އިލެކްޓްރިކް ބާރާ ބެހޭ
ކަރަންޓު ޓޮޕްގެ މަތީ ފައިކަށި އެހެން ފައިކަށިތަކަށް ވުރެ ފަލައީ ކީއްވެ؟
އެއް ފަހަރު ވެސް ވިސްނަވާ ލެއްވިން ތޯއެވެ؟ ކަރަންޓް ޓޮޕްގެ މަތީ ފައިކަށި އެހެން ފައިކަށިތަކަށް ވުރެ ފަލަވެފައި، ދިގީ ކީއްވެ ހެއްޔެވެ؟ މި ފައިކައްޓަށް އާރތު ފައިކައްޓޭ ކިޔައެވެ. މި ފައިކަށި ޢާއްމުކޮށް ގުޅާފައި ހުންނަނީ އެއްޗެއްގެ ބޭރު ތޮށިގަނޑާއެވެ. ބައެއް ފަހަރު، އެއްވެސް އެއްޗަކާ ގުޅާފައެއް ނުހުރެއެވެ. އެހެނެއްކަމަކު، މިފައިކަށި އެހެން ފައިކައްޓަށް ވުރެ ދިގުވެފައި ފަލައެވެ. މިއީ ކީއްވެގެން ހެއްޔެވެ؟ އެއް ހާސް ކިލޯވޮޓްގެ ޖެނެރޭޓަރު ބެހެއްޓުމުގެ ހުއްދައޮންނަ މީހަކާ މި ސުވާލު ކުރުމުން، އޭނާއަށް ވެސް ފަސޭހަ ކަމާ އެކު ސުވާލަށް ޖަވާބެއް ނުދެވުނެވެ. އޭނާ ބުނީ މިކަމާ ވިސްނާލެވިފައި ނުވާ ކަމަށެވެ.
މި މަޒުމޫނުގައި އަހުރެން ބަޔާން ކުރާނީ، ކަރަންޓު ޓޮޕްގެ އާތު ފައިކަށި އެހެން ފައިކައްޓަށް ވުރެ ވަރުގަދަ ވާ ސަބަބެވެ. ބޭނުމަކީ މިވާހަކައިގެ ތެރެއިން ޓޮޕާއި ބެހޭ މުހިއްމު މަޢުލޫމާތު ތަކެއް ހުށަހެޅުމެވެ. ދެތިން ދޮޅަސް ވައްތަރުގެ ކަރަންޓު ޓޮޕް ހުރެއެވެ. ޢަޖާއިބުވާން ޖެހޭ ކަމަކީ، ފޯނާ ގުޅާ ޔޫއެސްބީ ޓޮޕް ހުރިހާ އެއްޗެއްގައި ދާދި އެއްގޮތް ކަމާއެކު، ކަރަންޓު ޓޮޕް ދުނިޔޭގައި އެއްގޮތް ނުވާކަމެވެ. މިކަން ބަޔަކު ކުރަން ނޫޅެނީ ހެއްޔެވެ؟ ކަރަންޓު ޓޮޕްތައް އެއްގޮތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ބޭނުން ކުރާ ތަފާތު ބާވަތްތަކުގެ ޓޮޕްތަކުގެ ތެރެއިން އެންމެ ރަނގަޅީ ކޮންބާވަތެއްގެ ޓޮޕެއް ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބުވެސް މި މަޒުމޫނުގައި އަޅުގަނޑު ގެނެސްދޭނަމެވެ.
ގޭގެއަށާއި ވިޔަފާރީގެ ބޭނުމަށް ކަރަންޓު ނުވަތަ އިލެކްޓްރިކް ބާރުގެ ބޭނުން ކުރަން އެންމެ ފުރަތަމަ ފެށީ މީލާދީން 1870 ގެ އަހަރުތަކުގައެވެ. މިކަމެއް ހިނގީ މީގެ 148 އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ބޭނުން ކުރީ ޑީސީ ކިޔާ ބެޓެރީއިން ވެސް އުފައްދާ އެއްކޮޅަށް ދަތުރު ކުރާ ބާވަތެވެ. ރާއްޖޭގައި ބޭނުން ކުރާ ދެކޮޅަށް ދަތުރުކުރާ އޭސީ، ވިޔަފާރީގެ ގޮތުގައި ބޭނުންކުރަން ފެށީ، އެމެރިކާގައި 1886 ވަނަ އަހަރު މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ. ފުރަތަމަ އިންޖީނުގެ ހުރި ތަނުގައިވާ ހަނދާނީ ފިލައެއްގެ ފޮޓޯ ތިރީގައި އެވަނީއެވެ. އެންމެ ފުރަތަމަ އިލެކްޓްރިކް ބާރު އުފައްދާ ބޭނުންކުރަން ފެށީ ބޮކި ދިއްލުމަށެވެ.
އެ ޒަމާނުގައި އެންމެ ފުރަތަމަ ކަރަންޓު ގޭގެއަށްލީ ބޮކި ދިއްލުމަށެވެ. ބޮކި ޖަހާފައި ހުންނަނީ މި ޒަމާނުގައި މި ގެންގުޅޭ އިސްކުރެއްހެން ތުރެޑް ކެނޑި ހޯލްޑަރަކަށެވެ. ކަރަންޓުން ހިންގާ ފަންކާ ފަދަ ތަކެތި އުފެއްދުމުން، އެންމެ ފުރަތަމަ ބޭނުން ކުރި ޓޮޕަކީ މި ހޯލްޑަރަށް ޖަހާ، ފޫ އެނބުރި ޓޮޕެކެވެ. ބޮކި ނައްޓާލުމަށް ފަހު، ކަރަންޓުން އެއްޗެއް ހިންގުމަށް ބޮކީގެ ފޫހެން ހަދާފައިވާ ޓޮޕެއް ހޯލްޑަރަން ޖަހަނީ އެވެ.
މާގިނަ އަހަރުތަކެއް ނުވަނީސް، ވަށް ފައިކަށިލީ ޓޮޕާއި ޓޮޕު ޖަހާނޭ އެއްޗެތި ފަރުމާކޮށް ރަޖީސްޓަރީކޮށްފައި ވެއެވެ. ތިރީގައި އެވަނީ 1893 ވަނަ އަހަރު ވިއްކަން ގެންގުޅުނު ދެ ފައިކަށިލީ ޓޮޕަކާއި އެޖަހާ އެއްޗެކެވެ.
ދިވެހިބަހުން ޓޮޕު މިކިޔާ އެއްޗަށް އިނގިރޭސި ބަހުން ކިޔަނީ ޕްލަގެވެ. ޕްލަގުގެ މާނައަކީ އުނގުރިއެވެ. ލޯވަޅެއް ބެއްދުމަށް ޖަހާ އެއްޗެވެ. އިނގިރޭސިބަހުން ޓޮޕްގެ މާނައަކީ މައްޗެވެ. އިނގިރޭސި ދަންނަ މީހެއްގެ ކައިރީގައި އިލެކްޓްރިކް ޓޮޕެއްގެ ވާހަކަ ބުނެފިނަމަ، އޭނާއަކަށް އެއީ ކޮން އެއްޗެއްކަމެއް ނޭނގޭނެއެވެ. ޕްލަގުޖަހާ އެއްޗަށް ކިޔަނީ ސޮކެޓެވެ. ސޮކެޓްގެ މާނައަކީ ވަޅެވެ. ނުވަތަ އަޑިވެފައިވާ ނުވަތަ އަޑިކޮށްފައިވާ ތަނެވެ. މިސާލެއްގެ ގޮތުން ބޮލުގައި ލޯ އިންނަ ވަޅަށް ވެސް ކިޔަނީ ސޮކެޓެވެ. ރަނގަޅު ގޮތަކީ، ޓޮޕުގެ ބަދަލުގައި ޕްލަގު ކިޔުމެވެ. ޕްލަގުގެ ފައިކަށި ވަންނަން ހަދައިފައިވާ އެއްޗަށް ދިވެހީންވެސް ކިޔަނީ ސޮކެޓެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުން ކުރި ޕްލަގާއި ސޮކެޓާއި ސްވިޗް ތިރީގައި އެވަނީއެވެ. މިއިން ބައެއް ތަކެތީގެ ތިރީބައި ތަށިމުށިން ހަދައިފައި ހުރިއެވެ. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި މި ފަދަ ތަކެތި އަދިވެސް ހުރެދާނެއެވެ. މިއީ ދުވަސްވީ ތަކެތި އެއްކުރާ މީހުންނަށް އީބޭ މެދުވެރިކޮށް ވިއްކޭ އެއްޗެކެވެ.
ދިވެހިރާއްޖޭގައި ބޭނުން ކުރި ޕްލަގު
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ކަރަންޓު ބޭނުން ކުރަންފެށީ މުޙައްމަދު އަމީން ދައުރުގައެވެ. އެއިރު، އިންޖީނުގެ ހުންނަނީ މާލޭގެ ބަޑޭރިގޭގެ ކުރިމަތީގައެވެ. ފަހުން އަލިކިލެގެފާނު މަގުގެ ދެކުނުގައެވެ. 1960ގެ އަހަރުތަކުގައި، ސްރީ ލަންކާގެ ބްރައުން އެންޑް ކޮމްޕެނީ ލައްވައި، މާލޭގެ ހަތަރު ހިސާބެއްގައި ޓްރާންސްފޯމަރު ބަހައްޓައި، މަގުތަކުގައި ހޮޅިޖަހައި، ކަރަންޓު ނެޓްވާރކެއް އެޅުނެވެ. ކަރަންޓުލުމުގެ ތާރީޚް، ދިވެހި ތާރީޚީ ފޮތްތަކުގައި އެކަށީގެންވާ ތަފްޞީލާއެކު ހިމެނެއެވެ. މިކަމުގައި ޙަރަކާތްތެރިވި ބައެއް މީހުން އަދި ދުނިޔެއިން ވަކިނުވާތީ، އެމީހުންގެ ފަރާތުން ބޭނުންތެރި މަޢުލޫމާތު ހޯދިދާނެއެވެ. މި ދުވަސްވަރު، ރާއްޖޭގައި ބޭނުންކުރި ޕްލަގުގައި ހުންނަނީ ވަށްފައިކަށްޓެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން އިނގިރޭސިވިލާތުގައި ބޭނުންކުރި ވައްތަރެވެ. ސްރީ ލަންކާ އާއި އިންޑިޔާގައި އޮތީ އިނގިރޭސީންގެ އިސްތިޢުމާރީ ވެރިކަންކަމުން، އިނގިރޭސީން އެއިރު ބޭނުންކުރި ވަށްފައިކަށީލީ ޕްލަގު ރާއްޖެއަށް ޢާއްމުވީ އެވެ.
ވޯލްޓޭޖް އާއި އެމްޕިއަރ
މިހާ ހިސާބުން، ކުރިއަށް ލިޔަން ގަސްދުކުރާބައި ދޭހަވުމަށް، އިލެކްޓްރިކާ ބެހޭ އެހެން ދެތިން ވާހަކައެއް ބަޔާން ކުރަން ޖެހެއެވެ. އެއީ ކަރަންޓު މިކިޔާ އެއްޗާއި ވޯލްޓޭޖްގެ ވާހަކައެވެ. ފަހެ، އިނގިރޭސިބަހުން ކަރަންޓު ކިޔަނީ އޮޔަށެވެ. މި އޮއި ދަތުރުކުރާ ބާރުމިން ބިނާވަނީ އެއްކޮޅުން އަނެއް ކޮޅަށް އެ ފޮނުވާ ޕްރެޝަރު ނުވަތަ ފިއްތުމުގެ މައްޗަށެވެ. ބޮޑަށް ފިއްތައިފިނަމަ، ކަރަންޓު ދާލެއް އަވަސްވާނެއެވެ. އިނގިރޭސިބަހުން ކަރަންޓު ފޮނުވާ ފިއްތުމަށް ކިޔަނީ ވޯލްޓޭޖެވެ. މިއީ ހޮޅިއަކުން އޮއިގޮތަށް ފެން އަންނަ ނަމަ، އެ ފެން ފޮނުވާ ބާރުމިނެވެ. ނުވަތަ ޕްރެޝަރެވެ. ދިވެހިރާއްޖޭގައި، ބޭނުންކުރާ އިލެކްޓްރިކްގެ ވޯލްޓޭޖަކީ 230 އެވެ. ވޯލްޓޭޖް މިނަނީ ވޯލްޓް ކިޔާ ޖިންސަކުންނެވެ. 1980ގެ ކުރިން ދިވެހިރާއްޖޭގައި ބޭނުންކުރީ އިނގިރޭސި ވިލާތުގައި ވެސް ބޭނުންކުރި 240 ވޯލްޓެވެ. ޔޫރަޕިއަން ޔުނިއަންގެ ހުރިހާ ޤައުމެއްގެ ވޯލްޓޭޖް 1995 ވަނަ އަހަރު އެއްވަރު ކޮށް 230 އަށް ހެދުމުން، އިނގިރޭސި ވިލާތް ވެސް އަދި ދިވެހިރާއްޖެ ވެސް 230 އަށް ބަދަލުވީ އެވެ.
އާދައިގެ ބެޓެރީ ބުރިއެއްގައި ހުންނަނީ 1.5 ވޯލްޓެވެ. މޮބައިލް ފޯނެއްގެ ބެޓެރީގައި ހުންނަނީ 3.8 ވޯލްޓެވެ. ހޮންޑާ ސައިކަލް ބެޓެރީއެއްގައި ހުންނަނީ 12 ވޯލްޓެވެ. އާދައިގެ ގޭގެއަށް ލާފައި ހުންނަނީ 230 ވޯލްޓެވެ. 230 ވޯލްޓް އަކީ ހަށިގަނޑަށް ވަރަށް ނުރައްކާތެރި މިންވަރެކެވެ. މިއަށް ވުރެ މަތިވުމާއި ދަށްވުމަށް ވުރެވެސް ނުރައްކާތެރި މިންވަރެކެވެ.
ހޮޅިއަކުން އޮއިގެ ގޮތުގައި ފެން އަންނަ މިސާލުގައި ކަރަންޓު ނަރުގެ ތެރެއިން ދަތުރުކުރެއެވެ. ފެނުގެ ބަދަލުގައި ވަރަށް ކުދި ޒައްރާތަކެއް ފަދަ ގޮތެއްގައެވެ. ކުރިން ބަޔާން ކުރިހެން، ޕްރެޝަރު މަތިވި ވަރަކަށް ނުވަތަ ވޯލްޓޭޖް މަތިވި ވަރަކަށް ފެން ނުވަތަ ކަރަންޓު އައުން ގިނަވާނެއެވެ. ޕްރެޝަރު އެއްވަރު ނަމަ، ފަލަ ހޮޅިއަކުން ގިނަ ފެން އަންނަ ފަދައިން، ފަލަ ކަރަންޓު ނަރަކުން ގިނަ ކަރަންޓަށް އާދެވޭނެއެވެ. ޕްރެޝަރު މަތިކޮށް ހިމަހޮޅިއަކުން ފެން ފޮނުވަން އުޅެފިނަމަ، ހޮޅި ފަޅައިގެން ދެއެވެ. ހިމަ ކަރަންޓު ނަރަކުން ގަދަ ކަރަންޓެއް ފޮނުވަން އުޅެފިނަމަ، ނަރު ހޫނުވެގެން ވިރެއެވެ. ކަރަންޓު މިނާ ޖިންސަށް ކިޔަނީ އެމްޕިއަރެވެ. 40 ވޮޓުގެ ހޮޅިބުރިއެއް ދިއްލިފައި ހުންނައިރު އެއިގެ ތެރެއިން ދަތުރުކުރާނީ ގާތްގަޑަކަށް އެމްޕިއަރެއްގެ ފަސްބައިކުޅަ އެއްބައެވެ. އައިސް އަލަމާރިއެއް އެއް އެމްޕިއަރުން ހިނގައެވެ. އިސްތިރިއެއް ދޮންވުމަށް ބޭނުންވަނީ 5 އެމްޕިއަރެވެ. ފަސް ރިޔަން ބިތަކު ހުންނަ ކޮޓަރިއެއްގެ އެއަރ ކޮންޑިޝަންއެއް ހިންގުމަށްވެސް ދާނީ މި މިންވަރެވެ.
އިލެކްޓްރިކްގެ ޙަޤީޤީ މާނަ
ވޯލްޓޭޖާއި ކަރަންޓަކީ ޚާއްޞަ މާނައެއް ހިމެނޭ ދެ ލަފުޒެއް ކަމުން، އެންމެ ރަނގަޅު ގޮތަކީ ކަރަންޓުން ހިންގާ އެއްޗިއްސަށް ”އިލެކްޓްރިކް“ އެއްޗިއްސޭ ބުނުމެވެ. ގަސްގަހުން ނުކުންނަ ކިރު، ގިނަ ދުވަސްވެ ހިކުމުން އެ ފޮތީގައި އުނގުޅުމުން ކަރަންޓު އުފެދެއެވެ. ޕްލާސްޓިކް ފަތިގަނޑެއް، ފޮތިގަނޑެއްގައި އުނގުޅައި ކުދި ކަރުދާސްކޮޅުތަކަކާ ގާތްކުރުމުން އެ ކަރުދާސްކޮޅުތައް ފަތިގަނޑާ ގާތަށްދަމަނީ އުފެދޭ ކަރަންޓަކުންނެވެ. ފަތިގަނޑާއި ކަރުދާސްކޮޅުތަކާ ދެމެދު ވޯލްޓޭޖެއް އުފެދޭތީ އެވެ. އިލެކްޓްރިކް މި ލަފުޒު އުފައްދައިފައިވަނީ ގިނަ ދުވަސްވީ ގަހުގެ ކިރަށް ކިޔާ ލެޓިން ނަމުންނެވެ. އެއީ އިލެކްޓްރިކަސް އެވެ. މިއަށް އިނގިރޭސި ބަހުން ކިޔަނީ އެމްބަރ އެވެ. އުރުދޫ ބަހުން އަމްބަރު އެވެ. ދިވެހިބަހުން އަންބަރު ކިޔަނީ މާވަހަރަށް ކަމުގައި ވިއަސް، އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި، އަންބަރު މި ލަފުޒު އުފައްދައިފައިވާނީ އުރުދޫ ބަހުން ހިކިފައިވާ ގަހުގެ ކިރަށް ކިޔާ ނަމުންނެވެ. އަމްބަރުންނެވެ. ގިޔުޅާށި އާއި ރުގުންމަޅަކީ ވެސް ހިކިފައިވާ ގަހެއްގެ ކިރެކެވެ. އަމްބަރުގެ ބާވަތެކެވެ. ވީމާ އެތަކެތި ވެސް، ފޮތީގައި ކޭއްތުމުން ދަމާބާރެއް އެއަށް ލިބޭނެއެވެ. މިހެންކަމުން، އިލެކްޓްރިކްއަށް ދުލަށް ފަސޭހަ ދިވެހި ލަފުޒެއް ހެދިދާނެއެވެ. ނަމަވެސް މިހާރު މިކަން ކުރުމުގެ ފުރުޞަތު ގެއްލިފައިވާ ކަހަލައެވެ.
ތްރީޕިން ގެ ޙަޤީޤީ މާނަ
ދިވެހީން ތްރީޕިން ކިޔަނީ، ޕްލަގަކަށް އިތުރު ޕްލަގު ޖެހޭ ގޮތަށް ހަދައިފައިވާ އެއްޗިއްސަށެވެ. މިއީ މި ލަފުޒުގެ ޙަޤީޤީ މާނައެއް ނޫނެވެ. އިނގިރޭސި ބަހުން ތްރީ ޕިންގެ މާނައަކީ ތިން ފައިކަށި އެވެ. މި ލަފުޒު އެންމެ ފުރަތަމަ ބޭނުން ކުރީ ތިންފައިކަށިލީ ޕްލަގަކަށެވެ. ޕިން އަކީ ފައިކަށިފަދައިން ހުންނަ ކަށި ނުވަތަ މޮހޮރު ނުވަތަ އިލި ނުވަތަ ފޯލި ފަދަ އެއްޗިއްސަށް ކިޔާ ނަމެކެވެ. މިބާވަތުގެ ޕްލަގަށް ކިޔަނީ ޓްރިޕިން އެވެ. ތިރީގައި އެވަނީ އެއިގެ އެއްޗެކެވެ.
ތިންވަނަ ނަރުގެ ބޭނުން
ގޭގެއަށް ވައިރުކޮށްފައި ހުންނަނީ ދެ ނަރުންނެވެ. މި ދެނަރުން ކަރަންޓު އަންނަނީ އިންޖީނުގެއިން އުފައްދާ 11000 ވޯލްޓް އެކި ހިސާބުތަކުގައި ބަހައްޓައިފައި ހުންނަ ޓްރާންސްފޯމަރު ތަކަކުން 230 ވޯލްޓް އަށް ދަށް ކުރުމަށް ފަހުއެވެ. މި ޓްރާންސްފޯމަރުތައް ބޮޑެތި ރަށްރަށުގައި ބޮޑު ދަގަނޑު ފޮށިގަނޑެއްހެން ފެންނަން ހުންނާނެއެވެ. ޓްރާންސްފޯމަރަކީ ބާރު ބަދަލުނުކޮށް ވޯލްޓޭޖް ނުވަތަ ފިއްތުން ކުޑަކޮށް ބޮޑުކުރާ އެއްޗެކެވެ. ޓްރާންސްފޯމަރުން ނުކުންނަ އެއް ނަރަށް ކިޔަނީ ލައިން އެވެ. ރަމްޒަކީ L އެވެ. އަނެއް ނަރަށް ކިޔަނީ ނިއުޓްރަލް އެވެ. ރަމްޒަކީ N އެވެ. ނިއުޓްރަލް ހުންނާނީ ޓްރާންސްފޯމަރު ހުންނަ ހިސާބުގެ ބިމުގެ އަޑިއަށް ވަރުގަދަ ދަގަނޑު ހޮޅިއެއް ނުވަތަ ލޯ ދަނޑިއެއް ޖަހައި އެއާ ގުޅާފައެވެ. އެހެން ކަމުން، ބިމާއި N ނަރާ ދޭތެރޭ އެއްވެސް ވޯލްޓޭޖެއް ނުވަތަ ފިއްތުމެއް ނުހުންނާނެއެވެ. ނަމަވެސް L އާ N އާ ދެމެދު 230 ވޯލްޓް ހުންނާނެއެވެ. L ނަރަށް ބައެއް މީހުން ފޭސް ފަށޭ ވެސް ކިޔައެވެ. ސޮކެޓްތައް ވައިރުކޮށްފައި ހުންނަ އިރު، ލައިންނަރު އަބަދުވެސް ގުޅާފައި ހުންނަނީ ކަނާތްފަރާތުގައިވާ ލޯވަޅާއެވެ. ވާތް ފަރާތުގައިވާ ލޯވަޅާ އަބަދުވެސް ގުޅާނީ ނިއުޓްރަލް ފަށެވެ.
ކޮންމެ ގެއެއްގައި ވެސް، ބިމާ ވަކިން ނަރެއް ގުޅާފައި ހުރެއެވެ. ބިމަށް ކިޔަނީ އާރތު ކަމުން މިނަރަށް ކިޔަނީ އާރތު ނަރެވެ. ރަމްޒަކީ E އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން، އާރތު ނަރު ޢާއްމުކޮށް ބޭނުމެއް ނުކުރެއެވެ. ނަމަވެސް، މި ހަނގުރާމައަށް ފަހު، އާރތު ނަރު ބޭނުން ކުރެއެވެ. ޙަޤީޤަތުގައި، ބޮތްކެއް ދިއްލުމަށްޓަކައި، އިންޖީނުގެއިން އެންމެ ނަރެއް ފޮނުވުމުން ވެސް ފުދޭނެއެވެ. އެހެނީ، ބިމަކީ ބޮޑު ލޯ ދޮލަނގެއް ފަދައިން، ކަރަންޓު ފަސޭހައިން ދަތުރުކުރާ އެއްޗެކެވެ. އެއް ޒަމާނެއްގައި، އެއް ނަރުން ކަރަންޓު ގޭގެއަށް ލައި އުޅުނެވެ. އެއީ ވަރަށް ދުރުގައި ހުންނަ ގެތަކަށް ދެ ނަރު ގެއްދިއުމުގެ ޚަރަދު ބޮޑު ކަމުންނެވެ. ނަމަވެސް، މި ގޮތަކަށް މި ޒަމާނުގައި ވައިރެއް ނުކުރެއެވެ. އެއީ ރައްކާތެރި ނޫނީމައެވެ.
އިސްތިރި ފަދަ ތަކެތީގެ ބޭރު ހުންނާނީ އާރތު ނަރާ ގުޅާފައެވެ. މިގޮތަށް ކަންތައް ކުރުމުން، ދިމާވާ މައްސަލައަކުން ލައިން ނަރު އިސްތިރީގެ ބޭރުގައި ޖެހިފައި ހުއްޓައި، އިސްތިރީގެ ބޭރުގައި މީހަކު އަތްލައިފިނަމަ، އެމީހާގެ ގައިގެ ތެރެއިން ކަރަންޓު ދަތުރުކުރުމުގެ ސަބަބުން މަރުވުން ވަރަށް ގާތްވާނެއެވެ. ނަމަވެސް، އިސްތިރީގެ ބޭރާ އާރތު ގުޅާފައި ވާނަމަ، މީހާގެ ތެރެއިން ކަރަންޓު ދަތުރުކުރުމަށް ވުރެ، ފަސޭހައިން ނަރުގެ ތެރެއިން ކަރަންޓު ދަތުރުކުރާނެތީ، އެމީހާއަކަށް މާ ބޮޑު ކަމެއް ނުވާނެ އެވެ. އާރތު ނަރާ ލައިން ނަރު ގުޅުމުގެ ސަބަބުން ވަރަށް ގަދަ ކަރަންޓު، ލައިންގެ ތެރެއިން ދަތުރުކުރުމުގެ ސަބަބުން ގޭގައިވާ ފިޔުޒު ނުވަތަ ބުރޭކަރު ވެއްޓޭނެ އެވެ. އެހެންކަމުން ކަރަންޓު ކެނޑޭނެއެވެ.
މި މައްސަލަ ކުރިމަތިވާނީ، ހަމައެކަނި ލައިން ނަރު، ބޭރާ ގުޅިފައިވުމުންނެވެ. ނިއުޓްރަލް ނަރު، ދިމާވާ ސަބަބަކުން އިސްތިރިއެއްގެ ބޭރުގައި ޖެހި ގުޅިއްޖެނަމަ، އާރތު ނެތަސް، ގެއްލުމެއް ނުވާނެއެވެ. ނިއުޓްރަލް ނަރު، އިންޖީނުގެއިން ނުވަތަ ޓްރާންސްފޯމަރު ބަހައްޓާފައި ހުރި ސަބްސްޓޭޝަނުން ބިމާގުޅާފައިވާތީ، އިސްތިރީގެ ބޭރާއި ބިމާ ދެމެދު އެއްވެސް ވޯލްޓޭޖެއް ނުހުންނާނެއެވެ.
ނިއުޓްރަލް ނަރުގެ ދާފަރާ ގޮސްގެން ނުވަތަ އެހެންވެސް ކަމަކުން، އިސްތިރީގެ ތޮށިގަނޑާ ނިއުޓްރަލް ނަރު ގުޅިފައިވަނިކޮށް، ދެ ފައިކަށިލީ ޕްލަގު އަނެއްކޮޅަށް، ނަރުބަދަލުވާގޮތަށް، ސޮކެޓަށް ޖަހައިފިނަމަ، ދެންވާނީ ކިހިނަކުން ހެއްޔެވެ؟ ނަރު ބަދަލުވާގޮތަށް ޖެހޭނީ ބައެއް ބާވަތުގެ ޕްލަގެވެ. މިގޮތަށް ޖަހައިފިނަމަ، ކުރީގެ ނިއުޓްރަލް ނަރު، ލައިން ނަރަށް ބަދަލުވާނެއެވެ. ކުރީގެ ނިއުޓްރަލް ވާނީ، ލައިން އަށެވެ. އެހެންކަމުން، އިސްތިރީގެ ބޭރާ ލައިން ގުޅޭނެއެވެ. މި ހާލަތުގައި އިސްތިރީގެ ބޭރުގައި އަތް ޖެހިއްޖެނަމަ، މީހާގެ ތެރެއިން ކަރަންޓު ދަތުރުކޮށް އޭނާ މަރުވާނެއެވެ. ނަމަވެސް، މިހާލަތުގައި ވެސް އިސްތިރީގެ ބޭރު އާރތު ނަރާ ގުޅާފައިވާ ނަމަ، ޕްލަގު ޖެހުމުން ފިޔުޒު ދާނެއެވެ.
މަތީގައިވާ ބަޔާނުން އޮޅުން ފިލަނީ، އާރތުނަރު ގުޅާފައި ނުވިއަސް، ތިން ފައިކަށިލީ ޕްލަގެއްގެ ސަލާމަތްތެރިކަން ބޮޑު ކަމެވެ. އެއީ ތިން ފައިކަށިލީ ޕްލަގެއް، ލައިން ނަރު ނިއުޓްރަލްއަށް ބަދަލުވާ ގޮތަށް ޖެހުމަކީ ފަސޭހަކަމަކަށް ނުވާނެތީ އެވެ. އަނެއް ކަމަކީ އާރތު ނަރު ގުޅުމުން، މިގޮތަށް ބަދަލުވިކަމުގައި ވިއަސް، ރައްކާތެރިކަން ބޮޑުކަމެވެ.
އާރތު ބޭނުން ނުވާ ތަކެތި
ބައެއް ތަކެއްޗަށް އާރތު ނަރު ބޭނުމެއް ނުވެއެވެ. މިފަދަ ތަކެތިން މީހާގެ ގައިގައި ފަސޭހައިން ކަރަންޓު ޖެހޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެ ތަކެތި ހަދާފައި ހުންނަނީ ދެ ފަށަލައަކުން ކަރަންޓު ދަފަރާ ކޮށްފައެވެ. ނަރުގެ ދާފަރާ ހަލާކުވިއަސް، ނަރު ޖެހެން އޮންނާނީ ޕްލާސްޓިކް ބައެކެވެ. މިފަދަ ތަކެތީގެ ތެރޭގައި މި ޒަމާނުގެ ބުރުމާ ހިމެނެއެވެ. ބުރުމާގެ ތޮށިގަނޑު ހަދާފައި ހުންނަނީ ޕްލާސްޓިކުންނެވެ. ދެން އެތެރޭގައިވާ ބައިތައް ވެސް ވަނީ އިތުރު އެއް ދާފަރާއަކުން ލައިން ނަރު ރައްކާތެރިކުރެވިފަ އެވެ. މިބާވަތުގެ ތަކެއްޗަށް އިޝާރާތް ކުރަން ”ޑަބަލް އިންސިއުލޭޓަޑް“ މި ޢިބާރާތް ބޭނުން ކުރެއެވެ. މާނައަކީ ދެފަހަރު އިންސިއުލޭޓް ކުރެވިފައިވާ މިއެވެ. ރަމްޒެއްގެ ގޮތުގައި ބޭނުންކުރަނީ ތިރީގައިވާ ނިޝާނެވެ.
ޕޮލަރައިޒްޑް ޕްލަގު
ތިން ފައިކަށިލީ ޕްލަގެއް ނުވަތަ ތްރީ ޕިން ޕްލަގެއް، އެ ޖަހަން ހަދައިފައިވާ ގޮތަށް ނޫންގޮތަށް އެކޮޅުކޮޅުން ޖަހަން ފަސޭހައެއް ނުވާނެއެވެ. މިހެން ދެންނެވިއަސް ޤަޞްދުގައި ޖަހަން ބޭނުން ނަމަ، ރާއްޖޭގައި ބޭނުންކުރާ ހަތަރުއަރިއަށް ފައިތައް ހުންނަ ޕްލަގު، ބައެއް ކަހަލަ ސޮކެޓަށް އެކޮޅުކޮޅުން ޖެހިދާނެއެވެ. ރާއްޖޭގައި ކުރިން ބޭނުން ކުރި ވަށް ޕްލަގުވެސް މިފަދައެވެ. އާރތު ފައިކަށި ނެތްނަމަ، ބައެއް ބާވަތުގެ ޕްލަގު ދެގޮތަށް ޖެހޭނެއެވެ. މިސާލެއްގެ ގޮތުން ތިރީގައިވާ ދެބާވަތަށް ވިސްނާށެވެ.
މަތީގައިވާ ދެ ބާވަތުގެ ޕްލަގަކީ ކަނާތްފަރާތް ވާތްފަރާތަށް އަނބުރައި އަދި އަނެއް ކޮޅަށް ވެސް ޖެހޭނޭ ދެވައްތަރެވެ. އެހެންކަމުން، ލައިން ނަރާއި ނިއުޓްރަލް ނަރު ބަދަލުވާގޮތަށް ނުވަތަ އޮޅޭގޮތަށް އެއްޗަކަށް ކަރަންޓު ދެވިދާނެއެވެ. ރައްކާތެރިކަމުގެ ގޮތުން މޮޅު ޕްލަގުތަކަކީ ފައިކަށިތައް ސޮކެޓްގެ ވަކިލޯވަޅަކަށް ނޫން އެހެން ލޯވަޅަކަށް ނުވަންނަގޮތަށް ހަދައިފައިވާ ޕްލަގެވެ. މިފަދަ ދެތިން ހަތަރު ވައްތަރުގެ ޕްލަގު ހުރެއެވެ. ތިރީގައި އެވަނީ އޮސްޓްރޭލިއާ އާއި ނިއުޒީލެންޑްގައި ބޭނުން ކުރާ ޕްލަގާއި ސޮކެޓެވެ. ފާހަގަ ކުރެވޭނޭ ފަދައިން ޕްލަގުގައި އާރތު ނަރު ނެތަސް، ލައިން ނަރު ބަދަލުވާ ގޮތަކަށް ސޮކެޓަށް ޕްލަގެއް ނުޖެހޭނެއެވެ.
އެމެރިކާގައި އަދި ޖަޕާނާއި ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކުގައި، ޕްލަގުތައް އާރތުނަރު ނުހިމަނާ ދެގޮތަކަށް ނުޖެހޭ ގޮތް ހެދުމަށް އެއް ފައިކަށި ފުޅާ ކޮށްފައި ހުރެއެވެ. އެއްލޯވަޅުތަކަކަށް ނޫންގޮތަށް ޕްލަގުގެ ފައިކަށިތައް ނުވަންނަގޮތް ހެދުމަށް ކިޔަނީ ޕޮލަރައިޒް ކުރުމެވެ. މިބާވަތުގެ ޕްލަގު ތަކަކީ ޕޮލަރައިޒްޑް ޕްލަގު ތަކެވެ. ޕޮލަރައިޒްޑް ޕްލަގުތައް ހަދަނީ ދެފައިކަށި ދެވަރަށް ނުވަތަ ކަތިކޮށް ބަހައްޓައިގެންނެވެ. މިގޮތަށް ޕްލަގު ހެދުމަކީ ސަލާމާތްތެރިކަމަށް ބަލާއިރު ރަނގަޅު ކަމެކެވެ. ދިވެހިރާއްޖޭގައި ބޭނުންކުރާ ޕްލަގަކީ ޕޮލޮރައިޒްޑް ޕްލަގެއް ނޫނެވެ.
އެކި ޤައުމުތަކުގައި ބޭނުންކުރާ ޕްލަގުތައް
ގާތްގަޑަކަށް ވިއްސަކަށް ބާވަތުގެ ތަފާތު ޕްލަގުތައް ދުނިޔޭގެ އެކި ޤައުމުތަކުގައި ބޭނުން ކުރަމުން ދެއެވެ. ދުނިޔޭގެ ޗާޓަށް ވިސްނާލުމުން ފާހަގަ ކުރެވެނީ، އިސްތިޢުމާރީ ބާރާއި ނުފޫޒަކީ ޤައުމެއްގެ ޕްލަގު ގެ ވައްތަރު ކަނޑައަޅާ އެއްޗެއް ކަމެވެ. އެމެރިކާގެ ޕްލަގު، ޖެހިގެން އުތުރަށް އޮތް ކެނެޑާގައި ބޭނުން ކުރެއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައާ ގުޅިގެން ހިނގާދިޔާ ކަންތައްތަކުންޖަޕާނާއި ޓައިވާނާއި ފިލިޕީންސްގައި ބޭނުން ކުރަނީ އެމެރިކާގެ ޕްލަގެވެ. ލީބިޔާ އިސްތިޢުމާރު ކުރީ އިޓަލީ ވިލާތުން ކަމަށްވާތީ، ލީބިޔާގައި ބޭނުން ކުރަނީ އިޓަލީ ވިލާތުގެ ޕްލަގެވެ. އިނގިރޭސިވިލާތުގެ ދަށުގައި އިންޑިޔާ އާއި ސްރީ ލަންކާ އޮތުމުން، އެތަންތަނުގައި ބޭނުން ކުރަމުން ދިޔައީ އިނގިރޭސި ވިލާތުގައި ބޭނުން ކުރި ޕްލަގެވެ. ކިތަންމެ ޤައުމެއްގެ އެއް ބާވަތަށްވުރެ ވުރެ ގިނަ ބާވަތުގެ ޕްލަގު ޢާއްމުކޮށް ބޭނުން ކުރެއެވެ. ތިރީގައި އެވާ ދުނިޔޭގެ ޗާޓުގައި ވަނީ ވަކި ބާވަތެއްގެ ޕްލަގު ބޭނުން ކުރާ ރަށްރަށް ފާހަގަކޮށްފައެވެ. އެކި ކުލައިން ރޮނގުދަމާފައި އެވަނީ އެއް ބާވަތަށް ވުރެ ގިނަ ބާވަތުގެ ޕްލަގު ބޭނުންކުރާ ޤައުމުތަކެވެ. ބައެއް ޤައުމުތަކުގައި ބޭނުންކުރާ ޕްލަގު އެހެން އެއްވެސް ޤައުމެއްގައި ބޭނުމެއް ނުކުރެއެވެ. މިސާލެއްގެ ގޮތުން ތައިލަންޑްގައި ބޭނުންކުރާ ވަށް ފައިކަށިލީ ޕްލަގު އެހެން އެއްވެސް ޤައުމެއްގެ ޕްލަގަކާ ދިމަލެއް ނުވެއެވެ. އެ ޕްލަގު ތިރީގައިވާ ޗާޓުގައި ދައްކާފައެއް ނުވެއެވެ.
ބައެއް ޕްލަގުތަކަށް ފުންކޮށް ނަޒަރު ހިންގާލުން
ދެން ބަލައިލާނީ ބައެއް ޕްލަގުތަކަށް ތަފްޞީލީ ލޮލަކުންނެވެ. މިގޮތުން، އެންމެ ފުރަތަމަ ބަލައިލާނީ އޮސްޓްރޭލިއާގައި ބޭނުން ކުރާ ޕްލަގަށެވެ. އޮސްޓްރޭލިއާގައި ބޭނުންކުރުމަށް ނިންމީ އެމެރިކާގައި 1920 ގައި ބޭނުން ކުރަމުން ދިޔަ ތަފާތު ޕްލަގުތަކުގެ ތެރެއިން ވައްތަރެކެވެ. އޮސްޓްރޭލިއާގައި އެ ދުވަސްވަރު ތަފާތު 71 ބާވަތުގެ ޕްލަގުތައް ބޭނުން ކުރަމުން ދާތީ، ވަކި މިޢުޔާރެއް ނުވަތަ ސްޓޭންޑަރޑް އެއް ކަނޑައެޅުމުގެ ގޮތުން، ހުއްދަދެވޭ ޕްލަގަކީ މި ބާވަތުގެ ޕްލަގުކަމަށް ނިންމީ 1938 ވަނަ އަހަރު އެވެ. މި ޕްލަގަށް ނިންމި މައިގަނޑު ސަބަބަކީ މިއީ ހަދަން ވަރަށް ފަސޭހަ އެއްޗެއްކަމަށް ވާކަމެވެ. ލޯ ނުވަތަ ރަންވަންލޯ ފަތިތަކެއް ބުރިކޮށްގެން އޭގައި ލޯވަޅެއް އަޅައި އިސްކުރު ޖަހައިގެން ޕްލަގެއް ހެދޭނެއެވެ. ވަށްފައިކަށިލީ ސޮކެޓަކަށް ވުރެ، މިބާވަތުގެ ސޮކެޓް ހަދަން އަގުހެޔޮ ވެފައި އެހާ ފަސޭހައެވެ. ފައިކަށިތައް ހަދަންދާ މަޢުދަން ވަށްފައިކަށި ހެދުމަށް ވުރެ މަދެވެ. މިގޮތަށް ނިންމުމާ ގުޅިގެން އޮސްޓްރޭލިއާގެ ނުފޫޒުގެ ދަށުގައި ނުވަތަ ގާތުގައިވާ ހުރިހާ ގައުމެއް މި ބާވަތުގެ ޕްލަގު ބޭނުން ކުރަން ފެށިއެވެ. އެހެންކަމުން ފިޖީ އާއި ނިއުޒީލެންޑް އާއި ޕެޕުއާ ނިޔު ގިނީ އާއި އެހިސާބުގެ ޕެސިފިކް މާކަނޑުގައިވާ ގިނަ ޤައުމުތައް ބޭނުން ކުރަމުން ދަނީ މި ބާވަތުގެ ޕްލަގެވެ. ކަންދިމާވިގޮތުން، އެމެރިކާގައި މިބާވަތުގެ ޕްލަގު ބޭނުންކުރުންވަނީ އުވިގެން ގޮސްފައެވެ.
ކުރެހުމުން ފާހަގަ ކުރެވޭނޭ ފަދައިން މި ޕްލަގަކީ ހެދުމަށް ފަސޭހަ ޕްލަގެއްގެ އިތުރަށް ޕޮލަރައިޒް ކޮށްފައިވާ ޕްލަގެކެވެ. ސޮކެޓްގައި ފައިކަށިތައް ހުންނަ ގޮތުން، މިބާވަތުގެ ޕްލަގަށް ”ކާޅުފައި“ ޕްލަގޭ ވެސް ކިޔައެވެ. މީގެ އިތުރަށް ވަރަށް މަތީ ކަރަންޓު (ދިހަ އެމްޕިއަރު) މި ޕްލަގުން ނެގެއެވެ. އެ ދުވަސްވަރު އިނގިރޭސި ވިލާތުގައި ބޭނުން ކުރި ވަށް ޕްލަގުން ނެގެނީ ފަސް އެމްޕިއަރެވެ. ދިހަ އެމްޕިއަރަށް ވުރެ ގިނަ ކަރަންޓު ބޭނުންވާ ނަމަ، ހަމަ މި ބާވަތަށް ހުންނަ ތަންކޮޅެއް ބޮޑެތި ޕްލަގު ހުރެއެވެ. ޕްލަގުގެ އާރތު ފައިކަށި ވަނީ ތިރީގައިކަން ފާހަގަ ކުރިންތޯ އެވެ؟ މީގެ ބޭނުމަކީ، ޕްލަގުގެ ވައު ގަނޑަށް ދަމައިގަނެފިނަމަ، އެންމެ ފަހުން ސޮކެޓުން ވަކިވާނީ ރައްކާތެރިކަންދޭ އާރތު ފައިކައްޓެވެ. ޕްލަގު ޖަހާއިރު، ފައިކަށިތަކުގައި އަތްލެވިގެން ކަރަންޓުގައި ޖެހިދާނެތީ، ފައިކަށީގެ ބުޑުވަނީ ޕްލާސްޓިކުން ދާފަރާކޮށްފައިކަން ފާހަގަ ކުރާށެވެ. މި ޕްލަގުގެ އަނެއް މަންފާ، ޕްލަގުގުޅާފައިވާ ވައުގަނޑަށް ވިސްނާލުމުން ފާހަގަވާނެއެވެ. ވައުގަނޑު ޕްލަގާ ގުޅެނީ ފައިކަށިތަކާ ދިމާވާގޮތަށް ޕްލަގުގެ މެދާއެވެ. ރާއްޖޭގައި ގެންގުޅޭ ޕްލަގުތަކުގެ ވައުގަނޑު ހުންނަނީ ފައިކައްޓާ ވަޑިފަތިކޮށެވެ. އެހެންކަމުން، ބިންމަތީގައި ޕްލަގު އޮތްނަމަ، އޭގެ ފައިކަށިތަކުގެ މައްޗަށް ފައިން އެރި ޒަހަމެއް ވެދާނެއެވެ. ނަމަވެސް އޮސްޓްރޭލިއާ ޕްލަގެއް ވެއްޓުމުން ފައިކަށިތައް މައްޗަކަށް ނު އޮންނާނެއެވެ. ސޮކެޓްގެ ލޯވަޅުތައް ހަނިކަމުން، ވަށް ނުވަތަ ހަތަރެސްކަން ފައިކަށިލީ ސޮކެޓަށް ވަންނަހާ ފަސޭހައިން، ކަރަންޓުގައި ޖެހިދާނެ ފަދަ އެއްޗެއް ބޭނުމުގެ ފުރުޞަތު ކުޑަވާނެއެވެ.
ދާދިފަހުން، ޗައިނާއިން ޤައުމީ ޕްލަގެއް ޚިޔާރުކުރިއިރު، އެމީހުން ޚިޔާރުކުރީ އޮސްޓްރޭލިއާގެ ޕްލަގެވެ. ނަމަވެސް ފައިކަށިތައް އެއް މިލިމީޓަރު ދިގު ކުރިއެވެ. އަދި، އާރތުފައިކަށި މައްޗަށް އިންނަގޮތަށް ހެދިއެވެ. މިގޮތަށް ހެދުމުގެ ބޭނުމަކީ ޕްލަގަށް ކަރަންޓު ދީފައިވަނިކޮށް، ފަހަރެއްގައި ވެސް، ޕްލަގާ ސޮކެޓާ ދެމެދަށް ތިލައެއް ފަދަ އެއްޗެއް ވެއްޓި ލައިން ނުވަތަ ނިއުޓްރަލްއާ ޖެހުމުގެ ފުރުޞަތު ނުދިނުމެވެ. ޗައިނާ ފަދަ ބޮޑު ޤައުމަކުން މި ޕްލަގު ޚިޔާރު ކުރުމުން، އެކަމުގެ އަސަރުތައް މުޅި ދުނިޔެއަށް، ޚާއްޞަކޮށް އޭޝިއާ އަށް ފެތުރިގެން ދާނެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް މި ޕްލަގު އިތުރަށް ފަރިތަވާނެއެވެ.
އޮސްޓްރޭލިއާގައި ބޭނުންކުރާ ޕްލަގުގެ ވާހަކައަށް ފަހު އަހުރެން ދެން ބަޔާންކުރާނީ ޖަރުމަނުގައި ބޭނުންކުރާ ޕްލަގުގެ ވާހަކައެވެ.
ޖަރުމަނުގައި 1928 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން ދިޔަ ޕްލަގު މަތީގައި އެވަނީ އެވެ. ޕްލަގު ތައާރަފުކުރެވުނީ އެހެން ޤައުމުތަކަށް އިލެކްޓްރިކް ޢާއްމުވުމުގެ ކުރިން ކަމާއި ރައްކާތެރިކަން ބޮޑުކަމުން މި ޕްލަގު ބޭނުން ކުރާ ޤައުމުތަކުގެ ޢަދަދު 60 އަށް ވުރެ ގިނައެވެ. ޕްލަގަށް ރައްކާތެރިކަން ލިބެނީ ދެކަމެއްގެ ސަބަބުންނެވެ. އެއްކަމަކީ، ޕްލަގުޖެހޭ ބައި، ސޮކެޓްގައި އަޑިއަށް ޖެހިފައިވާތީ، ޖަހާއިރު، ފައިކަށިތަކުން އަތުގައި ކަރަންޓު ޖެހުމުގެ ފުރުޞަތު ނެތުމެވެ. ދެވަނަ މޮޅުކަމަކީ އެންމެ ފުރަތަމަ ގުޅެނީ އާރތުކަމަށް ވާކަމެވެ. މީގެ އިތުރަށް މި ޕްލަގުން 16 އެމްޕިއަރު ނެގެއެވެ. މިއީ ދިވެހިރާއްޖޭގައި ބޭނުންކުރާ ޕްލަގުތަކަށް ނުކަތާހާ ބޮޑު ޢަދަދެކެވެ. އަވަން ތަކާއި އެއަރ ކޮންޑިޝަންތަކުން ފެށިގެން އާދައިގެ ރޭޑިއޯތަކަށް ކަރަންޓު ދިނުމަށް ވެސް މި ޕްލަގު ފުދެއެވެ. އާރތު ނުލާ ގުޅަންޖެހޭ އެއްޗެތި ގުޅުމަށް ވެސް މި ޕްލަގު އެކަށީގެން ވެއެވެ.
ދެން އަހުރެން ބަޔާން ކުރާނީ، ރާއްޖޭގައި ބޭނުން ކުރާ ހަތަރުއަރިއަށް ހުންނަ ފައިކަށިލީ ޕްލަގުގެ ވާހަކައެވެ.
ދަންނައެވެ. މި ޕްލަގަކީ، އިނގިރޭސި ވިލާތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ތަޢާރުފު ކުރެވުނު ޕްލަގެކެވެ. މީގެ ކުރިން އިނގިރޭސި ވިލާތުގައި ވެސް ބޭނުންކުރަމުން އައީ ރާއްޖޭގައިވެސް ކުރިން ބޭނުން ކުރަމުން އައި ވަށްފައިކަށިލީ ޕްލަގެވެ. މި ޕްލަގު ތަޢާރުފު ކުރުމަށް ދިމާވި ސަބަބުކަމަށް ކިޔަނީ އަންނަނިވި ސަބަބެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު، އިނގިރޭސި ވިލާތުގައި ލޯ ނަރު މަދު ވެދާނެތީ، ޚަރަދު ކުޑަގޮތަކަށް ވައިރު ކުރުމަށް، އެހެން ގޮތަކަށް އެކަން ކުރުމަށް ނިންމިއެވެ. ރާއްޖޭގައި އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެ ދުވަސްވަރު ގެ ވައިރުކުރާ ގޮތަކީ ސަޕުލާއިން ޑިސްޓްރިބިއުޝަން ބޯޑު ނުވަތަ ޑީބީ އަކުން އެކި ކޮޓަރިތަކަށް ނަރު އެޅުމެވެ. ކޮޓަރިތައް ގިނަ ނަމަ، ދުރުގައި އެހެން ޑީބީ އެއް ނުވަތަ ޖަންކްޝަން ފޮއްޓެއް ބަހައްޓައި އެއިން ނަރު އަޅާނީއެވެ. މިގޮތަށް ކުރެވޭ ވައިރުގެ ވިޔުގައަށް ކިޔަނީ ރޭޑިއަލް ސާރކިޓް އެވެ. ތިރީގައި އެވާ ކުރެހުމުގައި އެވަނީ ރޭޑިއަލް ސާރކިޓެކެވެ.
މަތީގައިވާ ވިޔުގައާ ޚިލާފަށް، ވައިރުކުރާއިރު ހުރިހާ ސޮކެޓްތަކެއް އެންމެ ތިން ނަރަށް ”އަމުނައި“ ނިމޭކޮޅު ފެށޭކޮޅާ ގުޅިދާނެއެވެ. މިގޮތަށް ހަދައިފިނަމަ، ކޮންމެ ސޮކެޓަކަށް ކަރަންޓު އަންނާނީ ރިންގު ދެ ކޮޅުންނެވެ. އެހެންކަމުން، ނަރު ހިމަކުރެވިދާނެއެވެ. ނަރުގެ ޚަރަދު ކުޑަކުރެވިދާނެއެވެ. އެހެން ނޫންނަމަ، ގާތުގައިވާ ސޮކެޓްތަކަށް ޖެހޭނީ ވަކިން ތިން ފަލަ ނަރު ޑީބީއިން ގެންދާށެވެ. މިއީ އެތައް ނަރެއް ޚަރަދުވާނޭ ކަމެކެވެ. މިގޮތަށް ވައިރުކުރާ ވިޔުގައަށް ކިޔަނީ ރިންގ ސާރކިޓެވެ. ރިންގ ގެ މާނައަކީ ވަށްބުރެވެ. ޑީބީގައި ރިންގ އަށް ކަރަންޓު ދެނީ 32 އެމްޕިއަރުގެ ފިޔުޒެއް ނުވަތަ ބުރޭކަރެއް މެދުވެރިކޮށެވެ. 32 އެމްޕިއަރަކީ ރާއްޖޭގައި ވައިރުކުރަން ގެންގުޅޭ ނަރުން ނުހިފާހާ ގަދަ ކަރަންޓެކެވެ. އެހެންކަމުން، ރައްކާތެރިކަމަށްޓަކައި، ރިންގ އާ ގުޅާ ކޮންމެ އެއްޗަކަށް ވަކި ފިޔުޒެއް ހިމަނަން ނިންމައި، އެ ފިޔުޒު ޕްލަގުގެ އެތެރޭގައި ލުމަށް ކަނޑައެޅީއެވެ. ކުރިން ބަޔާން ކުރެވުނުހެން، މިގޮތަށް ނިންމީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު، އިނގިރޭސި ވިލާޓް ބަގުރޫޓުވާން ކައިރިވެ، ރަތުލޯ މަދުވެފައިވާތީއެވެ.
މިހެންކަމުން، އިނގިރޭސި ވިލާތުގައި ބޭނުން ކުރާ ކޮންމެ ޕްލަގެއްގައި ފިޔުޒެއް ހިމެނޭނެއެވެ. މި ފިޔުޒުގެ މިންވަރު ކަނޑައަޅަނީ ރިންގ އާ ގުޅާ އެއްޗަކުން ކަރަންޓް ނަގާ މިންވަރެއްގެ މައްޗަށެވެ. ޢާއްމުކޮށް ހުންނަނީ 3 އެމްޕިއަރާއި 5 އެމްޕިއަރާއި 13 އެމްޕިއަރުގެ ފިޔުޒެވެ. އެންމެ މައްޗަށް ޕްލަގުން ނެގޭނީ 13 އެމްޕިއަރު ކަމަށް ނިންމާފައި ވެއެވެ. ފައިކަށިތައް ހުންނަނީ ފަލަކޮށް ހަތަރުއަރިއަށެވެ. ލައިން އާއި ނިއުޓްރަލް ފައިކަށީގައި، ސޮކެޓަށް ޖަހާއިރު އަތްލެވިދާނެތީ، ޕްލާސްޓިކް ހޮޅިކޮޅެއް ލާފައި ވެއެވެ. ކަރަންޓު ވައުގަނޑު ގުޅުމުން ވައު އޮންނާނީ ފައިކަށިތަކާ ވަޑިފަތިކޮށެވެ. އެހެންކަމުން، ވައުގަނޑުގައި ހިފައި ދަމައިގަނެގެން އުފުރައެއް ނުލެވޭނެއެވެ. ޕްލަގު ޖަހާއިރު، އެންމެ ފުރަތަމަ ގުޅޭނީ އާރތު ނަރެވެ. ކޮންމެ ސޮކެޓެއްގައި ސްވިޗެއް ހިމެނޭނެއެވެ. އަދި ކަރަންޓު ހުރެދާނޭ ސޮކެޓްގެ ލޯވަޅުތައް ހުޅުވޭނީ، އާރތު ލޯވަޅަށް އެއްޗެއް ބޭނުމުންނެވެ. އެހެންކަމުން، ކުޑަކުއްޖަކަށް ލައިން ނުވަތަ ނިއުޓްރަލް ލޯވަޅަށް އެއްޗެއް ވެއްދުމުގެ ފުރުޞަތެއް ނޯންނާނެ އެވެ.
އާދެ! ރައްކާތެރިކަމުގެ ގޮތުން ހަތަރު އަރި ފައިކަށިލީ ޕްލަގަކީ ރަނގަޅު ޕްލަގެކެވެ. ނަމަވެސް ރާއްޖެއަށް އަދި އެހެން ޤައުމުތަކަށް މި ޕްލަގު ރަނގަޅު ހެއްޔެވެ؟
ދިވެހިރާއްޖެއަށް ހަތަރުއަރި ފައިކަށިލީ އިނގިރޭސި ވިލާތުގެ ޕްލަގުތަކާއި ސޮކެޓްތައް ޢާއްމުވީ 1980 ގެ އަހަރުތަކުގައި، އިނގިރޭސި ވިލާތުން އެސްޓީއޯ އަށް މިތަކެތި ގެނެސް ވިއްކަން ފެއްޓުމުންނެވެ. ސަރުކާރުގެ ތަންތަނަށް ގަންނަ ތަކެތި އެދުވަސްވަރު ގަނެވެނީ ހަމައެކަނި އެސްޓީއޯ އިން ކަމުން، ސަރުކާރުގެ ޢިމާރާތްތަކުގައި މިތަކެތި ބޭނުންކުރަމުން ދާން ފެށިއެވެ. އެ ދުވަސްވަރު އަޅުގަނޑު އެސްޓީއޯ އިން ގަތް ޕްލަގާއި ސޮކެޓްގައި ލިޔެފައިވަނީ އެ އުފެއްދީ އިނގިރޭސި ވިލާތުގެ ”ކްރޭބްޓްރީ“ ކުންފުނިން ކަމަށެވެ. ރައްޓެއްސެއް ބުނިގޮތުގައި، އެ ދުވަސްވަރު ”ޓެންބީ“ ކުންފުނީގެ ތަކެތި ވެސް ވިއްކިއެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް، ރާއްޖޭގައި ވަކި ޕްލަގެއް ބޭނުންކުރުމަށް ރަސްމީގޮތުން ކަނޑައަޅާފައެއް ނުވެއެވެ.
ސަރުކާރުގެ އިދާރާއިން ވައިރު ކުރުމުގެ ގަވާއިދުތައް ކަނޑައެޅިއިރު، އެއް ސާކިޓެއްގައި ދެ ސޮކެޓަށް ވުރެ ގިނައިން ނުހިމެނޭނޭކަމަށް ބަޔާންކޮށްފައި ވެއެވެ. މިހެން ކަމުން، ދިވެހިރާއްޖޭގައި ރިންގ ސާރކިޓެއް ބޭނުމެއް ނުކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން، އިނގިރޭސި ވިލާތުގައި މި ބާވަތުގެ ޕްލަގު ފަރުމާކުރި ބޭނުމަށް ރާއްޖޭގައި މި ޕްލަގެއް ބޭނުމެއް ނުކުރެވޭނެއެވެ. މި ޕްލަގުގެ އެހެން މައްސަލަތަކުގެ ތެރޭގައި، އެހެން ޤައުމުތަކުގައި ބޭނުންކުރާ ޕްލަގުގެ ދެ ޕްލަގުހަދާ ހާ މަޢުދަނާއި ޕްލާސްޓިކް، މި ޕްލަގު ހެދުމަށް ބޭނުން ވެއެވެ. މިކަމުގެ ސަބަބުންނާއި، ޕްލަގުގެ އެތެރޭގައި ފިޔުޒެއް ހިމެނޭތީ، އެހެން ޕްލަގަކަށް ވުރެ މި ޕްލަގު ހެދުމަށް ކުރަންޖެހޭ ޚަރަދު ޑަބަލް ބޮޑެވެ. މިއީ އަގުބޮޑު ޕްލަގެކެވެ. އަނެއް މައްސަލައަކީ ބިންމަތީގައި ޕްލަގު އޮންނަ ގޮތުން، ފައިކަށިތަކަށް ފައިން އެރެމުގެ ފުރުސަތު ބޮޑުކަމާއި، ކިތަންމެ ކުޑަ ކަރަންޓެއް ނަގާ އެއްޗަކަށް ވެސް، މިބޮޑު ޕްލަގު ބޭނުންކުރަންޖެހޭ ކަމެވެ. ޑަބަލް އިންސިއުލޭޓް ކުރި އެއްޗެއް ކަމުގައި ވިއަސް، އަދި އާރތު ނަރު ބޭނުން ނުވިއަސް، އިނގިރޭސި ވިލާތުގެ ގަވާއިދު ބުނާގޮތުން ބޭނުން ކުރަންޖެހޭނީ މި ޕްލަގެވެ. އެ ޤައުމުގައި ދެފައިކަށިލީ ޕްލަގު ބޭނުން ކުރުން ހުއްދަކުރެވިގެން ނުވެއެވެ. ރައްކާތެރިކަމުގެ ގޮތުން ބަލާއިރު، ރާއްޖޭގައި ކިތަންމެ ކުޑަ ކަރަންޓެއް ނަގާ އެއްޗަކަށް ވެސް ބޭނުންކުރަނީ 13 އެމްޕިއަރުގެ ފިއުޒެވެ. އެހެންކަމުން، ޕްލަގުގައި ފިއުޒު ހިމެނުނަސް، ފިއުޒު އަނދައިގެން ގޮސް އެ ބަދަލުކުރި ވާހަކަ އަޅުގަނޑު އަޑެއް ނާހަމެވެ. އެހެންކަމުން ފިއުޒު އިނުމުގެ ސަބަބުން ލިބޭ ރައްކާތެރިކަން ވަރަށް ކުޑައެވެ.
މީގެ އިތުރަށް، މި ޒަމާނުގައި ވައިރުކުރާއިރު، ޓެކްނޯލޮޖީއަށް އައި ބަދަލެއްގެ ސަބަބުން، މީހުން ބޭނުން ކުރަނީ ރޭޑިއަލް ސާކިޓެވެ. ކޮންމެ ކޮޓަރިއަކަށް ވަކި ޑީބޯޑެކެވެ. އެ ޑީބޯޑުން އެކި ތަކެއްޗަށް ކަރަންޓުދެނީ ޕްރޮގްރާމް ކުރެވޭ މައިކްރޯކޮންޓްރޯލަރެއް ނުވަތަ ޕީއެލްއޭ (ޕީއެލްސީ) މެދުވެރިކޮށެވެ. ކިތަންމެ އެއްޗެއް ކޮންޓްރޯލްކުރަނީ ފޯނުންނެވެ. މި ސަބަބާހެދި، މި އަގުބޮޑު ޕްލަގުގެ ބޭނުންތެރިކަން ވަނީ ވަރަށް ކުޑަވެފައެވެ. އިނގިރޭސި ވިލާތުން މިހާރު ޕްލަގެއް ފަރުމާކުރާ ނަމަ، މިހާރު އޮތްގޮތަށް ފަރުމާ ނުކުރާނެކަމަށް މީހުން ބުނެއެވެ.
ހޭލުންތެރިކަން ކުޑަކަމާ އެކު، ރާއްޖޭގައި ހަތަރުއަރި ފައިކަށިލީ ޕްލަގުގެ ފުރިހަމަ ބޭނުމެއް ނުކުރެވެއެވެ. މިގޮތުގެ މަތިން އަޅުގަނޑު ފާހަގަކޮށްލާ އަނެއް ކަމަކީ، 9000 ބީޓީޔޫގެ އެއަރ ކޮންޑޝަނަރެއް ގުޅަން މި ޕްލަގު ބޭނުން ކުރެވުނަސް، އެކަން ކޮންގެން ނުވާނެކަމަށް ބައެއް ފަރާތްތަކުން ބުނާކަމެވެ. އެސްޓިއޯ އިން ވިއްކާ އެއަރ ކޮންޑިޝަނަރެއް ގުޅަންޖެހޭނީ 15 އެމްޕިއަރުގެ ވަށްފައިކަށިލީ ޕްލަގަކާ ކަމަށް އެމީހުންގެ ވޮރަންޓީ ލިޔުމުގައި ވެއެވެ. ނަމަވެސް 9000 ބީޓީޔޫ ގެ އެއަރ ކޮންޑިޝަނަރ އަކަށް 13 އެމްޕިއަރެއް ނުނަގައެވެ. ހަތަރެސްކަން ފައިކަށިލީ ޕްލަގެއް މެދުވެރިކޮށް ގުޅައިފިނަމަ، ވޮރަންޓީ ބާޠިލް ވެއެވެ. މިހެން ކަމަކު 15 އެމްޕިއަރުގެ ވަށް ފައިކަށިލީ ޕްލަގަކީ އިނގިރޭސި ސްޓޭންޑަރޑްގައި މިހާރު ހިމެނޭ އެއްޗެއް ނޫނެވެ. ރާއްޖޭގައި އިނގިރޭސި ވައިރުކުރުމުގެ ސްޓޭންޑަރޑް ބޭނުން ކުރަނީ އެކިތަންތަންކޮޅު އެ ގަވާއިދުން ނަގައިގެންނެވެ.
ރާއްޖޭގެ ބައެއް ގޭގޭގައި، ޚާއްޞަކޮށް މާލޭގެ ބައެއް ގޭގޭގައި، މިހާރަކަށް އައިސް އަވަން އާއި ފެން ހޫނުކުރާ މެޝިން ބޭނުން ކުރެއެވެ. ބައެއް ތަކެއްޗަށް 13 އެމްޕިއަރަށް ވުރެ ގިނަ ކަރަންޓު ނަގައެވެ. އެހެންކަމުން މި ޖެހެނީ އެކި ކަންކަމަށް އެކި ޕްލަގު ބޭނުން ކުރާށެވެ. ގޭގައިވާ ހުރިހާ އެއްޗަކަށް ބޭނުންކުރެވޭ އަގުހެޔޮ އެއް ޕްލަގަކީ ކޮބައިތޯއެވެ؟
ދުނިޔޭގެ ހުރިހާ ޤައުމެއް ބޭނުންކުރާނޭ އެއް ޕްލަގު؟
ޕްލަގުތަކާ ބެހޭ ބައިނަލް އަޤްވާމީ އިދާރާއެއް ވެއެވެ. އެއީ އިންޓަރނޭޝަނަލް އިލެކްޓްރޯޓެކްނިކަލް ކޮމިޝަން (އައި.އީ.ސީ) އެވެ. މި ޖަމްޢިއްޔާއިން ވަރަށް ގިނަ ދުވަހު މަޝްވަރާ ކުރުމަށްފަހު، ހުރިހާ ޤައުމަކުން ބޭނުން ކުރެވިދާނޭ އެއް ޕްލަގެއް ކަނޑައަޅާފައި ވެއެވެ. އެ ޕްލަގުގެ ފޮޓޯއެއް ތިރީގައި އެވަނީ އެވެ.
މި ޕްލަގަކީ، ހެދުމަށް ޚަރަދުކުޑަ އަގުހެޔޮ ޕްލަގެކެވެ. ކުރިން ބަޔާން ކުރެވުނު ސަލާމަތީ ހުރިހާ ކަމެއް ހިމެނުމާއި އެކު 16 އެމްޕިއަރު އާ ހަމައަށް ބޭނުން ކުރެވެއެވެ. މިއީ ގެއެއްގައި ޢާއްމުކޮށް ބޭނުން ކުރާނޭ އެންމެ މަތީ ކަރަންޓެވެ. އަވަނުން ފެށިގެން ފޯނު ޗާރޖުކުރަން މި ޕްލަގު ބޭނުން ކުރެވޭނެއެވެ. މިއާއެކު ސައިޒު ކުޑަކަމުން އާދައިގެ އެއް ޕްލަގު ޖެހޭ ސޮކެޓެއްގެ ޖާގައިގައި މީގެ ތިން ޕްލަގު ޖެހޭނެއެވެ. ބިންމަތީގައި އޮންނަ އިރު ފައިކަށިތަކަށް ފައިން އެރޭ ގޮތެއްނުވާނެއެވެ. މިހާރުވެސް ދުނިޔޭގައި ބޭނުން ކުރާ ވަރަށް ގިނަ ޕްލަގު، މި ޕްލަގު ޖެހޭ ސޮކެޓަށްޖެހޭނެއެވެ. މިއަދާ ހަމައަށް، މި ޕްލަގު ބޭނުން ކުރަނީ ހަމައެކަނި ސައުތު އެފްރިކާ އާއި ބްރޭޒިލް އެވެ.
ހުރިހާ ޤައުމެއް އެއް ޕްލަގެއް ބޭނުން ނުކުރަނީ ކީއްވެ؟
ހުރިހާ ޤައުމެއްގައި އެއް ޕްލަގެއް ބޭނުން ކުރެވޭތޯ އައި.އީ.ސީ އިންނާއި ޔޫރަޕިއަން ޔުނިއަނުން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ހަމައެކަނި ޔޫރަޕިއަން ޔުނިއަންގައި މިކަން ކުރުމަށް ވެސް 200 ބިލިއަން ޑޮލަރު ޚަރަދު ވާނޭ ކަމަށް ވެއެވެ. މިއާއެކު، އެއް ޕްލަގަކަށް ހުރިހާ ގައުމެއް ބަދަލުވުމުން، ކުރީގެ ޕްލަގުތައް އުކާލުމުން އުފެދޭ ކުނިވާނީ ތިމާވެށީގެ ބޮޑު ކާރިސާއަކަށެވެ. އެހެންކަމުން، ބޮޑެތި ޤައުމުތަކުން މިފަދަ ބަދަލެއް ގެންނާކަށް ބޭނުމެއް ނުވެއެވެ. މިއާއެކު، އެކި ޕްލަގު އުފައްދާ ކުންފުނިތަކުގެ މަޞްލަޙަތު ހިމެނޭތީ، މިއީކުރެވޭނޭ ކަމެއްކަމަކަށް ނުވެއެވެ. ނަމަވެސް، 2013 ވަނަ އަހަރު، ސައުތު އެފްރިކާ އައު ޕްލަގަކަށް ބަދަލުވި ފަދައިން، މިއީ ވަކި ޤައުމުތަކުން ކުރެވިދާނޭ ކަމެއް މެއެވެ. ރާއްޖޭގައި ވަކި ޤަވާޢިދެއް ޕްލަގާ ބެހޭ ގޮތުން އަދި ތަޢާރުފުކޮށްފައި ނުވާތީ، މިކަން ކުރުމަށް ރާއްޖެއަށް ފުރުޞަތު އެބައޮތެވެ. ސައުތު އެފްރިކާ ފަދައިން، އައި.އީ.ސީގެ ޕްލަގު ރާއްޖެއިން ޚިޔާރުކޮށްފިނަމަ، ދުނިޔޭގެ އެންމެ ރައްކާތެރި ޕްލަގު ރާއްޖޭގައި ވެސް ބޭނުން ކުރަން ފެށޭނެއެވެ. އަދި ވަރަށް ގިނަ ޤައުމުތަކުގައި ގެންގުޅޭ ޔޫރޯޕްލަގު ރާއްޖޭގެ ސޮކެޓްތަކަށް ޖެހޭނެއެވެ. ޔޫރޯޕްލަގަކީ ޔޫރަޕުގެ ގިނަ ޤައުމުތަކުގައި ގެންގުޅޭ ވަށް ދެފައިކަށިލީ ޕްލަގެކެވެ. ގިނަ މޮބައިލް ފޯނުތަކުގެ ޗާޖަރުގައި ހުންނަ ޕްލަގެވެ. މިފަދަ ބަދަލެއް ނުގެންނަނަމަ، ދިވެހީން ޖެހޭނީ ތަފާތު އެޑެްޕްޓަރުތައް ބޭނުން ކުރާށެވެ. އެޑެޕްޓަރުތަކަކީ ނުރައްކާތެރި އެއްޗެކެވެ. އެކި ފާޑުގެ ޕްލަގުޖެހޭ ސޮކެޓް ވެސް މިފަދައެވެ. ކަނާތް ފަރާތު ފޮޓޯގައި އެވާ އެތައް ބާވަތެއްގެ ފައިކަށި ހުންނަ ޕްލަގު ޖެހޭ ސޮކެޓްގައި، ފައިކަށިތައް ޖެހޭން ހުންނަ މަޢުދަންގެ އޭރިއާ ކުޑަކަމުން މިބާވަތުގެ ޕްލަގުން ގަދަ ކަރަންޓެއް ނަގަން އުޅޭނަމަ، ސޮކެޓްގައި ރޯވުމުގެ ފުރުޞަތު ބޮޑެވެ.
ނިންމާލުން
އަހުރެން މި މަޒުމޫނު ފެށީ ސުވާލެއް ކުރަމުންނެވެ. ކަރަންޓު ޓޮޕްގެ އާރތު ފައިކަށި އެހެން ފައިކަށްޓަށް ވުރެ ފަލައީ ކީއްވެގެންތޯ ސުވާލު ކުރަމުންނެވެ. މި ސުވާލުގެ ތެރެއިން، ޕްލަގުގެ ތާރީޚާއި، ބޭނުމާއި ސިފަތަކާއި ސަލާމަތީ ކަންތައްތަކާއި، ތަފާތު ސާރކިޓްގެ ވައްތަރުތަކާއި އާރތުގެ ބޭނުމާ ބެހޭގޮތުން ވާހަކަ ދެކެވިއްޖެއެވެ. އަދި، ދުނިޔޭގެ އެކި ޤައުމުތަކުގައި ބޭނުން ކުރާ ތަފާތު ޕްލަގުތަކުގެ ވާހަކަތައް ވެސް ގެނެވިއްޖެއެވެ. ނަމަވެސް ސުވާލަކަށް ޖަވާބެއް ދެވިފައެއް ނުވެއެވެ.
އެ ސުވާލުގެ ޖަވާބަކީ، ކަރަންޓު ޓޮޕްގެ އާރތު ފައިކަށި އެހެން ފައިކަށްޓަށް ވުރެ ފަލައީ، އެ ފައިކަށި ސޮކެޓްގެ ލައިން ނުވަތަ ނިއުޓްރަލް ލޯވަޅަށް ވެއްދިޔަ ނުދިނުމަށެވެ. މިހެން ހަދައިފިނަމަ، އާރތު ގުޅާފައިވާ އެތީގެ ބޭރަށް ކަރަންޓު އަންނާނެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިކަމުގެ ސަބަބުން ކުއްލިއަކަށް ހިނގަންފަށާ ކަރަންޓުން ނަރުތައް ރޯވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިއީ، އެތީގެ ބޭރުގައި އަތްލާ މީހާ މަރުވުމުގެ ފުރުޞަތު އޮތް ކަމެކެވެ. އާރތު ފައިކަށި އެހެން ފައިކަށްޓާ އެއްފަލަ މިނަށް ހުންނަ ޕްލަގުތަކުގައި، އެ ފައިކަށި ސޮކެޓްގެ އެހެން ލޯވަޅަކަށް ވެއްދުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެއެވެ. އީއެލްސީބީ ތަޢާރުފު ކުރުމުން މި ފުރުޞަތު ކުޑަވިއަސް، މިފަދަ ނުރައްކަލަކަށް ފުރުޞަތު ދީގެން ނުވާނެއެވެ.
ކުރިން ނޭންގޭ ވަރަށް ގިނަ ކަންކަން އެނގިގެން ހިނގައްޖެ
ޝުކުރިއްޔާ
varah ves furihama varah ves gina ithuru mauloomaathu libunu liumeh..
mauloomaathi hissaa kuri beyfulhaa ah shukuru.
ithuru mikahala current aa beyhey mauloomaath libeyne kamah ummeedhu kuran.
ވަރަށް ފުރިހަމަ ލިޔުމެއް
Liuntherikamaai mauloomathu varah molhu.
Very informative
V ragalu liumeh
Earth narakee line narakee adhi neutral narakee kobaa varah bodah saafu vejje. Adhi dhuniyeygai beynun kuraa eki vartharugege socket pointaa plug pointaa behey mauloomaathuves ingijje. Adhi bainal aguvaamee pluguthakaa behey jamiyaa ehves onnakan mi liumugai faahagaveethee varah rangalhu. Varah rangalhu mazumooneh.
Mifadha ithuru liun aanmunge thereah foaru kohdhinumah edhen. Shkukuriyya
dhivehi bahun mifadha tacnical ilmee vaahakathake genesdheefaivanee vara vara furihamaya .mee ilmu adhi vakin haasako dhivehibas kuriaruvan vara muhinmu kamekamugaidheken
Vara gina neyge mauloomaath libijey
Thank you
Very informative. Glad to know about varieties of plugs around the globe and reasons behind it.
n aai Erth naraa olhey goyvee miliumun