ގަސް ހެއްދުމަށް ފެހިގެއެއް އަޅާނޭ ގޮތް

ވަށައިގެން ޕްލާސްޓިކް ޖަހާފައިވާ ތަންތަނުގައި ނުވަތަ ގްރީންހައުސްގައި ގަސް ހެއްދުމަކީ، ގަސްތަކުގެ މަތިވަރު ދެގުނައަށް މަތިވެ، ބޭނުންކުރަން ޖެހޭ ކެމިކަލްތަކާއި ކާދު ދެގުނައަށް މަދުކުރެވޭ ކަމެކެވެ. މިހެންވެެ، ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަރުކާރީ އާއި މޭވާ ފަހަކަށް އައިސް ހައްދަނީ ގްރީންހައުސް ނުވަތަ ފެހިގޭގައެވެ. އިންޑިޔާގައި، ދަނޑުވެރިން ފެހިގެ ހެދުމަށް ސަރުކާރުން ސަބްސިޑީ ނުވަތަ ފައިސާ ވެސް ދެއެވެ. ދިވެހިރާއްޖޭގައި، ދަނޑުވެރިކަން ކުރިއަރުވަން،  ޚާއްޞަކޮށް ތަރުކާރީ އާއި އަވަހަށް މޭވާ އަޅާ ގަސް ހައްދަން، މިއަށް ވުރެ ވަކި މޮޅުގޮތެއް ނޯންނާނެއެވެ. މިކަމުގެ ސަބަބު ކުރީ މަޒުމޫނެއްގައި ބަޔާން ކުރެވިފައި ވެއެވެ. މި ޖުމުލައަށް އޮބާލަނިކޮށް އެ މަޒުމޫނު ފެންނާނެއެވެ.

މި މަޒުމޫނުގައި ހުށަހަޅާނީ ކުޑަވަރެއްގެ ފެހިގެއެއް ރާއްޖެތެރޭގެ ކޮންމެވެސް ރަށެއްގައި ހަދާނޭ ގޮތެވެ. ވިޔަފާރިއަކަށް މިކަން ކުރާނަމަ، ކުޑަވެގެން ފެހިގޭގެ ފުޅާމިނުގައި 12 ވަރަކަށް ފޫޓު ހުރެފައި ދިގުމިން އެއަށް ވުރެ ދެގުނަ ދިގުވާން ވާނެއެވެ. ނަމަވެސް އެންމެ ފުރަތަމަ ތަޖުރިބާކޮށްލުމުގެ ގޮތުން މިއަށް ވުރެ ވެސް ކުޑަ ފެހިގެއެއް ހަދާނެ ގޮތާ މެދު ވިސްނަމާތޯއެވެ؟

އެންމެ ފަސޭހައިން ވާރެއާއި ބަލިތަކުން ގަސްތައް ދަފަރާކުރަން ފެހިގެއެއް ހެދޭނީ ޕްލާސްޓިކް ފެން ހުސްކުރި ފުޅިއަކުންނެވެ. ފޫ ކަނޑާލި ފުޅިބުރިއެއް ގަހެއްގެ މަތީގައި ޖަހާ ބިމަށް އޮބާލުމުން، ފެހިގެއެއް ހެދުނީއެވެ. ރާއްޖޭގެ ހޫނު ގަދަކަމުން ރަނގަޅުވާނީ މަތީ އުނގުރި ނެގިއްޔާއެވެ. ތިރީގައިވާ ފޮޓޯއަށް ވިސްނަވާށެވެ.

ޕްލާސްޓިކް ފުޅިއެއްގައި ކުދީނާ ފަދަ ކުދި ގަސް ނޫނީ ނުހެއްދޭނެއެވެ. އެހެންކަމުން އަޖުމަބެލުމަށްޓަކައި ވެސް، ފުޅިއަކަށް ވުރެ ބޮޑު ފެހިގެއެއް ހަދަން ޖެހެއެވެ. މިފަދަގެ ޢާއްމުކޮށް ހަދަނީ ދެގޮތަކަށެވެ. އެއްގޮތަކީ، ވިއްސާރަދުނި ފަދައިން – ބޯކުހެން – ވަށްކޮށް ހޮޅިއެއް ލަންބައިގެން މީހަކަށް ވަދެވޭ ވަރަށް ފެހިގެ ހެދުމެވެ. އަނެއް ގޮތަކީ ދިރިއުޅޭ ގެއެއް ފަދައިން، ދެފަރާތަށް ފުރާޅުލާ ހެދުމެވެ. މި ދެގޮތަށް ފެހިގެ ހަދާނެ ގޮތް ވެސް ތިރީގައިވާ ފޮޓޯތަކުން އޮޅުން ފިލާނެއެވެ.

greenhouse pvc pipe steel

ފެހިގޭގައި ޖަހާ ޕްލާސްޓިކު ނުވަތަ ބިއްލޫރީގެ ވާހަކަ، މި މަޒުމޫނުގެ ފަހުކޮޅުގައި ވެއެވެ. މަތީގައިވާ ފޮޓޯތަކުގައިވާ ފެހިގެތައް ރާއްޖޭގައި ހަދާނަމަ، ކުޑަ ބަދަލެއް ގެންނަން ޖެހޭނެއެވެ. އެއީ ހޫނުވައި މަތިން އަރައިގެން ދާނޭ ގޮތް ހެދުމެވެ. މިކަންކުރަނީ ކޮންމެވެސް ބާވަތެއްގެ ކުޑަދޮރެއް މަތިން ހުޅުވޭގޮތް ހަދައިގެންނެވެ. ވައި ވެއްދުމަށް ވަރަށް ހިމުން ދައު އެއްފޫޓު ތިރީގައި ބައެއް މީހުން ދަމައެވެ. ނަމަވެސް މިއީ އެހާ މުހިއްމު ކަމަކަށް ނުވެއެވެ. ތިރީގައި ވާ ދެ ފޮޓޯގައި ހޫނުވައި ބޭރުކުރުމަށް ކުޑަދޮރެއް ހަރުކުރާނޭގޮތް ހިމެނެއެވެ.

އާމްދަނީއެއް ހޯދުމަށް ގަސް ހައްދަން ފެހިގެ ހެދުން

އާމްދަނީ އެއް ހޯދުމަށް ގަސް ހައްދަން، ޤާއިމްކުރާ ފެހިގެ، އަޖުމަ ބެލުމަށް ހަދާ ފެހިގެތަކަށް ވުރެ ބޮޑުވާނެއެވެ. މިފަދަ ފެހިގެއެއް ހަދަން ވިސްނާއިރު، ރާއްޖޭގައި ލިބެން ހުރި ތަކެތީގެ ސައިޒާ މެދު ވިސްނަން ޖެހެއެވެ. އެންމެ އަގުހެޔޮކޮށް ފެހިގެ އެޅޭނީ ދަގަނޑު ހޮޅި ނުވަތަ ލަކުޑި ބޭނުންކޮށް ގެންނެވެ. އެންމެ ފުރަތަމަ ދަގަނޑު ހޮޅިން މިފަދަ ގެއެއް ތައްޔާރުކުރާނެ ގޮތާ މެދު ވިސްނަމާތޯއެވެ؟  ތަޖުރިބާ ކޮށްފައިވާ ފަރާތްތަކުން، ފެހިގޭގެ ދިގުމިން ފުޅާމިނަށް ވުރެ ތިން ގުނަ ބޮޑު ނުކުރުމަށް ބުނެއެވެ.

ތިރީގައި އެވަނީ ހަތަރުބައިކުޅަ ތިންބައި އިންޗި ފަލަމިނުގައި ހުންނަ ދަގަނޑު ހޮޅިންނާއި ލަކުޑިން ވިޔަފާރިއަށް ގަސް ހެއްދުމަށް ހަދައިފައިވާ ފެހިގެއެކެވެ.

އޮނިގަނޑު

އޮނިގަނޑު ހަދާނީ ބޯމިނުގައި 1.5 މިލިމީޓަރު ހުންނަ ޖީ.އައި 4/3 އިންޗީގެ ހޮޅިންނެވެ. ވެލްޑަން ކުރާތަންތަނާއި ކޮންކްރީޓް ގައި ހުންނަ ބައި  ހުންނަންވާނީ ރެޑްއޮކްސައިޑް ލާފައެވެ. ކޮންކޮންރީޓް އަށް ބޭނުންކުރާނީ އާދައިގެ ވެއްޔާއި އަކިރިއެވެ. ބުޑުތަކުގައި ކޮންކްރީޓް އަޅާނީ ކޮޑި ފޫޓަކަށެވެ.  އޮނިގަނޑު ހަދާނީ ކުރެހުމުގައިވާ މިންތަކަށެވެ. ދިގުމިނަކީ 6 މީޓަރު ކަމުން، ޖުމްލަ ހަތަރު ހުރަސް ބޭނުންވާނެއެވެ. ވައި ޖެހުމުން އޮނިގަނޑު ތެޅުވުމަށް ހުރަހަކަށް ދެކޮޅުގައި ރިންގު ދަގަނޑުން ބުރަފަތި ކައްތިރި ލަނބުރާން ޖަހަން ޖެހޭނެއެވެ. މި ލަނބުރާން ހޮޅިއަށް ވެލްޑް ކޮށްގެން ނުވަތަ ލޯވަޅު ތޮރުފައިގެން ހަރުކުރާނީއެވެ. މި ލަނބުރާން ޖަހާނީ ކޮންމެ ބިތެއްގެ އެއްކޮޅުގައެވެ. ކުރެހުމުގައި ދެކޮޅުގައި ހުރިކަމަށް ފެންނަނީ އަނެއް ބިތުގައި އަނެއްކޮޅުގައި ހުރުމުންނެވެ.

ހިޔާކުރުން

ފެހިގެ ހިޔާކުރާނީ 200 މައިކްރޯން ހުންނަވަރުގެ ބޯ ޕޮލިތީން އިންނެވެ. މި ޕޮލިތީން އިން ދެކޮޅުވެސް ނިވާ ކުރަންޖެހޭނެއެވެ. ވައި ދަތުރުކުރުމަށް، ދެފަރާތު ބިތުގައި 600 މިލިމީތަރު މަތިން ބިމުގައި ވަޅުލާފައި އޮންނަ ގޮތަށް ނައިލޯނު މަދިރިދާ ޖަހަން ވާނެއެވެ. މި މަދިރިދައު ޖަހައި ޕްލާސްޓިކް ހަރުކުރާނީ ދޮޅު އިންޗި ދެ އިންޗީގެ ލަކުޑި ދެ ފަތިގަނޑުންނެވެ.

ވަންނަ ދޮރު

ވަންނަ ދޮރު ހަދާނޭ ގޮތް ކުރެހުމުގައި އެވަނީއެވެ. ދޮރު ހަރުކުރާނީ “4 އިންޗީގެ ދެ ލޯ ހުޅުންނެވެ. ފެހިގެ ތަޅުލުމަށްޓަކައި އަތްގަޑަކާއެކު އެލުވާ ތަޅެއް ހަރުކުރަން ވާނެއެވެ.

ބޮޑެތި ފެހިގެ ބިނާކުރުން

މަތީގައި ބަޔާން ކުރެވުނު ފެހިގެއަށް ވުރެ ބޮޑުކޮށް ފެހިގެ ހަދަން ބޭނުން ނަމަ، ބޭނުންކުރަން ޖެހޭނީ ތަންކޮޅެއް ފަލަ ހޮޅިއެވެ. ރާއްޖޭގައި އެންމެ ޢާއްމުކޮށް ލިބެން ހުންނަ އަގުހެޔޮ ހޮޅިއަކީ ދޮޅު އިންޗީގެ ވަށް ހޮޅިއެވެ. މިބާވަތުގެ ހޮޅި ބޭނުންކޮށްގެން ވިއްސަކަށް އަހަރު ހަލާކުވުމެއް ނެތި ހުންނާނޭ ފެހިގެ ހެދި ދާނެއެވެ. އަދި، ރަށުގައި ވެލްޑިންގ  ކުރެވޭގޮތް ނެތް ނަމަ، މި ސައިޒުގެ ހޮޅި ”އައްސަން“ ބޭނުންކުރާ ބިޑި ބޭނުންކޮށްގެން ފެހިގެ އެޅޭނެއެވެ. ހޮޅިއެއް މާލެއިން ގަންނަން ލިބެނީ 250 ރުފިޔާއަށެވެ. ބިޑިއެއް 35 ރުފިޔާއަށެވެ. ނަމަވެސް، ބައެއް ފަހަރު، ހޮޅި 200 ރުފިޔާއަށް ވެސް ގަންނަން ލިބެއެވެ. ހޮޅިން ފެހިގެ އެޅޭނޭ ގޮތްތައް ގިނަ ކަމުން ތިރީގައިވާ ފޮޓޯތަކުން، ކިޔުންތެރިންނަށް ކަން ކުރާނޭގޮތް ފަސޭހައިން އޮޅުން ފިލާނެއެވެ.

ދޮޅުއިންޗީގެ ހޮޅި ލަންބަން ބޭނުން ނަމަ، އެކަމަށް ޚާއްޞަ ދައްޗެއް ހުރެއެވެ. އަނެއް ގޮތަކީ ވާރކްޝޮޕް އަކުން ލައްބައިގެން ހޮޅިތައް ރަށަށް ގެންދިއުމެވެ. އެއްވެސް ޚާއްޞަ އާލަތެއް ބޭނުން ނުކޮށް ކުޑަކޮށް ހޮޅިލައްބާނޭ ގޮތް މި ވީޑިއޯއިން ފެންނާނެއެވެ.

ކަރައާއި ކައްޓަލަ ވެސް ފެހިގޭގައި މާ ރަނގަޅަށް ހެދެއެވެ.

ރާއްޖޭގައި ދަނޑުވެރިން ހައްދާ ހުރިހާ ބާވަތެއްގެ ތަކެތި، ފެހިގޭގައި މާރަނގަޅަށް ހެދޭނެއެވެ. މީގެ ތެރޭގައި ކަރައާއި ކައްޓަލަ ވެސް ހިމެނެއެވެ. ވާރޭގެ ސަބަބުން ދަނޑުތައް ހަލާކުވުން ހަނދާން ނައްތާލަންވީ އެވެ. ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިން، ބިމުގެ އަޑިއަށް ފައިބާ ކައްޓަލަ ވެސް، ފެހިގޭގައި ބިމުން މަތީގައި ”އަޅައެވެ.“

މިފޮޓޯއިން އެ ފެންނަނީ ކެންޑީގައި ވިއްކުމަށް އޯކިޑް ގަސް އާލާކުރާ ފެހިގެއެކެވެ. ކުދި ގަސްތައް ރުވައިގެން ހައްދާ ފެހިގެ ވަރަށް ދޭސީ އެވެ. ކަނާތް ފަރާތުގައި އެހުރީ ކައިވަތެއް ވަންދެން ގަސް ހައްދާ ފެހިގެއެވެ. މިތަން ތަންކޮޅެއް ފުރިހަމައެވެ. ކުދި ގަސްތައް ހައްދާ ފެހިގޭގައި ގަސްތައް ހުންނަނީ ދެ ފޫޓު އުސް އަށްޓެއްގައެވެ. މިކަމުގެ ސަބަބުން ބިމުން ޖަރާސީމު އެރުމުގެ ފުރުޞަތު ކުޑަވުމާއެކު، މަސައްކަތް ކުރާކަށް ގުދުވާކަށް ނުޖެހެއެވެ.

ރާއްޖޭގެ ދަނޑުވެރިކަމަށް އިންޤިލާބީ ކުރިއެރުމެއް ގެނައުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް

ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނައުމަކީ، މިހާރު އޮތް ހިސާބުން ކުރެވޭނޭ ކަމެއް ނޫނެވެ. ނަމަވެސް، ދަނޑުވެރިކަމަށް އިންޤިލާބީ ތަރައްޤީއެއް ގެނައުމުގެ ފުރުޞަތު އަދި އެބައޮތެވެ. އެހެނަސް، މިކަމަށް ވަރަށް ބޮޑު ހުރަސްތަކެއް ވެއެވެ. ފެހިގެ އަޅައިގެން ދަނޑުވެރިކަން ކުރަން ޤަޞްދުކުރާ ފަރާތަކަށް ކުރިމަތިލާން ޖެހޭނީ %400 ގެ ހުރަހަކާއެވެ. ތަފްޞީލަށް ދަމާތޯއެވެ؟

ފެހިގޭގެ ފުރާޅުގައި ޖަހަނީ ތިން ބާވަތެއްގެ ފަށަލައެކެވެ. އެކައްޗަކީ ބިއްލޫރިއެވެ. އުފުލުގެ އަގުބޮޑުކަމުންނާއި ބަރުކަމުން މިއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ދެން ބޭނުން ކުރަނީ ޕްލާސްޓިކް ފަށަލައެކެވެ. ރާއްޖެއަށް އެތެރެކުރާ ނަމަ، %400 ޑިއުޓީ މި ޕްލާސްޓިކަށް ދައްކަންޖެހޭ ކަމަށް ދަނޑުވެރި ތަކެތި އެތެރެކުރާ ދެ ފަރާތަކުން އަޅުގަނޑަށް އޮޅުންފިލުވައިދީފައި ވެއެވެ. މި ޕްލާސްޓިކަށް އެހުރުން ކިޔަނީ ޕޮލީފިލްމު އެވެ. ފިލްމަކީ ތުނި ފަށަލައަށް ކިޔާނަމެކެވެ. ޕޮލީ ކިޔާ ސަބަބަކީ، ފެހިގެއަށް ބޭނުންކުރާ ޕްލާސްޓިކަކީ ޕޮލިތީން ކިޔާ ޕްލާސްޓިކަކަށް ވާކަމެވެ. ރާއްޖެފަދަ ޤައުމުތަކުގައި ބޭނުންކުރާ ޕޮލީފިލްމުގައި ހުންނާނީ އިރުން އަންނަ ތޫނު ދޯދިތަކެއް މަތަކުރަން ”ޔޫވީ ބްލޮކެއް“ އަޅާފައެވެ. ޕޮލީފިލްމުގެ ބޯމިން ބަލަނީ މިލިމީޓަރެއްގެ 1000 ބައިކުޅައެއްބައިގެ ނިސްބަތުންނެވެ. މި ޖިންސަށް ކިޔަނީ މައިކްރޯން އެވެ. ފެހިގެ ހަދަން ބޭނުންކުރާ ޕްލާސްޓިކަކީ 150 އާއި 200 މައިކްރޯން ގެ ދެމެދުގެ ބޯމިން ހުރި ޕްލާސްޓިކަށް ވާން ޖެހެއެވެ. މި ބާވަތުގެ ޕްލާސްޓިކު ފަސް އަހަރުވަންދެން ހަލާކު ނުވެ ހުންނާނެއެވެ. ފެހިގޭގައި ޕްލާސްޓިކް ދަމަނީ ވައިން ނުތަޅާމިންވަރަށް ވާންކޮށެވެ.

ފެހިގޭގެ ބިތުގަ އާއި ފުރާޅުގައި ޖަހަން ދެން ބޭނުން ކުރަނީ ޕޮލީކާރބަނޭޓް ކިޔާ ޕްލާސްޓިކެކެވެ. މިއީ ސައިކަލުގެ މީޓަރުގެ މަތީގައިވާ ޕްލާސްޓިކެވެ. މި ޕްލާސްޓިކުން ޝީޓް ހަދައިފައި ހުންނަނީ މެދު ހުސްކޮށް، ދެ ފަރާތުގައި ފަށަލައެއް ލާފައެވެ. ތިން ހަތަރު ފަށަލަ ވެސް ބައެއް ޝީޓުތަކުގައި ހުންނާތީ، މި ބާވަތުގެ ރަސްމީ ނަމަކީ މަލްޓިވޯލް ޕޮލީކާރބަނޭޓް އެވެ. ފަށަލަތައް ގިނަވި ވަރަކަށް އަގުބޮޑުވާތީ، ރާއްޖޭގައި ވިއްކަން ހުންނަނީ ދެ ފަށަލަލީ ޝީޓެވެ. މީގެ ޝީޓެއްގެ ދިގުމިނުގައި 20 ފޫޓު ހުރެފައި ފުޅާމިނުގައި 6 ފޫޓު ހުންނާނެއެވެ. މިއީ ވަރަށް ލުއި އެއްޗެކެވެ. އެއް ފަރާތުގައި އިރުން އަންނަ ތޫނު ޔޫވީ ދޯދިތައް މަތަކުރަން ފަށަލައެއް ލާފައި ހުރެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއީ ވެސް %400 ޑިއުޓީ ދައްކަން ޖެހޭ އެއްޗެއް ކަމުން، ދަނޑުވެރިންނަށް މިއީ ކުރެވޭނޭ ޚަރަދެއް ނޫނެވެ. މީގެ ޕްލާސްޓިކް ހަލާކު ނުވެ ވިއްސަކަށް އަހަރު ހުރެއެވެ.

ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވޭނީ، ފެހިގެ ޢާއްމުކުރެވޭނީ، ފެހިގެ ހެދުމަށް ބޭނުންވާ ޕްލާސްޓިކް އަގުހެޔޮކޮށްގެންނެވެ. އެއަށް ނަގާ %400 ޑިއުޓީ ކުޑަކޮށްގެންނެވެ. ނޫނީ، ދަނޑުވެރިން ޖެހޭނީ، މިހާރު ހެން، 12 ފޫޓު 16 ފޫޓުގެއެއް ބައިލައްކަ ރުފިޔާއަށް ގަންނާށެވެ. މި އަގުގެ %30 އަކީ ވިއްކާ ފަރާތުގެ ފައިދާ އެވެ. ބޭރު ޤައުމުތަކުން މި ވިއްކާނޭ ކުޑަ އަގު ޚިޔާލަށް ގެންނާށެވެ.

ރާއްޖެއަށް އެތެރެކުރާ އަވިން ހަލާކުވާ ޕްލާސްޓިކުން ކުޑަ ޑިއުޓީއެއް ނަގާފައި، ފެހިގޭ ޕްލާސްޓިކުން ބޮޑު ޑިއުޓީއެއް ނެގުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަވިން ހަލާކުވާ ޕްލާސްޓިކް ހަލާކުވެގެން ވަނީ ކުނޑިއަކަށެވެ. މި ކުނޑި މުޅި ތިމާވެށި ޚަރާބު ކުރެއެވެ. ޕްލާސްޓިކް ފެންފުޅިތަކުން ހަޑިވެފައިނުވާ ފަރެއް، ރަށެއް ރާއްޖޭގައި މިހާރަކު ނޯންނާނެ އެވެ. އިނގިރޭސި ވިލާތުގައި ބަންދުކޮށް ވިއްކާ ފެންފުޅީގެ %93 ބާވަތުގައި މި ކުނޑިތައް ހުންނަކަމަށް މި ޚަބަރުތައް ބުނެއެވެ.  [1], [2], [3], [4].  ބައެއް މަސްމަހުގެ މަސްގަނޑުގެ ތެރޭގައި ވެސް މި ކުނޑިތައް ހިމެނެއެވެ. އިންސާނުންނަށް މިކަމުން ޖެހޭނީ ކޮންފަދަ ބަލިތަކެއް ކަމެއް އަދިއެއް ފާޅެއް ނުވެއެވެ.

OBAALAA

ދަނޑުވެރިކަމާ ބެހޭ އެހެން މަޒުމޫނުތައް

OBAALAA