ކޮންމެ މީހަކަށް ވެސް އޮޅުން ފިލާގޮތަށް

އިންޓަރނެޓް މަސައްކަތް ކުރާ ގޮތް

އިންޓަރނެޓަކީ ސްމާޓް މޮބައިލް ފޯނެއް އޮންނަ ކޮންމެ މީހަކުވެސް ބޭނުން ކުރާ އެއްޗަކަށް ވެއްޖެއެވެ. ފޭސްބުކް ބެލުމާއި، ވައިބަރ ކުރުމާއި ޚަބަރުތައް ބެލުމަށެވެ. ސްމާޓް ފޯނު ނޫނަސް، އެހެން އެތައް އެއްޗެއް އިންޓަރނެޓާ ގުޅާފައި ހުރެއެވެ. ކޮމްޕިއުޓަރު ތަކާއި ޓީވީތަކެވެ. ސެކިޔުރިޓީ ކެމެރާތަކާއި ފަހުގެ ދޮންނަ މެޝިންތަކެވެ. ބައެއް މީހުން ބުއްދި ބޭނުންކޮށްގެން ފާލުބަލާ، ކުރިއަށް ލަފާ ކުރާގޮތުގައި، ކަރަންޓުން ހިންގާ ހުރިހާ އެއްޗެއް އިންޓަރނެޓާ ގުޅާނެ އެވެ. ރާއްޖޭގެ ދެ ލައްކަ އެއްހާ މީހުން އިންޓަރނެޓް ބޭނުން ކުރިއަސް، މީގެ ތެރެއިން ހައްސައިން އެކަކަށް ވެސް އިންޓަރނެޓް މަސައްކަތް ކުރާގޮތް އޮޅުމެއް ނުފިލާނެއެވެ. އެނގޭކަން ކޮންމެހެން ނުވެސް ޖެހެއެވެ. މޮބައިލް ފޯނުގެ ބޭނުން ހިފާއިރު ފޯނު މަސައްކަތް ކުރާގޮތް އެނގެނީ ކިތައް މީހުންނަށް ތޯއެވެ؟

ނަމަވެސް އިންސާނުންނަކީ، ޠަބީޢީ ގޮތުން، ކަންކަން ވާނުވާގޮތް ބަލާހިތްވާ ބައެކެވެ. ކަންކަން އެނގެން، އުނގެނެން، ހޭލުންތެރިވާން ޝައުޤުވެރިވާ ބައެކެވެ. އެހެންކަމުން، މި މަޒުމޫނުގައި މިބަޔާން ކުރަނީ، އިންޓަރނެޓް މަސައްކަތް ކުރާ ގޮތް ދެނެގަންނަން ބޭނުންވާ މީހުންގެ ތެރެއިން، މިކަމަށް އެހެންގޮތެއް ނެތް ފަރާތްތަކަށް ވަރަށް ސާދާ ކުރުގޮތަކަށް އިންޓަރނެޓް މަސައްކަތް ކުރާ ގޮތެވެ.

ނުދަންނަ މީހަކަށް އެންޗެއް އުނގަންނައިދޭން، އޮޅުން ފިލުވައިދޭން، އެންމެ މޮޅު ގޮތަކީ އެމީހަކަށް މިހާރުވެސް އޮޅުންފިލާ އެއްޗެއް މެދުވެރިކޮށް އެއެއްޗެއް ކިޔާދިނުމެވެ. މިސާލެއްގެ ގޮތުން، ކީރިތި ޤުރްއާންގައި ސުވަރުގެ އާއި ނަރަކަ އާއި އާޚިރަތުގެ ވާހަކަތައް ހުންނަނީ މީހުންނަށް ދުނިޔެމަތިން ފެންނަ، ދަންނަ ކަންތައްތައް މެދުވެރިކޮށް މިސާލުން ބަޔާން ކުރައްވާފައެވެ. އިންޓަރނެޓް އޮޅުން ފިލުވާދިނުމަށް އެންމެ ރަނގަޅު އެއްގޮތަކީ ކުޅުދުއްފުށީގައި ހުރި މީހަކު، އައްޑޫ އަތޮޅު ހިތަދޫގައި ހުރި ރައްޓެއްސަކަށް ޕޯސްޓުން ސިޓީއެއް ފޮނުވީމާ އެ ސިޓީ އެމީހާއަށް ރައްދުވާ ގޮތުގެ މިސާލުން ކިޔާދިނުމެވެ. ޕޯސްޓުން ސިޓީ ދެގޮތަކަށް ފޮނުވެއެވެ. އެއްގޮތަކީ، އާދައިގެ ޕޯސްޓެވެ. އަނެއް ގޮތަކީ ރަޖިސްޓަރީ ޕޯސްޓެވެ. ރަޖިސްޓަރީ ޕޯސްޓްގައި، ހިތަދޫގައި ހުރި މީހާއަށް ސިޓީ ލިބުމުން،  (ބޭނުން ނަމަ) އެ ލިބުނު ކަމުގެ ހެކި ކުޅުދުއްފުށީ ޕޯސްޓް އޮފީހުން ހޯދޭނެއެވެ.

ކޮންމެއަކަސް ކުޅުދުއްފުށީގައި ހުރި މީހާ، ސިޓީ ލިޔުމަށް ފަހު، ސިޓީ އުރައަކަށްލައި، އެ ސިޓީއުރައިގެ ބޭރުގައި، ޖަހާނީ، ލިބެންވާ މީހާގެ ނަމާއި އެޑްރެހެވެ. މަގުގެ ނަމާއި ރަށާއި އަތޮޅެވެ. ދެން އެ ސިޓީ ކުޅުދުއްފުށީ ޕޯސްޓް ފޮށްޓަށް ވައްޓާލާނީއެވެ. ކުޅުދުއްފުށީ ޕޯސްޓް އޮފީހުން، ޕޯސްޓް ފޮށްޓަށް އެކިމީހުން ލާފައި ހުރި ހުރިހާ ސިޓީ ނެގުމަށް ފަހު، ކުޅުދުއްފުށީ އެޑްރެސްތަކާއި ކައިރި ރަށްރަށަށް ފޮނުވަން ހުރި ސިޓީ ވަކިކުރާނެ އެވެ. މާ ދުރު ރަށްރަށަށް ހުރި ސިޓީތައް އެ ރަށްރަށަށް ސީދާ ދަތުރު ކުރާ ފްލައިޓެއް ނުވަތަ ބޯޓެއް ނެތް ނަމަ، ފޮނުވާނީ ފޮތި ގޯންޏަކަށް ސިޓީތައްލައި މާލޭ ޕޯސްޓް އޮފީހަށެވެ. މާލޭ ޕޯސްޓް އޮފީހަށް ސިޓީތައް ލިބުމުން، އެކި ރަށްރަށަށް ހުރި ސިޓީތައް އަނެއްކާ ވަކިވަކި ގޯންޏަށް އަޅައި، ހިތަދޫގެ އެކި ފަރާތްތަކަށް ހުރި ހުރިހާ ސިޓީ ފޮނުވާނީ ހިތަދޫ ޕޯސްޓް އޮފީހަށެވެ. ހިތަދޫ ޕޯސްޓް އޮފީހުން، އެކި ހިސާބުތަކަށް ހުރި ސިޓީތައް އަނެއްކާ ވަކިކޮށް ހިތަދޫގެ ވަކި މީހަކަށް އޮތް ސިޓީ، އެ މީހާގެ ގެ ހުންނަ ހިސާބަށްދާ ސިޓީބަހާ މީހާއާ ޙަވާލުކޮށް ރައްދުކުރާނީއެވެ. ތިރީގައި އެވާ ކުރެހުމުން ދައްކުވައިދޭން މަސައްކަތް ކޮށްފައި އެވަނީ ކުޅުދުއްފުށިން ހިތަދޫއަށް ސިޓީ ކުރި ދަތުރެވެ. ފޮޓޯތަކަކީ އަޞްލު ފޮޓޯތަކެއް ނޫނެވެ.

އެއް ރަށުގައި ހުރި މީހަކު އެހެން ރަށެއްގައި ހުރި މީހަކަށް ފޮނުވާ ސިޓީ، އޭގެ މަންޒިލަށް ރައްދުކޮށްދިނުމުގައި  އެންމެ މުހިއްމު އެއްޗަކީ ސިޓީއުރައިގައިވާ އެޑްރެހެވެ. މަތީގައިވާ މިސާލުގައި ފޮނުވި ސިޓީ އޭގެ މަންޒިލަށް ރައްދުކުރުމަށް ތިން ޕޯސްޓް އޮފީހެއް މެދުވެރިވެއްޖެއެވެ. މިއިން ކޮންމެ ޕޯސްޓް އޮފީހަކުން ވެސް، ލިބޭ ހުރިހާ ސިޓީއެއް އެކި އެކި މަންޒިލްތަކަށް ފޮނުވަން ތަރުތީބު ކުރީ ސިޓީގައިވާ އެޑްރެހަށް ބަލައެވެ. ސިޓީގެ ބަދަލުގައި ޕާރުސަލެއް ނުވަތަ ޕެކެޓެއް ފޮނުވިއަސް، އެ ވެސް ދާނެ މަގު ކަނޑައަޅަނީ އެ ޕެކެޓްގައި އޮންނަ އެޑްރެހަށް ބަލައެވެ. ސިޓީއެއް އޭގެ މަންޒިލަށް ފޮނުވާއިރު، ފޮނުވާ މަގަށް ކިޔަނީ ރާސްތާއެވެ. ތިރީގައި އެވަނީ ދިވެހި ބަސްފޮތުގައި ރާސްތާގެ މާނަ ލިޔެފައިވާ ގޮތެވެ.

ރާސްތާ
(1) މަގު. (2) ދުރުމިން.
ރާސްތާ! ރާސްތާ!
ބަރު އެއްޗެއް ހިފައިގެންދާއިރު ”މަގުން ތަންދޭށޭ“  ބުނުމަށް ބުނެއުޅޭ ބަހެއް.

ބަސްފޮތުގައިވާ ގޮތުން ރާސްތާގެ ދެ މާނައެއް ވެއެވެ. އެއް މާނައަކީ އެއް މަންޒިލާއި އަނެއް މަންޒިލާ ދެމެދު ހުރި ދުރުމިނެވެ. އަނެއް މާނައަކީ މީހުން ހިނގާ ނުވަތަ އެއްޗެއް ދަތުރު ކުރާ މަގެވެ. އިނގިރޭސިބަހުން  ރާސްތާއަށް ކިޔަނީ ”ރޫޓް“  route އެވެ. މި ލަފުޒު އެމެރިކާ މީހުން ކިޔަނީ ނުވަތަ ޕްރޮނައުންސް ކުރަނީ ”ރައުޓް“ މިގޮތަށެވެ. ދެން ކޮމްޕިއުޓަރާ ދެމެދު ވިސްނަމާހެއްޔެވެ؟

އެއް ކޮމްޕިއުޓަރު އަނެއް ކޮމްޕިއުޓަރާ ގުޅުން

ތަފާތު ސަބަބުތަކާ ހުރެ، އެއް ކޮމްޕިއުޓަރު އަނެއް ކޮމްޕިއުޓަރާ ގުޅާ ހަދައެވެ. މިގޮތަށް ގުޅުމުގެ އެއް ބޭނުމަކީ، އެއް ކޮމްޕިއުޓަރުގައި ހުރި މަޢުލޫމާތު ނުވަތަ  ޑޭޓާ (މިސާލަކަށް ފޮޓޯ) އަނެއް ކޮމްޕިއުޓަރަށް ފޮނުވުމެވެ.  ޑޭޓާ ފޮނުވަން ބާވަތެއްގެ ނަރަކުން (ވައުގަނޑަކުން) ދެ ކޮމްޕިއުޓަރު ގުޅާލަނީއެވެ. ކޮންމެ ކޮމްޕިއުޓަރެއްގެ ތެރޭގައި ވެސް، ނަރު ގުޅަން ޚާއްޞަ ބައެއް ވެއެވެ. ދެ ކޮމްޕިއުޓަރު އެކަތި އަނެއް އެއްޗަކާ މަޢުލޫމާތު ބަދަލުކުރެވޭގޮތަށް ގުޅުމުން އެންމެ ކުޑަ ކޮމްޕިއުޓަރ ވިއުގަ ހެދުނީއެވެ. މިޒަމާނުގެ ލެޕްޓޮޕްތަކުގައި ”ވައިފައި“ ހުންނާތީ ދެ ކޮމްޕިއުޓަރު ”ގުޅަން“ ނަރެއް ބޭނުމެއް ނުވާނެއެވެ. ”ވައިފައި“ އަކީ ބާވަތެއްގެ ރޭޑިއޯ ނުވަތަ ވޯކީޓޯކީ ފަދަ އެއްޗެކެވެ.

ވިއުގައަކީ، އަލަށް ތަޢާރުފު ކުރެވުނު ބަހެކެވެ. މިބަސް ހަދާފައިވަނީ ”ވިއުން“ މި ލަފުޒުން ކަމަށް ލަފާ ކުރެވެއެވެ. މާނައަށް ވިސްނާށެވެ.

ވިއުން (ވިޔުން)

1. ފޭރާން ކުރުން.

2. އެއްވަތު މަތީން އަނެއްވަތް ލައްވައިގެން ނުވަތަ އެކި ދުޅަދުޅައަށް ގަތާގެތުން.

ވިޔުގަ

1. ދޭތެރެ ދޭތެރެއިން ފައްތަރުވާ އަދި ފައްތަރުވާ ތަންތަން ގުޅާފައިވާ ރޮދި ނުވަތަ ނަރު ފަދަ އެއްޗަކުން ހަދާފައިވާ ފޮތިގަނޑެއް ނުވަތަ އޮނިގަނޑެއް. މި ސިފަ ޖަހާ، އެހެން ބާވަތުގެ އެއްޗަކުން ހަދާފައިވާ ތަކެތި.  މިސާލަކަށް ލޭނާރުގެ ވިއުގަ، ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދޭ ވިއުގަ، ފޯނު ވިއުގަ، ފާޚާނާ ހޮޅީގެ ވިއުގަ، ބޯފެން ހޮޅީގެ ވިއުގަ.

2. އެއް ވައްތަރުގެ އެތައް އެއްޗެއް ހިމެނޭ، ކޮންމެ ދެ އެއްޗެއްގެ ދެމެދުގައި ޙަރަކާތްތައް ހިނގާގޮތަށް ނުވަތަ މުޢާޞަލާތް ކުރެވޭ ގޮތަށް އެކުލެވިފައިވާ ނިޒާމެއް. މިސާލަކަށް ހޮޓާތަކެއްގެ ވިއުގަ. ނަރުން ނުވަތަ ޕްރޮގްރާމްތަކުން ގުޅިފައިވާ ރޭޑިއޯ ނުވަތަ ޓެލެވިޜަން ވިއުގަ. ކޮމްޕިއުޓަރު ޕްރިންޓަރު ފަދަ އެއްޗެތީގެ ވިއުގަ.

ދެ ކޮމްޕިއުޓަރު ގުޅާލަނީ ނަރުންނޭ ބުނެވިފައިވަނީ ރަނގަޅަށެވެ. ދިވެހިބަހުން ނަރު ކިޔާތަކެތީގައި ތެރޭގައި މަޢުދަނީ ބާވަތަކުން އުފައްދާ ހިމަފަށާއި ބޮނބި، ކަށިކެޔޮ، ތޮރާ، މިފަދަތަކެތީގައި ހުންނަ، ހިމަ ހަރު ފަށްތައް ވެސް ހިމެނެއެވެ. ބޮބިނަރުން ދެ ކޮމްޕިއުޓަރު ނުގުޅިއަސް، މިޒަމާނުގައި ދެ ކޮމްޕިއުޓަރު ގުޅުމަށް ލޯނަރުގެ އިތުރަށް ބިއްލޫރި ނަރުވެސް ބޭނުން ކުރެއެވެ. އަދި ނަރެއް ފަދައިން، ދެ ކޮމްޕިއުޓަރު ދެމެދުގައި ޑޭޓާ ބަދަލުކުރުމަށް، ރޭޑިއޯ ޓީވީ އަށް އަޑާއި މަންޒަރު ލިބޭ ކަރަންޓު ރާޅުތައް ވެސް ބޭނުން ކުރެއެވެ. މި ފަހު ބުނި ބާވަތުން އެންމެ މަޝްހޫރީ ”ވައިފައި“ ކިޔާ އާދައިގެ ރޭޑިއޯ އަށް ނުލިބޭ ފަދަ މަތީ ޗެނަލްތައް ބޭނުންކުރާ ގުޅުމެކެވެ.

ދެމީހަކު ދެމެދުގައި ވާހަކަ ދައްކާނަމަ، ”ކަލޭ“ އޭ ބުނީމާ އެއީ ކާކުކަން އެނގޭނެއެވެ. އެތާކު ތިންވަނަ މީހަކު ނުހުންނާނެއެވެ. ނަމަވެސް ތިން މީހެއްގެ މެދުގައި ވަކި މީހަކަށް އެއްޗެއް ބުނާނަމަ، ތިމާ ބުނާ ވާހަކަ ދެމީހަކު އަޑު އަހަން ހުންނާނެއެވެ. މިފަހަރު ވަކި މީހަކު ފާހަގަކުރަން ކޮންމެވެސް އިޝާރާތެއް ކުރަން ޖެހޭނެއެވެ. އެއްގޮތަކީ އޭނާގެ ނަން ބުނުމެވެ. ނުވަތަ އަތްފައިން އިޝާރާތް ކޮށް ބުނުމެވެ. ޕޯސްޓުން ވަކި މީހަކަށް ސިޓީއެއް ފޮނުވާ ނަމަ، އަހުރެމެންނަށް ޖެހޭނީ އެ ސިޓީ ލިބެންވީ ފަރާތުގެ ނަމާއި ދިރިއުޅޭތަން ނުވަތަ އެޑްރެސް ސިޓީއުރައިގައި ލިޔާށެވެ. އެހެންނޫން ނަމަ، ސިޓީ ލިބެންވީ ކާކަށް ކަމެއް ނޭނގޭނެއެވެ. ދެން ތިން ކޮމްޕިއުޓަރުގެ ނެޓްވާރކެއް ޚިޔާލަށް ގެންނާށެވެ. . . . . . . މިފަހަރު، އެއް ކޮމްޕިއުޓަރުން އަނެއް ދޭތިން ވަކި އެއްޗަކަށް މެސެޖެއް ފޮނުވާނަމަ، އަހުރުމެންނަށް ޖެހޭނީ މެސެޖް ލިބެންވީ ކޮމްޕިއުޓަރުގެ އެޑްރެސް މެސެޖްގައި ލިޔާށެވެ. އެހެން ނޫންނަމަ، މެސެޖު ލިބެންވީ، ނުވަތަ މެސެޖު ނަގަންވީ ކޮން ކޮމްޕިއުޓަރަކުން ކަމެއް ނޭނގޭނެއެވެ.

ޕޯސްޓް އޮފީހުން ސިޓީ ފޮނުވާއިރު، އެޑްރެސް ޖަހަންޖެހޭ ފަދައިން، އެއް ކޮމްޕިއުޓަރުން އަނެއް ކޮމްޕިއުޓަރަށް މެސެޖެއް ފޮނުވާއިރު، މެސެޖު  ލާ ”ސިޓީއުރައިގެ ބޭރުގައި“ ލިބެންވީ ކޮމްޕިއުޓަރުގެ އެޑްރެހާއި މެސެޖު ފޮނުވި ފަރާތުގެ އެޑްރެސް ލިޔަން ޖެހެއެވެ. ސިޓީ އުރައިގައި ނަމާއި އެޑްރެސް ލިޔާ ގޮތާ ޚިލާފަށް، ނެޓްވާރކެއްގައި ވަކި ކޮމްޕިއުޓަރެއް ފާހަގަ ކުރަނީ، ހިސާބު ނަންބަރުގެ އެޑްރެހަކުންނެވެ. މިއީ އައިޑެންޓިޓީ ކާޑު ފަދަ ނަންބަރެކެވެ. މުޅި ނެޓްވާރކް ގައި ވާ ހުރިހާ ކޮމްޕިއުޓަރަކަށް ވަކި ނާދިރު، އެޑްރެހެއް ވެއެވެ.  ދެމީހެއްގެ އައިޑެންޓިޓީ ކާޑު ނަންބަރު އެއްގޮތް ނުވާފަދައިން ނެޓްވާރކެއްގެ ދެ ކޮމްޕިއުޓަރެއްގެ އެޑްްރެހެއް އެއްގޮތެއް ނުވާނެއެވެ. މަތީގައިވާ ތިން ކޮމްޕިއުޓަރުގެ ނެޓްވާރކްގައި، މެސެޖެއް އެއެއްޗަށް ލިބޭތޯ ހުރިހާ ކޮމްޕިއުޓަރެއް އަބަދު ނެޓްވާރކް ބަލާނެއެވެ. ނެޓްވާރކްގައި ނުހިމެނޭ އެޑްރެހެއް ޖަހާފައި މެސެެޖެއް ފޮނުވައިފިނަމަ، ވާނީ ކިހިނެއްތޯއެވެ؟

ޕޯސްޓް ފޮށްޓަކަށް ފުރިހަމަ ނޫން އެޑްރެހެއް ޖަހާ ސިޓީއެއް ވައްޓާލައިފި ނަމަ، ނުވަތަ އެޑްރެސް ފުރިހަމަ ނޫންނަމަ، އެ ރައްދެއް ނުކުރެވޭނެއެވެ. މިފަދަ ގިނަ ސިޓީތަކެއް ޕޯސްޓް އޮފީހަށް ލިބިއްޖެނަމަ، މުވައްޒަފުންގެ ވަގުތު ހޭދަވާނީ ބޭކާރު ގޮތެއްގައެވެ. ނެޓްވާރކް ގެ ތެރޭގައި، އޭގައި ނުވާ ކޮމްޕިއުޓަރެއްގެ އެޑްރެހެއް  ވާނަމަ، އެ މެސެޖް އިރުކޮޅެއްގެ ތެރޭގައި ނެޓްވާރކުން ބޭރުކޮށްލާނެއެވެ. މިކަން ކުރާ ގޮތަކީ، ކޮންމެ މެސެޖެއްގައި ވެސް، އެ މެސެޖް ފޮނުވި ވަގުތާއި ރައްދު ނުކުރެވިއްޖެ ނަމަ، ބޭރުކޮށްލަންވީ ވަގުތު ލިޔެފައި އޮވެއެވެ. މިހެން ނަހަދައިފިނަމަ، ނެޓްވާރކް ތެރޭގައި ރައްދު ނުކުރެވޭ މެސެޖްތައް ގިނަވެ، ނެޓްވާރކް ލަސްވާނެ އެވެ. މިކަން ކުޑަކުރެވޭނެ އަނެއް ގޮތަކީ، ކޮންމެވެސް އެެއްޗަކުން ނެޓްވާރކްގައި ހިމެނޭ ހުރިހާ ކޮމްޕިއުޓަރުތަކެއްގެ ލިސްޓެއް ގެންގުޅުމެވެ. ރާއްޖޭގެ ގިނަ ކޮމްޕިއުޓަރު ނެޓްވާރކްތަކުގައި މިފަދަ އެއްޗެއް ހިމެނެއެވެ. އެއަށް ކިޔަނީ ކުދި ތަފާތުތަކަށް ބަލައި، ހަބު ނުވަތަ ސްވިޗް ނުވަތަ ރައުޓަރެވެ. ކުރިން ބަޔާން ކުރި ފަދައިން، އެއްޗެއް ދަތުރު ކުރާ މަގަށް ކިޔަނީ ރާސްތާ އެވެ. އިނގިރޭސި ބަހުން ރައުޓު އެވެ. މިކަންކުރާ އެއްޗަށް ކިޔަނީ ރައުޓަރެވެ. މަގު ދައްކާ އެއްޗެކެވެ. މިބާވަތުގެ ހުރިހާ ތަކެތީގެވެސް ޙަޤީޤީ މަޤްޞަދަކީ، މެސެޖުތައް ވަކި ރާސްތާއަކަށް މަގުދެއްކުމެވެ.

ނެޓްވާރކެއްގެ ހުރިހާ ކޮމްޕިއުޓަރުތަކެއް މިހާރަކަށް އައިސް ގުޅާނީ ”ސްވިޗް“ ކިޔާ އެއްޗަކާއެވެ. ސްވިޗް ނަމަކަށް ކިޔަސް، މިއީ ޙަޤީޤަތުގައި ކުޑަވަރެއްގެ ކޮމްޕިއުޓަރެކެވެ. ނެޓްވާރކްގައި ހިމެނޭ ހުރިހާ ކޮމްޕިއުޓަރެއްގެ ”އެޑްރެސް“ އާއި އެ ކޮމްޕިއުޓަރެއް ސްވިޗާ ގުޅާފައިވާ ކޮމްޕިއުޓަރުގެ ވާގަނޑު ޖަހާފައިވާ ސޮކެޓް ގެ ތާވަލެއް މި ސްވިޗްއިން ހޯދާ މެމަރީގައި ބަހައްޓައެވެ. މެސެޖެއް ސްވިޗަށް ލިބުމުން، ނެޓްވާރކްގައި ހިމެނޭ ކޮމްޕިއުޓަރެއްގެ އެޑްރެސް ނަމަ، އެ މެސެޖް ފޮނުވާނީ ސީދާ އެ ކޮމްޕިއުޓަރަކަށެވެ. މިއީ ކުރިން ބަޔާން ކުރެވުނު ގޮތަށް ވުރެ އަވަސް ގޮތެކެވެ.

ދެ ނެޓްވާރކް ގުޅާނީ ދެ ރައުޓަރު ގުޅާލައިގެންނެވެ. މިއީ ދެމެދުގައި ވައުގަނޑެއް އެޅުން ފަދަ ފަސޭހަކަމެކެވެ. ނަމަވެސް، އެއް ރައުޓަރަށް އަނެއް ރައުޓަރު ”ފެންނާނީ“ ނެޓްވާރކްގައިވާ އެޑްރެސްތަކުގެ މަޢުލޫމާތުން ރައުޓަރުގައިވާ ތާވަލެއް ފުރާލުމުންނެވެ. ތިރީގައިވާ ކުރެހުމަކީ ފިތާލުމުން ބޮޑުވާ ކުރެހުމެކެވެ.

މެހެމާނަކު ގެއަކަށް ޒިޔާރަތްކޮށްފިނަމަ، ޢަމަލު ކުރާނެ ހަމަތަކެއް ކޮންމެ މުޖުތަމަޢުއެއްގައި ވެސް އޮވެއެވެ. މިގޮތުން ތިމާގެ މީހެއް ނަމަ، އެމީހަކު އައުމުން، ހިނިތުންވުމާއެކު އޭނާއާ ސަލާން ކުރުމާއި އިށީންނާނޭ ތަނެއް ދެއްކުމާއި، ހާލު އަހުވާލުގެ ސުވާލު ކުރުމާއި، ޒިޔާރަތް ކުރި ވަގުތަށް ބަލައި، ދުފަން ނުވަތަ އެހެންވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ދިނުން ހިމެނެއެވެ. އެކި މުނާސަބަތުތަކުގައި ޢަމަލު ކުރާނެ ގޮތަށް އިނގިރޭސިބަހުން ކިޔަނީ ޕްރޮޓޮކޯލް އެވެ. އެކި ބޮޑެތި މުނާސަބަތު ތަކުގައި ވެސް، މުޢާމަލާތް ހިންގާނެ ގޮތުގެ ޕްރޮޓޮކޯލްއެއް ކޮންމެ މުޖުތަމަޢުއެއްގައި އޮންނާނެއެވެ. ހަމަ އެފަދައިން، ރައްޓެއްސެއްގެ ސިޓީއެއް ލިބިއްޖެނަމަ، އެ ލިބުމުން ކަންތައްތައް ކުރާނެ ގޮތުގެ ހަމައެއް ކޮންމެ މުޖުތަމަޢުއެއްގައި ވެސް އޮވެއެވެ. މީގެ ތެރޭގައި ސިޓީލިބުމުން، ލިބުނުކަމާއި ސިޓީ ކިޔަން ނޭނގޭނަމަ، ކިޔަން ނޭނގޭ ކަމާއި އަވަހަށް ޖަވާބު ދިނުން ހިމެނެއެވެ. އެއް ކޮމްޕިއުޓަރުން އަނެއް ކޮމްޕިއުޓަރަށް މެސެޖެއް ފޮނުވާއިރު އެ މެސެޖް އޮންނަން ޖެހޭ ގޮތާއި، ލިބުމުން ޢަމަލު ކުރާނޭ ގޮތުގެ ހަމަތަކެއް ކަޑައަޅާފައި ހުރެއެވެ. މި ހަމަތަކަށް ކިޔަނީ ވެސް ޕްރޮޓޮކޯލް އެވެ.

ކޮމްޕިއުޓަރަށް މެސެޖެއް ލިބިއްޖެނަމަ، އެ ލިބުނުކަން، ފޮނުވި ކޮމްޕިއުޓަރަށް ވަގުތުން އަންގާނެއެވެ. ރަޖިސްޓަރީ ކޮށްފައި ސިޓީއެއް މީހަކަށް ޕޯސްޓު ކުރުމުންވެސް، ލިބުނުކަން އެނގޭފަދަ ގޮތާ ކައިރި ގޮތެކެވެ.  އަދި، މެސެޖް ކިޔަން ނޭނގުނު ނަމަ، ނޭނގުނު ކަން ވެސް އަންގާނެއެވެ. ދެން ފޮނުވި ކޮމްޕިއުޓަރުން އަލުން އެ މެސެޖް ފޮނުވާނެއެވެ. އެއް ނެޓްވާރކަކާ ގުޅާފައިވާ އެތައް ކޮމްޕިއުޓަރެއް އަވަސް އަވަހަށް އެކަތިން އަނެއް އެއްޗަށް މެސެޖު ކުރެވެނީ ހުރިހާ ކޮމްޕިއުޓަރެއް ވެސް އެއް ޕްރޮޓޮކޯލްއަށް ޢަމަލު ކުރާތީ އެވެ. ނެޓްވާރކެއްގެ ތެރޭގައި ކޮމްޕިއުޓަރުން މަޢުލުމާތު ފޮނުވުގެ އެކި ބާވަތް ބާވަތުގެ ޕްރޮޓޮކޯލް ހިމެނެއެވެ.

ޕޯސްޓް އޮފީސް މެދުވެރިކޮށް ޢިމާރާތެއް ފޮނުވުން

1919 ވަނަ އަހަރު އެމެރިކާގެ މީހަކު ޕޯސްޓުން ޢިމާރާތެއް ފޮނުވިއެވެ. މި ދެންނެވުނީ މުޅިން ރަނގަޅަކަށް ނޫނެވެ. ޢިމާރާތަކަށް ބޭނުންވާ ހުރިހާ އެޅިގައު، ޕޯސްޓުން ފޮނުވިއެވެ. މީނާ ބޭނުންވީ، ވަކި ”ރަށެއްގައި“ ހަދާ އެޅިގައު އެހެން ”ރަށަކަށް“ ފޮނުވުމަށެވެ. ނާލުގެ އަގުތައް ބެލިއިރު، ނާލުގެ އަގު، ގަލުގެ އަގަށް ވުރެ ހަތަރުގުނަ ބޮޑެވެ. ނަމަވެސް، ވަކިގައު ޕޯސްޓުން ފޮނުވާނަމަ، ޑަބަލް އަގުހެވެވެ. ދެން އޭނާ ކުރިކަމަކީ، ޢިމާރާތަށް ބޭނުންވާ 80000 ގައު، ކުދި ޕެކެޓް ޕެކެޓްގައި ބަންދުކޮށް ޕޯސްޓް ކުރީއެވެ. އޭނާ ޕޯސްޓުން ފޮނުވި ގަލުން ބިނާކުރި ބޭންކު ޢިމާރާތުގެ ފޮޓޯ ތިރީގައި އެވަނީއެވެ. އިތުރު މަޢުލޫމާތު މި ލިންކުން ފެންނާނެއެވެ.

ޢިމާރާތުގެ ހުރިހާ ގަލެއް އެއް ފަހަރާ ޕޯސްޓެއް ނުކުރެވޭނެއެވެ. އެއީ ޕޯސްޓް އޮފީހުގެ ގަވާއިދުގައި ވެސް، ފޮނުވޭނީ އެންމެ ބަރުވެގެން ވަކި ބަރުދަނެއް ކަމަށް ލިޔެފައި އޮންނާތީއެވެ. ޕެކެޓްތަކަށް ބަހާލުމުން، ހިފާ ގެންގުޅެން ފަސޭހަވެއެވެ. ގަވާއިދުތަކަށް ފެތެއެވެ.

ނެޓްވާރކެއް މެދުވެރިކޮށް ޑޭޓާ (ފޮޓޯ ނުވަތަ ލިޔުމެއް ފަދަ އެއްޗެއް) ފޮނުވާއިރު، ހަދާގޮތަކީ ޑޭޓާ ފައިލު ކުދި ޕެކެޓްތަކަށް ބަހާލަނީއެވެ. ކޮންމެ ޕެކެޓެއްގައި ލިބޭފަރާތާއި ފޮނުވި ފަރާތުގެ އެޑްރެހާއި ދިގުމިނާއި މިފަދަ ހުރިހާ މަޢުލޫމާތެއް ހިމަނައެވެ. އެޑްރެސް ކޮށްފައިވާ ކޮމްޕިއުޓަރަށް ޕެކެޓްތައް ލިބުމުން، އެ ފައިލު އަލުންރާވަނީ އެވެ. މިގޮތަށް ހެދުމުގެ އެއް ފައިދާއަކީ، ފައިލް އެއްކޮށް ފޮނުވައިފިނަމަ، އެ ފައިލް ފޮނުވަމުންދާ އިރު، ބޮޑު ފައިލެއްނަމަ، އެހެން ކޮމްޕިއުޓަރަކަށް ޕެކެޓެއް ފޮނުވާނެ ފުރުޞަތެއް ނުލިބޭނެއެވެ. އެންމެ މުހިއްމު ސަބަބަކީ، ދިގު ފައިލެއް ޕެކެޓްތަކަށް ބަހާލުމުން، ކޮންމެ ބައެއް ލިބުމުން، ކުށެއްވޭތޯ ބަލައި، ކުށެއްވާނަމަ، އަލުން ފޮނުވަން ޖެހޭނީ ކުށްވާ ޕެކެޓު އެކަންޏެވެ. މުޅި ޑޭޓާ ފައިލް އެއްކޮށް ފޮނުވާނަމަ، އޭގައި ކުށެއްވާކަން ލިބުނުފަހުން ފާހަގަކުރެވުނު ނަމަ، އަލުން މުޅި ފައިލު ފޮނުވަން ޖެހޭނެއެވެ. ޕެކެޓުތަކަކުން ފައިލު ފޮނުވުމުގެ އެހެން ފައިދާތައް ހިމެނެއެވެ. ފަހުން އެކަން ބަޔާން ކުރާނަމެވެ.

ދެތިން ނެޓްވާރކް ގުޅާލުން

ދެ ނެޓްވާރކް ގުޅޭގޮތަށް އެތައް ނެޓްވާރކެއް ވެސް ގުޅާލެވޭނެއެވެ.  މިގޮތަށް ގުޅާގޮތް ކުރެހުމެއްގައި ދައްކާއިރު، ވަކިވަކި ކޮމްޕިއުޓަރުތައް ދައްކައިފިނަމަ ކުރެހުން ސާފު ނުވާނެތީ، މީހުން މި ކުރަހަނީ ކޮމްޕިއުޓަރުތައް ނުލައެވެ. ތިރީގައި މިވަނީ ތިން ނެޓްވާރކް އެއްކޮށް ގުޅާލާފައެވެ.

ތިން ނެޓްވާރކް ގުޅުމަށް، ދެ ގޮތެއް އޮންނާނެއެވެ. އެއްގޮތަކީ، މެދުގައި ރައުޓަރެއްލާފައި އެއާ ތިން ނެޓްވާރކް ގެ ރައުޓަރު ގުޅުމެވެ. ރައުޓަރު ގުޅާ ނަރުތަކަކީ ފެންހޮޅިކަމަށް ވިސްނާނަމަ، މިކަން ދެނެގަންނަން ފަސޭހަ ވެދާނެއެވެ.  ދެވަނަ ގޮތަކީ، ކޮންމެ ރައުޓަރެއް ވެސް އަނެއް ދެ ރައުޓަރާ ގުޅުމެވެ. ފައިދާ ބޮޑީ ދެވަނަ ގޮތުގައެވެ. އެއީ މިސާލެއްގެ ގޮތުން، A އިން G އަށް ޕެކެޓުތަކެއް ފޮނުވަން ބަލާއިރު، މެދުގައިވާ ރައުޓަރު ނުވަތަ އެ ރައުޓަރު އާ ފޮނުވާ ފަރާތާއި ނުވަތަ ލިބޭ ފަރާތާއި ގުޅާފައިވާ ނަރު ކެނޑިފައިވާ ނަމަ، ޕެކެޓެއް ނުފޮނުވޭނެއެވެ. ގުޅުން ކެނޑޭނެއެވެ. ކަނާތްފަރާތުގައިވާ ދެވަނަ ގޮތުގައި މަންފާއަކީ، A އިން G އަށް ޕެކެޓް ފޮނުވަން އެންމެ ކުރު ރާސްތާ ނުވަތަ ރައުޓަކީ 1 ކަމުގައި ވިޔަސް، ކަންދިމާވާގޮތުން އެ މަގު ކެނޑުނަސް 3 އާއި 2 ޖަހާފައިވާ މަގުން ޕެކެޓް ފޮނުވޭނެއެވެ. ޕެކެޓުން ޑޭޓާ ފޮނުވުމުގެ އެއް މަންފާއަކީ މިއީއެވެ. ފައިލެއްގެ ހުރިހާ ޕެކެޓެއް އެއް މަގަކުން ފޮނުވާކަށް ނުޖެހެއެވެ.  އެކި މަގުން އެކި ޕެކެޓްތައް ފޮނުވޭކަމެވެ. ނަރުތައް ކޮންމެވެސް ވަރަކަށް ކެނޑުނަސް، ނުވަތަ ބައެއް ރައުޓަރު ހަލާކުވިއަސް ޑޭޓާ ފޮނުވޭ ކަމެވެ. ޕެކެޓްތައް ފޮނުވާނޭ ރާސްތާ އާއި އެކި ރާސްތާގެ ދުރުކައިރި މިނާ ބެހޭ ތާވަލުތައް ރައުޓަރުތަކުން އަމިއްލައަށް ހަދައެވެ.

ތިން ނެޓްވާރކް  އަހުރެމެން  ގުޅިގޮތަށް ތިރީހަކަށް ނެޓްވާރކް ވެސް ގުޅިދާނެއެވެ. ރާއްޖޭގައި ހުރި ހުރިހާ ނެޓްވާރކްތައް ވެސް ގުޅިދާނެއެވެ. އަދި ކީއްހެއްޔެވެ؟ ދިވެހިރާއްޖޭގެ ނެޓްވާރކްތަކާއި އިންޑިއާގެ ނެޓްވާރކްތަކާއި ތުރުކީގެ ނެޓްވާރކް ތަކާއި ޗައިނާގެ ނެޓްވާރކްތައް ގުޅިދާނެއެވެ. މިގޮތަށް ގުޅުމުން އުފެދޭ ބޮޑު ނެޓްވާރކަށް ކިޔާނީ ކޮން ނަމެއް ހެއްޔެވެ؟

ވިސްނާށެވެ. ދިވެހިރާއްޖެ އާއި އިންޑިއާ އާއި ތުރުކީ އާއި ޗައިނާ ގުޅިގެން ބާއްވާ ފުޓުބޯޅަ މެޗަކަށް ކިޔާނީ އިންޓަރނޭޝަނަލް ފުޓްބޯޅަ މެޗެކެވެ.  ނެޓްވާރކް ތަކެއް ގުޅައިގެން އުފެދޭ ބޮޑު ނެޓްވާރކް އަކަށް ކިޔާނީ އިންޓަރނެޓްވާރކެވެ. Internetwork އެވެ. ނަމަވެސް އިންސާނުންގެ ޠަބީޢަތަކީ ވާހަކަ ދައްކާއިރު އަދި ލިޔާއިރު ލަފުޒުތައް ކުރުކުރުމެވެ. އެހެންކަމުން އިންޓަރނެޓްވާރކް އިން ވާރކް ކަނޑާލާއި މި މައި ނެޓްވާރކް އަށް ކިޔަނީ އިންޓަރނެޓް އެވެ. INTERNETwork އެވެ. މިދަންނަވާލެވުނީ އިންޓަރނެޓް މި ލަފުޒު އުފެދުނުގޮތެވެ. މިޒަމާނުގައި، ކުރެހުންތަކުގައި، އިންޓަރނެޓް  ރަމްޒުކުރަނީ ވިލާގަނޑެއް ނުވަތަ ބިމުގެ ކުރެހުމެއް ކުރަހަައިގެންނެވެ.

އެތައް ޤައުމެއްގެ އެތައް ނެޓްވާރކްތަކެއް ގުޅާލާ ބޮޑު ނެޓްވާރކް މަސައްކަތް ކުރާނީ އެ މެދުވެރިކޮށް ފޮނުވާ ޕެކެޓްތައް އެއް ޕްރޮޓޮކޯލްއެއް ބޭނުން ކުރާނަމަ އެވެ. މިގޮތުން އިންޓަރނެޓް ގައި ބޭނުން ކުރާ ޕްރޮޓޮކޯލްއަކީ އިންޓަރނެޓް ޕްރޮޓޮކޯލް އެވެ. އިންޓަރނެޓްގައި ހިމެނޭ އެކިއެކި ކޮމްޕިއުޓަރަށާއި ރައުޓަރަށާއި ކެމެރާތަކަށާއި ދޮންނަ މެޝިންތަކަށް ދީފައި ހުންނަ އެޑްރެހަށް ކިޔަނީ އިންޓަރނެޓް ޕްރޮޓޮކޯލް އެޑްރެހެވެ. ކުރުކޮށް އައިޕީ އެޑްރެހެވެ. މި ނިޒާމުގައި ޕްރޮޓޯކޯލްގައި ހުންނަން ޖެހޭސިފަތަކާއި އައިޕީ އެޑްރެހުގައި ހުންނަން ޖެހޭ ސިފަތައް ލިޔެ ބަޔާން ކޮށްފައި ހުރެއެވެ.

ޚުލާޞާ ކޮށްލާނަމަ، އިންޓަރނެޓަކީ، އިންޓަރނެޓް ޕްރޮޓޮކޯލް ކިޔާ ގަވާއިދަކަށް ފެތޭގޮތަށް ޕެކެޓްތަކެއްގެ ގޮތުގައި ޑޭޓާ އެއް އިލެކްޓްރޮނިކް އެތިން އަނެއް އެއްޗަށް ފޮނުވާ ބޮޑު ނެޓްވާރކެކެވެ. މި ނެޓްވާރކުގައި ހުންނަ ބޮޑެތި ރައުޓަރުތައް ވިއުގައެއްގެ ގޮތުގައި އެކި ގޮތްގޮތަށް ގުޅާފައި ހުންނާތީ، ފޮތިކޮޅެއްގެ އެއް ރޮނދިކެނޑުނަސް ފޮތިގަނޑު ނުވީދޭ ގޮތަށް، އެއް ތަނަކުން ގުޅުންތައް ކެނޑިގެން އިންޓަރނެޓް ”ވީދި“ ގުޅުންތައް ހުއްޓޭގޮތެއް ނުވާނެއެވެ. ކޮންމެ ޤައުމެއްގައި ވެސް އިންޓަރނެޓްގެ ގުޅުންތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވަނީ ބޮޑެތި ޓެލިފޮއުން ކުންފުނިތަކެވެ. މި ކުންފުނިތައް ތިން ހަތަރު ބަޔަކަށް ބެހިގެން ވެއެވެ.

ނެޓްވާރކެއްގެ ކުޑަބޮޑު މިނުން، ނެޓްވާރކަށް ތަފާތު ނަން ކިޔައެވެ. ގާތުގައިވާ ތަކެތި ގުޅާ ނެޓްވާރކަށް ކިޔާ ނަމަކާއި، މާލެ ފަދަ ބޮޑު ސަރަޙައްދެއްގައި ނެޓްވާރކެއް އަޅާނަމަ ކިޔާ ނަމަކާއި މުޅި ރާއްޖެ ފަދަ ބޮޑު ސަރަޙައްދެއްގައި އޮންނަ ނެޓްވާރކަށް ކިޔާ ނަމެއް ވެއެވެ.  ރާއްޖޭގައި އޮންނަ އެންމެ ބޮޑު ނެޓްވާރކަކީ ބޭންކް އޮފް މޯލްޑިވްސް ގެ ނެޓްވާރކް ކަމަށް މީހުން ބުނެއެވެ. މިއީ ދިރާގު ފަދަ އިންޓަރނެޓް ގެ ޚިދުމަތްދޭ ކުންފުނިތައް ނުލައެވެ.

ޢާއްމުގޮތެއްގައި ނެޓްވާރކެއްގައި ހިމެެނޭ ރައުޓަރުތަކާއި ސްވިޗްތައް ތިން ބަޔަކަށް ނުވަތަ ފަށަލައަކަށް ބަހައެވެ. ފުރަތަމަ ފަށަލައަކީ، ޕެކެޓްތައް ވަރަށް އަވަހަށް އޭގެ ތެރެއިން ދަތުރުކުރެވޭ ފަދަ ބާރުގަދަ ރައުޓަރުތަކާއި ސްވިޗްތައް ހިމެނޭ ފަށަލައެކެވެ. ދެވަނަ ފަށަލައަކީ، އެކި ކުދި ނެޓްވާރކްތަކަށް އިންޓަރނެޓް ދޭނެ މިންވަރު ކޮންޓްރޯލްކޮށް، ބައެއް ސައިޓްތައް ބްލޮކްކޮށް ހަދާ ރައުޓަރުތައް ހިމެނޭ ފަށަލައެވެ.  މި ދެފަށަލައިގެ ރައުޓަރުތައް ވެސް ހުންނާނީ އެކަތި އަނެއް އެއްޗާ އެއްނަރަށް ވުރެ ގިނަ ނަރުން ގުޅާފައެވެ. އެއީ ނަރެއް ކެނޑުނަސް އިންޓަރނެޓް ލިބޭގޮތް ހެދުމަށެވެ. ތިންވަނަ ފަށަލައަކީ، ވަކިވަކި ޕީސީ ނުވަތަ ކޮމްޕިއުޓަރުފަދަ ތަކެއްޗަށް އިންޓަރނެޓް ގުުޅާ ފަށަލައެވެ. ތިރީގައިވާކުރެހުމުން ދައްކާދެނީ މި ފަށަލަތަކެވެ. ވަށްކޮށް ވާ ނިޝާނަކީ ރައުޓަރެވެ. ހަތަރެސްކަން ނިޝާނަކީ ސްވިޗެވެ.

ނެޓްވާރކްތައް ކުރަހާއިރު، ބޮޑުވި ވަަރަކަށް ތަފްޞީލުތައް އުނިކުރެއެވެ. މެދު ސައިޒުގެ ނެޓްވާރކްތަކުގައި ކޮމްޕިއުޓަރުތަކެއް ނުކުރަހައެވެ. ބޮޑެތި ނެޓްވާރކްތައް ކުރަހާއިރު، ކުދި ނެޓްވާރކްތައް ވެސް ނުކުރަހައެވެ. ކުރަހަނީ މައިގަނޑު ގޮތެއްގައި ރައުޓަރުތަކާއި މައިސްވިޗްތަކެވެ. ތިރީގައި އެވަނީ މަޝްހޫރު ޔުނިވަރސިޓީއެއްގައި ބޭނުން ކުރާ ބޮޑު ނެޓްވާރކެއްގެ ކުރެހުމެކެވެ. ފާހަގަ ކުރެވޭނެ ފަދައިން، ބޮޑެތި ރައުޓަރުތައް އެކަތި އަނެއް އެއްޗާ ދެތިން ގޮތަކަށް ގުޅާފައި ވެއެވެ.  މި ކުރެހުމަށް ދެފަހަރަށް ފިތާލުމުން ބޮޑުވާނެއެވެ.

މަތީގައި ބަޔާން ކުރެވުނު މިންވަރަށް ތިބާއަށް އޮޅުން ފިލައިފިނަމަ، ރާއްޖޭގެ ހައްސަ މީހުންގެ ތެރެއިން އެކަކަށް ވެސް ނޭނގޭނޭ މިންވަރަށް ތިބާއަށް އިންޓަރނެޓަކީ ކޮން އެއްޗެއް ކަން އޮޅުން ފިލާނެއެވެ. ދެން ބަޔާން ކުރާނީ އިތުރަށް އޮޅުން ފިލުވަން ބޭނުންވާ މީހުންނަށް ބޭނުންވާ މައުލޫމާތެވެ.

ޕެކެޓްތަކަށް އިތުރަށް ބަލާލުމެއް

އެއް ކޮމްޕިއުޓަރުން އަނެއް ކޮމްޕިއުޓަރަށް ޕެކެޓްތައް ފޮނުވާއިރު، އެ ދަތުރުކުރާނެ ރާސްތާ ނުވަތަ މަގު ފަސޭހަ ކަމާއެކު ބަލާލެވެ އެވެ. މިކަމަށް ވިންޑޯޒް އަޅާފައި ހުންނަ ކޮންމެ ކޮމްޕިއުޓަރެއްގައި ވެސް ޚާއްޞަ ޕްރޮގްރާމެއް ވެއެވެ. މީގެ އިތުރަށް، ނެޓްވާރކެއްގެ ތެރެއިން ދަތުރުކުރަމުންދާ ޕެކެޓްތަކުގައިވާ ޑޭޓާ ބެލޭ ޕްރޮގްރާމް ހިލޭ ލިބެން ހުރެއެވެ. ވީމާ އެ ޕެކެޓް ތަކަކީ ސިއްރު އެއްޗަކަށް ނުވެއެވެ. ޕެކެޓްތައް ބަލާ އެންމެ މަޝްހޫރު އެއް ޕްރޮގްރާމް މި ލިންކުން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.  އަދި މީހުން ހީކުރާ ގޮތާ ޚިލާފަށް، އެކިއެކިކޯޑުން އަކުރުތައް އޮޅުވާލައިގެން ފޮނުވާ ޕެކެޓްތައް ވެސް ބެލޭ ޕްރޮގްރާމް ހުރެއެވެ. މިކަން ކުރަން ތަންކޮޅެއް އުނދަގޫ ވިއަސް، މިއީ ވެސް އެކި ސަރުކާރު ތަކުންނާއި އެހެން ފަރާތްތަކުން ކުރާކަމެކެވެ. ބައެއް ޕްރޮގްރާމްތަކުން ނެޓްވާރކްތަކަށް ނުބައި މަޢުލޫމާތާއެކު ޕެކެޓްތައް އެޅެއެވެ.  އެންމެ ފަސޭހައިން ނެޓްވާރކެއްގެ ތެރެއަށް ބޭރުގެ ފަރާތަކުން ވަދެވެނީ ވައިފައި މެދުވެރިކޮށެވެ. ވައިފައި ނެޓްވާރކަކުން ޕާސްވާރޑާއި ޕެކެޓްތައް ބެލޭ އެކި ބާވަތުގެ ޕްރޮގްރާމްތައް ހިލޭ  ލިބެން ހުރެއެވެ.

ނެޓްވާރކެއްގެ ތެރެއަށް ވަންނަ އަދި ނުކުންނަ ޕެކެޓްތައް ޗެކުކޮށް ވަކި ޝަރުޠުތަކެއް ހުންނަ ޕެކެޓްތަކަށް ދަތުރުކުރެވޭ ގޮތް ހަދައެވެ. މިކަން ކުރަން ގެންގުޅެނީ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ކިޔަނީ ވަރަށް އާދަޔާ ޚިލާފު ނަމެކެވެ. އެއް ފަރާތުގައި ރޯވިއަސް އަނެއް ފަރާތުގައި ރޯނުވާފަދަ އީޓުމުށިން ރާނާފައި ހުންނަ ފާރަށް ކިޔާ ނަމެވެ. ފަޔަރ ވޯލް އެވެ. މިއީ އެތައް ބުރިއަކަށް ހަދާފައި ހުންނަ ޢިމާރާތްތަކުގައި އަލިފާން ރޯވީމާ ފައިބާން ހުންނަ ސިޑި ގޮޅި ވަށައިގެން ހުންނަ ފާރަށް ކިޔާނަމެވެ. މި ޕްރޮގްރާމް އަޅާފައި ހުންނަ ވަކި ޚާއްޞަ އިލެކްޓްރޮނިކް ޔުނިޓު، އިންޓަރނެޓާ ގުޅުމުގެ ކުރިން ނުވަތަ ރައުޓަރުތަކުގެ ދެމެދަށް ލައެވެ. ބައެއް ސްވިޗްތަކާއި ރައުޓަރުތަކުގައި ފަޔަރވޯލް ހިމަނާފައި ހުރެއެވެ.

ނެޓްވާރކް ދާއިރާއިން އިތުރަށް އުނގެނުން

ތިބާ އަކީ މި ދާއިރާއަށް ޝައުޤުވެރިކަންހުރި ފަރާތެއް ނަމަ، ނެޓްވާރކް ރަނގަޅަށް ކިޔަވާދޭނީ ކޮމްޕިއުޓަރ ސައިންސް ދާއިރާއިން ކިޔެވުމުންނެވެ.  މީހުން ހީކުރާ ގޮތާ ޚިލާފަށް އައި.ޓީ (އިންފޮމޭޝަން ޓެކްނޯލޮޖީ) އާއި ކޮމްޕިއުޓަރ ސައިންސް ކުޑަކޮށް ތަފާތެވެ. މިއޮތީ މި ދެ ދާއިރާގެ ތަފާތުތައް ލިޔެފައިވާ ލިޔުމެކެވެ.  މި ދާއިރާއިން ކިޔެވުމަށް ޢާއްމުގޮތެއްގައި މަދަރުސާގައި ކިޔަވަން ޖެހޭނީ ސައިންސްގެ މާއްދާތަކެވެ. ކޮމްޕިއުޓަރސައިންސް ކިޔަވާއިރު، މަތީ ފެންވަރުގެ ހިސާބާއި އިލެކްޓްރޮނިކްސް ކިޔަވާދޭނެ އެވެ.

ރާއްޖޭގައި ކިޔަވައިދެމުން ގެންދާ އައި.ޓީ ގެ ކޯސްތަކުން، ނެޓްވާރކްގެ މަސައްކަތަކަށް ފާގައްޗެއް ނުވާނެއެވެ. މި ފަދަ ކޯސްތައް ނިންމާ ކުދިންނަށް ޖެހެނީ އަލުން ނެޓްވާރކް އާ ބެހޭ ވަކި ކޯސްތަކެއް ކިޔަވާށެވެ. އެންމެ ގިނަމީހުން ހަދާ ކޯހަކީ ރައުޓަރު އުފައްދާ މަޝްހޫރު ކުންފުންޏަކުން ހިންގާ ކޯސްތަކެކެވެ. އެކި ފެންވަރުގެ ދެ އަހަރަކު ކިޔަވާނެހާ ކުރުކުރު ކޯސްތައް ހުރެއެވެ. މި ސަރަޙައްދުގައި އެންމެ މަޝްހޫރީ އިންޑިއާގެ މިތަނުން ހިންގާ ކޯސްތަކެވެ. ކޯހެއްގެ މުއްދަތަކީ ގާތްގަޑަކަށް ހަފުތާ އެކެވެ. ކިޔަވާދޭނީ ދެތިން ކުދިންނަށް އެކަންޏެވެ. ނިމުމުން ރައުޓަރު ކުންފުނިން ދޭ އިމްތިޙާނުތައް ހަދަންޖެހޭނެ އެވެ. އެއް ފަހަރު، އެތަނުން މީހަކު ގެނެސްގެން މިކޯސް ރާއްޖޭގައި ހިންގީމެވެ. ނަމަވެސް ދަރިވަރުން ގިނަ ކަމާއެކު، ފަހުން، ކޯހުގެ ޓެކްސްޓް ފޮތުގައިވާ ހުރިހާ  ފަރިތަކުރުން ތަކެއް އެހެން ދެ މުދައްރިސަކާއި އަހުރެން ހެދީމެވެ. މިއޮތީ  އަހުރެން ޔުނިވަރސިޓީގައި ނެޓްވާރކް މާއްދާ ކިޔެވި އަހަރު، 1983 ގައި، ނޯޓުތައް ނެގި ފޮތުގެ ޞަފުޙާއަކާއި، އެހެން މީހުންނަށް ކިޔަވައިދޭން ވެގެން 2010 ވަނަ އަަހަރު ޓެކްސްޓް ފޮތުގައިވާ ހުރިހާ ނަންބަރެއް ހެދި ނޯޓުފޮތުގެ ޞަފުޙާ އެކެވެ.

ސައި ހޮޓެލެއްގެ މޭޒުކައިރީގައި

މީހުން ހީކުރާ ގޮތާ ޚިލާފަށް، އިންޓަރނެޓް އާ ގުޅާފައިވާ ކޮމްޕިއުޓަރުތަކުގައި ހުންނަ ފައިލްތަކަކީ، އެ ބަލަން ބޮޑަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ސިއްރު ކުރެވޭ  އެއްޗިއްސެއް ނޫނެވެ. ޕާސްވާރޑްތަކާއި ތަފާތު ބާވަތްބާވަތުގެ ފަޔަރވޯލްތައް ހުއްޓަސް، ހިއްމަތާއެކު މަސައްކަތް ކުރާ މީހުން، އެންމެ ވަރުގަދަ އިލެކްޓްރޯނިކް ތިޖޫރީގައި ހުންނަ ލިޔުންތަކާއި ފައިލްތައް ހޯދައެވެ. ނެޓްވާރކްތަކަށް އެކި ގޮތްގޮތަށް ވަދެއެވެ. މިކަން ކުރަން އެކި ޤައުމުތަކުގެ ޖާސޫސީ ފަރާތްތަކުންނާއި އަމިއްލަ ފަރާތްތަކުން މުވައްޒަފުން ގެންގުޅެއެވެ. ހަމަ އެކަނި 2015 އަހަރުވެސް، 300 މިލިއަން ރެކޯޑާއި 1 ބިލިއަން ޑޮލަރު އިންޓަރނެޓް ބޭނުން ކޮށްގެން އެކި މީހުން ވަގަށް ނަގާފައި ވެއެވެ. ހުއްދަ ނެތި، ނެޓްވާރކަކަށް ވަނުމަށް އަދި، ނެޓްވާރކުގައިވާ މަޢުލޫމާތު އާ ”ކުޅުމަށް“ ކިޔަނީ ހެކް ކުރުމެވެ.

ރާއްޖޭގައި ހިނގިހެކްކުރުމުގެ ކަންތައްތަކުން އަހުރެން ހަނދާން ހުންނަ އެއްކަމަކީ، މާލޭގައި ކޮމްޕިއުޓަރ ސެކިޔުރިޓީ އާ ބެހޭ ކުރު ކޯހެއް ބަޔަކު ހިންގިތާ ހަފުތާއެއް ނުވެ، ދިރާގުގެ ސާރވަރ ކިޔާ ބޮޑު ކޮމްޕިއުޓަރެއްގައި ހުރި ވަރަށް ގިނަ ވެބްސައިޓް ބަޔަކު ފޮހެލި ހަނދާނެވެ.  މި ފޮހެލި ވެބްސައިޓްތަކުގެ ތެރޭގައި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ގެ ވެބްސައިޓް ހިމެނެއެވެ. އަހުރެން އެންމެ ޙައިރާންވި ކަމަކީ، ދިރާގު ކޮމްޕިއުޓަރުތަކުގައި ހުންނަ ވެބްސައިޓްތަކުގެ ކޮޕީއެއް ނުވަތަ ބެކްއަޕް އެތަނުގައި ހުންނާނެކަމަށް އިސްތިހާރު ކޮށްފައި އަދި އެއްބަސް ވެފައި ވިއަސް، ބެކްއަޕް  ހަދާފައި ނުވާކަމެވެ. ކޮލެޖްގެ ވެބްސައިޓް ޖެހުނީ އަލުން އެ ކޮމްޕިއުޓަރުތަކަށް ލާށެވެ.

މީގެ ދެތިން އަހަރު ކުރިން ހޮޓަލެއްގައި އިންދަައި، ޖެހިގެން ހުރި މޭޒުގައި ތިބި ބަޔަކު، ރާއްޖޭގައި ހިނގާފައިވާ ބައެއް ހެކް ކަންތައްތައް ކިޔަމުން ދިޔައިރު، އަހުރެމެން ތިބި މޭޒަށް ރަނގަޅަށް އަޑުއިވެއެވެ. އެމީހުންގެ އަޑު އެހެން މީހުންނަށް އިވޭތީ، ކަންބޮޑުވެގެން ނުއުޅެތެވެ. އެއީ އަހުރެން ދަންނަ ބައެއް ނޫނެވެ. އެއްވާހަކަ އަކަށް އެމީހުން ދެއްކީ، ދިރާގު ވެބްސައިޓެއް މެދުވެރިކޮށް، މީހުންނަށް އެސްއެމްއެސް ކުރެވޭ ގޮތުގެ ވާހަކައެވެ. ވެބްސައިޓް ޕްރޮގްރާމް ކުރުމުގައި ޖެހިފައިވާ ކުށެއްގެ ސަބަބުން، އެސްއެމްއެސް ފޮނުވާ ޕޭޖް އަށްވަނުމަށް ފަހު، ކޮންމެ މީހެއްގެ ފޯނު ނަންބަރުގައި، އަނެކާއަށް އެސްއެމްއެސް ކުރެވެއެވެ. މި ބުނަނީ  މި މަޒުމޫނު ކިޔަމުން ތި ގެންދާ ފަރާތުގެ ނަމުގައި، އަހުރެންނަށް ވެސް، ތިބާގެ ރައްޓެއްސަކަށްވެސް އަދި ބޭނުން ކޮންމެ މީހަކަށް ވެސް އެސްއެމްއެސް ފޮނުވޭ ވާހަކަ އެވެ. މިކަމުން ނުކުމެދާނެ މައްސަލަތަކަށް ވިސްނާށެވެ. ދިރާގުންވަނީ ފަހުން އެކުށް ރަނގަޅު ކޮށްފައެވެ.

ދެވަނައަށް އެމީހުން ދެއްކީ، ”ހަވީރު“ އޮންލައިން ނޫހުގެ ވާހަކައެވެ. ރިޕޯޓަރަކު ނޫހުގައި ޚަބަރެއް ލިޔެ ޕޯސްޓު ކުރުމުން އެ ޚަބަރު އޮންނަނީ ވަކި ކަންކަމެއް ކުރުމުން ޢާއްމުންނަށް ފެންނަ ގޮތަށެވެ. މީހަކު ހަވީރު ސައިޓު ހެކުކޮށް، ރިޕޯޓަރަކަށް ލިބިގެންވާ ހުރިހާ ޙައްޤެއް ހޯދިއެވެ. އޭނާ ޚަބަރެއް ނުޖެހިޔަސް، ބޭނުން ނަމަ، ބޭނުން ޚަބަރެއް ޖެހޭނެއެވެ. ކިތަންމެ ބޮޑު ދޮގު ނުބައި ޚަބަރެއް ވެސް، ލައްކައެއްހާ މީހުންނަށް އެއްފަހަރާ ފެންނަ ގޮތް ހެދޭނެއެވެ. ފޮހެލެވޭނީ އިރުކޮޅެއްވުުމުން ތާއެވެ. އެހާ ހިސާބަށް ވަދެވިއްޖެ ނަމަ، ޙަޤީޤީ ރިޕޯޓަރުންނަށް ސައިޓަަށް ވަނުމަށް ދަތިވެސް ކުރެވޭނެއެވެ.

ކަމެއްގެ ނަތީޖާގެ މުހިއްމުކަން ބޮޑުވި ވަރަކަށް ވަގަށް ނެޓްވާރކްތަކަށް ވަނުން ބޮޑުވާނެއެވެ. ވޭތިވެދިޔަ ދެ ރިޔާސީ އިންތިޚާބުގައި ވެސް، އިލެކްޝަން ކޮމިޝަންގައި ހުންނަ ވޯޓުލާ މީހުންގެ ރަޖިސްޓަރީ އާ ބޭރުން މީހުން ވަދެ ”ކުޅުނު“ ވާހަކަ އެމީހުން ދެއްކި އެވެ. އެމީހުން ބުނީ، މީހުން ރަޖިސްޓަރީ ފުރިހަމަތޯ ބަލާ ނިމޭހާ ދުވަސްވުމުން، އިލެކްޝަން ގެ ސާރވާރ ނުވަތަ ބޮޑު ކޮމްޕިއުޓަރެއްގައި ހުރި ވޯޓުލާ މީހުންގެ ރަޖިސްޓަރީއިން ބައެއް ނަންތައް އުނިކޮށް، ބައެއް މީހުން ވޯޓުލާން ޖެހޭ ވޯޓުފޮށި، ބޭރު ޤައުމުތަކަށް ނުވަތަ ނުގުޅޭ ސަރަޙައްދުތަކަށް ބަދަލުކުރި ކަމަށެވެ. ވޯޓުލާން ބައެއް މީހުން ދިޔަ އިރު، އެމީހުންގެ ނަން ވަނީ ނުވެސް ދަންނަ ސަރަޙައްދެއްގެ ވޯޓު ލިސްޓުގައެވެ.

ދެން އަދި  އިތުރުކަމެކެވެ. އެއީ މީގެ 10 ވަރަކަށް އަހަރު ކުރިއެވެ. އެންމެންހެން، އިންޓަރނެޓް އާ ގުޅަނީ ފޯނު ލައިނަކުން ދިރާގާ ގުޅައިގެންނެވެ. ދިރާގަަށް އިންޓަރނެޓް ލިބެނީ ސެޓެލައިޓް މެދުވެރިކޮށެވެ. މީހަކު ދިރާގުގެ ނެޓްވާރކްތަކަށް ވަދެ، ސެޓެލައިޓުން އަންނަ ޕެކެޓްތަކާއި ޕެކެޓްތައް ފޮނުވަމުުން އަދި އަންނަމުންދާ ތަންތަން ބެލިއެވެ. މި ބެލުމުގައި ޕެކެޓްތައް ދަނީ ކޮންކޮން ގެއަކަށްކަން އެނގެއެވެ. އެމީހުން ބައެއް ގޭއްގޭގެ ނަން ވެސް ކިއެވެ. އެކަން ހުއްޓާލީ އަންނަ ޕެކެޓްތައް ގިނަކަމުން، ހާޑު ޑިސްކް ފުރޭލެއް އަވަސްކަމުންނެވެ. އެންމެ ހައިރާން ކުރުވި ކަމަކީ މާލެއަށް އަންނަމުންދާ ޕެކެޓްތަކުގެ %80 އަކީ އޮރިޔާން ނުވަތަ ޕޯނޯގްރާފީ ސައިޓުތަކުން އަންނަ ޕެކެޓަށް ވާކަމެވެ.

އެމީހުން އެ ދެއްކި ވާހަކަތަކުގެ ތެދުކަން އެނގޭނީ، ބައިވެރިވި ފަރާތްތަކަށެވެ.

ރާއްޖޭގެ ނޫސްތަކުން، މި ވެބްސައިޓްގައިވާ މަޒުމޫނުތައް ޝާއިޢުކުރަން އަދި ނޫސްތަކަށް ލިޔަން އަޅުގަނޑުގެ ފަރާތުން އެދެއެވެ. މިފަދަ ފަރާތްތަކުންނާއި އަދި އެހެން ފަރާތްތަކުން، ވެބްސައިޓްގައިވާ މަޒުމޫނުތައް ޝާއިޢުކުރެއްވުމަކީ އަޅުގަނޑު އިޢުތިރާޟް ކުރާ ކަމެއްނޫނެވެ. ކިޔުންތެރިން ބައެއް ފަހަރު ރަނގަޅު ކޮށްލާނެ ތަންތަން ފާހަގަ ކުރެއްވުމުން މަޒުމޫނުތައް މުރާޖަޢާކުރާތީ، އޮންލައިން ފަރާތެއް ނަމަ، އަޅުގަނޑަށް ރަނގަޅީ، އަޞްލު މަޒުމޫނަށް އާރޓިކަލްގެ ކޮންމެވެސް ހިސާބެއްގައި ލިންކެއް ލެއްވިއްޔާއެވެ. މި ދުވަސްވަރު ނޫސްތަކަށް ލިޔާނެ ވަގުތެއް ނެތެވެ.