ ފަތުގެ ދިޔަ ކިރާ އެއްކޮށްގެން ކޮންމެ ދުވަހަކު ހެނދުނު މަހެއް ވަންދެން ތިން ސައިސަމުސާ ބޯންދެނީ. މި ގަހުގެ ދިޔަ އުނގުޅުމަކީ ވެސް ބައްޔަށް ލުއި ލިބޭ ކަމެއް.

ރެކިފުތު: ޙަކީމްބެ ދަންނަންތަ ފާގައިން ހަދާ އެހެން ބޭހެއް؟

ޙަކީމްބެ: ދިވެހި ބޭހަކީ، ބޭސް އެނގުމުން ހެދޭ އެއްޗެއް ނޫން. ނަމަވެސް ރެކިފުތު އަހާތީ ބުނަން. ނޭވާ ހިއްލާ ކުދިންނަށް ފާގައިގެ މުލުގެ ދިޔަ މާމުޔާ އެއްކޮށްގެން ސައިސަމުސަލެއްގެ މިންވަރު  ރޭގަނޑު މަހެއް ވަންދެން ދޭ. މި ބޭސް އަރިދަފުސް  ރޯގާއަށާއި، ނޭފަތާއި ނިތްކުރި ބެދިގެން ކުރާ އުނދަގުލަށް ފަރުވާ އަކަށް ވޭ.

           ބޭރަށް ހިންގުން ޖެހުމުން ވެސް ފާގަ ފަތުގެ ދިޔަދީ އުޅޭ. ހަދާ ގޮތަކީ، ފާގަފަތް ފެލައިގެން ދެ ސައިސަމުސާ ދިޔަ ނަގާ، މި މިންވަރަށް ފިޔާދިޔަ އަޅާ އެއް ސައިސަމުސާ ލިބޯހުތް އެއްކޮށްގެން ދެނީ.

          އަޖާއިބު އެއްކަމަކީ، ބޮޑު ކަމު ނުދެވޭ މީހުންނަށް ވެސް ފާގައަކީ ބޭހެއް. ފާގައިގައި ހަޖަމުނުވާ ނަރުތަކެއް ހުރޭ. މި ބައިގެ ސަބަބުން ފާގަ ކައިއުޅޭ ނަމަ، ބަނޑެއް ނުހިކޭނެ، ގިނައިން ނަރު ހުންނަ އެއްޗެތި ކެއުމަކީ ލުއިކޮށް ބަނޑު ހުސްކޮށްލެވޭ ކަމެއް. ތަރުތީބަކުން ގިފިއްޔަށް ދެވޭނަމަ، ކެވޭ ވިހަ މާއްދާތައް  ވެސް ހަށިގަނޑުގެ އެތެރެއަށް ފޭދިގެން ދިއުމަށް ދަތިވާނެ. އެއީ އެ ތަކެތި ގޮހޮރުގައި ގިނައިރު ނުވާތީ.

ޢުމުރު ދިގު މީހުންގެ ކެއުން

ދުނިޔޭގެ އެއްވެސް ސަރަޙައްދެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ރަށެއްގައި، ވަރަށް ޢުމުރު ދިގު މީހުން އުޅެފާނެ ހެއްޔެވެ؟ މިއީ ސައިންސްވެރިޔަކު ކުރި ސުވާލެކެވެ. އޭނާ ކުރި ދިރާސާއިން އެނގުނީ ދުނިޔޭގައި އެންމެ ބައްޔެއްނެތި ޢުމުރު ދިގު މީހުން އުޅެނީ ފަސް ހިސާބެއްގައި ކަމެވެ. އެ ސަރަޙައްދުތަކަށް އޭނާ ދިން ނަމަކީ ނޫ ސަރަޙައްދުތަކެވެ. ބްލޫ ޒޯން ތަކެވެ. މި ސަރަޙައްދުތަކުގެ ގިނަ ބަޔަކު ވަރަށް ރަނގަޅު ޞިއްޙަތުގައި ވަރަށް ގިނަ ދުވަހު ދުނިޔޭގައި އުޅެއެވެ. ޢުމުރުން 90 އަހަރު ވާ އިރުވެސް ގަދަވެ މަސައްކަތުގައި އުޅެއެވެ. އެހެން ސަރަޙައްދުތަކުގައި 100 އަހަރު މީހަކު ދުނިޔޭގައި ހުންނަނީ ކޮންމެ 10000 މީހުންގެ ތެރެއިން އެކަކު ނަމަ، މި ނޫ ސަރަޙައްދުތަކުގައި 100 އަހަރު ދުނިޔޭގައި އުޅޭ މީހުންގެ ނިސްބަތް 5 ގުނަ މައްޗެވެ.

މި ސަރަޙައްދުތައް ދުނިޔޭގެ ޗާޓެއްގައި މަތީގައި ނުވަތަ ވާތްފަރާތުގައި ފާހަގަކޮށްފައި އެވަނީ އެވެ.  ފާހަގަ ކުރެއްވޭނޭ ފަދައިން އެ ސަރަޙައްދަކީ ޖަޕާނުގެ އޮކިނާވާ ކިޔާ ރާއްޖެ ފަދަ ޖަޒީރާ ރަށްތަކެކެވެ. ސައިންސްވެރިން މި ސަރަޙައްދުތަކުގެ މީހުން އުޅޭ ގޮތާއި ކާނާ ދިރާސާކޮށްފައި ވެއެވެ. މި ވާހަކަތަކުގެ ތަފްޞީލު މި ވެބްސައިޓްގައި ވެއެވެ. އަދި ޚުލާޞާއެއް މި ވެބްޕޭޖްގައި ވެއެވެ.

ސައިންސްވެރިންނަށް ފާހަގަ ކުރެވުނީ، ބައްޔެއް ނެތި ދިގު ޢުމުރެއްގައި މި މީހުން ދިރިއުޅެވޭ އެއް ސަބަބަކީ ކާނާ ކަމެވެ. ޚާއްޞަކޮށް، އޮކިނާވާގެ މީހުންގެ ކެއުމުގައި ޢާއްމުކޮށް ދެ ޚާއްޞަ އެއްޗެއް ހިމެނޭ ކަމެވެ. އެކައްޗަކީ، ފާގައެވެ. އަނެއް އެއްޗަކީ ދަނބުކުލައިގައި ހުންނަ ކައްޓަލައެކެވެ. މި ދެ ތަރުކާރީ އަކީވެސް، އޭގައި ކެންސަރުން ދުރުކޮށްދޭ، ލޭ ދަށްކުރާ އަދި ހަކުރުބަލި މަތަކުރާ މާއްދާތަކެއް ހިމެނޭ ދެ ތަރުކާރީ އެވެ. މީގެ އިތުރަށް ގުނަވަންތައް މުސްކުޅި ވުން މަތަކުރާ އެއްޗެއް ވެސް (އެންޓިއޮކްސިޑެންޓް އެއް ވެސް) މި ދެބާވަތުގައި ހިމެނެއެވެ. ތިރީގައި އެވަނީ އޮކިނާވާ ކައްޓަލައާއި ފާގައެވެ.

ރާއްޖޭގައި ގެންގުޅޭ ފާގަ، އޮކިނާވާ ފާގައާ ތަފާތެއް ނެތެވެ. ޖަޕާނުން ގެނެސްގެން ހުވަދޫ އަތޮޅު މާމެންދޫގައި އޮކިނާވާ ކައްޓަލަ ގެންގުޅެއެވެ. މި ކައްޓަލައަށް އެމީހުން ކިޔަނީ ސަވާ ކައްޓަލައެވެ.

ބަރުދަނުގެ ނިސްބަތުން ބަތަށްވުރެ ކައްޓަލައިގައި ފަލަވުމުގެ ބާރު ތިއްބައިކުޅަ އެއްބަޔަށް ކުޑަވާނެއެވެ. މިހެން ކަމާއި އެކު، ބައެއް މީހުން ގިނަ ދުވަހު ދުނިޔޭގައި އުޅުމަށާއި ހިކުމަށް އޮކިނާވާ ޑައެޓް ކިޔާ ހަމައަކުން ކެއުން ކޮންޓްރޯލް ކުރެއެވެ. މި ޑައެޓް އާ ބެހޭ އިތުރު މަޢުލޫމާތު މި ވެބް ޕޭޖް ގައި ވެއެވެ.

ރެކިފުތު: މީހުން ހީކުރާ ވަރަށް ވުރެ ރަނގަޅު އެއްޗެއްތާ ފާގައަކީ؟

ޙަކީމްބެ: އާނ. މީގެ ފައިދާތައް އެނގޭނަމަ،  ވަރަށް ގިނަ މީހުން ފާގަ ކައިބޮއި އުޅޭނެ. ވަރަށް ގިނަ ބާވަތުގެ ލޭގެ މައްސަލަތަކަށް ވެސް، ފާގަ ކަމުދޭ. މިސާލަކަށް، ހަމުގެ ތަންތަން ރަތްވުން، ފަނިވުން، ހަމުން ހަންފޮޅުން، ފަދަ ކަންކަމަށް ފާގަ ފަނި ލިބޯހުތާ އެއްކޮށްގެން ބުއިމަކީ ފައިދާ ހުރިކަމެއް.

ރެކިފުތު: ޙަކީމްބެ ތިޔަ ބުނާ އެއްޗަކީ ތެދަކަށް ވާނަމަ، މީހުން އެކަން ނުކުރަނީ ކީއްވެ؟

ޙަކީމްބެ: ބައެއް މީހުންނަށް ހެޔޮގޮތް އެނގުނަސް އެގޮތަށް ތަބާ ނުވެދާނެ. ވަރަށް ގިނަ މީހުންނަށް ފަރަންޖީ ބޭސް ވަނީ ވަރަށް މަޤްބޫލު އެއްޗަކަށް. އެއީ އެ ބަންދުކޮށްފައި ހުންނަ ފޮށީގެ ގޮތުން، ނުވަތަ ބޭސް ލިޔެދޭ މީހާގެ ގޮތުން، ނުވަތަ ލިޔެވޭ މާހައުލުގެ ގޮތުން އިތުބާރު ބޮޑުވޭ. ނަމަވެސް މިހާރަކަށް އައިސް މިގެއަށް ދިވެހި ބޭސްކުރަން އަންނަ މީހުން ގިނަވަމުންދޭ.

ރެކިފުތު: ޙަކީމްބެ ތިބުނާ ގޮތުން ފާގައަކީ އޮރިއެންޓަލް ބާމު ކަހަލަ އެއްޗެއްހެން ހީވަނީ.

ޙަކީމްބެ: ތިބުނި އެއްޗެއް ނޭނގުނު.

ރެކިފުތު: ބޭސް ހަދާ މީހަކު އެއްފަހަރަކު މީހެއްގެ ކައިރީގައި ބުނިއްޔޯ އޮރިއެންޓަލް ބާމަކީ ހުރިހާ ކަމަކަށް ވެސް ރަނގަޅު އެއްޗެކޭ. ދެން އޭނާ އެއް ކެއްޗަކު އައި ވިލާގަނޑެއްގައި މާބޮޑަށް ވައިގަދަ ވުމުން، ފުރާޅު އެއްލައިލާފާނެތީ، މީނާ ފަންގިފިލާ މައްޗަށް އަރާ ވަހުގައި ބާމު އުނގުޅީ.

ޙަކީމްބެ: (ހިނި އައިސްފައި) ފާގަ އޮރިއެންޓަލް ބާމުހާ މޮޅު ނުވިއަސް އެކި ކަންކަމަށް އެ ބޭނުން ކުރޭ. އަދި އޭގެ ބޭނުންތައް ކިޔައިދީ ނިމުނީ އަކީވެސް ނޫން.

ރެކިފުތު: ތިޔަހެން ވިއްޔާ ފާގައިން ދެން ކުރާ ބޭނުން ތަކަކީ ކޮބައި؟

ޙަކީމްބެ: ޖިޒާމް ބަލި އުޅޭ ހިސާބުގައި ފާގަ ޢާއްމުކޮށް ކައިއުޅޭ މީހުން މި ބައްޔާ ދުރުކަން ފާހަގަވެފައި ވޭ. އެހެންވެ ޖިޒާމް ބަލިން ރައްކާތެރިވުމަށް، އަދި އެ ބަލީގެ ބޭހަކަށް ފާގަވޭ. ހުޅުތަކުގައި ރިއްސާނަމަ، ފާގަ ދިޔަ ހުޅުތަކުގައި އުނގުޅުމުން، ލުއިކަން ލިބޭ. ފާގަ ކެއުމަކީ، ހުޅުތަކުގެ ރިހުން ދުރުކޮށް ކުޑަކުރާ ކަމެއް. އަންހެނުންގެ ކުރިމަތި ފަރާތުން ބަލިބަލީގެ ދިޔަ ނުކުންނަ ނަމަ، ފާގަ ދިޔަ ދެމަސް ވަންދެން، ދުވާލަކު ދެ ފަހަރު، ބައި ސަމުސާ ދީ އުޅޭ. ހަމަ މިގޮތަށް ރީނދޫ ހުމަށް ބޭސް ކުރޭ.  ނަމަވެސް ރީނދޫ ކަން ކަނޑައިގެން ދާއިރަށް ބޭސްކުރުން ހުއްޓާލަން ޖެހޭނެ. ފުރަމޭ (ލިވަރު) ދުޅަވުމުން ނުވަތަ ބަލި ޖެހުމުން ފާގަ ޖޫސް ބުއިމުން ލުއިކަން ލިބޭ.

 ރެކިފުތު: ޙަކީމްބޭ، ފާގައަކީ ހާދަހާ މޮޅު ބޭހެކޭ. ތި ނިމުނީތަ؟

ޙަކީމްބެ: ނޫނޭ. ރެކިފުތާ… ކުދިން ފަނިވީމާ، ފާގަ ފަނިދެނިކޮށް، ފަނިތައް ބަލިކޮށް ބޭރުކޮށްލާ. އަދި ފުރަގަސް ފަރާތު ބަލީގައި ލޭ އަންނަންޏާ، ފާގަފަނި ހަކުރާ އެއްކޮށްލައިގެން ބުޔުމުން ލޭ އައުން މަދުވޭ ނުވަތަ ހުއްޓޭ.

ރެކިފުތު: ޙަކީމްބޭ. ހަކުރު ބައްޔަށް ފާގަ ބޭނުން ކުރާ ގޮތެއް އަދި ނުކިޔާ ދެމެންނު. ހަކުރު ބައްޔަށް ބޭސްކުރަން ފާގަ ބޭނުން ކުރާނީ ކިހިނެއް؟

ޙަކީމްބެ: ތި ސުވާލެއް ކުރިއަކުން ނުކުރަމެންނު؟ ރެކިފުތު ހަކުރު ބައްޔާ ބެހޭ ގޮތުން ވަރަށް ގިނަ މަޢުލޫމާތު ހޯދާ، އުޅުން ބަދަލުކުރަން ޖެހޭނެ. އެއީ ވާރުތަ ނުވިއަސް އުމުރުން ދުވަސްވުމުން އަދި ފަލަވުމުން ވަރަށް ގިނަ މީހުންނަށް ޖެހޭ ބައްޔެއް.

ރެކިފުތު: އެހެންވެގެންނޭ މިއުޅެނީ.

ޙަކީމްބެ: ހަކުރުބަލީގެ އުނދަގޫ ބޮޑު ނަމަ، ކޮންމެ ދުވަހަކު ހެނދުނު އެއްވެސް އެއްޗެއް ނުކައި ފާގަ ފަނިބޯނީ. ދިވެހި ފާގަ ނަމަ، އެއް ފާގަ ރަނގަޅުވާނެ. އިންޑިއާ ކުދި ފާގަ ނަމަ، ދެތިން ފާގައިގެ ޖޫސް ބޯން ޖެހޭނެ. ފާގައިގެ ހިތި ފިލުވަން މެދުން ފަޅާލައިފައި ސަމުސަލަކުން މަދު ނަގައި، ކުދިކޮށް ކޮށާލާފައި، ލޮނު ގަދަ ފެނުގެ ތެރޭގައި ކުޑަ އިރުކޮޅަކު ބަހައްޓާނީ. ނުވަތަ ހޫނު ފެނުގައި ބަހައްޓާނީ. ދެން ފެން އަޅައި މިކްސަރަކުން ކުދިކޮށްލުމުން އެހެރީ ފަނި ގިރިފައި. ބޭނުން ނަމަ ފުރާނާލެވިދާނެ.  ރަހަ ރަނގަޅު ކޮށްލަން ލޮނާއި ލިބޯފަޅިއެއްގެ ހުތް އެޅިދާނެ. ނޫނީ އިނގުރުވެސް ރަނގަޅުވާނެ.   އާދައިގެ ވަރަކަށް ބަލި ހުރިނަމަ، ދުވާލަކު ތިން ފަހަރު، ދެ މަސް ދުވަސް ވަންދެން ފާގައެއްގެ ފަނި ބޮނިކޮށް ރަނގަޅުވާނެ. އެހެން ނޫނަސް، ކެއުމުގައި އެހެން ގޮތް ގޮތަށް ފާގަ ބޭނުން ކުރެވިދާނެ. ފާގަ ކޮށާފައި، ތެލުލައި ނުވަތަ ފެނުކައްކައިގެން ކެވިދާނެ.ނަމަވެސް ބަލިވެއިން މީހުންނާއި ގާތުން ކިރުދޭ މީހުން ފާގަ ކެއުމަކީ ރަނގަޅު ކަމަކަށް ނުވާނެ.

މި ދެމީހުންގެ ވާހަކަ މިހާތަނަށް ދިޔަ ތަނާ، ޙަކީމްބެ ދަރިފުޅެއް ކަމުގައިވާ މަރިޔަމް ހުދާ ތަބަކެއްގައި ފާގަ ފަނިތައްޓެއް ބަހައްޓައިގެން އައިސް، ރާގޮނޑި މަތީގައި ބަހައްޓައިފި އެވެ.

މަރިޔަން: ރެކިފުތާ. ހާދަ މިހާރު މިގެއަށް ނާދޭ. މިއީ މަންމަ ބުނެގެން ހެދި ފާގަ ފަނިތައްޓެއް.

ރެކިފުތު: އާނ. މިހާރު މިއުޅެނީ ބަލިވެ. ބައްޕަ ބުނުއްވަނީ ހަކުރު ބަލީގެ އަސަރު ކުރަނީއޯ. އެހެންވެ، އަހުރެމެން ގޭގައި ވެސް މިއުޅެނީ ފާގަ އިންދަން. ބައްޕަ ބުނުއްވަނީ އެއީ އެ ބައްޔަށް މާ ރަނގަޅު އެއްޗެއް ކަމަށް.

މަރިޔަން: މިގެއަށް ފާގަ ގަންނަން ވަރަށް ގިނަ މީހުން އާދޭ. އަހުރެމެން ކިޔެވިއިރު، ފާގައިގެ ތާސީރު ބެލިން. އެއީ އިންސާނާއަށް ބޭނުންވާ ގިނަ ކަނާދު ނުވަތަ ނުޓްރިއަންޓް ހިމެނޭ އެއްޗެއް. އޭގައި އެންމެ ގިނަވާނީ ވިޓަމިން ސީ. މިއީ ބަލިތައް ދުރުކޮށް، ހަށިގަނޑު ތާޒާކޮށް ބަހައްޓާ މާއްދާއެއް. ދެން ލޮލަށް މުހިއްމު ވިޓަމިން އޭ ވެސް ހުންނާނެ. ވިޓަމިން ބީ ވެސް ހުރޭ.  އަދި ފޮލޭޓް ކިޔާ ބަނޑުގައިވާ ކުއްޖާ އަށް މުހިއްމު، ކެންސަރު ޖެހުން ދުރުކޮށްދޭ އަދި މާޔޫސްވުން ކުޑަކުރާ އެއްޗެއް ވެސް ހުރޭ. މީގެ އިތުރަށް ހިތަށް ރަނގަޅު ޕޮޓޭސިއަމް އާއި ދަގަނޑާއި ތުތިޔާ ވެސް ހިމެނޭ. އެހެންވެގެން، ދަބަރު ޖެހި ދަޅުގައި ފާގަ އެހާ ރަނގަޅަށް ހެދެނީ.

ރެކިފުތު: އާނ. ތި ވާހަކަ މި ދެކެވެނީ. ފާގައިގެ މޮޅުކަމުގެ ވާހަހަކަ. އޮރިއެންޓަލް ބާމު ވަރު ނުވިއަސް މޮޅު އެއްޗެއް ކަމަށް މިވަނީ.

ރެކިފުތު ވާހަކަ އަޑުއަހާފައި، މަރިޔަމް ހުދާ ގޭތެރެއަށް ވަދެއްޖެއެވެ. ރެކިފުތާ އާއި ޙަކީމްބެގެ ވާހަކަ ކުރިއަށް ގެންދަން ފަށައިފިއެވެ.

ރެކިފުތު: ޙަކީމްބޭ. ފާގަހާ ހިތި އެއްޗެއް ހަކުރު ބަލިޖެހުނަސް ކާނީ ކިހިނެތް؟

ޙަކީމްބެ: ފާގައިގެ ހިތި ފިލުވޭ އެތައް ގޮތެއް އޮވޭ. އެހެން ނޫނަސް ދޮން ފާގައިގެ އޮށް، މުގުރައިގެން ހަވާދެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ. ޅަ ފަތާއި ކުރި ތެއްލައި ނުވަތަ ރޯކޮށް ހުއްޓައިކެވިދާނެ. ފާގަ ތުނިކޮށް ކޮށާފައި، ލޮނު އެޅި ފެނުގައި އިރުކޮޅަކު ބަހައްޓަނިކޮށް ހިތިކަން ކުޑަވާނެ. ނޫނީ ހޫނުފެނަށް އަޅައިފައި އިރުކޮޅަކު ބެހެއްޓިދާނެ.

ރެކިފުތު: ޙަކީމްބެ ބުނާގޮތަށް ބޭސް ކެއުމުން ހަކުރުބަލި ރަނގަޅުވާނެތަ؟

ޙަކީމްބެ: ނޫނޭ. ޝިފާ ދެއްވަނީ ﷲ. އެކަމަކު ބަލިވީމާ ބޭސް ނުކޮށް ބައްޔަށް ކެތްކޮށްގެން ހުރުމަކީ އިސްލާމް ދިނުގައި އޮންނަ ކަމެއް ނޫން. ކޮންމެ ކަމަކަށްވެސް ސަބަބުތަކެއް ހުންނާނެ. ފަރުވާ ކުރުމަކީ، ޝިފާ ލިބުމުގެ ސަބަބު. ހަކުރު ބަލި ޖެހިއްޖެ ނަމަ، ތިމާގެ ކެއުމަށް ބަދަލެއް ގެންނަން ޖެހޭނެ.

ރެކިފުތު: ތި ބުނަނީ ކޮންފަދަ ބަދަލެއްތަ؟

ޙަކީމްބެ: އެއްކަމަކީ، ސަރުބީ ގިނަ، ތެޔޮ ގިނަ އެއްޗެތި ނުކެއުން. ގިނަ ކުރަންވީ ތަރުކާރީ އާއި މޭވާ. ޚާއްޞަކޮށް ރޯ ތަރުކާރީ އާއި މޭވާ. އެއްވެސް ބާވަތެއްގެ ހަކުރު ހުންނަ އެއްޗެތި ކެއުން މަދުކުރުމަކީ ވެސް ފައިދާ ބޮޑު ކަމެއް.

މީގެ އިތުރަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލަން ވާނެ. ޙަރަކާތްތެރިކަން އިތުރުކޮށް، ދުވާލު ނިދުން މަދުކޮށް އުޅުމަކީ ބޭނުން ކަމެއް. ތަނެއް ހަލާކުވުމުން އަވަހަށް ފަސޭހަ ނުވާތީ، ބަލައިގެން އުޅެން ވާނީ. ލޮލުގެ ޙާލާ މެދުވެސް ސަމާލުވާން ވާނެ. ބައްޔެއް ވެއްޖެނަމަ، ބޭސްކުރުމަށް އަވަސް ވާން ޖެހޭނެ. ހަކުރުބަލި ހުންނަ މީހުންނަށް ބަލިން އަރައިގަންނަން އުނދަގޫވޭ.

ރެކިފުތު: ޙަކީމްބޭ. އެ އިވެނީ ބަންގި ގޮވާ އަޑު. ދެން އަހަރެން ދަނީއޭ. ވަރަށް ބޮޑަށް ދަރުމަ ހުރި.

ޙަކީމްބޭ: ރެކިފުތު ހޮސްޕިޓަލަކަށް ދަންޏާ ލޭ ޓެސްކޮށް ބޭސް ހޯދާތި. ރަށުގައި ހުންނަންޏާ މިގެއަށް ވަދެލައްޗޭ.

ރެކިފުތު އާއެކޭ ބުނަމުން ހިގައިގެންފިއެވެ.

މި މަޒުމޫނުގެ އެހެން އިސްދާރެއް 2004 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ނެރުނު ދަރުމަ މަޖައްލާގައި ހިމެނިފައި ވެއެވެ. މި މަޒުމޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ޖާގަ ނެތުމުގެ ސަބަބުން ދޫކޮށްލި ބައެއް މަޢުލޫމާތު މި ވެބް ސައިޓްގައި ވެއެވެ.